November 22, 2024 21:41
Advertisement

-Advertisement-

ކުޑަކުދިންގެ ހާދިސާ: އަމީޒް އާއި އަލީގެ ޒުވާރި

އަމީޒް އެއްފަހަރަކު ޗުއްޓީއަކަށް އަމީޒް ރައްޓެހި އަލީ ކިޔާ ގއ.ގެމަނަފުށީ ކުއްޖަކާއިއެކު ގެމަނަފުއްޓަށް ދިޔައެވެ.

އަލީ އަށް އަލީގެ ރަށްޓެހިން ކިޔަނީ އައްޔަ އެވެ. އައްޔަ ދުވަހަކުވެސް ތަރުކާރީއެއް މޭވާއެއް ނުކާނެއެވެ.

އައްޔައަށް މީރުވާނީ ރޮއްޓާއި މަސް ރިހައާއި ބަތާއި ގަރުދިޔައާއި އެފާޑުގެ އެއްޗިއްސެވެ. އަމީޒް ވެސް ތަރުކާރީއާއި މޭވާ ކަނީ ވަރަށް މަދުންނެވެ.

Advertisement

އެއްދުވަހަކު އައްޔައާއި އަމީޒާއި ދެމީހުން ފުޓްބޯޅަ ކުޅެން ދިޔައެވެ.

ފުޓްބޯޅަ ދަނޑާއި ވަރަށް ކައިރީގައި ބޮޑު ޒުވާރި ދަނޑެއް އޮތެވެ. އެޒުވާރި ދަނޑަކީ އައްޔަގެ މާމާގެ ޒުވާރި ދަނޑެކެވެ. ޒުވާރި ހަރު ވެފައި ހުރީމާ މާމަމެންވެސް ޒުވާރި ބިންނަން ތިއްބެވެ. އަލީ މެން ފެނުމުން މާމަ ގޮވާލިއެވެ.

އައްޔަގެ މާމަ: އައްޔަ ތިޔައުޅެނީ ކީއްކުރަންތަ! ތީޔައީ ކޮންކުއްޖެއްތަ؟

އައްޔަ: މިއުޅެނީ ކުޅެން އައިސް. މިއީ ރައްޓެހި އައްޑޫ ކުއްޖެއް.

އަލީގެ މާމަ: ކޮންގެއަކު ކުއްޖެއްތަ މާމަގެ ވަރަށް ރަށްޓެހިން އައްޑޫގަ ތިބޭނެ.

އަލީ: އަމީޒް އުޅެނީ މާލޭގައި! އަލީ ކިޔަވަން ހުންނަގޭގެ ޖުވެއްތަގެ ދަރިފުޅޭ.

އަލީގެ މާމަ: އެހެންތަ ދަރިފުޅާ ލަސްނުކޮށް ގެއަށް ދައްޗޭ.

ދަމުން މަންމައަށް ދޭން މިޒުވާރިކޮޅު ގެންދެބަލަ އިނގޭ. އެހެން ބުނެފައި ކޮތަޅަކަށް 12 ވަރަކަށް ޒުވާރި އަޅާފައި އަލީ އަތަށް ދިނެވެ.

ދެން އަލީ ކޮތަޅު އަތުލައިގެން އަމީޒާއި ދެމީހުން ކުޅެން ހިނގައްޖެއެވެ. ކުޅެނިމިގެން ގެއަށް ދިޔައިރު އަލީ ހަނދާންނެތިގެން ޒުވާރި ކޮތަޅު ދަނޑު ކައިރީގައި ބާއްވާފައި ތަންގަނޑަކަށް ދެވުނުތަނާ އަމީޒަށް ކުއްލިއަކަށް ކޮތަޅު މަތިން ހަނދާންވެގެން އަލީއަށް ބުންޏެވެ.

އަމީޒް: އައްޔަ ޒުވާރި ކޮތަޅު ބާއްވާފައެއްނު މިދަނީ.

އައްޔަ: ހަނދާވެސްނެތޭ. ހިނގާ އަވަހަށް ދާން.

ދެން އައްޔައާއި އަމީޒު އެނބުރި ދަނޑު ކައިރިއަށް ދިޔައިރު ކޮތަޅު ބޭއްވިތާ ކޮތަޅު އޮތެވެ. އެއްވެސް ޒުވާރިއެއް ނެތެވެ. ހުރިހާ ޒުވާރިތައް ތިބީ ދެބަޔަށް ބެހިގެން ފުޓްބޯޅަ ކުޅޭށެވެ.

މިތަން ފެނިގެން އަމީޒު އާއި އައްޔަ އައިސް ޒުވާރިތައް ކައިރީގައި ކުޅުން ހުއްޓާފައި އަންނާށޭ ބުނުމުން އެތަނުން އެންމެ ބޮޑުކޮށް ހުރި ޒުވާރި ބުންޏެވެ.

ބޮޑުޒުވާރި: އަހަރެމެން އެއްލާލާފައި ތިޔަދިޔައީ ބޭނުން ނުވާތީނޫންތަ.

އައްޔަ: ހަނދާންނެތުނީއޭ.

ބޮޑު ޒުވާރި: ދެން މިހާރު ހަނދާންވީ ކިހިނެއްވީ؟

އަމީޒް: އަހަރެން ހަނދާންކޮށް ދިނިއްޔޭ.

ބޮޑު ޒުވާރި: އަމީޒްއަށް އަހަރެން މީރުތަ؟

އަމީޒް: އަހަރެން އަދި ދުވަހަކުވެސް ޒުވާރިއެއް ނުކަމޭ.

ބޮޑު ޒުވާރި: ޒުވާރިއަކީ ހަށިގަނޑަށް ވަރަށް ރަނގަޅު ގައިގަ ވަރަށް ވަރުޖެހޭ އެއްޗެކޭ. ފިހެލައިގެން ވެސް ކާލެވިދާނެ.

އައްޔަ: ބަލަ! ޒުވާރިއާ. މާގިނަވާހަކަ ނުދައްކާ ހުރިހާ ޒުވާރިތައް އަންނަންވީނު ގެއަށް ދާން. މަންމައަށް ޒުވާރިތައް ނުދީފިއްޔާ މާމާ ރުޅިވެސް އަންނާނެ.

ބޮޑު ޒުވާރި: އައްޔަ ތިޔަހާރުޅި ގަދަވެފަ އަވަހަށް ލޭހޫނުވަނީ އަބަދު މަސްކާތީ. ތަރުކާރީ ކަހަލަ އެއްޗެހި ނުކާތީ އަމީޒުވެސް ތަރުކާރީ ނުކަންތަ؟

އަމީޒް: މަދުމަދުން ކަން. ދެން ހުރިހާ ޒުވާރިތައް އައިސް ކޮތަޅަށް ފައިބަންވީނު.

އަމީޒް އެހެން ބުނުމުން ހުރިހާ ޒުވާރިތައް އައިސް ކޮތަޅަށް ފައިބައިފިއެވެ. ދެން އަލީ ކޮތަޅުގައި ގޮށް ޖަހައިގެން އަމީޒުއާއި ދެމީހުން ގެއަށްދާން ހިނގައިގެންފިއެވެ.

ތަންގަނޑަކަށް ގޮސްފައި އަލީ އަމީޒު ގާތުން އަހާލިއެވެ.

އައްޔަ: ޒުވާރި ބުނީ ތެދެއްކަންނޭގެދޯ! އަހަރެން އަބަދު ހުންނަނީ ދާހިއްލާފައޭ.

އަމީޒް: ހުރިހާ އެއްޗެއްވެސް ކާންވާނެ. އެހެން އެއްޗެއް ނުކައި އަބަދު މަސްކަންޏާ ވެދާނެ ދޯ އެހެން ވެސް.

ދެން އަލީ އާއި އަމީޒް ޒުވާރިކޮތަޅު ގެއަށް ގެންގޮސް އަލީގެ މަންމަ އަތަށް ދިނުމުން ފިހެލާފައި ތައްޓަކަށްލާފައި ކާލާށޭ މަންމަ ބުނެފިއެވެ

އަލީ އާއި އަމީޒް ޒުވާރި ކާލައިފިއެވެ.

އަމީޒަށްވެސް ޒުވާރި ވަރަށް މީރުވިއެވެ.

އޭގެފަހުން ކޮންމެދުވަހަކު މާމަގެއިން ޒުވާރި ގެނެސްގެން ޒުވާރި ފިހެގެން އަމީޒްއާއި އަލީ ކައެވެ. އަލީއާއި އަމީޒްވެސް ތަރުކާރީ އާއި މޭވާވެސް ގިނަގިނައިން ކާން ފަށައިފިއެވެ.

+1
0
+1
0
+1
4
+1
2
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް