November 22, 2024 20:23
Advertisement

-Advertisement-

އެވޭލާ ހާދިސާ: ފެނުނު ބިރުވެރި އެއްޗަކުން ދިރިއުޅުން ވޭނީ ކަރުނައަށް

އަހަރެންނަކީ އެއްމާބަޑު ދެކުދިންގެ ތެރެއިން ދޮށީ ބޭބެއެވެ. ދެންހުރީ ކޮއްކޮ ސަލަމަތު އެވެ. އަހަރެންގެ ނަމަކީ މަހުދީ އެވެ. ކޮއްކޮ އަހަރެންނަށްވުރެ ދެ ގަޑިއިރު ހަނގެވެ. އުމުރަކީ ތޭރަ އަހަރެވެ. އިސްކޮޅުންވެސް އެއްވަރެވެ. ހެދި ބޮޑުވަމުން އަންނަނީވެސް އެއްވަރަކަށެވެ. ކުލައާއި މިޒާޖުވެސް އެއްގޮތެވެ. ހަމައެކަނި ތަފާތުވަނީ ޖިންސުގެ ގޮތުންނެވެ. މައިންބަފައިން އަހަރެމެންގެ ދެކުދިން ގެންގުޅެ ބޮޑުކުރަމުން އަންނަނީ ވަރަށް އޯގާތެރިކަމާއި ލޯތްބާއެކުގައެވެ. ތަނަވަސް ބަޔަކަށް ނުވިޔަސް ފޯރުންތެރިކަން ހުރިވަރަކުން އެމީހުންނަށްވީ އެންމެ ރަނގަޅަކަށެވެ. އެއްގޮތަކަށްވެސް އަހަރެމެންގެ ދެކުދިން ބޭރަށް ދިޔަކަނުދެއެވެ. ކުޅެންވެސް އުޅެނީ ގޯތިތެރޭގައި ދެކުދިން އެކަނިއެވެ. މަންމަމެން ހުއްދަ ދެއްވީ ގޯތިތެރޭގައި އުޅުމަށެވެ. ދޮރޯށިން ބޭރަށް ބޯދިއްކޮށްލެވެނީ ވެސް ވަރަށް މަދުފަހަރެއްގައެވެ.

މިގޮތަށް ދުވަސްތައް ވޭތުކުރަމުން ދަނިކޮށް ކޮއްކޮގެ ރައްޓެހި އަންހެންކުއްޖެއް ގެއަށް އައެވެ. އެއީ ބޮޑުދައިތަގެ ދަރިއެކެވެ. ވަރަށް  ލޯބިލޯބި ބާރަ އަހަރުގެ ކުއްޖެކެވެ. ނަމަކީ ހަފީޒާ އެވެ. ހަފީޒާއާއި ކޮއްކޮ ކުޅެންތިބޭއިރު އަހަރެން ހުންނަނީ ދުރުގައި ބަލަހައްޓައިގެންނެވެ. މަންމަގެ އެދުމުގެ މަތީން ބޮޑުދައިތަގެ ހުއްދައާއެކު ހަފީޒާ މިގޭގައި އުޅެންފަށައިފިއެވެ. ކޮންމެ ކާގަޑިއަކަށް އަހަރެމެންގެ ތިންކުދިން އަށިގަނޑުގެ ކައިރިއަށް ދަނީ އެކުގައެވެ. އަށިގަނޑުމަތީ ހުންނަނީ ފެނުކެއްކި ރަތްކެޔޮ، މަސްލޮނު ކާށިހުނިއެވެ. އެދުވަސްވަރު މިއީ ވަރަށް މީރު ކެއުމެކެވެ.

ކޮންމެ ހެނދުނަކު ކުކުޅު ބިހަށްވުރެ ބޮޑު ތިންބިސް އޮވެއެވެ. އެއްދުވަހަކު އަހަރެން އެހީމެވެ. މަންމާ! މިއީ ކޮންތާކުން ހޯދާ މާބޮޑު ބިހެއްތޯއެވެ. މަންމަ ނުބުނަން އުޅެފައި ވަރަށް ދެރަވެފަ ބުންޏެވެ. ދަރިފުޅު މަހުދީއެވެ. މިއީ ހަނދުވަރުދޭ ކޮންމެ ރެއަކު ފަތިހު މަގުމައްޗަށް އަސްދޫނި އަޅާ ބިހެވެ. ފަތިހު ގޮސް މަންމަ އެބިސް ނަގަމެވެ. އެގޮތުން ކޮންމެ ރެއަކު ދިހަ ބިސް ނަގަމެވެ. މީހުން ތެދުވުމުގެ ކުރިން ގެއަށް އަންނަމެވެ. އެއީ އެ އަސްދޫނި ތަކަކީ އެކިމީހުންގެ ދޫނި ތަކެކެވެ. މީހުންނަށް ފެނިދާނެތީ ބިސް ނަގައިގެން ސިއްރުން އައިސް ގެއަށް ވަންނަނީއެވެ. ތިންކުދިން ކޮންމެދުވަހަކު ތިކަނީ އެބިސްތަކެވެ. ދަރިފުޅާ ދެންމިވާހަކަ ގޭތެރޭގައި ނުދައްކާތި މީހުންނަށް އެނގިދާނެއެވެ. "ދަރިފުޅަށްވެސް އެނގޭނެ ގޮތުން މަންމަމެން މި އުޅެނީ ކިހާ ހާލެއްގައި. އެހެންވީމާ މިކަންވެސް ކުރެވެނީ" އެވެ.

Advertisement

މިރަށުގެ ހުރިހާމީހުންގެ ހާލަކީވެސް މިއީއެވެ. މީހަކު ބަލިވުމުން ބަތްޕެން ފޮދެއް ކައްކާލާނެ ހަނޑޫ ކޮޅެއްވެސް މިރަށުން ނުލިބޭނެއެވެ. ބައްޕަ ފަރުމަސް ބާނަން ގޮސްފަ ގެންނަ މަދު މަސްކޮޅާއި އަދި ރުއްރުއްދަށުން ހޮވައިގެން ގެންނަ ކާށިކޮޅާއި އަދި މަންމަ މިގެންނަ މިބިސް މިއީ ދަރިފުޅުމެންގެ އާންމު ކެއުމެވެ. މަންމަ މިހެން ބުނުއްވުމުން މަހުދީ ބުންޏެވެ. މަންމާ! އަހަރެންވެސް އަދި ކޮއްކޮވެސް މަންމަގެ ތިމަސައްކަތުގައި ބައިވެރި ކުރައްވާށެވެ. އެއިރުން ގިނަބިސް ވެސް ލިބޭނެ ނޫންތޯއެވެ. މަންމަ: މިއީ ހަނދުވަރުދޭ ރޭތަކުގައި ދަންވަރު ކުރާކަމެކެވެ. ދަރިފުޅުމެން ބިރުގަންނާނެއެވެ. މަހުދީ: މަންމަ ހުރީމާ ދެން ކޮންބިރެއްހެއްޔެވެ. މަންމަ: ދަރިފުޅުމެން މަޑުކުރާށެވެ. މިއީ ކަޅުފޮއި މޫސުމެވެ. ފަތިސް ހަނދުވަރަށް ވީމާ ދަރިފުޅުމެން ގެންދާނަމެވެ. މަހުދީ އަކީ ބޭރަށް ނުކުމެ އުޅޭ ކުއްޖަކަށް ނުވުމުން ރޭގަނޑު ނަމަވެސް ބޭރަށް ނުކުންނަން ފުރުސަތު ލިބެންއުޅޭތީ ވަރަށް ހިތްހަމަޖެހިގެން މަޑުކޮށްފިއެވެ. އަދި މިކަމުގެ ވާހަކަ ކޮއްކޮ ކައިރީގަ ވެސް ދައްކައިފިއެވެ. ކޮއްކޮވެސް ވަރަށް އުފާވިއެވެ.

ޖެހިގެން އައި މަހުގެ ބުދަވިލޭރޭ ފަތިހު ހާ ގޮވުގެ ކުރީން މަންމަ އެކުދިން ގޮވައިގެން ރަށުތެރޭ އެކި ގޭގޭގެ ފުޅައްބުޑުން ބިސްނަގަމުން ދަނިކޮށް މަހުދީ އޭނާގެ މަންމައަށް ވަރަށްބާރަށް ގޮވައިލިއެވެ. ވީކީއްކަމެއް ނޭނގިގެން މަންމަ މަހުދީގެ ކައިރިއަށް ޖެހިލައިފިއެވެ. މަހުދީ: މަންމަ ނިކަންބަލާލަބަލަ، ހަނދުގައި އެހެރީ ވަރަށް ބޮޑު "ހިބަރެކެވެ" (ހަނދަށް ދުނޫ އަޅާފައި) މަންމަ ބަލާލިއިރު އެހެރީ ހަމަ ދުނޫ އަޅާފައެވެ. ހިބަރުގެ ތުންގަނޑު ހުރީ މިތިން މީހުންނާއި ދިމާއަށެވެ. މަންމަ: ދަރިފުޅާ އަވަހަށް ގެއަށް ދަމާ ހިނގާށެވެ. ތިންމީހުން އެކުގައި ވަރަށް ބާރަށް ހިނގާފައި ގެއަށް ނުވަދެވިގެން އުޅެނިކޮށް ވަރަށް ބާރުގަދަ އަޑެއް އިވުމުން އެދިމާލަށް ބަލަހައްޓައިގެން މަންމައަށް ހުރެވިއްޖެއެވެ. އެވަގުތު ދެކުދިން ދުވެގޮސް ގެއަށް ވަދެ ދޮރުގެ ބާގަނޑަކުން މަންމަ އާދޭތޯ ބަލަންތިއްބާ ބައިގަޑިއިރުވަރު ވީއިރުވެސް މަންމައެއް ނައެވެ. ދެކުދިން ކަންބޮޑުވެއްޖެއެވެ. ސަލަމަތު ދުވެގޮސް ބައްޕައަށް ގޮވައި ހޭލައްވައިފިއެވެ. އަދި ބުންޏެވެ. ބޭރުން އަޑެއް އިވުނު ދިމާލަށް ބަލަހައްޓައިގެން މަންމަ ހުއްޓެވެ. ދެންވީގޮތެއް ނޭނގެއެވެ. ހީވަނީ އެއަޑު އައިސް މަންމަ ގެންދިޔައީހެންނެވެ.

މަހުދީ: ނޫން ބައްޕާ! ވީގޮތަކީ މައްމައާއެކު އަހަރެމެން ދެކުދިންވެސް ބިސް ނަގަން ދިޔައީމެވެ. އެވަގުތު އަހަންނަށް ފެނުނީ ހަނދުގެ ވަށައިގެން އަނެއް ހުއްޓާ! އެއަނުގެ ތެރޭ ބޮޑު ހިބަރެއް އަހަރެމެންނާ ދިމާލަށް ބަލަހައްޓައިގެން އޮތެވެ. ބައްޕަގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަދި ބުންޏެވެ. އަސްތަޢްފިރުﷲ މަންމަގެ ދުވަސް ތިދިޔައީއެވެ. ބައްޕަ އަވަހަށް ދޭބަލަ މަންމައަށް ވީގޮތެއް ބަލަން. ގިސްލަމުން ސަލަމަތު ބުނެލިއެވެ. އޭރު ހާ ގޮވާ އަލިވަނީއެވެ. ބައްޕަ ގޮސް ބަލާލިއިރު ގޭގެ ފުޅައްބުޑުގައި މަންމަ(ޒުލޭޚާ) ވެއްޓިފައި އޮތެވެ. ބައްޕަ(އާދަނު) ގޮވާގޮވާ ޒުލޭޚާ އަކަށް އަޑެއް ނުއިވުނެވެ. ކައިރިއަށްގޮސް އަތުގަ ހިފިތަނުން އެނގުނީ އޭނާ އޮތީ ވަރަށް ބޮޑަށް ހަރުވެފައިކަމެވެ. ލޯވެސް ވަނީ މެރިފައެވެ. ބައްޕަ ބުނުއްވީ ހަމަ ރަނގަޅަށެވެ. މަންމަގެ ދުވަސްދިޔައީއެވެ. ދެކުދިން ރޯންފެށިއެވެ. މަންމަ ނިޔާވީދޯ ބައްޕަ! އާނ! ދަރިފުޅާ މަންމަ ނިޔާވީ. ދުނިޔެމަތިން މަންމައަށް ކުރަންޖެހޭ ހުރިހާ ޚިދުމަތެއް ކުރުމަށް ފަހު މަންމަ ވަޅުލައިފިއެވެ. އަބަދަށްޓަކާ މަންމަ ގެއްލުނީއެވެ. ސަލަމަތު: ބައްޕާ! މަންމަ އެފޮނުވީ ކޮންތާކަށްތަ؟ މަންމަ އަދި އަންނާނެދޯ. ބައްޕަ: ނޫން ދަރިފުޅާ، މަންމަ އަބަދައްޓަކާ ގެއްލުނީއެވެ.

ދެކުދިންނާއެކު އާދަނު ގޭގައި އުޅެމުން ދަނިކޮށް އެއްރެއަކު ދަންވަރު މީހަކު ބައްޕައަށް ގޮވިއަޑު އިވިގެން ބޭރަށް ނުކުމެ ބަލާލިއިރު ނިޔާވި ޒުލޭޚާ(ކުދިންގެ މަންމަ) ގޭގެ ދޮރުމަތީ ހުއްޓެވެ. އާދަނުގެ މެއަށް ހީވީ ޚަންޖަރެއް ހަރާލިހެންނެވެ. އާދަނު ދުވެގޮސް ގެއަށް ވަނީއެވެ. ބިރުން ހުރި އާދަނު ތެޅިފޮޅެނީއެވެ. ގަދައަށް ހުންވެސް އައިސްފައެވެ. އާދަނު(ބައްޕަ) އަހަރެންނަށް ގޮވާލިއެވެ. މަހުދީ ދުވެފަ އައިއިރު ބައްޕަ ތެޅިފޮޅެނީއެވެ. ވީކީއްތޯ އަހާލުމުން ބައްޕަ ބުނުއްވީ ދަރިފުޅުގެ މަންމަ މިއިނީ ބައްޕަގެ މޭމަތީގައެވެ. މަންމަ މަރުވިތާ މިހާރު މިވީ ތިން އަހަރެވެ. އެކަމަކު މިރޭ މިއިނީ ބައްޕަގެ މޭމަތީގައެވެ. ބައްޕަ އަށް ނޭވާލާން އެބަ އުދަގޫވެއެވެ. އެއިރު ހާ ގޮވާން ކައިރިވަނީއެވެ. ދަރިފުޅު ހާގޮވީމާ މުދިން އަހުމަދު ގޮވައިގެން އަންނާށެވެ. ކޮއްކޮއަށް ގޮވާފައި ބައްޕަގެ ހާލު ބަލަން ބަހައްޓާފައި މުދިން އަހުމަދު ގޮވައިގެން އައިއިރު ބައްޕަވަނީ މަރުވެފައެވެ.

މަހުދީ، މުދިން އަހުމަދަށް މަންމަ އާއި ބައްޕައަށް ދިމާވި ހުރިހާ ވާހަކައެއް ކިޔާދިނުމުން މުދިން އަހުމަދު ބުންޏެވެ. ތިއީ ބޮޑު ޖައްބާރު ފުރޭތައެއްގެ ސަބަބުން ވީގޮތެކެވެ. މަންމަ މަރާލި ފުރޭތަ މަންމައަށް ހެދިގެން އައިސް ބައްޕަ ވެސް މަރާލީއެވެ. މުދިން އަހުމަދު ރަށުތެރެއިން މީހުން ގޮވައިގެން އައިސް ބައްޕަގެ ޖަނާޒާ ފުރިހަމަކޮށް ވަޅުލައިފިއެވެ. އޭގެ ފަހުގައި ގެއަށް އައި މަގުމަތީގައި މުދިން އަހުމަދު ބުނެލިއެވެ. ދަރިފުޅު މަހުދީއެވެ. ހަނދަށް ދުނޫ އަޅާފައި ހުއްޓާ ފެނުނު މީހަކު ދުވަހަކުވެސް ސަލާމަތެއް ނުވެއެވެ. ދެންމީހަކަށް ފަހު މީހަކު ދާނީ މަރުވަމުންނެވެ. މީގެފަހުގައި މަހުދީ އާއި ކޮއްކޮ އުޅެންވާނީ އަހުމަދުބެގެ ގޭގައެވެ. ތިގެ ހަމަ އެއްކޮށް ފަޅުވާނެއެވެ. މަހުދީ: ބުނެލިއެވެ. އަހުމަދުބޭ އެވެ. މަންމަގެ ހިތި ހަނދާނާއެކު އަނެއްކާވެސް ވޭނީ ކަރުނަތަކެވެ.

މިދެކުދިން އަހުމަދުބެމެން ގޭގައި އުޅޭތާ ފަސްއަހަރު ވެއްޖެއެވެ. އެއްދުވަހަކު މަހައްދޫ އަތިރިމަތީން ފެނުނު މީހަކާއި ވާހަކަ ދައްކަމުންގޮސް އަހުމަދު ގެއަށް އަތުވެއްޖެއެވެ. ދެމީހުން އުނދޯލީގައި ދުފަންތިއްބާ މަހުދީ އާއި ސަލަމަތު ބޭރަށް ނުކުތެވެ. އެމީހާ: އަހުމަދެވެ. މިއީ ކޮން ކުދިންނެއްތަ؟ އަހުމަދު: ތިއީ ޔަތީމް ދެކުދީން. އެކުދިންގެ މައިންބަފައިންނަށް ދިމާވި ހިތާމަވެރި ހާދިސާއެއްގައި ދެމީހުންވެސް މަރުވީ. އަހުމަދުގެ ކައިރީގައި އެވަގުތު އިން މީހާ އަކީ މަލިކު ހަސަންބެ އެވެ. ހަސަންބޭ ބުންޏެވެ. އެއީ ކޮން ހާދިސާއެއް ހެއްޔެވެ. އަހުމަދު ގޮވާލުމުން މަހުދީ އައިސް އެހާދިސާ ފެށުނީއްސުރެ ނިޔަލަށް މަލިކު ހަސަންބެ އަށް ކިޔާދިނެވެ. މިހާދިސާ މިހިސާބުން ނިމުނީއެވެ. ބުނެވޭގޮތުގައި މިހާދިސާ ހިނގާފައިވަނީ މީގެ ދުއިސައްތަ އަހަރުގެ ކުރީގައެވެ.

 

ނޯޓް: މިއީ މަލިކު ހަސަންބޭގެ ހުވަދޫ ދަތުރުގެ ދެވަނަ ހާދިސާ އެވެ.

+1
0
+1
5
+1
0
+1
1
+1
6
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް