ރިޝްވަތަކީ މާތްﷲ އަޅުންނަށް ޙަރާމްކުރެއްވި ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ރިޝްވަތު ދޭ މީހާއާއި، އޭގައި ހިފައި މީހުންނަށް ލަޢުނަތް ލައްވާފައެވެ. ރިޝްވަތަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގައި ފިތުނަ ފަސާދަ އުފެދިގެންދާ ކަމެކެވެ. ރިޝްވަތަކީ މުދާ ހައްޤުނޫން ގޮތުގައި ބޭނުންކުރުން ކަމުގައިވާތީއެވެ. އަދި އެއީ ނުބައިކަމަކަށް ވާގިވެރިވުމެކެވެ. މާތްﷲ ވަނީ ނުބައިކަންތައްތަކަށް ވާގިވެރިނުވުމަށް އަމުރުކުރައްވާފައެވެ. މާތްﷲ ވަޙީކުރައްވަނީ: "وَتَعَاوَنُوا على البِرّ والتَّقْوى وَلا تَعَاوَنُوا على الإثْمِ والعُدْوان" (المائدة:2). މާނައީ: "އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤްވާވެރިވުމުގެ މައްޗައް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗައް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!".
މުސްލިމުންގެ މުދަލަކީ ރައްކާތެރިކުރެވިގެންވާ އެއްޗެކެވެ. ހުރުމަތްތެރި ކުރެވިގެންވާ އެއްޗެކެވެ. އެއްބަޔަކު އަނެއްބަޔަކާއި މުދާ ޙައްޤުނޫން ގޮތްގޮތުގައި ބޭނުންކުރުންވަނީ ހަރާމްކުރައްވާފައެވެ. އެއީ ޙައްޤުނޫން ގޮތުގައި ހޭދަކުރުން، ނުވަތަ ބޭނުންކުރުން ކަމުގައިވިޔަސްމެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "ولا تأكلوا أموالكم بينكم بالباطل وتُدلوا بها إلى الحُكّام لتأكلوا فريقاً من أموال النّاس بالإثْمِ وأنْتُم تعلمون" (البقرة: 188). މާނައީ: "އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލުގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނިތިބެގެންމެ، ފާފަވެރިގޮތުގައި މީސްތަކުންގެ މުދާތަކުގެތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް) ޙާކިމުންނަށް ނުދޭށެވެ!".
ރިޝްވަތަކީ އެންމެ ނުބައި ގޮތުގައި މީހުންގެ މުދާ ބޭނުންކުރުމެވެ. އެއީ، ޙައްޤު ނޫންގޮތަކަށް ކަމެއްކުރުމަށް ތިމާގެ މުދާ ހޭދަކުރާތީއެވެ. އަދި އެމުދާ ބޭނުންކުރެވެނީ އެހެން މީހެއްގެ ޙައްޤު ނިގުޅައިގަތުމަށްކަމަށް ވާތީއެވެ. ރިޝްވަތު ދޭ މީހާއާއި، އެހިފާ މީހާގެ ނުބައިކަން އެއްވަރެވެ. ثوبان رضي الله عنه ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. "لعن الراشي والمرتشي والرائش" (رواه أحمد والطبراني). މާނައީ: "ރިޝްވަތުދޭ މީހާއާއި، ރިޝްވަތު ހިފާ މީހާއާއި، އެކަމަށް ހެކިވެ އެލިޔާ މީހާއަށް ލަޢުނަތްހުއްޓެވެ." ލަޢުނަތް ލެއްވުމަކީ މާތްﷲގެ ރަޙުމަތުން ދުރުކުރެއްވުމެވެ. ބޮޑެތި ފާފަތަކަށް މެނުވީ މާތްﷲގެ ލަޢުނަތް ނުލައްވާނެތެވެ.
الإمام الصنعانيގެ ފޮތް "سبل السلام" ވިދާޅުވެފައިވަނީ "ހުރިހައި ޢިލްމުވެރިންގެ އިޖްމާއުން ރިޝްވަތު ހިފުމަކީ ޙަރާމްކަމެކެވެ. އެއީ ޤާޟީކަމުގައި ވިޔަސް، އަދި މަސައްކަތު ދާއިރާގައި އުޅޭ މީހަކު ކަމުގައިވިޔަސް، އަދި އެހެންގޮތަކުންވެސް ހުއްދަނޫން ގޮތުގައި މުދާ ބޭނުންކުރުމަކީ ޙަރާމްކަމެކެވެ. ރިޝްވަތަކީ މުދާ ޙައްޤުނޫން ގޮތުގައި ބޭނުންކުރުމެވެ." ޢިލްމުވެރިން ވިދާޅުވަނީ ރިޝްވަތަކީ "السُّحتَ"ގެ ތެރެއިންވާ ޢަމަލެކެވެ. އެއީ ޙަރާމްގޮތުގައި މުދާ ކެއުމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "وَتَرى كثيراً منهم يُسارعُونَ في الإثْمِ والعُدْوانِ وأكلهِمُ السُّحْتَ لبِئْسَ ما كانوا يعْملون ، لولا ينهاهُمُ الربَانيون والأحبارُ عن قولِهِمُ الإثْمَ وأكْلِهِمُُ السُّحتَ لبئس ما كانوا يَصْنعون" (المائدة: 62، 63). މާނައީ: "އަދި އޭގެތެރެއިން ގިނަމީހުން ފާފަވެރިވުމާއި، ދެކޮޅުވެރިވުމާއި، ޙަރާމް މުދާކެއުމަށް އަވަސްވެގަންނަތަން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ނުބައިކަމާއެވެ! އެއުރެން ފާފަވެރި ބަސްތައް ބުނުމާއި ޙަރާމް މުދާކެއުން، ޔަހޫދީންގެ އަޅުވެރިންނާއި، ޢިލްމުވެރިން، އެއުރެންނަށް މަނާކުރާނޭނަމަ ކޮންފަދަހެއްޔެވެ! އެއުރެން ކުރަމުން ގެންދިޔަ ކަންތަކުގެ ނުބައިކަމާއެވެ."
އަޅުގަނޑުމެންގެ މުޖުތަމަޢުގައިވެސް ރިޝްވަތު ހިފުންދަނީ އާއްމުވަމުންނެވެ. ތިމާއާއި އެއްކޮޅަށް މައްސަލައެއް ނިންމުމަށް، ނުވަތަ އެހެންވެސް ފައިދާއަކަށްޓަކައެވެ. މުޖުތަމަޢުގެ އަމާންކަން ގެއްލޭކަމަކަށް ރިޝްވަތުވެއެވެ. އަދި ރިޝްވަތު ދިނުމާއި، ހިފުމަކީ އެކަމެއްގެ ސަބަބުން މާތްﷲގެ ކޯފާއާއި، ލަޢުނަތް ހައްޤުވެގެންދާކަމެކެވެ. ދުނިޔެއާއި އާޚިރަތުގައި އަބާއްޖަވެރިވެގެންދާ ކަމެކެވެ. ވީމާ މިކަހަލަ ނުބައި ކަންތަަކުން ދުރުވުމަކީ ކުރަންޖެހޭ ކަމެކެވެ. އިސްލާމްދީން ބާރު އަޅުއްވަނީ ހެޔޮ ގޮތުގައި މުދާ ބޭނުންކުރުމަށެވެ. ހަމަމިފަދައިން ހެޔޮގޮތުގައި މުދާބޭނުންކުރުމަށް ވެސް ބާރުއަޅުއްވާފައިވެއެވެ. މާތްﷲގެ ވަޙީބަސްފުޅެއްގެ މާނައިގައިވަނީ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާންގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ!" (البقرة 172). ރިޒްޤު ހޯދުމާއި، ހޭދަކުރުންވަނީ ޙަލާލު ގޮތުގައެވެ.