November 23, 2024 01:50
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އަވަލައިގެން އައި ކަޅުކުކުޅު

ޖިންނި އަވަލުމަކި ވަރަށްކުރީއްސުރެ ވަމުންއަންނަ ކަމެއްކަމުގައި ގަބޫލުކުރެވި އެތަކެއް ތަފާތު މީހުން އެކިގޮތަށް އެފަދަ ވާހަކަތައް ކިޔައިދެމުން އަންނަ އަދި މިހާރުވެސް އެފަދަ ވާހަކަތައް ދެކެވޭ ކަމެކެވެ. މިފަދަ އަވަލުން އެކިފަހަރު އެކި މީހުންނަށް ދިމާވެފައި ހުރިކަމަށް ކިޔައިދެނީ ވެސް ތަފާތު ގޮތްގޮތަށެވެ. ކުރެވޭ ކަމެއްގެ ސަބަބުން އެފަދަ އެއްޗަކަށް ކޮންމެވެސް ގޯނާއެއްވެ އަޅައިގަންނަނީކަމުގައި ބުނެވޭލެއް ތަންކޮޅެއް ގިނަކަމުގައި ފެނެއެވެ. އަނެއްބަޔަކު ބުނެދޭގޮތުގައި އެއީ އެއެއްޗެތީގެ ތެރޭގައިވެސް ހިފިނުހުރެގެން އުޅޭ ހަމައެއްލަމައެއް ނުގެންގުޅޭ އެއްޗެތިއުޅޭތީ އެފަދަތަކެތި ހަމަ އެއްވެސް ކަމަކާއިނުލައިވެސް އަޅައިގަނެގެން އުނދަގޫކުރަން ފަށައެވެ. މިފަދަ އެއް ވާހަކައަކީ ޢަބުދުލްކަރީމް ކިޔައިދިން މިވާހަކައެވެ.

" އަހަންނަކީ ވަރަށްބޮޑަށް މަސްކެޔޮޅުކަން ކުރާހިތްވާ މީހެއް. އޮފީސް ނިންމާލާފަ ހަވީރު ކެޔޮޅުކަމު ދިއުމަކީ އޭރު އާދަވެފައި އޮތްކަމެއް. ދެންވީގޮތަކީ ހަވީރު އެމީހުން ފުރާގަޑިޔަށް އޮފީހުން ނުނިމެން ފެށީ. ނިމޭއިރު އެމީހުން ފުރައިގެން ހިނގައިދާނެ. ދެން ވަރަށް ދެރަވެއްޖެ އެކަމާ. އެހެންވީމާ ހިތަށްއެރީ ދެން އެމީހުންނާއި އެކު ނުދެވޭ ދުވަސްދުވަހު އެރޭ ރޭގަނޑު ތޮށިގަނޑުމައްޗަށް ދާނީއޭ ނަނު އެއްލަން. ދެން ދާން ފަށައިފިން. ހެންވޭރުކޮޅު އެތާ އޭރު އޮންނާނެ އެއްކަނަކަށް ނެރެލާފަ އޮންނަ ތަނެއް ކަނޑާއިހަމަޔަށް. ދަނީ އެތަނަށް. ފުދޭވަރަކަށް ބޭނޭ ހަންޖާއި ރަތްމަހާއި ފިލޮޅު ކަހަލަ އެއްޗެތި. އެހެންވެ މަށަށްމާ ރަނގަޅުވެއްޖެ މިގޮތަށް ތޮށިގަނޑުމަތިން ނަނު އެއްލުން. މާމަޖާވެއްޖެ ކެއޮޅުކަމު ދޯނީގައި ދިއުމަށް ވުރެ. ދެން ދަނީ ރޭގަނޑު ތޮށިގަނޑުމައްޗަށް.

އެއްރެއަކު ވައިގަދަވެ ވިއްސާރަވެފައި އޮތީމަ އެތާ ކަނުގައި ކެއްވާވަރެއް ނުވި. ދެން އައީ އެތަން ދޫކޮށްލާފަ އެއްގަމު ތޮށިގަނޑަށް. އައިސް އެތާހުރެގެން ނަނު އުކީ. އެއިރު ވަރަށް ދަންވެސް ވެއްޖެ. އެއިރަކު އެހާދަންވީމަ ދެންނޫޅޭނެ ގިނަމީހުންނެއް. ވަރަށްމަދުން މީހަކު އެހިސާބަށް އަންނާނީވެސް. ދެން މިބުނާރޭ ވީގޮތަކީ އެއްފަހަރަކު ނަނު އެއްލަންވެގެން އަތަށްކަހާފަ އެންގަނޑާއިއެކު ބުޅީގަ ގައުބުރިއެއްވެސް އަޅުވާފަ ބޯމަތީގައި އަނބުރާފަ މިހޫރާލީ. އަހަރެން ހިތުން ވަރަށް ދުރަށް މިއެއްލީ. އެކަމަކު ވީގޮތަކީ ނަނުގެ ބާކީ އޮތްބައިގެ ތަންކޮޅަކަށް ފައިންއެރިފަ ހުރީމަ އެހިސާބުން ވާންޖެހުނީމަ ޖެހުނުލަކީގައި އެންގަނޑު އައީ މަގޭ ބޯމަތިންލާފަ ފުރަގަހަށް. ގޮސްދެން ކޮންމެވެސް ޗަސްލާފަ ޖެހުނު އަޑުއިވުނު. މަގޭގާތަށް އައީ ހިނި. އެއްލުނު މޮޅުކަން ހިތަށް އަރާފަ އަމިއްލައަށް ހެވުނީ. ދެންގޮސް ހޯދިއިރު އެންގަނޑުއޮތީ އެތާ މަގުގެ އަނެއްފަރާތުގައި ހުރި ގަހެއްގެތެރޭގަ. އެއީ މަހެއްގެ ފަހުކޮޅުގެ ރެއެއް. ހަނދެއްވެސް ނެތް. ބަނަކޮށް އޮތީ. އެހެންވީމަ ވަރަށް އަނދިރިއޭ ބުނެވޭނީ. އެންގަނޑު ނަގައިގެން އައިސް ރަނގަޅުކޮށްލާފަ އަލުން ގައުބުރިއެއްވެސް އަޅުވާފަ ހޫރާލައިފިން. އެފަހަރުދިޔަ ވަރަށް ދުރަށް.

Advertisement

ކުޑަކޮށް އަތް ސާފުކޮށްލާފަ އެނބުރިލީއިރު އަނހަ! ތޮށިގަނޑުމަތީގަ ހަމަ އެދިމާލުގަ މިއިނީ ކަޅުކުލައިގެ ކުކުޅެއް. މަބުނެފިން. ކަލޯ ކޮންވަޑާމެއްހޭ ގަހުގަ ނިދަން ނީނދެވިގެން މިތަނަކަށް ތިއައީ. ދާން އުޅޭށޭ ކިޔާފައި އަތްހޫރާލައިފިން. ހޫރާލީމަ ތަންކޮޅެއް ދުރަށް ޖެހިލި. އެކަމަކު ދާކަށް ނޫޅުނު. ތޮށިގަނޑުމަތީގަ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހަމަ އެބައިނދޭ. އަހަރެން ނަނު ދަމަން ވެގެން ތޮށިގަނޑާއި ގާތަށްޖެހުނީމަ ތަންކޮޅެއް ދުރަށްޖެހިލާ. ދެން ނަނު ދަމައިފިން. ހިތަށްއަރައިފި ދެން މިރޭ މަހެއްވެސް ނުބޭނުނީއޭ. ވަރަށް ދަންވެސް ވެއްޖޭ، ގެއަށް ދާންވީއޭ. އެއިރުވެސް ދޭތެރެއަކުން އެ ކުކުޅާއި ވާހަކަވެސް ދައްކަން. ކުޑަކޮށްވެސް ބިރެއް ނުގަނޭ. އެއްވެސް އެއްޗެއް ހިތަކަށްވެސް ނާރާ.

ދެން ނަނު އޮޅައިގެން ގެއަށް ދާން ހިނގައިގަތީ. ހަމަ ހިނގައިގަތީމަ އެއްކަލަ ކުކުޅުވެސް އެއަންނަން ފެށީ މަށާއެކު އެއްވަރަކަށްހެން ތޮށިގަނޑުމަތިން. މަބުނެފިން. އޭ ދެން މަމިދަނީ ގެޔަށޭ. ކަލޭ ކީއްކުރަންހޭ މަގޭ ފަހަތުން މަށާއެކު ތިޔަ އަންނަނީ. އެއީ ދެންހަމަ މަޖަލަކަށް އެކަހަލަ އެއްޗެތި މިކީ. އައިސް މަޖީދީމަގުން އެއްގަމަށް އަރާ ހިސާބުން ހިތަށް އަރައިފި މީތި މިއިނީ މަގޭފަހަތުގައި އަޅުވާލާފައޭ. އެހެންވީމާ ފަހައިގަނެގެން މިކުކުޅު ދުރަށް ފައްސާލާފައޭ އެއްގަމަށް އަރާނީ. އެހެންހިތާ ހިނގައިގެންފިން އެ ކުކުޅާދިމާލަށް. ބަލަ ނުދޭ ދުރަކަށްވެސް. ހުއްޓި އިނީ ތޮށިގަނޑު މަތީގަ. ގޮސް ތަންކޮޅެއް ކައިރިވެލާފަ އަތުގައިއޮތް ނަނުބައި ހޫރާލަމުން ބުނެފިން. މަގޭފަހަތުން އަންނާނެކަމެއް ނެތޭ. މިތަނުން ކޮންމެވެސް ގަހަކަށް އަރާ ނިދަން ދާން އުޅޭށޭ. ނަނު ހޫރާލީމަ ޖެހިލާ ތަންކޮޅެއް ދުރަށް. އެކަމަކު ދާކަށް ނޫޅުނު. އެއިރަކުވެސް ބިރެއް ނުގަނޭ. ދެން އެއްގަމަށް އަރައިފިން ބޮޑުމަގުން. ކުކުޅުވެސް އެޅީ ހަމަ އެމަގަށް. އެކަމަކު އަންނަނީ އަނެއް ފަރާތުން. މަށަށްވުރެ ތަންކޮޅެއް ކުރީގަ އޮވެގެން އޭތި މިދަނީ. ތަންކޮޅަކަށް އައިތަނާ ފެނިއްޖެ ކުރިމަތިން އަންނަ މީހަކު. އައިސް ކައިރިވީއިރު އެއީ އަހަރެން ދަންނަވެސް މީހެއް. ދެން އެމީހާ ގާތު އަހައިފިން އަތިރިއަށްތޯ ތިޔަދަނީ. އޭނަ ބުނި. އާނއެކޭ! މިރޭ ކެވުނުލެއް ގިނަކަމުން ބޭރުކުރަން މަޖުބޫރުވެގެންނޭ މިދަނީ. ދެން އޭނަ އެހީ މަހެއް ނުބޭނޭދޯއޭ މިރެޔަކު. މަބުނެފިން އާނއެކޭ! މިރޭ ގަނދަކަމުން ލޮނުގަނޑު ހަލުވާލާފަ ހުރީމަހެންނޭ ހީވަނީ. ހަމަ އެކަތިވެސް ނުގަތޭ. ބުނެފަ އަހަރެން އުޅުނީ އޭނަގާތު ކުކުޅުގެ ވާހަކަ ބުނަން ކަމަށް. އެހެން ހީކޮށްފަ ކުކުޅު ކޮބައިތޯ ބަލައިލިއިރަކު ނެތް ފެންނާކަށް. ދެން އެވާހަކައެއް ނުބުނަން. ހަމަ އައިގޮތަށް އައީ ގެޔަށް.

ގޭގެ ދޮރޯށި ކައިރީގަ ނަނުބައި ބާއްވާފަ މަތިން އަތްބާނައިގެން ދޮރޯށީގެ އެތެރެއިން އަޅުވާފަ ހުންނަ ތަންޑުދަނޑިގަނޑު ނައްޓާލައިގެން ދޮރޯށި ހުޅުވާލީ. ހުޅުވާލިއިރު ބަލަ! އެއްކަލަ ކުކުޅު މިއިނީ ގޯތިތެރޭގަ ގޭގެ ދޮރާއިކައިރީގަ. ދެން ޖެހިލުންވީ. ބިރުވެސް ހިތަށްވަދެއްޖެ. ކުއްލިއަކަށް ބުނެވިއްޖެ. ތީދެން ކޮންފަދަ ކަމެއްހޭ މަގޭފަހަތުން ގެޔާހަމައަށްވެސް ތިޔައައީ ކީއްކުރަންހޭ؟ އެހެންބުނެފަ ގޭދޮރާއިދިމާޔަށް ހިނގައިގެންފަ ހަނދާންވީ ނަނުބައިގެމަތިން. ދެން އަލުން ގޮސް މަގުމަތީގައި ބާއްވާފަ އޮތް ނަނުބައި ހިފައިގެން ވަދެ ބަލައިލިއިރަކު އެއްކަލަ ކުކުޅެއް ނެތް ފެންނާކަށް. ހިތަށްއެރި އެވެދާނެއޭ އެހެން ކުކުޅަކަށްވެސް.

ދެން ދޮރޯށިވެސް ލައްޕާ ތަންޑުގަނޑު ހުރަސްކޮށްފަ އައިސް ގެއަށްވަދެ ދޮރުލައްޕާހަދާފަ ގޮސް ގިފިއްޔަށް ވަނީ. ނަނުބައި ބާއްވަނީ ވަޅުން ފެންއަޅާ ލޮނުފިލުވާފަ އަބަދުވެސް. އެރޭވެސް ވަޅުދޮށަށް ގޮސް ދާނިން ފެންނަގައިގެން ނަނުބައި ފެންލާފަ ގެންގޮސް ބޭއްވީ. ބާއްވާފަ ތެދުވެ އެނބުރިލިއިރު ހީވީ އަނދިރި ހިޔަންޏެއް ގިފިލިތެރެއިން ނުކުތްހެން. ދެން އަނެއްކާވެސް ޝައްކުވެއްޖެ. ހިތަށްއަރައިފި އެއްކަލަ ކުކުޅުގެ ކަންތަކޭ މިއީ. ދެންދިޔައީ ގޭތެރެއިންލާފަ ގޮސް ގޭދޮރުމަތީގަ އެކުކުޅުއިންތޯ ބަލައިލެވުނީ. އެތެރޭގަ ހުރެގެން ދޮރުނުހުޅުވާ މިބަލައިލީ. ހަމަ ބަލައިލެވުނީ އެކުކުޅު އިންތަނަށް. ދެކޮޅަކަށް ހިނގާލަ ހިނގާލާ އިނީ. ދެންހަމަ ގޮތް ހުސްވެއްޖެ. ވަރަށް ބިރުގަނެއްޖެ. އެކަނި ހުންނަންވެސް ޖެހިލުންވީ.

މަޑުމަޑުންގޮސް ބޮޑުބެއަށް ގޮވާފަ ކިޔައިދީފިން ހުރިހާ ވާހަކައެއް. ބޮޑުބެ ހީގަތީ. ބޮޑުބެއަކީ މާމަޝްހޫރު މީހެއް ނޫން. އެކަމަކު ވަރަށް ހަރުދަނާ ރަށުގައިވެސް ބަސްވިކޭ މީހެއް. ބޮޑުބެ ބުނެފި. އަންނާށޭ ބުނެގެން ގޮވައިގެން އައިސްފަ ދެން މިހާރު ކޮންބިރެއްހޭ ތިޔަގަންނަނީ. އެޔާއި ވާހަކަދައްކާ މައްލަވަކޮށްހެދީމަ އޭތިވެސް އެއައީއޭ ކަލެއާއިއެކު. އެހެންބުނެފައި ތެދުވެގެން އައިސް ގޭތަޅަންމަތީގައި ހުރި އިލޮށިފަތިން އިލޮށްޓެއް ނަގައިގެން ދިޔައީ ދޮރުކައިރިޔަށް. ދެން ބޮޑުބެ އެކިޔެވި އެއްޗެއް ކިޔަވާފަ އިލޮށީގެ އެއްކޮޅުން އަނެއްކޮޅަށް މަތުރާފަ ބުނެފި، ބަލައިބަލާށޭ އޭތި އެބައިންތޯ؟ ބަލައިލިއިރު އެބައިން ހަމަ ކުރިންވެސް އިންތާނގަ ދެކޮޅަށް ހިނގާލަ ހިނގާލާ. ބޮޑުބެގާތު އެހެންބުނީމަ އެއްކަލަ އިލޮށީގެ ބުޑުކޮޅުގައި ހިފައިގެން ދޮރުކައިރިޔަށް ޖެހި ދޮރުހުޅުވާލާފަ ދުނިއެއްލާހެން އެއިލޮށިއެއްލީ އެ ކުކުޅާ ދިމާޔަށް. ޖެހުނުކަމެއް ނުޖެހޭކަމެއް ނޭނގޭ ދެފިޔަގަނޑު ތަޅައިގެންފަ އެއްކަލަ ފީކުކުޅު ލައްވާ އަޑުވެސްލައްވާފަ ދުއްވައިގަނެގެންގޮސް އުދުއްސައިގަނެގެން ގޭދޮރޯށިމަތިން ބޭރަށް ދިޔައީ. ބޮޑުބެ ބުނީ ގޮތްނޭނގޭ އެކަހަލަ އެއްޗިއްސާ އެގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ގިނަފަހަރަށް ލަނޑުލިބޭކަމެކޭ އެހެން ނުހަދާން. ދެން ގައިމު ހަނދާން ހުންނާނެއޭ"

މިކަހަލަ ވާހަކަތަކުންވެސް މިއެނގެނީ އަހަރެމެން ދިރިއުޅުމުގައި އެތަކެއް ތަފާތު އަޖައިބު ކަންތައްތަކާއި ދިމާވާކަމާއި އެފަދަ ކަންކަމުން ގެއްލުމެއްނުލިބި ސަލާމަތުން ތިބުމުގައި ކުރަންޖެހޭ އެތައްކަންތައްތަކެއް އެބަހުންނަކަމެވެ. ވިސްނާލާއިރު އަހަރެމެންގެ އިސްލާމްދީނުގައި ރައްކައުތެރިކަމުގެ ފިލާވަޅުތައް އެނގެން އެބަހުއްޓެވެ. އެފިލާވަޅުތައް ދަސްކޮށް އެއިން އަމަލުކުރެވޭ ބަޔަކު ކަމުގައި އަހަރެމެންނަށް ވެވެނިކޮށް މިހުރިހާ ބިރުވެރިކަމަކުން ސަލާމަތްވެވުނީ އެވެ.

 

ނޯޓް: މިއީ ކަނީރު އަބުދުއްރަހީމް ލިޔުއްވައިފައިވާ ވާހަކައެކެވެ. އަސްލު ނުގެއްލޭގޮތަށް ކުދިކުދި ބަދަލުގެނެވިފައިވާނެއެވެ. 

+1
5
+1
2
+1
9
+1
7
+1
23
+1
3
+1
3

Advertisement

ގުޅުންހުރި ލިޔުންތައް