September 20, 2024 11:21
Advertisement

-Advertisement-

މާފުށި ފަޅުވި ހާދިސާ

ބޮއްކުރާ ދުއްވަމުން ދަނީ ވަރަށް މަޑުމަޑު ދުވެއްޔެއްގައެވެ. މީހުން ތިބީ ވަރަށް ބޮޑަށް ހައިހޫނުވެފައެވެ. ކާލާނެ އެއްޗެއް ނެތެވެ. ފެންފޮދެއްނޫން އެހެން އެއްޗެއް އެ ބޮއްކުރާގައިނެތެވެ. ނުލާހިކު މަޑު ވައިރޯޅިއެކެވެ. ފަލިޖަހާލާނެ ހިތްވަރެއް އެކެއްގެ ގަޔަކުވެސް ނެތެވެ. ތިންމީހުން މަޅުމައްޗަށް ދެމިއްޖެއެވެ. ތަކުރުފާނު އިނީ ހުންގާނުގައެވެ. ކުރިމަތީން ރަށެއް ފެނިއްޖެއެވެ. ކޮން ރަށެއްކަމެއް ނޭނގުނަސް އެރަށާއި ކައިރިވެއްޖެއެވެ.

ގޮނޑުދޮށުގައި ދެމީހަކު ތިއްބެވެ. ތަކުރުފާނު: މިއީ ކޮންރަށެއްތަ؟ މިރަށުން އަހަރެމެންނަށް ކޮންމެވެސް ކާއެއްޗެއް ލިބިދާނެހެއްޔެވެ.؟ މިބޮއްކުރާއިގަ ތިބި ތިންމީހުން މިތިބީ ހާންތިވެފައެވެ. ބަނޑަށް ތިބޭތާ މިހާރު ތިންދުވަސް ވެއްޖެއެވެ. އެދެމީހުން: ކާނެ އެއްޗެއް ނެތެވެ. (ހަނޑޫ،ހަކުރު، ފުށް) އެކަމަކު ކުރުނބާ ގަބުޅި ކާށި އެބަހުއްޓެވެ. އަދި ދިޔާ ހަކުރު ފަރުމަސް އެބަހުއްޓެވެ. އަވަހަށް ފައިބާށެވެ. މިއީ މާފުށި ކިޔާ ރަށެކެވެ. މިރަށުގައި އުޅެނީ އަހަރެމެންގެ ދެމީހުންނެވެ. މިރަށުން މިދެންނެވި ސާމާނު ތިހަތަރު މީހުންނަށް ލިބޭނެއެވެ. އެހެން އެދެމީހުން ބުނުމުން އެ ދެމީހުންނާއެކު އެހަތަރުމީހުން އެރަށުގަ އަޅާފައިވާ ޖިފުޓިއަށް ހިނގައްޖެއެވެ. އެތަނުގައި ތިބެ ގަބުޅިއާއި ދިޔާހަކުރު އަދި ފަރުމަސް ރަނގަޅަށް ކައި ނިންމާލިއެވެ.

އެރަށުގައި ތިބި ކައްދާބީ އާއި ފަޚުރީ، ދެންތިބި ހަތަރު މީހުންކުރެން އެހިއެވެ. ތިޔައީ ކޮންރަށެއްގެ ބަޔަކީމުހެއްޔެވެ. އެމީހުން ބުނެލިއެވެ. އަހަރެމެންނަކީ ހުވަދޫގެ ބަޔަކީމުއެވެ. އެއީ ފަރެސްމާތޮޑާ ކައިރީގައި އޮންނަ ރަށެކެވެ. އެރަށް ގިރާތީ އެރަށުގެ އެކިމީހުން އެކި ރަށްރަށަށްގޮސް ހުސްވަނީއެވެ. އަހަރެމެންވެސް އުޅޭނެ ރަށެއް ހޯދަން ދަތުރު ކުރަނީއެވެ. ކައްދާބީ އާއި ފަޚުރީ ބުންޏެވެ. މިރަށުގައި ތިބެވިދާނެއެވެ. އެއިރުން އެންމެ ފުރަތަމަ މިރަށުގައި އުޅުނު މީހުންނަކީ އަހަރެމެންގެ ހަމީހުންކަމުގައި ވާނެއެވެ.

Advertisement

މިހާރު މި ހަމީހުން މާފުށީގައި ދިރިއުޅޭތާ އެތަކެއް އަހަރު ވެއްޖެއެވެ. އެ ހަތަރުމީހުން އެކި ރަށްރަށުން މީހުންނާއި އިނދެ ދަރިން ލިބި އެދުވަސްވަރު އެއީ އާބާދީ ބޮޑު ރަށެކެވެ. އެއްދުވަހަކު އެމީހުންގެ ތެރޭގައި ހުރި ކަބުރުރެއްކާ ކިޔާމީހަކު ގެއްލިއްޖެއެވެ. ވީނުވީ ތަނެއް އެކަކަށްވެސް ނޭނގެއެވެ. މާފުށީ ކައިރީގައި ތިބި ހުރިހާ ފަޅުރަށްތައް ހޯދައިފިއެވެ. ނުފެނުނެއެވެ. އެންމެފަހުން ކަނޑުހުޅުދޫ އަށް ގޮސް އެރަށްވެސް ބަލައިފިއެވެ. އެރަށުގައި އެދުވަސްވަރުގެ އާބާދީ އަކީ ތިރީސް މީހުން ކަމުގައިވެސް ލިޔެފައިވެއެވެ. ނަމަވެސް ނުފެނުނެވެ. މިކަމުގެ ހިތާމައިގަ އަހަރުދުވަސް ހޭދަވިކަމަށް ލިޔެފައިވެއެވެ. އޭގެ ފަހުން މާފުއްޓަށް ވެގެން ދިޔަގޮތް މުސައްނިފު ލިޔުއްވިގޮތް ތިރީގައި މިވަނީއެވެ.:

އޭގެ ހަމަސް ފަހެވެ. މާފުށީން މީހުން މަރުވެ ނެތިދާން ފަށައިފިއެވެ. ގިނަ އާބާދީ މަދުވާން ފަށައިފިއެވެ. ދުވާލަކު މަދުވެގެން ހަތް މީހުން މަރުނުވާ ދުވަހެއް ނުދެއެވެ. ރަށުގެ އެކި ދިމާލުގައި މީހުން ވަޅުލަމުން ގޮސް މުޅިރަށް އެކީ ފުރެން ކައިރިވަނީއެވެ. މިހެން މިކަންތައް ހިނގަމުން ދަނިކޮށް އެއްދުވަހަކު އެރަށުބަޔަކު އަތިރިއަށް ފޭބިއިރު މީހެއްގެ އެއްބުރި ލައްގާފަ އޮތެވެ. އެމީހާގެ ބޯބުރިއެވެ. ފެންނަ ފެނުމަށް ހީވަނީ ވަރަށް ދީންވެރި ސާލިހު އަޅުވެރިއެއްހެންނެވެ. އެވަގުތު އެރަށުގައި ތިބިމީހުން އެއީ ވަލީވެރިއެއްކަމަށް ދެކިގެން އެމުޅަ މަސްބުރި ނަގައިގެން އައިސް ހިނަވާ ކަފުންކޮށް ވަޅުލާފައި ޒިޔާރަތެއްހަދާ އެ ޒިޔާރަތުގެ ކައިރިއަށް ގޮސް އެކިކަންކަން ކުރަން ފައިފިއެވެ.

އެދުވަސްވަރު އެމީހުން އެދުނު ބައެއް ކަންކަން ފުދުނުކަމަށް ވެއެވެ. އަދި އަތޮޅުގެ ބައެއް ރަށްތަކުންވެސް އެރަށަށް އައިސް އެކިއެކި ކިޔެވިލި ކިޔަވާހަދަން ފަށައިފިއެވެ. މިގޮތަށް މިކަންތައް ނަވާރަސަތޭ ހަތްދިހައިގެ އަހަރުތަކާ ހަމައަށް ދެމިގެން ދިޔަކަމަށް ވެއެވެ. އޭގެ ފަހުގައި މިދެންނެވި ޒިޔާރަތް ހެދިތާ މާގިނަދުވަސްތަކެއް ނުވަނީސް އެތަނުން ބޮޑުމީހެއް ފެންނަން ފަށައިފިއެވެ. ބައެއްރޭރޭ ޒިޔާރަތުގެ ވަށައިގެން ދިއްލާފައޮވެއެވެ. އެއަށްފަހު ނާޗަރަންގީގެ އަޑުވެސް އިވެއެވެ. އޭގެ ދުވަސްކޮޅެއްފަހުން އަނެއްކާވެސް އެރަށުން މީހުން މަރުވާން ފެށިއެވެ. އެރަށުގެ އާބާދީގެ ގިނަ މީހުން މަރުވާންފެށުމުން އެރަށުގެ ތަންދޮރު ދަންނަ މީހުން އެކި ރަށްރަށަށް ގޮސް މުޅިރަށް އެކީ ހުސްވެ ރަށް ފަޅުވީއެވެ. މިހާދިސާގައި އެބުނާ ޒިޔާރަތް މިހާރުވެސް އެރަށުގައި ހުންނަކަމަށް ވެއެވެ. އެކަމަކު ބޮޑެތި ގަސް ހެދި މުޅި އެތަންވަނީ ފޮރުވިފައެވެ.

 

ނޯޓް: މިއީ މަލިކު ހަސަންބޭގެ ހުވަދޫ ދަތުރުގެ ހަތަރުވަނަ ހާދިސާ އެވެ. އަސްލު ނުގެއްލޭގޮތަށް ކުދިކުދި ބަދަލުގެނެވިފައި ވާނެއެވެ.

+1
5
+1
9
+1
9
+1
13
+1
20
+1
6
+1
3

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް