ޒަމާނަކީ އެހާ ތަނަވަސް ޒަމާނެއްނޫން ކަމުގައިވިއަސް އަހަރެންނަކީ ވަރަށް ތަނަވަސް ދިރިއުޅުމެއްގައި އުމުރުން ދިހަ އަހަރުވެފައިވާ ކުއްޖަކީމެވެ. މައިންބަފައިންގެ ތަނަވަސްކަމުގައެވެ. މަންމައާއި ބައްޕަގެ އިތުރު ކުއްޖަކު ނެތުމުން އެދެމީހުން އަހަރެން ގެންގުޅުނީ ނުލާހިކުލޯބިން އަދި އެހާމެ އުފަލުގައެވެ. އަހަރެން އެއްގޮތަކަށްވެސް ބޭރަށްދިޔަކަ ނުދެއެވެ. ފަހަރެއްގައި އެއީ މަގުއޮޅިގެން ހިނގައިދާނެތީ ކަމަށް ވެދާނެއެވެ. އަހަރެންނަށް ބޭނުންވާ ހުރިހާ ސާމާނެއް ބައްޕަ ހޯއްދަވައިދެއްވަނީ ނުލާހިކު އުފަލުންނެވެ. އަގުބޮޑުވިއަސް އަދި އަގު ކުޑަވިއަސް އެއްވެސް ޝަކުވާއެއްނެތި އެއެއްޗެއް ހޯއްދަވައިދެއްވައެވެ. އަހަރެން ހިތުގައިޖެހޭނެ ކުޑަކަމެއްވެސް އެދެމީހުންގެ ފަރާތުން ދުވަހަކުވެސް ނުފެނެއެވެ. މަންމަ އަހަރެންދެކެވާ ލޯބިން އަހަރެންނަށް ކާންދެނީވެސް މަންމަގެ އަތުންނެވެ.
އެއްދުވަހަކު އަހަރެންގެ ހިތަށްއެރިއެވެ. އަހަރެން މިހާއުފަލުގައި އުޅެމުންދާއިރު މިރަށުގެ އެހެން ކުދިން އުޅެމުން އަންނަނީ ކޮންފަދަ ހާލެއްގައިތޯއެވެ. ބަނޑުފުރާނަ މުއްތިކުރުމުގައި އެކުދިން އުޅެމުންދަނީ ކޮންފަދަ ދެރަ ނިކަމެތި ގޮތަކަށްތޯއެވެ. ފަގީރުކަމުގައި މުޅިރަށް މިއޮތީ ވަރަށްދެރަހިސާބެއްގައެވެ. އެންމެ ކުޑަމިނުން އެކުދިންގެ ގޭގެ ބަދިގޭގައި އުދުނަކަށް ތެއްޔެއްވެސް ނާރުވައެވެ. ކިހާބޮޑު ފަރަގު ކުރުމެއްތޯއެވެ. އަހަރެން ތިންއިރު ބަނޑުފުރައި ކައިގެން އަރާމުގައި ނިދިއެއްކަމަކު އެކުދިންގެ ހާލު އެވަނީ ކޮންފަދަ ނިކަމެތިކަމެއްގައިތޯއެވެ. ސާހިލް އަށް ގިސްލާފަ ރޮވެންފަށައިފިއެވެ. މަންމަ ކަންބޮޑުވުމާއެކު އެހިއެވެ. ސާހިލް ތިރޮނީ ކީއްވެތަ؟ ސާހިލް: މަންމާ މިރަށުގައި ދެންވެސް ތިބީ އަހަރެންފަދަ ކުދިންނެވެ. އެކުދިންގެ ހާލާއިމެދު ކަންބޮޑުވެ ދެރަވަނީއެވެ. ކޮންފަދަ ނިކަމެތި ހާލެއްގައިތޯ އެކުދިންނާއި އެކުދިންގެ މައިންބަފައިން އުޅެމުންއެދަނީ. މަންމަ ފަހެ ދެރައެއްނުވޭތޯ. ކުޑަ ކުދިންތަކެއް ބަނޑަށް މަރުވާން ހަމަ ދޫކޮށްލަންވީތޯ. އަހަރެމެންގެ މިމުއްސަދިކަމުގައި އެކުދިންގެ ހިއްސާއެއް ފަހެނެތީތޯ؟
މިމުދަލަކީ އަހަރެމެންގެ އެކަނިއެއްޗެއް ނޫނެވެ. މީގައި ފަގީރުންގެ ހައްގުތަކެއްވާނެއެވެ. އެހައްގުވާ މިންވަރު އެކުދިންނަށް ދެމާހިނގާށެވެ.
މަންމަ: ދަރިފުޅު ސާހިލް ތިދައްކަނީ ކޮންވާހަކައެއްތަ؟ އެކުދިންގެ މައިންބަފައިންވެސް މަސައްކަތްކޮށްގެން ތަނަވަސްކަން ހޯދީމަ އެވީއެއްނޫންތަ؟ ސާހިލް: މަންމަ ތިޔައީ ހަމަޖެހޭ ވާހަކައެއްނޫނެވެ. މަސައްކަތް ކުރުމުން ތަނަވަސް ކަމެއްވެސް ލިބޭނީ ރަށުގައި އެފަދަ ވަސީލަތްތަކެއް ހުރެގެންނޫންތޯއެވެ. އަހަރެމެންގެ މި ތަނަވަސްކަމުގެ މޭވާއިން ފަގީރުންނަށް ހައްގުވާ މިންވަރުދެމާތޯއެވެ. އެހެންނޫނިއްޔާ މިތަނަވަސްކަމުގެ ފޮނިރަހަ މާދަމާ ވަރަށް ހިތިވެސް ވެދާނެއެވެ. މަންމަ: އުހު، ތިކަހަލަވާހަކަ ނުދައްކާށެވެ. ތިޔައީ ވާނެކަމެއްނޫނެވެ. ކައްކާފަ ހުންނަ ކާއެއްޗަކުން އެންމެ އެތިކޮޅެއްވެސް ބަޔަކަށް ދިނުމަކީ މަންމަ ކުރާނެކަމެއް ނޫނެވެ.
ސާހިލް: ސުބުހާނަﷲ މަންމަގެ ތިވިސްނުމަށް އަހަރެން ހަމަ ހައިރާން ވެއްޖެއެވެ. މަންމަމެންނަށް މިމުދާ ދެއްވި ފަރާތަށް ޝުކުރު ނުކުރައްވަނީތޯއެވެ. ޝުކުރުވެރި ވުމަކީ ﷲ ހެއްދެވި އަޅުތަކުންގެ ތެރެއިން ފަގީރުންނަށް އެހީވުމުގެ ގޮތުން އަތެއްދިއްކޮށްލުން ނޫންތޯއެވެ. އަދި މިމުދަލުގެ ތެރެއިން މިންވަރެއް ފަގީރުންނަށް ހިއްސާކުރުން ނޫންތޯއެވެ. މީހުންގެ ބަދު ދުއާއިން ވެސް އަހަރެމެން ސަލާމަތްވާނީ އެއިރުން ނޫންތޯއެވެ. މަންމައާއި ސާހިލް މިވާހަކަ ދައްކަމުން ދަނިކޮށް ސާހިލްގެ ބައްޕަ (ދޮންކަލޭގެފާނު) އައިސް ގެއަށް ވަދެއްޖެއެވެ. ހަމަ ވަނުމާއިއެކު މަންމަ (ރެކިބީފާނު) ދޮންކަލޭގެފާނުގެ ކައިރީގައި މިވާހަކަ ދައްކައިފިއެވެ. ދޮންކަލޭގެފާނު އަޑަށް ބާރުލާފައި ތިޔައީ ވާނެކަމެއް ނޫނެވެ. އަހަރެމެން މުދާ ހޯދާފައިވަނީ މީހުންނަށް ބަހާކަށެއްނޫނެވެ. އެމީހުން މިމުދާ ހޯދުމުގައި އަހަރެންނާއި އެހީއެއްނުވެއެވެ. އެހެންނަމަތާ އެމީހުންގެ ހައްގެއް މިމުދަލުގައިވާނީ ދޯ ރެކިބީފާނު. ރެކިބީފާނު: ތީރަނގަޅުވާހަކައެއް. އަހަރެމެންގެ މިތަނަވަސް ކަމުގައި އެއްވެސް ފަރާތެއްގެ ހިއްސާއެއް ނުވާނެ. މިއީ އަހަންނާއި ދޮންކަލޭގެފާނުގެ އެކަނި މަސައްކަތުން ހޯދި ތަނަވަސްކަމެއް. މިއިން އެންމެ ފުކެއްވެސް ބޭރުބަޔަކަށް ނުދެވޭނެ. ދޮންކަލޭގެފާނު: ރަނގަޅު މިއިން އެންމެ އެތިކޮޅެއްވެސް ބޭރުކޮށްގެންނުވާނެ. ސާހިލް: ﷲ ބަޔަކަށް ތަނަވަސްކަން ދެއްވަނީ އެތަނަވަސްކަމުގައި އެބަޔަކު އެކަނި އުޅޭކަށެއްނޫން. އެތަނަވަސްކަމުގައި އެހެންމީހުންގެވެސް ހައްގު މިންވަރު ކުރައްވާފައިވޭ. ހިތާމައަކީ މިއިންކަމެއް މަންމަ އާއި ބައްޕަ އަށް ނުވިސްނުނީމައެވެ. ތި ދެމީހުންގެ ކޮށި ވިސްނުމަށް އަހަރެން ހަމަ ހައިރާންވަމެވެ.
ސާހިލްގެ އުމުރުން މިހާރު އަށާރަ އަހަރު ވެއްޖެއެވެ. މަންމައާއި ބައްޕަގެ ކުރިމަތީ ޖަދަލު ނުކޮށް ދުރަށްޖެހި ބޮޑު އަށީގައި އިށީނެވެ. ބޮޑު އަށީގައި ދަތްދޮޅީގައި އަތްވިއްދައިގެން އިދެ މިއީ ވަރަށް ދެރަކަމެކެވެ. މަންމަމެންނަށް މިކަން ވިސްނޭނީ ކޮންދުވަހަކުންބާ! މިގޮތަށް ސާހިލް ހިޔާލުކުރުމަށްފަހު މަންމަމެންނަށް ސިއްރުން ދިޔައީ މިސްކިތަށެވެ. ނަމާދުން ނިމިގެން އައި މަގުމަތީގައި މުދިންބޭ ކައިރީގައި ސާހިލް މިވާހަކަ ދައްކައިފިއެވެ. މުދިންބޭ ބުނެލިއެވެ. ކިތަންމެ މުދާ ގިނަވިއަކަސް އެއިން ކުރާނެ ފައިދާއެއް މަހްޝަރު ދުވަހަކު ނޯންނާނެއެވެ. މިދުނިޔޭގަ ލިބޭނީ ހަމަ ކާލަންލިބޭ އެތިކޮޅެކެވެ. މުދަލާއި ދަރިންގެ ފަރާތުން އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެއެވެ. ﷲ ގެ މަގުގާ ހޭދަ ކުރިއެއްޗެއް މެނުވީއެވެ. މުދިންބޭގެ މިވާހަކަތަކުން ސާހިލް ވަރަށް ކަންބޮޑުވެ ހާސްވެއްޖެއެވެ. މަހުޝަރު ދުވަހުގައި މައިންބަފައިންނަށް ދިމާވާނެ ހާލާއިމެދުގައެވެ.
ސާހިލް އަކީ މުދަލުގެ ގޮތުން ބޮޑާވެ ފަހުރުވެރިވެފައިވާ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާގެ ވިސްނުމަކީ އަބަދުވެސް ފަގީރުންގެ ހާލުއަހުވާލު ބަލައި އެމީހުންނަށް ވެވެންއޮތް މިންވަރަކުން އެހީތެރިވެ އުޅުމެވެ. ނަމަވެސް މުދަލުގެ ތަނަވަސް ކަމާހުރެ ފަހުރުވެރިވާ މައިންބަފައިންނާހުރެ ފަގީރަކަށް އަތެއްދިއްކޮށްލެވޭހާވަރެއް ނުވެއެވެ. ސާހިލް އަކީ އަބަދުވެސް މައިންބަފައިންނާމެދު ވިސްނާ ނަމާދުކޮށް ޤުރުއާން ކިޔަވާ އުޅޭ ހެޔޮލަފާ ކުއްޖެކެވެ. މަންމަމެންނަށް ދިމާވެދާނެ ބިރުވެރި ހާދިސާއަކަށް އަބަދުވެސް ވިސްނާ އެމީހުންނަށް ނަސޭހަތްދީ އުޅޭ ދީންވެރި ކުއްޖެކެވެ. މިގޮތަށް ނަސޭހަތްދިނުމުން އެމީހުންގެ ބަހަކީ ތިއީ މުޅިންވެސް ފްލޯކު ވާހަކައެވެ. މުދާނެތި ދުނިޔޭގައި އުޅޭނީ ކިހިނެތް؟ ދެން އިތުރަށް ﷲ ގެ މަގުގައި ހޭދަކުރާ ވާހަކަ ނުދައްކާށެވެ. ތިޔައީ އަހަރެމެން އަޑުއަހަން ބޭނުންވާ ވާހަކައެއްނޫނެވެ. ސާހިލް ވެސް ކައިގެން ގޭގައި އުޅުނީމަ އެވީއެއްނޫންތަ؟ މަންމަ ބުނުއްވިއެވެ. ސާހިލް: މަންމަމެންނަށް ލިބިދާނެ އަޒާބަކަށް އަހަރެން ބިރުވެތިވަމެވެ. މަންމަ: ރުޅި އައިސްފައި އެންމެ ރަނގަޅެވެ ތިއީ މާފަހުގެ ކަމެކެވެ. މިހާރުމިތިބީ އުފަލުގައި ނޫންހެއްޔެވެ. ސާހިލް: މަންމަމެން އުފަލުގައި އުޅޭށެވެ. އަހަރެން މިދަނީއެވެ. ތިތަނަވަސް ކަމުގެ ހިތިރަހަ މާދަމާވެސް ފެނުމަކީ ދުރުކަމެއްނޫނެވެ.
ސާހިލް ގެއިން ނުކުމެގެންގޮސް ވަރަށް ފަގީރު ގެއެއްގައި އުޅެންފަށައިފިއެވެ. ކޮންމެދުވަހަކުވެސް މަންމަމެންގެ ގެއަށް އެއްފަހަރު ވަދެލައެވެ. ނަމަވެސް އެމީހުންގެ ބޮޑާކަމުން ދަރިފުޅަކާއި ވާހަކަ ނުދައްކައެވެ. ޒަމާންތައް ފާއިތުވަމުން ދެއެވެ. އެއްރެއަކު ސާހިލް ނިދަންއޮއްވާ ހުވަފެނުގައި ފެންނަނީ މަންމަމެން ކަނޑުގައި ފަތާތީއެވެ. ހީވަނީ ގަދަވަޔާއި ވިއްސާރައެއްގައި ޢަރަގު ވަނީހެންނެވެ. ފަތިސްނަމާދުން ފައިބައިގެން މަންމަމެންގެ ގެއަށް ދިޔައިރު އެމީހުން ގޭގައިނެތެވެ. އަވައްޓެރިން ކުރެން އަހާ އޮޅުންފިލުވުމުން އެނގުނީ އުފާވެރި ދަތުރެއްގައި ދަރުކޮށަންދިޔަ ބަޔަކާއެކު ބޯއްޑޫ އަށް ދިޔަކަމެވެ. ބޯއްޑޫ އަކީ އެދުވަސްވަރު ނުލާހިކު ޖަންގަލީ ބޮޑު ރަށެކެވެ. އަދި އެހާމެ ކުޅަދުރު ގިނަރަށެކެވެ. ސާހިލްގެ މަންމައާއި ބައްޕަ (ރެކިބީފާނާއި ދޮންކަލޭގެފާނު) އެއްގަސްބުޑުން އަނެއްގަސްބުޑުން މަޖާކުރަމުން ދަނިކޮށް އެތައްބައިވަރު ކުޅަދުރުތަކެއް އައިސް ކަށިޖަހަން ފަށައިފިއެވެ. ދެމީހުން އެއްފަހަރާ ގަސްދޮށަށް ވެއްޓިއްޖެއެވެ. ދެމީހުން ދުޅަވެ ފުފެން ފަށައިފިއެވެ. ހިނގައިގަނެވޭހާ ހަކަތައެއް ދެމީހުންގެ ގައިގައި ނެތެވެ. ހަށިގަނޑު ބަރުވެ ލޮޑުވުމުންނެވެ.
ދަރުކޮށަން ދިޔަމީހުން ފުރަންވުމުން އެދެމީހުން ހޯދަމުންދަނިކޮށް ފެނުނީ ގަހެއްގެ ދޮށުގައި ވެއްޓިފައި ވަނިކޮށެވެ. ދެމީހުންކުރެ މީހަކު ވާހަކައެއް ނުދައްކައެވެ. މި މުއްސަދި ދެމީހުން ނޭވާ ލަމުންދާކަން އެނގެއެވެ. މި ދެމީހުން ފަރާތުން ލިބިދާނެ މަންފާއަކަށްޓަކައި ދަރުކޮށަންދިޔަ މީހުން އެދެމީހުން ނަގާ ބޮއްކުރައަށް ލައިގެން ފުރައިގެން ދަނިކޮށް ގަދަ ވިއްސާރައިގައި ޖެހި ދަރާއެކު ބޮއްކުރާ ފެތިއްޖެއެވެ. ކޮންމެ މީހަކުވެސް އަތުޖެހުނު އެއްޗެއްގައި ހިފަހައްޓައިގެން ބޮއްކުރާ ތިލަވޭތޯ މަސައްކަތް ކުރަނީއެވެ. ނަމަވެސް ދޮންކަލޭގެފާނާއި ރެކިބީފާނުގެ ހާލު ވަރަށްދެރައެވެ. ދޭތެރެ ދޭތެރެއިން އިވޭ އަޑަކީ އަލިފުތާ މަގޭ މުދާކޮޅު، މަގޭ ތަނަވަސްކަން މިހެން ދޮންކަލޭގެފާނު ގޮވާއަޑެވެ. ކޮންމެއަކަސް ޖެހެމުން ދިޔަ ގަދަވަޔާއެކު ބޮއްކުރާ ރަށުގެ ފަރާއި ކައިރިވެއްޖެއެވެ.
ރަށުގެ ގިނަމީހުން އަތިރިމައްޗަށް ނުކުމެފައި ތިއްބެވެ. އެއާއިއެކު މުޅިރަށް ވަނީ ދުމުން އަނދިރިވެފައެވެ. ފެތިފަވާ ބޮއްކުރާ ސަލާމަތްކުރަން ރަށުން އައިމީހުން ބުނިގޮތުގައި ދޮންކަލޭގެފާނުގެ މުޅިގޭ އެކީ އަނދާ އަޅިއަށްވެއްޖެއެވެ. ސާހިލް: މަންމަ އާއި ބައްޕަ ކަނދު ފޮއްޗެއްގައި ގެނެސްފިއެވެ. އަތިރިމަތީގައި އެދެމީހުންނާއި އެހީވާނެ މީހަކުނެތެވެ. ސާހިލް އެދެމީހުން ނަގާ ހޮޅުއަށީގައި ބާއްވާފައި ފެންފޮދެއްބަލާ ހިނގައްޖެއެވެ. ފެން ހިފައިގެން އައިއިރު ސާހިލްގެ މަންމަވަނީ ނިޔާވެފައެވެ. މުޅި ގަޔަށްވަނީ ހިނިއަރާފައެވެ. ދޮނަކަލޭގެފާނަށް އެހިނިވެސް ދުރުކޮށް ނުލެވުނެވެ. ދޮންކަލޭގެފާނުގެ ހާލުވެސް ވަރަށް ދެރަވެ ނިކަތިވެފައި ހޮޅުއަށީގެ އެއްކަނެއްގައި އޮތެވެ.
އެވަގުތުގައިވެސް ސާލިމް ގެ ބައްޕަ ބުނަމުންދަނީ އަހަރެންގެ މުދާކޮޅު އަހަރެންގެ ތަނަވަސް ދިރިއުޅުމަށް އަހަރެން ގެންގޮސްދޭށެވެ. ސާހިލް: ބައްޕާ މިހާރަކު އެދިރިއުޅުމެއްނެތެވެ. އަނދާ އަޅިއަށް ވެއްޖެއެވެ. އެންމެ ފުރަތަމަވެސް ބައްޕަމެންގެ ކައިރީގައި އަހަރެން ބުނިވާހަކައަކީ އެއީއެވެ. ބަސް ގަބޫލު ނުކުރުމުގެ ނަތީޖާ މިއަދު މިއޮތީ ކުރިމަތިވެފައެވެ. ޝުކުރުވެރިނުވެ ދީލަތިނުވުމުގެ ސަބަބުން ތަނަވަސްކަން ދެއްވި ފަރާތުން އެ ތަނަވަސްކަން ބައްލަވައިގަތީއެވެ. ސާހިލް މަންމަ ވަޅުލުމަށްފަހު ބައްޕަ ގޮވައިގެން ދިޔައީ ސާހިލް އުޅޭގެއަށެވެ. އެތަކެއް ދުވަހުގެ ފަރުވާތަކަށްފަހު ބައްޕައަށް ރަނގަޅުވެ ނާށިގަނޑު ހިފައިގެން ސަލާން ޖެހުމުގައި ގިނަދުވަސް ހޭދަކުރިކަމަށް ވެއެވެ. ޢިބުރަތްތެރި ފިލާވަޅެއް ލިބިގެން ދިޔަ މިހާދިސާ ނިމުނީ މުއްސަދިކަމާއި ތަނަވަސް ކަމަކީ އެކަމުގެ ވެރީންނަށް އެއްވެސް ފައިދާއެއްނެތް ހިތި ޒަހަރަކަށްވެގެންނެވެ.
ނޯޓް: މިއީ ތުއްތުދީދީ ގެ 'އެވޭލާ ވާހަކަ' ފޮތުން ނަގައިފައިވާ ހާދިސާ އެކެވެ. އަސްލު ނުގެއްލޭގޮތަށް ބަދަލުގެނެވިފައިވާނެއެވެ.