November 22, 2024 18:39
Advertisement

-Advertisement-

ހިސާބު ބައްލަވާ ދުވަހަށް ތައްޔާރުވާށެވެ!

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ ﴾ މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ކޮންމެ ނަފްސެއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ ޢަމަލެއް ބަލައިފާހުށިކަމެވެ! އަދި ތިޔަބައިމީހުން اللَّهއަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، اللَّهއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (ޙަޝްރު 18).

މައިމޫނު ބިން މަހްރާން رحمه الله ވިދާޅުވެފައިވެއެވެ. "އެކުގައި ވިޔަފާރިކުރާ ދެބައިވެރިން، އެކަކު އަނަކެއްގެ މަސައްކަތަށް ފާރަވެރިވާ ވަރަށްވުރެން ބޮޑަށް، އަޅާ، އޭނާގެ ނަފްސު ހިސާބު ނުކުރާހާހިނދަކު އޭނާއަކީ ތަޤުވާވެރިއެއްކަމުގައި ނުވާނެއެވެ." އެބަހީ: ވިޔަފާރި ކުރާއިރު ގެއްލުން ވެދާނެތީ، ނުވަތަ އަނެއް ބައިވެރިޔާ މަކަރު ހަދާފާނެކަމަށް ބިރުން އެކަމަށް ފާރަވެރިވެ ރައްކައުތެރިވާ ވަރަށްވުރެ ބޮޑަށް އިންސާނާ އޭނާ ކުރާ ޢަމަލުތަކުގެ މައްޗަށް ފާރަވެރިވާންޖެހޭނެއެވެ. ނޫންނަމަ އެމީހަކު ގެއްލި ހަލާކުވެގެން ހިގައިދާނެތެވެ.

ޤިޔާމަތްދުވަހުން، ފާޅާއި ސިއްރުގައި ކޮށްފައިވާ ހުރިހައި ޢަމަލުތަކެއްގެ ހިސާބު ބައްލަވާނެތެވެ. ހިސާބު ބެއްލެވުމަށްޓަކައި މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ މަޙުޝަރުގެ ބިމަށް ފައިބައިވަޑައިގަންނަވާނެއެވެ. ނުވަތަ މަޙުޝަރުބިމުގައި ވޮޑިގެންވާނެތެވެ. އެއީ އެމީހަކު ކުރި ޢަމަލުތަކަށް ނިޔާ ކަނޑައެޅުއްވުމަށްޓަކައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿لِيَوْمِ الْفَصْلِ﴾ ﴿އަލްމުރުސަލާތު 13﴾. މާނައީ: "ނިޔާކުރައްވާ ދުވަހަށެވެ." އެދުވަހުން އެމީހަކު ކުރި ޢަމަލެއްގެ ހިސާބު ބެލޭނެއެވެ. އެމީހަކު ކުރި ޢަމަލުތަކެއްގެ ފަތްފުއްތައް ހުޅުވައިލެވޭނެއެވެ. އަދި ކޮށްފައިވާ ޢަމަލުތަކުގެ ފަތް ދެވޭނެއެވެ. ކޮށްފައިވާ ހެޔޮ ޢަމަލުތަކާއި ނުބައި އަމަލުތައް ފެންނާނެއެވެ. އެއްވެސް ކަމެއް ސިއްރެއް ނުކުރެވޭނެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ﴾ ﴿އަލްޙާއްޤަ18﴾ މާނައީ:" އެދުވަހުން (حساب ބެއްލެވުމަށް) ތިޔަބައިމީހުން ހުށަހަޅުއްވާނެތެވެ. ތިޔަބައިމީހުންގެ އެއްވެސްކަމެއް ވަންހަނާއެއް ނުވާނެތެވެ." ފައިސާ ދީގެން ނުވަތަ ތިބާގެ ޖާހާ ބާރަކުން އެދުވަހުން ސަލާމަތެއް ނުވެވޭނެއެވެ. ތިބާ ކޮށްފައިވާ ކިތަންމެ ކުޑަ ހެޔޮ ޢަމަލެއްވިޔަސް އަދި ކިތަންމެ ކުޑަ ނުބައި ޢަމަލެއްގެ ޖަޒާ އެދުވަހުން ދެކޭނެއެވެ.

Advertisement

ޢަމަލުތަކުގެ ފަތަކީ ޤިޔާމަތް ދުވަހު މަޙުޝަރުގެ މައިދާނުގައި މާތްﷲ ޞުބުޙާނަހޫ ވަތަޢާލާގެ އަޅުތަކުން އެއްކުރެއްވުމަށްފަހުގައި، އެ އަޅުތަކުން ކުރި ޢަމަލުތައް ބަޔާންކޮށް ލިޔެވިފައިވާ ފަތެވެ. ޢަމަލުގެ ފަތް ޤިޔާމަތް ދުވަހުން ބެހިގެން ދާނެއެވެ. އެއީ އެމީހަކު ދުނިޔެމަތީގައި ކޮށްފައިވާ ހުރިހައި ޢަމަލުތަކެއް ލިޔުއްވާފައިވާ ފަތެވެ. މި ފަތުގައި ހުރިހައި ކަމެއް ލިޔުއްވަތެވެ. އެމީހާ ކުރާ ޢަމަލުތައް ލިޔުއްވުމަށް، އެކަމަށް ޚާއްޞަ މަލާއިކަތް ބޭކަލުންވެއެވެ. އެއްވެސް ކަމެއް އުނި ކުރެއްވުމެއްނެތި އެބޭކަލުން ޢަމަލުތައް ލިޔުއްވަމުން ގެންދަވައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.  "އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ ملائكة ންވެއެވެ. (އެއީ) މާތްވެގެންވާ، ލިޔުއްވާ ملائكة ންނެވެ. ތިޔަބައިމީހުން ކުރާ ކަންތައް އެ ملائكة ން ދެނެވަޑައިގެންވެތެވެ."

މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿إِذْ يَتَلَقَّى الْمُتَلَقِّيَانِ عَنِ الْيَمِينِ وَعَنِ الشِّمَالِ قَعِيدٌ .  مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ﴾ ﴿ق17-18﴾ މާނައީ: "(އެއީ އޭނާގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ތިއްބަވާ ދެ ملائكة ން (އޭނާ ކުރާ ކަންތަކާއި، ބުނާ ބަސްތައް) ލިޔުއްވާހިނދުގައެވެ. (ކުރާ عمل ތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة އަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ."

އަދި އެދުވަހުން އެމީހަކު ކުރި ޢަމަލުގެ ފަތާއެކު މަލާއިކަތް ބޭކަލަކު ވަޑައިގަންނަވާނެތެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿وَجَاءَتْ كُلُّ نَفْسٍ مَّعَهَا سَائِقٌ وَشَهِيدٌ﴾ ﴿ق 21﴾ މާނައީ: "އަދި (އެދުވަހު) ކޮންމެ نفس އެއް (محشر ބިމަށް) އަންނަހުށީ، އޭނާޔާ އެކުގައި ލަވައި ގެންދާނޭ ملائكة އަކާއި، ހެތްކަކުވާ حال ގައެވެ." އަދިވެސް ވަޙީކުރައްވަތެވެ. ﴿وَقَالَ قَرِينُهُ هَـٰذَا مَا لَدَيَّ عَتِيدٌ ﴾ ﴿ق 23﴾ މާނައީ: "އަދި އޭނާޔާ حوال ވެފައިވާ ملائكة އާ ވިދާޅުވާނެތެވެ. އަހުރެންނާއެކު حاضر ކުރައްވާފައިވަނީ އޭނާގެ عمل ތަކުގެ ފަތެވެ."

މީގެ ތެރެއިން ބައެއް މީހުންނަށް ފަތް ދެވޭނީ ކަނައަތަށެވެ. އަނެއް ބަޔަކަށް ދެވެނީ ވައަތަށެވެ. ރަނގަޅު ޢަމަލުތައް ގިނަވެއްޖެ މީހާގެ ފަތް ލިބޭނީ ކަނާއަތަށެވެ. އަދި ނުބައި ޢަމަލުތައް ގިނަވެއްޖެ މީހާގެ ފަތް ލިބޭނީ ވައަތަށެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ ﴿١٩﴾ وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ﴾®  މާނައީ: " ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ!" " އަދި އެމީހެއްގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވެވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟"

އެދުވަހުން ކޮންމެ މީހަކުވެސް އެމީހެއްގެ ފަތް ކިޔާނެތެވެ. އަދި އެއަށްފަހު ހިސާބު ބެއްލެވޭނެއެވެ. އެމީހަކަށް ލިބިފައިވާ ފަތުގައި ބަޔާން ކުރައްވާފައިވާ ކަންތަކަށް ހެކި ދެއްކެވުމަށްފަހުގައެވެ. އެއީ އެމީހެއްގެ ދުލާއި އަތާއި ފައިވެސް ކުރި ޢަމަލުތަކަށް ހެކިދޭނެ ދުވަހެވެ. އަދި ތިބާގެ ހަށިގަނޑުގައިވާ ހަންގަޑުވެސް ހެކިދޭނެއެވެ. މިއީ ތިމަން ކުރި ކަމެއް ނޫނޭ ބުނެ ސަލާމަތްވުމުގެ ފުރުސަތެއް ނުލިބޭނެތެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ﴿يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا يَعْمَلُونَ﴾   މާނައީ: "އެއުރެންގެ މައްޗަށް އެއުރެންގެ ދޫތަކާއި، އަތްތަކާއި ފައިތައް، އެއުރެން ކޮށްއުޅުނު ކަންތައްތަކާމެދު ހެކިވާ ދުވަހުންނެވެ."

ފަތް ކަނާއަތަށް ދެވުނު މީހާއަކީ ސުވަރުގެ ވަންތަވެރިއެކެވެ. އަދި ފަތް ވައަތަށް ދެވުނު މީހާއަކީ ނަރަކަވަންތަވެރިއެކެވެ. އަދި އެއަށްފަހު، އެމީހެއްގެ ޢަމަލުތަކުގެ މީޒާން ކުރެވޭނެއެވެ. (އެބަހީ: މިނެ ކިރޭނެއެވެ.) އަޅުގަނޑުމެން ކޮންމެ މީހަކުވެސް އެމީހެއްގެ ނަފްސު ޙިސާބުކޮށް، އިސްލާޙުކުރުމަށް އަވަސްވެގަންނަން ޖެހެނީ މިދުވަހަށްޓަކައެވެ. އަމިއްލަ ނަފްސަށްޓަކައެވެ. ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ ޙިސާބު ބެއްލެވުމުގެ ކުރިން ތިޔަބައިމީހުންގެ ނަފްސުތައް ޙިސާބުކުރާށެވެ. އަދި އެނަފްސުތައް ވަޒަންކުރެވުމުގެ ކުރިން ވަޒަންކުރާށެވެ. އަދި (ޤިޔާމަތްދުވަހުގެ) ބޮޑުވެގެންވާ ހުށަހެޅުމަށް ތައްޔާރުވާށެވެ."

+1
0
+1
3
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް