September 20, 2024 14:01
Advertisement

-Advertisement-

ހަގީގީ ވާހަކަ؛ ހިތްވަރުގަދަ ޒުވާނާ

ކުރީގެ ދުވަސްވަރެއްގައި ރަސްކަލަކު އުޅުއްވިއެވެ. އެ ރަސްގެފާނުގެ ދަރުބާރުގައި، ރަސްގެފާނަށް ސިޙުރުހަދައިދޭ ސިޙުރުވެރިޔަކު އުޅުނެވެ. ފަހެ، އޭނާގެ ޢުމުރުން ދުވަސްވެ، މުސްކުޅިވީ ހިނދު، އޭނާ ރަސްގެފާނަށް ދެންނެވިއެވެ. އަޅުގަނޑު މިހާރު މި މަސައްކަތް ކޮށްއުޅެވޭ ވަރަށްވުރެ މުސްކުޅިވެއްޖެއެވެ. ވީމާ، އަޅުގަނޑުގެ ގާތަށް ޒުވާނަކު ފޮނުއްވައިދެއްވާށެވެ! އޭރުން އޭނާއަށް އަޅުގަނޑު ސިޙުރު ދަސްކޮށްދޭ ހުށީމެވެ. ފަހެ، ރަސްގެފާނު އޭނާގެ ގާތަށް ޒުވާން ކުއްޖަކު ފޮނުއްވިއެވެ. އޭނާ އެ ސިޙުރުވެރިޔާގެ ގެއަށް ދިޔަ މަގުމަތީގައި، އޭނާއާ ރާހިބަކު ބައްދަލުވިއެވެ. (ރާހިބުންނަކީ، ދުނިޔޭގެ އެންމެހައި މަޖާތަކުން ދުރުހެލިވެ، އަޅުކަމާއިގެން މަޝްޣޫލުވެ އުޅޭ ނަޞާރާދީނުގެ ޢިލްމުވެރިންނަށްކިޔާ ނަމެކެވެ.) ފަހެ، އެ ޒުވާނާ، އެ އަޅުވެރިކަލޭގެފާނުގެ އަރިހުގައި މަޑުކޮށްލިއެވެ. އަދި އޭނާދައްކަވާ ވާހަކަތައް އަޑުއިވި، އެ ވާހަކަތައް އޭނާއަށް ކަމުދިޔައެވެ. އަދި އެއް ދުވަހަކު އޭނާ އެ ސިޙުރުވެރިޔާގެ ގާތަށްދިޔަ މަގުމަތީގައި އެ އަޅުވެރިޔާގެ އަރިހުގައި މަޑުކޮށްލިއެވެ. ފަހެ، އޭނާ ސިހުރުވެރިޔާގެ ގާތަށް ދިޔުމުން އޭނާ އައުން ލަސްވެ، އެކަމާ ރުޅިއައިސްގެން ސިޙުރުވެރިޔާ އޭނާގެ ގައިގައި ޖެހިއެވެ. ފަހެ، އެ ޒުވާނާ އެ ވާހަކަ އަޅުވެރިޔާއަށް ނަންގަތުމުން، އޭނާ ބުނުއްވިއެވެ. ކޮއިފުޅު އެ ސިޙުރުވެރިޔާ ދެކެ ބިރުގަންނަނަމަ އޭނާއަށް ބުނާށެވެ! އަޅުގަނޑުގެ އަހުލުވެރިންނާހުރެ އައުން ލަސްވީއެވެ! އަދި ކޮއިފުޅު ގެއަށް އައުން ލަސްވެގެން އެބައިމީހުން އެއްޗެއް ބުނެފިނަމަ، އެ ސިޙުރުވެރިޔާގެ ސަބަބުން ލަސްވީކަމުގައިބުނާށެވެ!

ފަހެ، މިފަދައިން އޭނާގެ ކަންތައް ވަނިކޮށް، އެބައިމީހުންގެ ތެރެއަށް ވަރަށްބޮޑު ދާއްބައެއް (އެބަހީ: ބޮޑު ޖަނަވާރެއް) ނުކުމެއްޖެއެވެ.  (ގިނަ ލިޔުންތަކުގައި ވަނީ، އެއީ، ވަރަށްބޮޑު ސިންގާއެއް ކަމުގައެވެ.)  މީސްތަކުން އެއް ތަނުން އަނެއް ތަނަށް ގޮސް އައިސްވުމަށް އެ ސޮރު ހުރަސްއަޅަން ފަށައިފިއެވެ. ފަހެ، އެ ޒުވާނާ ހިތާހިތުން ބުންޏެވެ. މޮޅީ ސިޙުރުވެރިޔާތޯ ނުވަތަ އަޅުވެރިޔާތޯ މިއަދު އަހަރެން ބަލާނަމެވެ. ފަހެ، އޭނާ ހިލަގަނޑެއް ނަގައި، މިފަދައިން ދުޢާކުރިއެވެ. އަޅުގެވެރި ރަސްކަލާކޮ! އިބަރަސްކަލާނގެ ޙަޟުރަތުގައި އެ ސިޙުރުވެރިޔާއަށްވުރެ، އެ އަޅުވެރި ކަލޭގެފާނު ލޮބުވެތިކަން ބޮޑުނަމަ، މި ހިލަގަނޑުން އެ ދާއްބަ މަރުއްވައިފާނދޭވެ! އަދި އެސޮރުގެ އުނދަގުލުން މީސްތަކުން ސަލާމަތް ކުރައްވައިފާނދޭވެ! މިހެން ކިޔައި ދުޢާކުރުމަށްފަހު ހިލަގަނޑު އެއްލިއެވެ. ފަހެ، ހިލަގަނޑުން ޖެހުމާއެކު، އެ ސޮރު މަރުވެއްޖެއެވެ. އަދި އެ ސޮރުގެ ބިރުވެރިކަމުން މީސްތަކުން ސަލާމަތްވެއްޖެއެވެ!

ފަހެ، އެ ޒުވާނާ އަޅުވެރިޔާގެ އަރިހަށް އައިސް އެ ވާހަކަ ނަންގަތެވެ. ފަހެ، އެ އަޅުވެރިކަލޭގެފާނު އޭނާއަށް ބުނުއްވިއެވެ. އޭ ޒުވާނާއެވެ! އަހަންނަށްވުރެ، މިއަދު ތިބާގެ މަތިވެރިކަންބޮޑެވެ. ކޮއިފުޅުގެ ކިބައިން ފެނުނު ކަންތަކުގެ މައްޗަށް އަހަރެން މި ވަނީ، ޙައިރާންވެފައެވެ. އަދި ބުނަންހެއްޔެވެ. ކޮއިފުޅާ ވަރަށް ބޮޑު އިމްތިޙާނަކާ ކުރިމަތިވާހުއްޓެވެ. ކޮއިފުޅާ އެ އިމްތިޙާނު ކުރިމަތިވާހިނދު، އަހަރެންގެ ޚަބަރު އެއްވެސް މީހަކަށް ނުދިނުންއެދެމެވެ. އަދި އެ ޒުވާނާއަކީ، (އުފަންވުމުގައި) ދެ ލޯކަނު މީހުންނާއި، ބަރަޞްބަލި ޖެހިފައިވާ މީހުންނަށް (ފަރުވާކޮށް) އެބައިމީހުން ރަނގަޅުކޮށް، އެ ނޫން ބަލި މީހުންނަށް ވެސް ޖެހިފައިވާ އެންމެހައި ބަލިތަކަށް ފަރުވާކޮށްއުޅޭ ކުއްޖެކެވެ. ފަހެ، ރަސްގެފާނުގެ އަރިހުބޭކަލުންކުރެ އެކަކަށް މި ޚަބަރު ލިބުނެވެ. އޭނާއަކީ، ދެ ލޯކަނު މީހެކެވެ. ފަހެ، އޭނާ ގިނަގުނަ ހަދިޔާތަކާއިގެން އެ ޒުވާނާގެ ގާތަށްއައެވެ. އަދި ބުންޏެވެ! ކޮއިފުޅު އަހަރެންގެ ދެ ލޯ ރަނގަޅުކޮށްދީފިނަމަ، މިއަށްވުރެ މާގިނަތަކެތި ކޮއިފުޅަށް ދޭނަމެވެ! އެ ޒުވާނާ ބުންޏެވެ. އަހަރެންނަކު އެއްވެސް މިހަކަށް ޝިފާއެއް ނުދެމެވެ. އެކަމަކު އެއީ، އަހަރެންގެ ވެރިރަސްކަލާންގެ اللَّهُ ތަޢާލާ ހިންމަވައިދެއްވާ ކަމެކެވެ. ފަހެ، ތިބާ اللَّهُ އަށް އީމާންވެއްޖެނަމަ، އެކަލާނގެ ޙަޟުރަތަށް އަހަރެން ދުޢާކޮށްދީފާ ހުށީމެވެ. އެކަލާނގެ ތިބާއަށް ޝިފާދެއްވައިފާ ހުއްޓެވެ. ފަހެ، އޭނާ اللَّهُ އަށް އީމާންވިއެވެ. އަދި އެކަލާންގެ، އޭނާގެ ދެލޮލަށް ޝިފާދެއްވިއެވެ. ފަހެ، އޭނާ (އާދައިގެމަތިން) ރަސްގެފާނުގެ އަރިހަށް ގޮސް، އެހެންޏާ ވެސް ދަރުބާރުގައި އިންނަފަދައިން ރަސްގެފާނުގެ ދަރުބާރުގައި އިނދެއްޖެއެވެ. އޭނާގެ ދެ ލޯ ރަނގަޅުވެފައިވާ ތަން ފެނިވަޑައިގެން ރަސްގެފާނު ސުވާލު ކުރެއްވިއެވެ. ކަލޭގެ ދެލޮލުގެ ފެނުން ރައްދުކޮށްދިނީ ކާކުހެއްޔެވެ؟ އޭނާދެންނެވިއެވެ. އަޅުގަނޑުގެ ރައްބެވެ. އަޅުގަނޑުގެ ވެރިރަސްކަލާނގެއެވެ. ރަސްގެފާނު އެއްސެވިއެވެ. އަހަރެންފިޔަވައި ކަލެއަށް އިލާހަކު ވޭހެއްޔެވެ؟  އޭނާ ދެންނެވިއެވެ.  އާދޭހެވެ! އަޅުގަނޑާއި، މަނިކުފާނުގެ ވެރި އިލާހަކީ، اللَّهُ އެވެ!  ފަހެ، ރަސްގެފާނު އޭނާ ހައްޔަރުކުރައްވައި، އެކިއެކި އަނިޔާތައް ދެއްވަމުން ގޮސް އެންމެފަހުން، އެ ޒުވާނާގެ ޚަބަރު ރަސްގެފާނަށް އޭނާ ދަންނަވައިފިއެވެ.

Advertisement

ފަހެ، ރަސްގެފާނުގެ އަރިހަށް އެ ޒުވާނާ ޙާޟިރުކުރެވުނެވެ. އެ ހިނދު، ރަސްގެފާނު އޭނާއާ ސުވާލުކުރެއްވިއެވެ. އޭ ޒުވާނާއެވެ! ދެ ލޯކަނު މީހުންނަށާއި، ބަރަޞްބަލި ޖެހިފައިވާ މީހުންނަށް، ކަލޭގެ ސިޙުރުން ފަސޭހަކޮށްދޭކަމަށާއި، އަދި މިނޫނަސް އެތައް އެތައް ކަމެއް ކަލޭ ކޮށްއުޅޭކަމުގެ ޚަބަރު ތިމަން ރަސްގެފާނަށް ލިބިވަޑައިގެންފިއެވެ. އެއީ ތެދެއް ހެއްޔެވެ؟  އޭނާ ދެންނެވިއެވެ.  ސާހިބާއެވެ! އަޅުގަނޑު އެއްވެސް މީހެއްގެ ބައްޔެއް ފަސޭހަކޮށެއް ނުދެމެވެ. އެކަމަކު އެއީ، اللَّهُ ތަޢާލާ ހިންމަވައިދެއްވާ ކަމެކެވެ. ފަހެ، ރަސްގެފާނު އޭނާ ހައްޔަރުކުރައްވައި، އެކި ބާވަތްބާވަތުގެ އަނިޔާތައްދެއްވަމުން ގޮސް، އެންމެފަހުން، އެ ރާހިބު އަޅުވެރިޔާގެ ޚަބަރު ރަސްގެފާނަށް ދަންނަވައިފިއެވެ. ފަހެ، ރަސްގެފާނުގެ އަރިހަށް އެ ރާހިބު ގެނެވުނެވެ. އަދި އޭނާއަށް އެންގެވިއެވެ. ކަލޭގެ ދީން ދޫކޮށްލާށެވެ! ރާހިބު އެކަމަށް އިންކާރުކުރުމުން، ބޮޑު ކީހެއް ގެނައުމަށް އަމުރުކުރެއްވިއެވެ. އަދި އޭނާގެ ބޮލުގެ މެދުގައި ކީސް ބަހައްޓައި، ދެ ފަޅިއަށް ކީހައިލައި، ދެ ފަޅި ވަކިކޮށްލިއެވެ. އެއަށްފަހު ރަސްގެފާނުގެ އަރިސް މީހާ ގެނެވުނެވެ. އޭނާއަށް ވެސް އޭނާގެ ދީން ދޫކޮށްލުމަށް އަމުރުކުރެއްވިއެވެ. ފަހެ، އޭނާ އެކަމަށް އިންކާރު ކުރުމުން، އޭނާގެ ބޮލުގެ މެދުގައި ބޮޑުކީސް ބަހައްޓައި، ދެ ފަޅިއަށް ކީހައިލައި ދެ ފަޅި ވަކިކޮށްލިއެވެ. ދެން އެއަށްފަހު، އެ ޒުވާންކުއްޖާ ގެނެވުނެވެ. އޭނާއަށް ވެސް އޭނާގެ ދީން ދޫކޮށްލުމަށް އަމުރުކުރެއްވިއެވެ. ފަހެ، އޭނާ އެކަމަށް އިންކާރުކުރުމުން، ރަސްގެފާނުގެ އަރިހުބޭކަލުންކުރެ ބަޔަކާ އެ ޒުވާނާ ޙަވާލުކުރެއްވުމަށްފަހު އެންގެވިއެވެ.  މީނާ ގޮވައިގެން ތިޔަބައިމީހުން ގޮސް އެވެނި ފަރުބަދައެއްގެ އެންމެ އުހަށް އޭނާ އަރުވާށެވެ! އެއަށްފަހު، އޭނާގެ ދީން ދޫކޮށްލުމަށް އަންގާށެވެ! ފަހެ، އޭނާގެ ދީން ދޫކޮށްނުލިނަމަ، ފަރުބަދަމަތިން ވައްޓައި މަރައި ލާށެވެ!

ފަހެ، އެބައިމީހުން އޭނާ ގޮވައިގެންގޮސް ފަރުބަދައިގެ އެންމެ މައްޗަށް އެރިއެވެ. އެހިނދު އޭނާ މިފަދައިން ދުޢާކުރިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާންގެ ރުހިވޮޑިގެންވަނީނަމަ، މިބައިމީހުންގެ ނުބައިކަމުން މި އަޅާ ސަލާމަތް ކުރައްވާނދޭވެ!  ފަހެ، އެ ހިނދު އެބައިމީހުންނާއިގެން ފަރުބަދަ ތެޅިގެންފިއެވެ. އަދި އެބައިމީހުން އެންމެން ފަރުބަދަމަތިން ވެއްޓިއްޖެއެވެ. އަދި އެ ޒުވާނާ ހިނގައިފައި، ރަސްގެފާނުގެ އަރިހަށްއައެވެ. ފަހެ، ރަސްގެފާނު އޭނާއާ ސުވާލުކުރެއްވިއެވެ. ކަލެއާ އެކުގައި ދިޔަ މީހުން ކުރީ ކީއްހެއްޔެވެ؟  އޭނާ ދެންނެވިއެވެ. اللَّهُ  ތަޢާލާ އެބައިމީހުންގެ ކިބައިން އަޅުގަނޑު ސަލާމަތްކުރެއްވީއެވެ. ފަހެ، ރަސްގެފާނު އެހެން ބަޔަކާ އޭނާ ޙަވާލުކުރެއްވުމަށްފަހު އެންގެވިއެވެ. ތިޔަބައިމީހުން މީނާ ގޮވައިގެން ގޮސް ބޮޑު ބައްތެއްޔަކަށް މީނާ ލައިގެން ކަނޑުގެމެދަށް ގެންދާށެވެ. ފަހެ، އޭނާގެ ދީން ދޫކޮށްނުލިނަމަ، އޭނާ ކަނޑަށް އެއްލައިލާށެވެ! 

ފަހެ، އެބައިމީހުން ރަސްގެފާނު އެންގެވިފަދައިން އޭނާ ގޮވައިގެން ދިޔައެވެ. ފަހެ، އޭނާ މިފަދައިން ދުޢާކުރިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާންގެ ރުހިވޮޑިގެންވަނީނަމަ، މިބައިމީހުންގެ ނުބައިކަމުން މި އަޅާ ސަލާމަތްކުރައްވައިފާނދޭވެ!  އެ ހިނދު، އެބައިމީހުންނާއިގެން އެ ބައްތެލި ބަންޑުންވެއްޖެއެވެ. އަދި އޭނާ ފިޔަވައި އެ އެންމެން ޣަރަޤުވެއްޖެއެވެ. އަދި އޭނާ އެއްގަމަށްއައިސް ހިނގައިފައި، ރަސްގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. ފަހެ، ރަސްގެފާނު ސުވާލުކުރެއްވިއެވެ. ކަލެއާ އެކުގައި ދިޔަ މީހުން ކުރީ ކީއްހެއްޔެވެ؟ އޭނާ ދެންނެވިއެވެ. اللَّهُ  ތަޢާލާ އެބައިމީހުންގެ ކިބައިން އަޅުގަނޑު ސަލާމަތްކުރެއްވީއެވެ. ދެން ރަސްގެފާނަށް އޭނާ ދެންނެވިއެވެ. އަޅުގަނޑު ދަންނަވާ ގޮތަކަށް ކަންކުރައްވައިގެން ނޫނީ، މަނިކުފާނަކަށް އަޅުގަނޑު މަރުއްވައެއް ނުލެއްވޭނެއެވެ. ރަސްގެފާނު ވިދާޅުވިއެވެ. އެއީ ކޮންގޮތެއްހެއްޔެވެ؟ އޭނާ ދެންނެވިއެވެ. މަނިކުފާނުގެ ރައްޔިތުން، ހާމަ މައިދާނަކަށް އެއްކުރައްވާށެވެ! އަދި އެއަށްފަހު މީސްތަކުންނަށް ފެންނާނޭހެން ކަދުރުރުކެއްގެ ގަސްގަނޑުގައި، އަޅުގަނޑު ޞަލީބަށްއަރުއްވަވާށެވެ! ދެން އަޅުގަނޑުގެ ތީރުއަޅާ ކޮތަޅުން ތީރެއް ނަންގަވައި، ދުނިދަނޑީގައި ރުވުމަށްފަހު، ވިދާޅުވާށެވެ! ޒުވާނާގެ ވެރިރަސްކަލާންގެ ކަމުގައިވާ اللَّهُ ގެ އިސްމުފުޅުގެ ބަރަކާތުން އެއްލަމެވެ. މިހެން ވިދާޅުވުމަށްފަހު، އަޅުގަނޑާދިމާއަށް އެ ތީރު ފޮނުވައިލައްވާށެވެ! ފަހެ، މި ދެންނެވި ގޮތަށް މަނިކުފާނު ކަން ކުރައްވައިފިނަމަ، އަޅުގަނޑު މަރުއްވައި ލެއްވިދާނެއެވެ! ފަހެ، އޭނާ ދެންނެވި ގޮތަށް، ރަސްގެފާނުގެ އަމުރުފުޅަށް މީސްތަކުން ހާމަ މައިދާނަކަށް އެއްކުރެވުނެވެ. އަދި ކަދުރުރުކެއްގެ ގަސްގަނޑުގައި އޭނާ ޞަލީބަށް އެރުވުނެވެ. ދެން ތީރު އެއްލާ މީހަކު އެ ޒުވާނާގެ ތީރުއަޅާ ކޮތަޅުން ތީރެއް ނަގައި، ދުނިދަނޑީގައި ރުވުމަށްފަހު، ޒުވާނާގެ ވެރިރަސްކަލާންގެ ކަމުގައިވާ اللَّهُ ގެ އިސްމުފުޅުގެ ބަރަކާތުން އެއްލަމެވެ. މިހެން ބުނެ ތީރު އެއްލިއެވެ. ފަހެ، އެ ތީރު ގޮސް، އޭނާގެ ދެލޮލުގެ ދެމެދަށް ނިތްކުރިއަށް ހެރުނެވެ. ފަހެ، އޭނާގެ އަތުން އެ ތީރު ހެރުނުތަނުގައި ނިތްކުރީގައި ހިފަހައްޓައިލުމާއެކު، އޭނާ މަރުވެއްޖެއެވެ. ފަހެ، މިތަން ދެކެން ތިބި މީސްތަކުން ބުނޫއެވެ. އެ ޒުވާނާގެ ވެރިރަސްކަލާނގެއަށް ތިމަންމެން އީމާންވެއްޖައީމުއެވެ.

ފަހެ، ރަސްގެފާނުގެ އަރިހަށް މި ޚަބަރުގެނެވުނެވެ. އަދި ދެންނެވުނެވެ. މަނިކުފާނު، އެ ކަމަކާ ބިރުފުޅުން އުޅުއްވި ކަންތަކާމެދު ދަންނަވަމެވެ. ހަމަކަށަވަރުން، އެ ކަން މެދުވެރިވެއްޖެއެވެ. މީސްތަކުން (އެ ޒުވާނާގެ ދީނަށްވަދެ، اللَّهُ އަށް) އީމާންވެއްޖައޫއެވެ! ފަހެ، އެ ހިނދު ރަށުގެ މަގުތަކާއި ގޯޅިތަކުގައި ފުން ވަޅުގަނޑުތައް ކޮނުމަށް ރަސްގެފާނު އަމުރުކުރެއްވިއެވެ. އަދި އެ ވަޅުގަނޑުތަކުގައި އަލިފާން އެންދުމަށް އެންގެވިއެވެ. އަދި އެންގެވިއެވެ. އެ މީހެއްގެ (އައު) ދީން ދޫކޮށްނުލައިފި ކޮންމެ މީހަކު، އެ ވަޅުގަނޑުތަކަށް އެއްލައިލާށެވެ! ފަހެ، އެބައިމީހުން އެފަދައިން ކަންކުރޫއެވެ. އެ ގޮތުގައި ކުޑަކުއްޖަކު ގޮވައިގެންހުރި އަންހެނެއްގެ ދައުރު އައެވެ. އެ ހިނދު އެ ކުޑަކުއްޖާފުޅު އެ ވަޅުގަނޑަށް އެއްލާލައިފާނެކަމަށްޓަކައި، އެ ކަނބުލޭގެ ބިރުވެތިވިއެވެ. އެ ހިނދު އޭނާގެ މަންމަ އަށް އެ ކުޑަކުއްޖާ ބުންޏެވެ! އޭ ލޮބުވެތި މަންމާއެވެ! ކެތްތެރިވެލައްވާށެވެ! ހަމަކަށަވަރުން، މަންމާ ތިޔަހުންނެވީ ޙައްޤުގޮތުގައިކަން ކަށަވަރެވެ!

މައުލޫމާތު: (ރިޔާޟުއް ޞާލިޙީންގެ ދިވެހި ތަރުޖަމާ/ ޞަޙީޙު މުސްލިމް)

+1
1
+1
7
+1
1
+1
0
+1
0
+1
1
+1
1

Advertisement

ގުޅުންހުރި ލިޔުންތައް