ހުދުބަލި ނުވަތަ "ވިޓިލިގޯ" އަކީ ހަމުގައި ހުންނަ "މެލަނިން"ގެ މާއްދާއެއް ދަށްވުމުން ނުވަތަ ހުއްޓުމުގެ ސަބަބުން އުފެދޭ ހުދުކުލައިގެ ޕެޗުތަކެކެވެ. ފުރަތަމަ މަޑުމަޑުން ހަމުގެ ކުލަ ބަދަލުވަމުންގޮސް ގިނަ ދުވަސްވާ ވަރަކަށް މުޅި ހަށިގަނޑުގެ އެކި ހިސާބުތަކަށް ފެތުރެއެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގައިހެން ފެންނަ މިބައްޔަކީ އެކި މީހުންގެ މެދުގައި ދެކޭގޮތް ބަދަލުވަމުން އަންނަ ބައްޔެކެވެ. މީހުންގެ ހޭލުންތެރިކަން އިތުރުވަމުންދާ ވަރަކަށް މުޖުތަމަޢުގައި މިބަލި ޖެހިފައިވާ މީހުން ބަލައިގަންނަ މިންވަރުވެސް ވަނީ އިތުރުވެފައެވެ. ބައެއްފަހަރަށް މިކަހަލަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން މުޖުތަމައުތެރެއަށް ނިކުމެ އުޅެން ޖެހިލުންވެއެވެ. އަމިއްލަ ނަފްސާމެދު ދެރަވެ، ނަފްސާނީގޮތުން ބަލިކަށިވެގެންދާ މީހުންވެސް މަދެއް ނޫނެވެ.
އެމެރިކާގެ ލޫސިޔާނާއަށް އުފަން އުމުރުން 37 އަހަރުގެ ލޮމިކޮއެ ޖޯންސަން އަކީ އުމުރުން އެންމެ 25 އަހަރުން ފެށިގެން ހުދުބަލި ތަހައްމަލު ކުރަމުންދާ އަންހެނެކެވެ. ސުޕަރ މޮޑެލް އަދި ވިޔަފާރިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ލޮމިކޮއެ ބުނާގޮތުގައި ހުދުބަލި ޖެހިފައިވާ މީހުންނަކީ މުޖުތަމައުގައި ބާކީ ކުރަންޖެހޭފަދަ ބައެއް ނޫނެވެ. މީނާއަކީ ހަތަރު ކުދިންގެ މަންމަ އަދި 2 މާމަ ދަރިންނާއެކު އުފަލުގައި ދިރިއުޅެމުން އަންނަ މީހެކެވެ. ލޯބި ލޯބި ކުޑަކުޑަ އާއިލާއާއިއެކު މީހުންގެ ތެރެއަށް ނުކުމެއުޅެން ހިތްވަރު ލިބުނީ އޭނާގެ ފިރިމީހާ ޕިލިޕް އަދި އޭނާގެ ދަރިންގެ ފަރާތުންނެވެ. އެންމެ ފުރަތަމަ މީގެ 12 އަހަރު ކުރިން ހުދު ކުލައިގެ ޕެޗެއް ފެނުނީ ލޯކައިރިންނެވެ. ފުރަތަމަ ހީކުރީ ކެންސަރު ކަމަށެވެ. ފަހުން ގައިގެ އެކި ދިމަދިމާލުން މިބަލި ފެތުރެން ފެށުމުން ލޮމިކޮއެ ވަރަށް ބިރުގަތެވެ. 12 އަހަރުވަންދެން މޭކަޕުން ހުދުބަލި ފޮރުވައިގެން، އަތްދިގު ހެދުން ލައިގެން މީހުންގެ ތެރެއަށް ނުކުމެ އުޅުނީ މީހުން އޭނާއާއި ދޭތެރޭ ބިރުގަނެ ނޫނީ ބުލީ ކޮށްފާނެ ކަމަށް ހީކޮށެވެ. މިގޮތަށް މޭކަޕް ކުރުމަށް ދުވާލަކު 1 ގަޑި އިރަށްވުރެ ގިނަ ވަގުތު ކުރިން ހޭދަކުރިއެވެ. އެއީ ކުޑައިރުވެސް އޭނާގެ ހަމުގެ ކުލަ ކަޅުކަމުން މީހުންގެ ފަރާތުން ބުލީ ކުރުމާއި ކުރިމަތިލާން ޖެހިފައިވާތީއެވެ. އަނެއްކާވެސް އެހަނދާންތައް އާވުމުން ކުރީގައި އުޅުނުގޮތަށް އެކަންކަމާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރުއޮވެއެވެ.
މަގުމައްޗަށް ނުކުތުމުން މީހުން އޭނާއާއި ދިމާލަށް ބަލާ އަދި ކައިރިވާން ޖެހިލުންވެއެވެ. އަދި ބައެއް ފަހަރު ވަރަށް ހިތުގައި ޖެހޭ އެއްޗެހިވެސް ބުނެއުޅެއެވެ. މިހުރިހާ ކަމަކާއި ކުރިމަތިލަމުންވެސް ދިރިއުޅުމުގެ ހިތްވަރު ލިބުނީ އޭނާގެ ދަރިން ތިބި ކަމުންނެވެ. ދިރިއުޅުމުގެ ބޭނުމެއް ނެތްކަމަށާއި ބޭކާރު މީހެއްކަމަށް ހިތަށް އަރާފައިވެސް ދަރިންނަށްޓަކައި މިގޮންޖެހުންތަކާއި އެކުވެސް ދިރިއުޅުމައިގެން ކުރިއަށްދާން ހިތްވަރުލިބުނެވެ. އަދި ހަމައެއާއެކު އޭނާގެ މައިންބަފައިންނާއި އާއިލާގެ ފަރާތުންވެސް ހިތްވަރު ލިބުނެވެ. އޭނާގެ ފިރިމީހާ ބުނަނީ ކޮންމެ ސިފައެއްގައި ހުރި ނަމަވެސް ލޮމިކޮއެ ދެކެވާ ލޯތްބަށް ބަދަލެއް ނާންނާނެ ކަމަށާއި، ހުދުބަލީގެ ސަބަބުން އޭނާގެ ރީތިކަން އިތުރަށް ފުރިހަމަވެގެންދާ ކަމަށެވެ. "ޔޫ ލުކް ލައިކް އަ ޕެއިންޓިން" މީ ލޮމިކޮއެގެ ފިރިމީހާގެ ފަރާތުން އަޑުއިވުނު ތައުރީފުގެ ބަހުން ހިތުގެ ފުންމިނަށް އަސަރުކުރި ވާހަކައެކެވެ. "މިއުޒިއަމް ތަކުގައި ބަހައްޓާފައި ހުންނަ ކުރެހުންތަކަކީވެސް މީހުން ބަލާލުމަށްޓަކައި ހުންނަ ކުރެހުންތަކެކެވެ." އަސަރުން ފުރިގެންގެންވާ މިޖުމްލައިން އުފަލުން ރޮވުނު ކަމަށް ވަނީ ބުނެފައެވެ.
" އެއްދުވަހަކު ނިދާ ހޭލުމަށްފަހު ފޭސްބުކް ބަލާލިއިރު ފެނުނީ 'ވިނީ ހާލޯ' ކިޔާ ވިޓިލިގޯ މޮޑެލްއެއް. އޭނާގެ ފޮޓޯ ފެނިފައި ހިތަށްއެރި މިއީ ހާދަހާވާ ރީތި އިންސާނެއް. އޭނާއަކީވެސް ހުދުބަލީގެ މީހެއް. ހަމަ އަހަންނަށްވެސް މިހެން އުޅެވިދާނެ". މިހެން ހިތަށްއަރާފައި ލޮމިކޮއެއަށް ލިބުނު ހިތްވަރާއެކު އެދުވަހުންފެށިގެން އޭނާ ނިންމީ މޭކަޕާއި ނުލާ މީހުންގެ ތެރެއަށް ނިކުމެއުޅެ ދިރިއުޅުމައިގެން ކުރިއަށް ދިއުމަށެވެ. މޭކަޕާއި ނުލާ ދިރިއުޅުން ކުރިއަށް ގެންދަން ނިންމި ވާހަކަ އޭނާގެ މަންމަ ކައިރީގައި ބުނުމުން އޭނާގެ މަންމައަށް ރޮވުނެވެ. އެއީ މީހުން އޭނާ ބަލައި ނުގަނެފާނެތީއެވެ. މީހުންގެ ކުރިމަތީގައި ބާކީވެދާނެތީ އެވެ. ނަމަވެސް ލޮމިކޮއެ ނިންމީ މިހުރިހާ ކަމަކުން ސަލާމަތްވެ އޭނާގެ ހަށިގަނޑުގައި ހުރި އެ 'ރީތި ކުރެހުން' މުޅި ދުނިޔެއަށް ދައްކާލާށެވެ. މީހުން ބަލައިގަންނަ، މީހުންގެ ވިސްނުން ބަދަލުކޮށްލާ، މުޖުތަމައުއަށް ހިތްވަރުދޭ އަދި ސުޕަރ މޮޑެލްއެއްގެ ގޮތުގައި ދިރިއުޅުން ކުރިއަށްގެންދާށެވެ. ސޯޝަލް މީޑިއާގައި މިލިއަނެއްހާ މީހުން ދަނީ އޭނާ ފޮލޯކުރަމުންނެވެ.
މައުލޫމާތު: އިންސްޓަގްރާމް، ޔޫޓިއުބް، ޑެއިލީމެއިލް