ސެންޓަކީ ކޮންމެ މީހަކުވެސް ވަރަށް ލޯބިކުރާ ވަރަށް ގަޔާވާ އެއްޗެކެވެ. ސެންޓުގެ ތެރޭގައި ތަފާތު ވައްތަރުގެ ތަފާތު ކޮލިޓީގެ ސެންޓު ހިމެނެއެވެ. ސެންޓު ފުޅިއެކޭ ބުނުމުން ގަޔާ ނުވާނެ މީހަކު ވަރަށް މަދުވާނެއެވެ. މީރުވަހަށް ލޯބި ކުރާ މީހުންގެ ތެރޭގައި ބަހުސް ކުރެވެނީ މިހާރު އެންމެ މަޤުބޫލު ސެންޓަކީ ކޮބައިތޯއެވެ؟. ދިވެހިންނަކީ އަބަދުވެސް ފަހުގެ ފެޝަންތަކަށް ލޯބިކުރާ ބަޔަކަށްވާއިރު އަބަދުވެސް ބަލާނީ އެންމެ ފަހުގެ މީރުވަސްދުވާ ސެންޓު ބާޒާރުން ލިބެން ހުރިތޯއެވެ. ސެންޓަކީ އަގުގެ ގޮތުން ބަލާއިރުވެސް ފުދޭވަރެއްގެ އަގެއް ހުންނަ އެއްޗެކެވެ. މީހަކަށް ހަދިޔާއެއްދޭއިރުވެސް ގިނަ މީހުން ހަދިޔާއަކަށް ބޭނުންވަނީ އެންމެ ފަހުގެ ސެންޓުފުޅިއެއް ނުވަތަ އެމީހެއްގެ "ފޭވަރައިޓް ޕާރފިއުމް" އެވެ. ސެންޓުގެ ތެރޭގައި "އުޑި ޕާރފިއުމް" "އުޑި ޓޮއިލެޓް" "އުޑި ކޮލޯން" ހިމެނެއެވެ. މިތިން ބާވަތަކީވެސް މީރުވަސްދުވާ އެއްޗިއްސެވެ. ހަމައެކަނި ތަފާތަކީ "ކޮންސަންޓްރޭޝަން"ގެ ތަފާތެވެ.
"އުޑި ޕާރފިއުމް"
އުޑި ޕާރފިއުމް އަކީ ސެންޓުގެ ތެރެއިން އެންމެ ގިނައިރު ވަސް ހުންނަ ވައްތަރުގެ ސެންޓެވެ. "ޕަރފިއުމް އޮއިލް"ގެ އަދަދު ގިނައިން ބޭނުންކޮށްފައި ހުންނަ އުޑި ޕާރފިއުމްގެ ވަސް އާދަޔާ ޚިލާފަށް ވަރުގަދަވެފައި ގިނައިރު ވަސް ހިފަހައްޓައެވެ. މީގެ ތެރެއިންވެސް ބައެއް ސެންޓަކީ 24 ގަޑި އިރަށްވުރެ ގިނައިރު ވަސް ހުންނަ ސެންޓެވެ. މިއީ އަގުގެ ގޮތުންވެސް އެންމެ އަގުބޮޑު ވައްތަރެވެ.
"އުޑި ޓޮއިލެޓް"
އުޑި ޓޮއިލެޓަކީ "ޕަރފިއުމްއޮއިލް" ތަންކޮޅެއް މަދުން ބޭނުންކޮށްފައި ހުންނަ ވައްތަރުގެ ސެންޓެވެ. މީގެ ވަސް ތަންކޮޅެއް މަޑުވެފައި "ފްރެޝް" ވާނެއެވެ. އެއް ބްރޭންޑެއްގެ އެއް ސެންޓެއް ވިޔަސް "އުޑި ޕާރފިއުމް" އަށްވުރެ "އުޑި ޓޮއިލެޓް" ސެންޓުގެ ވަސް ތަންކޮޅެއް މަޑުވެފައި ތަފާތުވާނެއެވެ. ހަންގަނޑުގައި ސްޕްރޭކޮށްލުމުން އަންނަ ތަފާތުވެސް މިދެވައްތަރުގައި ތަފާތެވެ.
"އުޑި ކޮލޯން"
މިބާވަތަކީ ކުރިން މިބުނެވިދިޔަ ދެބާވަތަށްވުރެވެސް ވަސް މަޑު ވައްތަރެކެވެ. މިއީ ސެންޓުގެ ތެރޭގައި ބޭނުންކުރާ އެންމެ އާދައިގެ ބާވަތެވެ. ކޮލޯންގައި ހުންނަ ވަހަކީ "ޕާރފިއުމް އޮއިލް"ގެ ވަރަށް މަދު މިންވަރެއް ބޭނުންކޮށްގެން ހަދާފައި ހުންނަ ބާވަތެކެވެ.
ސެންޓުގެ ތެރޭގައި އެކި މީހުންނަށް ކަމުދަނީ އެކި ކަހަލަ ވަސް ހުންނަ ސެންޓެވެ. ބައެއްމީހުންނަށް ކަމުދަނީ ވަސް އެހާގަދަ ނޫން ސެންޓެވެ. އަނެއްބައިމީހުންނަށް ކަމުދަނީ ވަރަށް ވަރުގަދަ ވަސް ހުންނަ ސެންޓެވެ. އާއްމުގޮތެއްގައި ސެންޓުގެ ތެރެއިން ހެނދުނު ބޭނުންކުރަނީ ވަރަށް "ފްރެޝް" ވަސް ހުންނަ ސެންޓެވެ. އެހާވަސްގަދަ ސެންޓު ހެނދުނަކާ ނުގުޅެއެވެ. ވަސްގަދަ ސެންޓު ގިނައިން ބޭނުން ކުރަނީ ރޭގަނޑު ވަގުތު ބޭރަށްދާއިރުއެވެ. ނުވަތަ ރޭގަނޑު އޮންނަ ކެއުންތަކަށްދާއިރުއެވެ. ސެންޓުގެ މާހިރުން ވިދާޅުވާ ގޮތުގައި އެކި އިރުއިރަށް ބޭނުންކުރާ އެކި ސެންޓު ހުރެއެވެ. ގިނަ ސެންޓުތައް ބޭނުންކުރަނީ ވަގުތަކާ ގުޅުވައި ނުވަތަ ސެރަމަނީ އަކާ ގުޅުވާފައެވެ. ލޯބިވެރިންނާއެކު ބޭރަށްދާއިރު ގިނަ މީހުން ބޭނުންކުރަނީ "ސެކްސީ" ވަސް ހުންނަ ސެންޓެވެ. އޮފީސް ބައްދަލުވުންތަކަށްދާއިރު ބޭނުންކުރަން އެންމެ ރަނގަޅީ ވީހާވެސް ވަސްމަޑު ސެންޓެކެވެ. ސަބަބަކީ ބައިވަރު މީހުންގެ ތެރޭގައި އިންނައިރު ތިމާ ޖަހާފައި ހުންނަ ސެންޓެއްގެ ސަބަބުން އަނެކާއަށް އުދަނގޫވެ ބޯއަނބުރާގޮތްވެ ނުވަތަ އޭގެ ވަހުން އެލާޖިކްވާ މީހުންވެސް ތިބެދާނެތީއެވެ. ބައެއް މީހުންނަކީ އެކިކަހަލަ ވަސްތަކަށް ވަރަށް ނާޒުކު ބައެކެވެ.
ސެންޓާއި ބެހޭ މާހިރުންގެ މެދުގައި އަންހެނުންނަށް ޚާއްސަ ބައެއް ސެންޓުތަކަކީ:
"ބްލެކް އޯޕިއަމް"
މިސެންޓަކީ ގިނަބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ވަރަށް މަޤްބޫލު ވަރަށް ގަޔާވާ ސެންޓެކެވެ. މީގެ ވަހަށް ބަލާއިރު މީގައި ހިމެނިފައިވަނީ ކޮފީ، ވެނީލާ ފްލޯރަލްގެ މިކްސް އެކެވެ. މިސެންޓުގެ އާދަޔާޚިލާފު ކަމަކީ މިސެންޓު މަޝްހޫރުވެފައިވަނީ "ސެކްސީ ސްމެލް"ގެ ގޮތުގައެވެ. މިސެންޓު ޖަހައިގެން ގޮސްފިނަމަ ގިނަބައެއްގެ ހިތްކަތިލެވިގެންދާ ކަމަށްވެސް ބުނެއެވެ. ސަބަބަކީ މީގެ ވަހަކީ ޖާދުވީ ވަހެއް ހުންނަ ސެންޓަކަށް ވާތީއެވެ. "ރޮމޭންސް"ގެ ގޮތުގައި މަގުބޫލުކަން ހޯދާފައިވާ މިސެންޓު ޖަހައިގެން ލޯބިވެރިޔާއާއި ބައްދަލު ކުރަންދާ މީހުން ވަރަށް ގިނަކަމަށްވެސް ވެއެވެ. މިއީ ލޯބިވެރިންގެ "ސިގްނެޗަރ" ސެންޓުގެ ގޮތުގައި ފާހަނގަކުރެވޭ ސެންޓެއްވެސްމެއެވެ.
"މިސް ޑިއޯ އުޑި ޕާރފިއުމް"
މިސެންޓަކީ ލިލީ އަދި ފިނިފެންމަލުގެ ވަހާއެކުވެފައިވާ ވަރަށް މީރުވަސްދުވާ ވަރަށް ގިނައިރު ވަސް ހުންނަ ސެންޓެކެވެ. "ފްލޯރަލް"ގެ ވަހަށް ލޯބިކުރާ މީހުންގެ މެދުގައި އެންމެ މަޝްހޫރު އެއް ސެންޓެވެ. "ޑިއޯ" ބްރޭންޑް ސެންޓަށް ލޯބިކުރާ މީހުންނަށް މިސެންޓަކީ ދެވަނައެއް ނެތްފަދަ މީރުވަސްދުވާ ސެންޓެކެވެ.
"ވިކްޓޯ އެންޑް ރަލްފް"
މިސެންޓަކީ އެންމެ މަޤްބޫލު އެއް ސެންޓުގެ ގޮތުން އެވާރޑް ލިބިފައިވާ ސެންޓެކެވެ. ހުވަނދުމަލުގެ ނަލަ ނަލަ މީރުވަހާއި ފިނިފެންމަލުގެ މީރުވަސް އެކުލެވި އަދި ވެނީލާގެ މިންވަރެއް އެކުލަވާލެވިފައިވާ މިސެންޓަކީ ވަރަށް "ރިޗް ސްމެލް" އެއްގެ ގޮތުގައި މަޤުބޫލުވެފައިވާ ސެންޓެކެވެ.
"އީވް ސަން ލައުރަން ލިބްރޭ އުޑި ޕާރފިއުމް"
އަންހެން ބޭފުޅަކަށް އައު ސެންޓެއް ގަންނަންދާނަމަ މިސެންޓުގެ ތަޖުރިބާކޮށްލުން ވަރަށް ރަނގަޅު ކަމަށް ފެނެއެވެ. އަލަށް ނިކުތް ސެންޓުތަކުގެ ތެރޭގައި މިސެންޓުގެ ވަސް ޖެހުމުން "އޯމައި ގޯޑް" "ވާވް" އޭ ބުނެނުލާ އަންހެނަކު މަދުވާނެއެވެ. މޮރޮކޮން އޮރެންޖުގެ އާދަޔާ ޚިލާފުގެ މީރުވަހާއި ވެނީލާގެ މިންވަރެއް އެކުލެވި އަދި ލެވެންޑާގެ މީރުވަހުން މީހުންގެ ހިތްދަމައިގަންނަ މިވަހަކީ ހަމަ ގައިމުވެސް އާދަޔާ ޚިލާފު ވަހެކެވެ.
"ގްޗީ ފްލޯރާ ގޯޖަސް ގާރޑެނިއާ އުޑި ޑީ ޕާރފިއުމް"
މިސެންޓުގެ ނަން ބުނެލުމުން ކޮންމެ މީހެއްގެ ޚިޔާލަށްވެސް އަންނަނީ " ޖޫސީ އަދި ފްލޯރަލް" ގެ މީރުވަހެވެ. މިސެންޓުގެ ސަބަބުން އަންހެނުންނަށް ވަރަށް "ޕޮޒިޓިވް އެނާރޖީ" އެއް ގެނެސްދެއެވެ.
"ޖޮމަލޯނީ ލަންޑަން އާލް ގްރޭ އެންޑް ކިއުކަންބާ"
"އާލްގްރޭ އެންޑް ކިއުކަންބާގެ މީރުވަސް އެކުލެވިގެންވާ މިސެންޓަކީ މިހާރަކަށް އައިސް އަންހެންވެރިންގެ ތެރޭގައި ވަރަށް މަޤުބޫލު ސެންޓެކެވެ.
ފިރިހެން ބޭފުޅުންގެ ތެރޭގައި އާދަޔާ ޚިލާފު މަޝްހޫރު ސެންޓުތަކަށް ބަލާލާއިރު ދެން ހިމަނާލާނީ ތަޖުރިބާ ކޮށްލަން މުހިންމު ސެންޓުތަކެކެވެ.
"ޑިއޯ ސްވަޖް"
މިސެންޓަކީ ކަނބަލުންގެ ހިތްތަކުގެ ޖާދޫއޭ ބުނާ ސެންޓެކެވެ. މިސެންޓު ޖަހައިގެން ހިނގައްޖެނަމަ ލޯބިވެރިޔާގެ ހިތް އަތުލަން ވަރަށް ފަސޭހަވާނެ ކަމަށްވެސް ބުނެއެވެ. މިސެންޓަކީ ސެލެބްރިޓީންގެ ތެރޭގައިވެސް އެންމެ މަޝްހޫރު އެއް ސެންޓެވެ. "ވުޑީ ސްމެލް"ގެ މީރުވަހުން ހިތްތަކުން ޖާގަ ހޯދައިދިނުމުގެ އެންމެ ކުރީގައި އުޅޭ ސެންޓެއްވެސްމެއެވެ.
" އީވް ސަން ލައުރަން ލިބްރޭ ލަ ނުއިޓް ދި ހޯމީ އުޑީ ދި ޓޮއިލެޓް"
މިސެންޓަކީ މީހުންގެ ސަމާލުކަން ހޯދުމަށް ބޭނުންކުރަން ވަރަށް ކަމުދާ ސެންޓެކެވެ. "ސްޕައިސީ ކާރޑަމަން" އަދި "ބާގަރމޯޓް"، ލެވެންޑާގެ މީރުވަސް އެކުލެވިގެންވާ މިސެންޓަކީ ފިރިހެނުންގެ ތެރޭގައި ވަރަށް މަޝްހޫރު ސެންޓެކެވެ.
"ޑޭވިޑް އޮފް ޗެމްޕިއަން ސްޕްރޭ"
"ފްރެޝް" ވަހެއް ހުންނަ މީރުވަސްދުވާ ސެންޓެއް ޚިޔާރުކުރަން ބޭނުންނަމަ މިސެންޓުގެ އަޖުމަ ބަލާލުން ރަނގަޅެވެ.
"ބުލޫ ޑި ޗެނަލް"
މިސެންޓަކީ ފިރިހެން ބޭފުޅުންގެ ތެރޭގައި އަބަދުވެސް ވަރަށް މަޤުބޫލުކަން ލިބިފައިވާ ސެންޓެކެވެ. ކުރިއެކޭ އެއްގޮތަށް މިހާރުވެސް މިސެންޓަކީ ހަމަ ވަރަށް ގިނަ ބަޔަކު ގަޔާވާ ސެންޓެކެވެ. އާ ވައްތަރުތައް ނުކުތަކަސް މިސެންޓް ބޭނުންކުރާ ބައެއް ފަރާތްތަކުން ބުނަނީ މީގެ ވަހަކީ ދެގޮތެއްނުވާ ވަހެއްކަމަށެވެ. "ލެމަން، މިންޓް، ޕިންކް ޕެޕަރ އަދި ގްރޭޕް ފުރުޓް"ގެ މި ހިތްގައިމު ވަހަކީ ވަރަށް ފިރިހެނުންނާއި ގުޅޭ ފިރިހެންވަންތަކަން ދައްކުވައިދޭ ސެންޓެކެވެ.