އިސްލާމް ދީނަކީ އަޅުކަމާއި މަސައްކަތްތެރިކަމުގެ ދީނެވެ. ދުނިޔެއާއި އާޚިރަތުގެ ދީނެވެ. އަދި އެއާއެކު ފަރުދުންނާއި ޖަމާޢަތުގެ ދީނެވެ. ކޮންމެ މުސްލިމަކުވެސް އަޅުކަންކުރުމާއި އެންމެހައި ދީނީ ވާޖިބުތައް އަދާކުރުމާއެކު ދުނިޔަވީ ހަޔާތަށްޓަކައި މަސައްކަތްކުރަން ޖެހޭނެއެވެ.
އިސްލާމްދީން ގޮވާލަނީ މަސައްކަތް ނުކޮށް ކަންނެތްވެފައި ނުތިބުމަށެވެ. މުރާލިކަމާއި ހީވާގިކަމާއެކު ހުއްދަ މަސައްކަތްތައް ކޮށް ރިޒުޤު ހޯދައި އުޅުމަށް އިސްލާމް ދީނުގައި ބާރުއަޅުއްވައި ގޮވާލައްވާފައިވެއެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމް އަކީ ހުރިހާކަމެއްގައި ވެސް މާތް ﷲ އަހަރެމެންނަށް ދެއްކެވި އެންމެ ފުރިހަމަ ނަމޫނާއެވެ. އެކަލޭގެފާނު ތުއްޕުޅުއިރުން ފެށިގެން، މަސައްކަތްޕުޅު ކުރައްވާފައިވެއެވެ. އަދި އެހެންމީހުންނަށް މަސައްކަތް ކޮށްދެއްވުމާއި، ވިޔަފާރީގެ މަސައްކަތުގައި ވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ. އަދި ގޭތެރޭގެ ބައެއް މަސައްކަތްތަކާއި އަމިއްލަފުޅު ބައެއް މަސައްކަތްޕުޅުތަކުގެ އިތުރަށް ޤައުމީ މަސައްކަތްތަކުގައި ވެސް އެކަލޭގެފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
މިގޮތުން ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމް ވަނީ މަސްޖިދުއްނަބަވީ ބިނާކުރެއްވުމުގައި ހިލަ އުފުއްލެވުމާއި، ވެލި އުފުއްލެވުންފަދަ ކަންކަމުގައި އަސްހާބު ބޭކަލުންނާއެކު އަމަލީ ގޮތުން މަސައްކަތްކުރައްވާފައެވެ. އަދި އަޙްޒާބު ހަނގުރާމަ ފެށުމުގެ ކުރިން ޚަންދަޤު ކޮނުމުގެ މަސައްކަތުގައި އެހެން މުސްލިމުންނެކޭ އެއްފަދައިން އެކަލޭގެފާނު ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ރިވާވެގެންވާ ގޮތުގައި އަޞްޙާބުންގެ އެހެނިހެން ބޭކަލުން ގަލެއް އުފުއްލަވަމުން ގެންދެވިއިރު ޢައްމާރު ބިން ޔާސިރު ދެގާ އެއްފަހަރާ އުފުއްލަވާތީ ކީރިތި ރަސޫލާ ދެކެވަޑައިގެން ސުވާލު ކުރެއްވުމުން އެކަލޭގެފާނު ވިދާޅުވީ ތިމަންކަލޭގެފާނު މި މަސައްކަތްޕުޅު ކުރައްވަނީ ﷲ ގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދިގެންނެވެ.
" މިއީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމްގެ އަތްޕުޅު މަތިން ތަރުބިއްޔަތުވި ޖީލުގެ ބޭކަލުން މަސައްކަތްކުރެއްވި ގޮތް. މި އުއްމަތުގެ ޅަދަރީންނާއި ޒުވާނުން ތަރުބިއްޔަތުކޮށް ހާނުވާންވީ މި ނަމޫނާގެ މައްޗަށް. އެކުދިންނަށް މަސައްކަތް ދަސްކޮށްދީ ޅައިރުއްސުރެ މަސައްކަތަށް ލޯބި ޖައްސުވައި ހީވާގި ބަޔަކަށް ހަދަންޖެހޭ"
އަމިއްލައަށް ކުރެވޭވަރުގެ އަމިއްލަ ކަންތައްތައް އަމިއްލައަށް ކުރުމުގެ އާދަ އެކުދިންގެ ކިބައިގަ ހަރުލައްވަން ޖެހެއެވެ. ގޭތެރޭގައާއި މުޖްތަމަޢުގެ މަސައްކަތުގައި ބައިވެރިވުމުގެ ރޫޙު އަށަގަންނުވަން ޖެހެއެވެ. ބޭނުންތެރި ހުއްދަ އެއްވެސް މަސައްކަތެއް ކުރުމަށް ޖެހިލުންވިއަ ދީގެން ނުވާނެއެވެ. މަސައްކަތް ކުރުމަކީ ޙައްޤެކެވެ. އެއީ ޝަރަފެކެވެ. އެއީ ވާޖިބެކެވެ. އެއީ ކުރިއެރުމެއްކަން ދަނެ އެ ޝިޢާރު އުފުލަންޖެހެއެވެ.
" ތިމާކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ ވީއެންމެ ރަނގަޅަކަށް. އަދި އެކަމެއް ކުރަންއޮތް އެންމެ ފުރިހަމަ ގޮތުގައި. އޭރުން އެމީހަކު ދެކެ ﷲ ލޯބިވެވޮޑިގެންވާނެ. އަދި މީސްތަކުންގެ މެދުގައި އޮންނަ ލޯތްބާއި އިތުބާރު ބޮޑުވެގެންދާނެ. މުޖުތަމަޢުން ގިނައިން ފެންނަމުންދަނީ ފަރުވާތެރިކަމެއް ނެތި ތެދުވެރިކަމެއް ނެތި މަސައްކަތްކުރާތަން. ފައިސާގެ ދަހިވެތިކަމުގައި ފަރުވާކުޑަކޮށް އެމަސައްކަތެއް ކުރުމުގެ ސަބަބުން ވެރިފަރާތަށް ބަރުދާސްތު ނުކުރެވޭފަދަ ބޮޑެތި ގެއްލުން ލިބެމުންދާތަން. މިއީ މުސްލިމް މުޖްތަމައެއްގައި ހިނގައިގެންވާނެ ކަންތައްތަކެއް ނޫން"
މުޖްތަމަޢުގެ ތެރެއިން މިފަދަ ނުބައި ވިހަ އަސަރު ފިލައިގެން ދާނީ ޅަދަރިންނާއި ޒުވާނުންގެ މެދުގައި މަސައްކަތްތެރިކަމާއި މަސައްކަތްތެރިކަމުގެ އަޚްލާޤުގެ އޮށް އިންދިގެންނެވެ. އޭރުން އެ އޮށްތަކުން ފަޅައިގެން ހެދި ބޮޑުވަމުންދާ ގަސްތަކުން މުޅި މުޖްތަމަޢު ފެހިވުމަށްފަހު ނުބައި ވިހަ އަސަރުތައް މުޖްތަމަޢުގެ ތެރެއިން ފިލައިގެން ހިނގައިދާނެއެވެ. އަދި އެމީހަކަށް ކުރެވޭވަރުގެ މަސައްކަތެއް ކުރުމަށް ބާރު އަޅަންޖެހެއެވެ. އިސްލާމީ ޙަޟާރަތް ކުރިއަރައި ދިޔައީ މުސްލިމުން މަސައްކަތްތެރިކަމުގެ މައިދާނުގައި ހަރަކާތްތެރިވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
މައުލޫމާތު ނަގާފައިވަނީ: ހުކުރު ޚުތުބާ