އިންސާނުން ދުނިޔެއަށް ފޮނުއްވާފައިވަނީ ވަކި ވަގުތަކަށެވެ. އެ މީހެއްގެ ވަގުތު ހަމަވުމުން ދުނިޔެ ދޫކޮށް ދާންޖެހެއެވެ. ދެން ކުރިމަތިލާން ޖެހެނީ އާޚިރަތުގެ މަންޒިލާއެވެ. ދުނިޔެއަކީ އާޚިރަތުގެ މަންޒިލު ކާމިޔާބު ކުރުމަށްޓަކައި މަސައްކަތްކުރާ ގޮވެއްޗެވެ. ދުނިޔެއަކީ ޢަމަލު ކުރުމުގެ މަންޒިލެވެ. އާޚިރަތް ދުވަހުން އެ ކުރި ޢަމަލުގެ ޖަޒާ ދެއްވާނެތެވެ. ރަނގަޅު ގޮތުގައި ދުނިޔޭގައި ދުވަސްތައް ހޭދަ ކުރި މީހާއަށް އުފާވެރިކަން ހުއްޓެވެ. އަދި މާތްﷲ އަށް އުރެދުމުގައި ދުނިޔޭގެ ދުވަސްތައް ހޭދަކުރި މީހާ އެދުވަހުން ހިތާމަކުރާނެތެވެ. ދުނިޔޭގައި ތިމާ ހޭދަކުރާ މުއްދަތު ހަމަވުމުން، އެމީހެއްގެ ފުރާނަ ހިތްޕެވެއެވެ. އަދި ފުރާނަ ދިއުމުން ކޮންމެ އިންސާނަކުވެސް ކައްވަޅަށް ލެވެއެވެ. ކައްވަޅަކީ ޤިޔާމަތް ދުވަހާ ބައްދަލު ކުރުމުގެ ފުރަތަމަ މަންޒިލެވެ. އެބަހީ ދުނިޔޭގެ ޙަޔާތް ނިމި އާޚިރަތުގެ ޙަޔާތާއި ބައްދަލު ކުރުމާ ހަމައަށް އެމީހަކު އޮންނާނީ ކައްވަޅުގައެވެ.
ކައްވަޅުގައި އޮންނައިރު ދުނިޔޭގައި ތިމާ ކުރި ޢަމަލުތަކުގެ އިޙްސާސު ކުރެވޭނެއެވެ. ދުނިޔޭގައި ރަނގަޅު ގޮތުގައި ހޭދަކުރި މީހުންނަށް އެކަމުގެ ޘަވާބާއި ދަރުމަ ލިބޭނެއެވެ. އަދި ދުނިޔެމަތީގައި ނުބައި ޢަމަލު ކުރި މީހުންނަށް އެކަމުގެ ޢަޛާބުވެސް ލިބޭނެއެވެ. އަދި ކައްވަޅުގެ ޢަޛާބުން މިންޖުވެއްޖެ މީހާ، އާޚިރަތް ކާމިޔާބު ކޮށްފިއެވެ. އަދި ކައްވަޅުގެ ޢަޛާބުން މިންޖުނުވި މީހާ، އާޚިރަތް ދުވަސް އެއަށްވުރެ ދަތި އުނދަގޫ ދުވަހަކަށް ވެގެން ދެއެވެ. މިކަން ޘާބިތުކޮށްދެނީ ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްބަސްފުޅުންނެވެ. ޢުޘްމާން ބުން ޢައްފާން ޤަބުރެއްގެ ކައިރީގައި މަޑުކުރައްވައިފިނަމަ، އެކަލޭގެފާނުގެ ތުނބުޅިފުޅު ތެމެންދެން ކީރިތި ކުރައްވަތެވެ. އެހިނދު އެކަލޭގެފާނާއި ސުވާލު ދެންނެވުނެވެ. ސުވަރުގެއާއި ނަރަކައިގެ ވާހަކަ ބަޔާންކޮށްދެވުމުން ކަލޭގެފާނު ކީރިތި ނުކުރައްވައެވެ. ނަމަވެސް މިތަނުގައި ކަލޭގެފާނު ކީރިތި ކުރައްވަތެވެ. އެހިނދު އެކަލޭގެފާނު ދެންނެވިއެވެ. ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "ކައްވަޅަކީ އާޚިރަތުގެ ފުރަތަމަ މަންޒިލެވެ. އެ ތަނުން (އެބަހީ: ކައްވަޅުގެ ޢަޛާބުން) ނަޖާވެއްޖެ މީހާއަށް އެއަށްފަހު އަންނަ ކަންތައް (އެބަހީ: ޤިޔާމަތްދުވަހުގެ ކަންތައްތައް) ފަސޭހަވެގެންދެއެވެ. އަދި އެތަނުން ނަޖާނުވި މީހާއަށް އެއަށްފަހު އަންނަ ކަންތައް އުނދަގޫވެގެންދެއެވެ. (ތިރްމިޛީ 2308، އިބްނު މާޖާ 4267).
އިންސާނާ ދުނިޔެވީ ހަޔާތުން ވަކިވެ އުޚްރަވީ ޙަޔާތާއި ބައްދަލުކުރާ ހިނދު މަލާއިކަތް ބޭކަލުންތަކެއް އުޑުން ފައިބާވަޑައިގަންނަވާނެއެވެ. އަދި އެމީހެއްގެ ފުރާނަ ހިތްޕެވުމަށްފަހު އުޑާއި ހަމައަށް އެ މީހެއްގެ ފުރާނަ ގެންދަވާނެތެވެ. އަދި އެއަށްފަހު އޭނާ ބިމަށް އެނބުރި ރުޖޫޢަކުރެއްވޭހުއްޓެވެ. އަދި އޭނާގެ ހަށިގަނޑަށް އޭނާގެ ފުރާނަ ރުޖޫޢަކުރެއްވޭހުއްޓެވެ. އޭނާގެ ފުރާނަ އެޅުއްވުމުން ކައްވަޅުގެ އަނދިރިކަން އޭނާއަށް ފެންނާނެތެވެ. އެ ބިރުވެރި ވަގުތެވެ. އެ އަދިރިކަމެވެ. އެކަނިވެރިކަމެވެ. އެކަނިމާއެކަނި ބިރުވެރިކަމުގައި އެތަނުން ތެދުވަން މަސައްކަތް ކުރާނެއެވެ. ނަމަވެސް އެ ދުވަހުން އެތަނުން ތެދުވެގެން ނުވެއް ދެވޭނެއެވެ. އެހީތެރިވާނެ މީހަކު ނާއްނާނެއެވެ. ހަމައެކަނި ތިބާއާއި ތިބާކުރި ޢަމަލެވެ. ދެން އޭނާގެ ކައިރިޔަށް ގަދަ ހަޅޭކުގެ ވެރި ދެމަލާއިކަތުން ވަޑައިގަންނަވާނެއެވެ. އަދި އޭގެ ދެބޭކަލުން އޭނާއަށް ބާރަށް ގޮވާލައްވަވާނެއެވެ. އަދި އޭނާ ބައިންދަވާނެއެވެ. ދެން އޭނާއަށް (ސުވާލުކޮށް) ވިދާޅުވާނެއެވެ. ކަލޭގެ ރައްބަކީ ކާކުހެއްޔެވެ؟ ކަލޭގެ ދީނަކީ ކޮބައިހެއްޔެވެ؟ ކަލޭމެންގެ ތެރެއަށް ފޮނުވުނު ބޭކަލަކީ ކޮބައިހެއްޔެވެ؟
ސުވާލު ޕޭޕަރު އޮތީ ލިބިފައެވެ. ކުރެވެނީ އެންމެ ތިން ސުވާލެވެ. ސުވާލަށް ތައްޔާރުވުމުގެ ގޮވެއްޗަކީ ދުނިޔޭގެ ޙަޔާތެވެ. އަހަރެމެންނަށް ދުނިޔަވީ ޙަޔާތުގައި ހަދާ ޓެސްޓު ޕޭޕަރު ލިބެނީ އިމްތިޙާނު ހޯލުގައެވެ. އަންނަނީ ކޮން ސުވާލެއްކަމެއް ނޭނގެއެވެ. ނަމަވެސް ބުރަ މަސައްކަތާއިއެކުވެސް އެޕޭޕަރަށް ތައްޔާރުވެއެވެ. އަންނާނެ ސުވާލުތައް އެނގޭނަމަ، ކޮންމެ ކުއްޖަކުވެސް ފާސްވާނެއެވެ. އެންމެ ނުކިޔަވައި އުޅޭ ކުއްޖާވެސް ޕޭޕަރުގައި އަންނަ ސުވާލު އެނގޭތީ އެސުވާލުތަކަށް ތައްޔާރުވާނެއެވެ. ނަމަވެސް، ހިތާމައަކީ އުޚްރަވީ ޙަޔާތުގައި ލިބޭ ނަތީޖާ ބިނާވެފައިވާ ސުވާލުތައް އެނގޭއިރުވެސް ތައްޔާރު ނުވެވޭކަމެވެ.
އަހަރެމެން ހިތަށް އަރާނީ، އެއީ ވަރަށް ފަސޭހަ ތިން ސުވާލެވެ. މުސްލިމަކަށް ވީތީ، ރައްބަކީ މާތްﷲކަމާއި ރަސޫލަކީ މުޙައްމަދުގެފާނުކަމާއި، އަދި ދީނަކީ އިސްލާމްދީންކަން ޖަވާބު ދެވޭނެކަމަށެވެ. އެއީ އެހެން އޮތްކަމެއް ނޫނެވެ. ކޮންމެ މުސްލިމަކަށް އެ ސުވާލަށް ޖަވާބެއް ނުދެވޭނެއެވެ. އެ ސުވާލުތަކަށް ޖަވާބު ދެވޭނީ ދުނިޔޭގެ ޙަޔާތުގައި މާތްﷲއަށް އީމާންވެ، ހެޔޮ ޢަމަލު ކުރުމުގައި ޙަޔާތް ވެއިތު ކުރި މީހުންނަށެވެ. މާތްﷲގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކޮށް ކީރިތި މާތް ނަބިއްޔާصلى الله عليه وسلمއަށް ތަބަޢުވީ މީހުންނަށް މަލާއިކަތް ބޭކަލުންގެ ސުވާލުތަކަށް ޖަވާބު ދިނުން ފަސޭހަކޮށްދެއްވައެވެ. ޖަވާބު ދިނުމުގައި ޘާބިތުކަން ދެއްވައެވެ. މާތް ﷲ ރުއްސުންލެއްވި އަލްބައްރާއު ބިން ޢާޒިބް ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (يُثَبِّتُ اللَّـهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ) "ސޫރަތު އިބްރާހީމްގެ 27 ވަނަ އާޔަތް"، މިއާޔަތުގެ މާނައަކީ: "ދުނިޔޭގެ حياة ގައްޔާއި، آخرة ގައި ސާބިތުވެގެންވާ (حق) ބަހުން إيمان ވި މީހުންނަށް، اللَّه ސާބިތުކަން ދެއްވަތެވެ". މިއާޔަތް ބާވާލެއްވުނީ ކައްވަޅުގެ ޢަޛާބާއި ބެހޭ ގޮތުންނެވެ. ގަބުރުގައި އޮންނަ މީހާ އާއި ސުވާލު ކުރެވޭނެއެވެ. "ކަލޭގެ ރައްބަކީ ކާކު ހެއްޔެވެ؟"، އެހިނދު މުއިމިނުން ޖަވާބުގައި ބުނާނެއެވެ. އަހަރެންގެ ރައްބަކީ ﷲ އެވެ. އަދި ނަބިއްޔަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. މިގޮތުން އީމާންވީ މީހުންނަށް ﷲ ޘާބިތުކަން ދެއްވާނެއެވެ. އަދި ކައްވަޅުގައި އެމީހަކު ހޭދަކުރާނީ އުފާވެރިކަމާއި ހިތްހަމަ ޖެހުމުގައެވެ. ޤިޔާމަތާއި ޖެހެންދެން އަރާމުކޮށް ނިދާފައި އޮއްނަ މީހެއް ފަދައިންނެވެ. ސުވަރުގޭގެ މީރުވަހާއި ރަހަ އިޙްސާސުކުރާ ހާލުގައެވެ. މުއުމިނު އަޅާއަށް އިޙްސާސްވާނީ އޭނާ ކައްވަޅުގައި ހޭދަކުރީ ވަރަށް ކުރު މުއްދަތަކަށްކަމަށެވެ. އަދި އެމީހަކަށް ކައްވަޅަކީ އަލިތަނެއްކަމުގައިވެއެވެ.
މާތްﷲ އަށް އީމާންނުވި މީހުންނާއި އިސްލާމްވެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާ ނުކުރި ފާފަވެރިންނަށް އެދުވަހުން ޘާބިތުކަމެއް ނުދެއްވައެވެ. ވީމާ، ތިބާ އެ ތިން ސުވާލަށް ޖަވާބު ދޭން ބޭނުމިއްޔާ ހިތުގެ އިޚްލާޞްތެރިކަމާއިއެކު މާތްﷲ އެއްކައުވަންތަކުރާށެވެ. އެކަމަށް ދުލުން އިޤްރާރުވާށެވެ. އަދި ޢަމަލުން އީމާންވާކަން ދައްކާށެވެ. އެކަލާނގެ ފޮނުއްވި ނަބިއްޔާއަށް ތަބަޢުވާށެވެ. އެކަލޭގެފާނު ގެންނެވި ކޮންމެ ކަމެއްގައި ހިފާށެވެ. އެކަލޭގެފާނު މަނާކުރެއްވި ކަންކަން ދޫކޮށްލާށެވެ. ފުރިހަމަ މުސްލިމަކަށްވާށެވެ. ކައްވަޅުގައި ޘާބިތުކަން ދެއްވުމަށް ގިނަގިނައިން ދުޢާ ކުރާށެވެ. " އޭ އަޅަމެންގެ ރަސްކަލާކޯއެވެ! ދެ މަލާއިކަތްބޭކަލުން ސުވާލު ކުރައްވާހިނދު މި އަޅާއަށް ޘާބިތުކަން ދެއްވާންދޭވެ!".