September 20, 2024 11:39
Advertisement

-Advertisement-

ބިރުވެރި ލޯބީގެ ހާދިސާ: ހިތުންނުފިލި ކަރަންކާމާ!

އަހަރުގެ މެދުތެރެއެވެ. އަހަރެން އެއްރަށުން އަނެއްރަށަށް ދަތަރުކުރި ދުވަސްވަރެކެވެ. ދަތުރުކުރަމުން ގޮސް އެއްދުވަހަކު ހެނދުނު އަހަންނަށް ދެވުނީ ގދ.މަގުއްދޫ އަށެވެ. އެރަށުގެ އުމުރުން ދުވަސްވީ މީހުން ކުރެން އެކިއެކި މައުލޫމާތު އެރަށާއި ގުޅޭގޮތުން ހޯދީމެވެ. އޭގެތެރެއިން އެކަކު ކިޔާދިނެވެ.

މިއީ ވަރަށް ރީތި އެހާމެ ބިރުވެރި ހާދިސާއެކެވެ. ހަސަނު އަޑުއަހާށެވެ. "އެއީ މީގެ ހަތްދިހަ އަހަރު ކުރިއެވެ. މަގުއްދޫ މައިނާގޭގައި އުޅުނު ޝަމްރީޒު ކިޔާ ކުއްޖެކެވެ. އޭނާގެ އުމުރަކީ ސޯޅަ އަހަރެވެ. އޭނާގެ ގޭތެރޭގެ މަސައްކަތަކީ އެކިފާޑުފާޑުގެ ގަސްތައް ހެއްދުމެވެ. މިގޮތުން ތަފާތު މާގަސްތަކާއި ތަރުކާރީ ގަސްތައް ހައްދަމުން ދެއެވެ. ފިނިފެންމަލާއި ކަރަންކާ، އަދި ޗަންޕާޕޫލް ވަރަށް ގަޔާވެ ހައްދަމުން ދެއެވެ. އެއިން މަލެއް ގެއިން ބޭރު ބަޔަކަށް ނުދެއެވެ. މާތައް ބިދެގެންގޮސް އޭނަ ނިދާ އެނދުމަތީގައި އަތުރާފައި ބަހައްޓަނީ އެވެ. މާތަކުގެ މީރުވަހަށް ކުދިކުދި ޕަރުވާނާތައް އެނދު ފަޅުފިލުވަމުން ދެއެވެ. އޭނާ ނިދަނީވެސް އެމާތަކުގެ މަތީގައެވެ.

އެއްދުވަހަކު މިރަށު ސަރަންފީ ސާދުނާ މައިނާގެއަށް އައިސް އުޅުނު ދުވަހެކެވެ. ސާދުނާއަކީ މައިނާގޭގެ މީހުންނާއި ވަރަށް ގުޅުންއޮންނަ ފަނަރަ އަހަރުގެ ޒުވާނެކެވެ. އެދުވަސްވަރު ފަނަރަ އަހަރުވީމާ އެބޮޑުވީއެވެ. އަދި ސާދުނާގެ މައިންބަފައިންނާ ޝަމްރީޒުގެ ގޭގެ މީހުންނާއި އޮންނަނީ ވަރަށް ޒަމާންވީ ގުޅުމެކެވެ. ދެއާއިލާއަކީވެސް ރަށުގެ ތަނަވަސް ދެއާއިލާއެވެ. ސާދުނާ މައިނާގެއަށް ދިޔަދުވަހު ޝަމްރީޒުގެ ކޮޓަރި ބަލާލިއެވެ. އެނދުމަތީގައި ހުރި މާތައް ފެނިފައި ސާދުނާ ހައިރާންވިއެވެ. އަދި އެތަނުން ފިނިފެންމާ ކޯޅިއެއް ނަގައިގެން ނިކުންނަނިކޮށް ޝަމްރީޒު އާއި ދިމާވިއެވެ. "ސާދުނާ ތިމާކޯޅި ބާއްވާ! އަހަރެން. އަހަރެންގެ އުފަލަކީ ތިއީއެވެ. އަދި ހިތްހަމަޖެހުމަކީވެސް ތިމަލެވެ. ޝަމްރީޒު ބުނެލިއެވެ". "ޝަމްރީޒުގެ އުފަލާއި ހިތްހަމަޖައްސަން އަހަރެން މިމާކޯޅިއަށްވުރެ ދަށީހެއްޔެވެ.؟ ސާދުނާ މިހެންބުނުމުން އިތުރު އެއްޗެކޭ ނުބުނެ ޝަމްރީޒު ހީލިއެވެ. މާކޯޅި ލިބުމުގެ އުފަލުގައި ސާދުނާ ގެއަށް ދަމުން ޝަމްރީޒުގެ މާބަގީޗާވެސް ބަލައިލިއެވެ. ގަސްތަކުގަ މާތައް ފޮޅިފަވާ މަންޒަރު ފެނުމުން ސާދުނާ އާޝޯޚުވިއެވެ. ދީވާނާވެ ހެމުންހެމުންހުރެ ގެއަށްގޮސް މާކޯޅި ބާލީސްދަށަށް ލީއެވެ. އޭގެ ފަހުގައި ކޮންމެ ދުވަހަކުވެސް އެމާކޯޅީގައި ބޮސްދެމުން ދެއެވެ.

Advertisement

މިގޮތަށް ދުވަސްތައް މާޒީއާއި އެކުވަމުން ދަނިކޮށް އެއްރެއަކު ސާދުނާ ނިދިން ހޭލެވުނުއިރު މާކޯޅިއެއް ނެތެވެ. ހޯދާހޯދާވެސް ނުފެނުނެވެ. "އަހަރެން އޭތި ބޭއްވީ ބާލިސްދަށުގައެވެ. އެކަމަކު މިހާރަކު އެއެއްނެތެވެ. މިއީ އަނެއްކާ ބޮޑު ޖާދުއެއްބާ؟ ސާދުނާގެ ޝައްކާއި ވަހުން އިތުރުވަމުން ދިޔައެވެ. ކުއްލިއަކަށް ޝަމްރީޒު އާއި ބައްދަލުކުރާ ހިތްވެއްޖެއެވެ. އަންހެނަކަށްވީތީވެ އަހަރެން ލަދުރަކިވަނީއެވެ. ކިހިނެތްބާހަދާނީ.؟ އަދި އިރުނާރައެވެ. މިވަގުތު އޭނައަކާއި ބައްދަލު ނުވާނެއެވެ. އެކަމަކު އެގެއަށް ދާންވީއެވެ. މިހާރު ގަޑިން ފަސްގަޑިބައިވީއެވެ. މިހެންކިޔާފާ މަންމަމެންނަށްވެސް ސިއްރުން މައިނާގެއަށް ހިނގައްޖެއެވެ. އެވަގުތު ޝަމްރީޒު ހުރީ މާބަގީޗާއަށް ފެންދޭށެވެ. ލަދުންހުރެ ސާދުނާ ބުނެލިއެވެ. މާ....މާ...މާކޯޅިއެއްދީބަލާށެވެ. އެއަޑުއިވުމާއެކު ޝަމްރީޒު ބަލާލިއިރު ކައިރީގައި ސާދުނާ ހުއްޓެވެ. ކޮންމާކޯޅިއެއްތަ.؟ ސާދުނާ. ޝަމްރީޒު މިހެންބުނުމުން ސާދުނާ އިތުރަށް ލަދުރަކިވެއްޖެއެވެ. ނަމަވެސް ބުނެލިއެވެ. އަހަންނަށް މިގަހުން ކަރަންކާމަލެއް ދީބަލާށެވެ. އެއިރު ފަތިހަށް ފޮޅިފަހުރި ކަރަންކާގަހުގާ ބައިވަރު މާ ހުއްޓެވެ. ސާދުނާއަށް އެނގޭތަ. ޝަމްރީޒު ބުނެލިއެވެ މިއީ ފިރިހެން މަލެކެވެ. އެންމެރަނގަޅެވެ. ފިރިހެނަކު އަންހެނަކަށް ދޭނީވެސް ފިރިހެން މަލެވެ. ސާދުނާ ޖެހިލުމަކާއި ނުލާ ސަމާސާ ޖުމްލައެއް ބޭރުކޮށްލިއެވެ. ޝަމްރީޒް އެންމެރަނގަޅު މިއީ ވަރަށް އަގުބޮޑު މަލެއް، މީގެ އަގު ދެވިދާނެ ހެއްޔެވެ.؟ އާން... ކިތަންމެ ގިނައިންވެސް އަގު ދެވިދާނެއެވެ. މަލަކަށްވުރެ އަހަރެންގެ އަގު ދަށެއްނުވާނެ. މިއީ ޝަމްރީޒުގެ އުފަލާއި ހިތްހަމަޖެހުންކަމަށް ބަލާށެވެ. މިހެންކިޔާފައި މާ ހިފައިގެން ގެއަށް ހިނގައްޖެއެވެ. ސާދުނާ މިހާރު ވަރަށްހިތްހަމަ ޖެހިއްޖެއެވެ. ޖެހިގެންއައިރޭ ނިދަންއޮވެ މާ ނަގައިގެންއޮވެ ކިޔަންފެށީ ޅެންބައިތެކެވެ. އާދެ! "ފަތިހަށް ފޮޅޭ ކަރަންކާ ކަތިފިޔަ ނުވާ ބަނަފްސާ، މަތިވެރިވަހުން އުފާދޭ ގޮތަކަށް މިފެންނަނީއެވެ."

އެތައްގޮތަކުން ސާދުނާ އުޅެމުން އަންނަނީ ވަރަށް ހިތްހަމަޖެހިގެންނެވެ. ފޯރުންތެރި އާއިލާގެ ކުއްޖަކަށް ވީމަވެސް ވާނީ ހަމަ އެހެންނެވެ. ޝަމްރީޒު އާދައިގެ ގޮތުން އޭނަގެ މަސައްކަތުގައި ބަގީޗާ ހައްދަމުން ދެއެވެ. އެއްދުވަހަކު ބަގީޗާތެރޭގައި ހުއްޓާ ކުޑަކުއްޖަކު ގިސްލަމުން އައިސް ބުނެލިއެވެ. ސާދުނާދައްތަ ބަލިވެއުޅޭތީވެ ޝަމްރީޒުބޭ އައިސް ދިނުމަށް އެބައެދެއެވެ. ހީވަނީ ވަރަށް ހާލު ގޯސްހެންނެވެ. ޝަމްރީޒުބޭ އަންނާނަންދޯ. އާ! ކޮއްކޯ މިދަނީ. ޝަމްރީޒް ގޮސް އޭނަގެ މަންމައަށް މިޚަބަރު ދިނުމުން މަންމަވެސް ޝަމްރީޒާއެކު ސާދުނާމެންގެ ގެއަށް ހިނގައްޖެއެވެ. އެކުޑަކުއްޖާ ބުނީ ތެދެކެވެ. ސާދުނާ ވަރަށް ބައްޔެވެ. ތެޅި ފޮޅެނީއެވެ. ހީވަނީ ކުށުވެރިކަމެއްހެންނެވެ. އަބަދުވެސް ގޮތްނޭގޭ މާބުރަކު މިގަހުގެ(ސާދުނާގެ)ކައިރިއަށް އަންނަނީއެވެ. އެމީހަކީ(މާބުރަކީ) އަހަރެން ދަންނަ މީހެއް ނޫނެވެ. އަބަދު އުނދަގޫކުރަނީއެވެ. އަދި ދުރުގާ ހުރެގެން އަހަންނާއި ދިމާއަށް ކަޅިއަޅަނީއެވެ. ސާދުނާއަށް މިކަހަލަ ވަހުން ވާތީވެ ސާދުނާގެ ބައްޕަ ހާޝިމްކަލޯ ކިޔާމީހަކު ގެނެސް ފެންޖަހައިފިއެވެ. އެވަގުތަށް ސާދުނާއަށް ރަނގަޅުވެއްޖެއެވެ.

އޭގެ ހަފްތާއެއްގެ ފަހެވެ. ސާދުނާ އޭނާއާއި އެއްފުރާގެ އަންހެންކުއްޖަކާއެކު މަޖާ ވާހަކަދައްކަން ދޮރޯށި ކައިރީގަ ހުއްޓާ ޝަމްރީޒް ފެނުނެވެ. ސާދުނާ ކައިރީގައިހުރި ރަހީމާ އަށް ދައްކާލިއެވެ. ރަހީމާ ކޮބާތަ؟ ކޮންތާކުތަ؟ މިތާކު އެހެންމީހަކު ނެތް. މިތާމިތިބީ ދެމީހުންނޫންތަ؟ ޝަމްރީޒެއްނެތޭ ސާދުނާ. ނޫނެކޭ މިހިރީއޭ. އަހަރެންގެ އަތުގައި ހިފައިގެންހުރެ އަހަންނާއި އެބަ ވާހަކަ ދައްކައެވެ. ރަހީމާއަށް ޝައްކުވެއްޖެއެވެ. ދުވެގޮސް ދައްތަ(ސާދުނާގެ މަންމަ)ގޮވައިގެން އަތުވެއްޖެއެވެ. އެވަގުތު ސާދުނާ އޮތީ ވެއްޓިފައެވެ. ސާދުނާ ވަށާލެވިފައިވަނީ ރީތި ކޮތަރު ތަކަކުންނެވެ. މަންމަ: ދަރިފުޅާ ސާދުނާ މީކޮން ކޮތަރުތަކެއް ހެއްޔެވެ.؟ އަވަހަށް ގެއަށް ވަންނަމާހިނގާށެވެ. މަންމަ އޭނާގެ އަތުގައި ހިފިއެވެ. ނަމަވެސް އަތްދަމައިގެންފިއެވެ. ދެލޯ ބޮޑުކޮށްގެންހުރެ ހެނީއެވެ. އިތުރު ވާހަކައެއް ނުދައްކައެވެ.

ރަހީމާ ގޮސް ސާދުނާގެ ބައްޕަވެސް ގެނެސްފިއެވެ. އެތިންމީހުންގެ އެހީގައި ސާދުނާ ގެއަށް ވައްދައިފިއެވެ. މިއީ ވަރަށްބޮޑު ކަމެކެވެ. ގޮތްނޭނގޭ އެއްޗެއް އޭނައާއި ތިހިރީ އަވަލާފައެވެ. ބައްޕަ ބުނެލިއެވެ. އެހެންވެ ކުރީ ދުވަހު ފަދައިން ހާޝިމްކަލޯ ގެނެސްގެން ފެންކިޔަވާފަ އެފެންދިނީމާ ނުބޯނަމޭބުނެ ބޮޑާހާކާންފެށިއެވެ. ހާޝިމްކަލޯ: އާނދޮގޭ! ތިހެން ނުބޮއެއް ނުހުރެވޭނެ. އެހެންކިޔާފައި ދެލޮލުގެ ދެމެދަށް އެއްޗެއް ކިޔަވާފަ ފުމެލިއެވެ. އިސާހިތަކު ސާދުނާ ހޭނެތިއްޖެއެވެ. އެވަގުތު ސާދުނާ އޭނާއާއި ދިމާވި ހުރިހާވާހަކައެއް ކިޔާދިނެވެ. ދެން ހާޝިމްކަލޯ ކިޔެވެލިކިޔަވަން ފަށައިފިއެވެ. އޭގެ ބައިގަޑި އިރުފަހުން ސާދުނާ ތެދުވެއްޖެއެވެ. އަދި ކިޔާދޭންފެށިއެވެ. "އަހަރެން ޝަމްރީޒު އަތުން މާކޯޅިއެއް ހޯދީމެވެ. އެދުވަހަށްފަހު ޝަމްރީޒަށް ހެދިގެން އައި ޖިންނިއެއް އަހަރެންނާއި އަވަލީއެވެ. އޭނަ އަހަންނަށް އުނދަގޫ ކުރަނީއެވެ. ތަޅަންވެސް ތަޅައެވެ. ތަފާތު އެކި ދުއްތުރާތައް ދެމުންއައިސް އަހަންނާ ރަހީމާ ދޮރާށިކައިރީގައި ތިއްބާ އިސްތަށިގަނޑުގައި ހިފާ ބިންމައްޗަށް ވައްޓާލިއެވެ. އެވަގުތު އޭނަގެ އައުވާނުންތަކެއް އަހަރެން ވަށާލިއެވެ. އެވަގުތު ބުނަމުންދަނީ ވަރަށް ފުރިހަމަ ވަސްމީރު ރީތި މާތަކެއް އަހަރެން ގެނެސްދީފާނަމެވެ. އޭނަގެ ޝަރުތަކީ އޭނަނޫން އެހެން ފިރިހެނަކާއި ރައްޓެހިނުވުމެވެ. ކިހިނެތް އަހަރެން ޖިންނިއަކާއި ރައްޓެހިވެގެން އުޅޭނީ. އަހަރެން މިކަމުން ސަލާމަތްކޮށްދީ! ހާޝިމްކަލޯ ތިއީ އެއްވެސް ކަމެއްނޫން. އެހެންކިޔާފަ ރަނގަޅުކުރުމުގެ މަސައްކަތްކުރިއެވެ. އެވަގުތު ސާދުނާއަށް ރަގަނޅުވެއްޖެއެވެ. އެއަށްފަހު އެއްއަހަރުވެއްޖެއެވެ. ސާދުނާ ޝަމްރީޒްއާއި ބައްދަލުވެ ކާވެނި ކުރުމަށް އެދުނެވެ. ޝަމްރީޒްވެސް ރުހި ގަބޫލުވެއްޖެއެވެ. ނަމަވެސް ދެފަރާތުގެ އާއިލާގެ ބަހެއް ހޯދުމަކީ މުހިންމުކަމަކަށްވާތީ ދެކުދިންވެސް އެދެއާއިލާއަށް އެކަން އަންގައިފިއެވެ.

އެދެ އާއިލާވެސް އެކަމަށް ރުހިގަބޫލުވުމުން ޖެހިގެން އައިމަހުގެ ދިހަވަނަ ރޭ ކައިވެނި ކުރަން ނިންމައިފިއެވެ. އެދެކުދިން ބައްދަލުވެ ވާހަކަ ދައްކަނީ ޝަމްރީޒުމެންގެ ގޭގައެވެ. ޝަމްރީޒުގެ މާބަގީޗާއަށް ފެންދީ ހައްދަމުން ދަނީ ސާދުނާއެވެ. އެއްދުވަހަކު ސާދުނާ ބުނެލިއެވެ. ޝަމްރީޒެވެ. މިމަލަކީ(ކަރަންކާ މަލަކީ) އަހަރެންގެ ހިތުގެ ރަސްގެފާނެވެ. އޭނަ އެއިޝާރާތްކުރީ ޝަމްރީޒަށެވެ. ދުވަހަކުވެސް މިމަލަށް ތިރިކުރާ ބަޅިދަކަށް ފުރުސަތެއްނެތެވެ. އަހަރެން މީމަލެކެވެ. މިމަލުގެ ކަރުގަނޑުން ފޮނިކޮޅެއް ލިބޭނީ ހައެކަނި ޝަމްރީޒަށެވެ. އެވަގުތު ރަހީމާ ގޮވާލިއެވެ. ވަގުތުޖެހެނީއެވެ. އޮހޯ.... މިތިބީދޯ! ހާދަހާ ގުޅޭ ޖޯޑެކޭދޯ.! ހިހި،ހިހި ހިނިގަނޑެއް ޖަހާލިއެވެ. ކަނޑައެޅި ތާރީޚު ޖެހިއްޖެއެވެ. ކައިވެނި ކިތާބު ކިޔަންފަށައިފިއެވެ. އެންމެފަހުން އަނބިގަބޫލު ކޮށްފިއެވެ.

ނާއިބުމީހާ އާއި ހެކިވެރިންނަށް ސައިފޮދު އަރުވައިފިއެވެ. ދެއާއިލާއިން ސަލާމްކޮށް ގުޅުން ކުރިއަށްވުރެ ބޮޑަށް ބަދަހި ކޮށްފިއެވެ. ސާދުނާގެ(މަލުގެ) ކަރުގަނޑަކީ ޝަމްރީޒު ކަމަށްވެ ނިމިއްޖެއެވެ. އެއާއެކު މިހާދިސާވެސް ނިމުނީއެވެ." ކޮބާ ހަސަން މިހާދިސާ ކިހިނެއްތަ؟ މިވާހަކަ ކިޔައިދިން އުމުރުން ދުވަސްވީ މީހާ ބުނެލިއެވެ.

 

ނޯޓް: މިއީ މަލިކު ހަސަންބޭގެ ހުވަދޫ ދަތުރުގެ ހާދިސާ އެކެވެ. އަސްލު ނުގެއްލޭގޮތަށް ކުދިކުދި ބަދަލު ގެނެވިފައިވާނެއެވެ.

+1
10
+1
11
+1
34
+1
10
+1
5
+1
3
+1
8

Advertisement

ގުޅުންހުރި ލިޔުންތައް