September 20, 2024 11:46
Advertisement

-Advertisement-

އެވޭލާ ހާދިސާ: މީހަކަށް ދެރައެއް ދިނުމަށް ކުރިކަންތައް އަމިއްލަ ދަރިފުޅާއިދިމާވެ ނިމިދިޔަގޮތް

ރެއަކީ ހަނދުމަހުގެ 14 ވަނަ ރެއެވެ. އޭނާ އެއޮތީ ކެރައްދޫގެ ތުނޑިމަތީގައެވެ އެކަނި ނިތްކުރީގައި އަތް ބާއްވައިގެންނެވެ. ހީވާގޮތުން ކޮންމެވެސް ފިކުރެއްގައެވެ. ކޮންމެވެސް ކުއްޖެއްގެ އިންތިޒާރުގައި އޮތީކަމަށް ވެދާނެއެވެ. ހަނދުގެ ހަނދުވަރު ރީތިވުމުން ފަޒާގެ މާހައުލުވެސް ވަރަށް ރީއްޗެވެ. ދިޔަވަރު ހިކިފައި އޮތުމުން އެކިވައްތަރުގެ ދޫނި ގޮވާއަޑު އިވެއެވެ. ތޭރަވާގެ އަޑު ރީތިވެފަ ފުރިހަމައެވެ. އެއަޑުން ދޭހަވަނީ އޭގެ ބައިވެރިޔާ ލަސްވެގެން ގޮވާހެންނެވެ.

ހަސީނު ހިތާހިތާ ބުނެލިއެވެ. އަހަރެންގެ ބައިވެރިޔާވެސް ލަސްވެއްޖެއެވެ. އެކަމަކު އޭނަ އަންނާނެއެވެ. އެއީ ވަފާތެރިއެކެވެ. ތެދުވެރިއެކެވެ. ދުވަހަކުވެސް އަހަންނަށް އޮޅުވާނުލައެވެ. ގަޑިން 9:30 ވަނީއެވެ. އޭނައަށްޓަކައި ގިނަވަގުތު ހޭދަކުރަން ޖެހުނަސް އަހަރެން ފޫއްސެއް ނުވެއެވެ. އޭގެ އިރުކޮޅެއްފަހުން އެގޮއްޔެ އަތުވެއްޖެއެވެ. "ހަސީނު ވަރަށް ގިނައިރު ވެއްޖެދޯ. މައާފްކުރާތި. ގޭގައި ކުޑަކަމެއް ދިމާވީ. އެހެންނޫންނަމަ ގަޑިއަށް އައީމު. ދެރަނުވާތި. މިއީ ހަސީނުގެ ޒުލްފީނާ". ހަސީނު އެންމެ ރަނގަޅޭ ބުންޏެވެ. ޒުލްފީ މިއީ ކިހާރީތި ރެއެއްދޯއެވެ. އުޑުގައި އެންމެ ކަފަވިލާކޮޅެއްވެސް ނެތެވެ. ހަނދުން ފަޒާގެތެރެއަށް ފޮނުވަމުންމިދާ ހަނދުވަރުގެ އަލިން މިގޮނޑުދޮށް އެކީ މިވަނީ އަލިވެފައެވެ. މި މާހައުލަކީ އަހަރެމެންކަހަލަ މީހުންނަށް އެންމެ އެކަށީގެންވާ މާހައުލެވެ. މިތާގަ މިތިބީވެސް ދެމީހުން އެކަންޏެވެ. ދޯ ޒުލްފީ. އާނ! ހަސީނު މިރެއަކު މިތާކަށް އިތުރުބަޔަކު ނާންނާނެއެވެ. އެކަމަކު މާދަމާ ވާނެގޮތެއް ނޭނގޭނެއެވެ. މިއީ އަހަރެމެންގެ ރެއެވެ. އެގޮތަށް މަޖާވާހަކަ ދައްކަން ތިބެވުނީ ކިހާވަގުތެއްގައިކަމެއް އެދެކުދިންނަށްވެސް ނޭނގުނެވެ.

އެގޮތަށް ތިއްބާ ދެކުދީންގެ ކައިރިން ފެނިގެން ދިޔައީ ދެތިން ހަތަރު ދޮންދޫންޏެކެވެ. ދޮންދޫނީގެވެސް ބޮޑުވައްތަރެވެ. ތިންފަހަރު އެކުދިންގެ ކުރިމަތިން އުދުހެލިއެވެ. ހަސީނު ބުނަންފެށިއެވެ. ރޭގަނޑު ދަންވަރު މިއީ ކޮންކަމެއްބާވައެވެ. ދޮންދޫންޏަކީ ރޭގަނޑު އުދުހޭއެއްޗެއްވެސް ނޫނެވެ. އޭގެފަހުގަ މާބުރުތަކެއް ރީއަޅާ(ޒޫމްޒޫމް)އަޑު އިވޭންފެށިއެވެ. ޒުލްފީނާ ބިރުންހުރެ ހަސީނު، ދެންދަމާ ހިނގާށެވެ. މިހާރު 11:30 ވަނީއެވެ. ވަރަށް ދަންވެއްޖެއެވެ. އަދިވެސް "ޒޫމްޒޫމް" ލައްވާއަޑު ނުކެޑެއެވެ.

Advertisement

ދެމީހުން އެކުގައި ހިނގަންފެށިއެވެ. މީހުން އުޅޭ ހިސާބާއި ދުރެއްނޫނެވެ. ޒުލްފީނާއި ހަސީނު ދުވެގޮސް ޒުލްފީމެންގެ ގެއަށްވަދެއްޖެއެވެ. މިހާރަކު މާބުރު ރީއަޅާ އަޑެއް ނުއިވެއެވެ. އެއިރު ޒުލްފީނާގެ ބައްޕަ އޭނާ ލަސްވެގެން ގޭގެ ފެންޑާމުގައި ހުއްޓެވެ. ކޮންތާކުންތަ ތިއަންނަނީ.؟ ދަރިފުޅާ މިހާރު ބާރަޖަހަނީއެވެ. ބައްޕަ ސުވާލުކުރެއްވިއެވެ. އަވަހަށް ފެންވަރައިގެން ނިދަންއޮށޯވޭ. ބޭރުގައި އުޅެފައައިސް ފެންވަރަންވާނެ. ހަސީނުވެސް އަވަހަށް ގެއަށްދޭ ރުޅިވެރިކަމާއެކު ޒުލްފީގެ ބައްޕަ ބުނެލިއެވެ. މިރޭގެ މިވަގުތަކީ ބޭރުތެރޭ އުޅެން ރަނގަޅު ވަގުތެއްނޫން. ހަސީނުވެސް މަޑުމަޑުން ނުކުމެގެން ގޮސް އޭނަގެ ގެއަށް ވަދެއްޖެއެވެ. އެދިޔަ މަގުމަތީގަވެސް ހަސީނުއަށް މާބުރުގެ ރީންރީން އަޅާއަޑު އިވުނެވެ. ފެންވެސް ނުވަރާ ޝައްކާއި ވަހުމާއެކު އޮށޯވެ ނިދީއެވެ.

ނިދީގައި ހަސީނަށް ފެނުނީ ރީތި ބޮޑު ފިރިހެނަކު އައިސް އޭނަގެ ކަރުގައި ހިފަނިކޮށެވެ. އެއްފަހަރަކު ދެފަހަރަކު ނޫނެވެ. އެތައްފަހަރަކު ހިފިއެވެ. އެއިން އެއްފަހަރަކުވެސް އޭނައަކަށް ހޭނުލެވެއެވެ. އެމީހަކު އަނިޔާކޮށްފަ ދިޔައީއެވެ. ދެވަނަފަހަރު އައީ ހަމައެހާރީތި އަންހެން ކުއްޖެކެވެ. ވަރަށް އުފަލުން ހީސަމަސާކޮށްފަ ދެލޮލުގެތެރެއަށް ފުމެލިއެވެ. ތިންވަނަފަހަރު އައީ ދޮންދޫނިތަކެކެވެ. ހަސީނު ވަށައި އެތައްބުރުތަކެއް އެޅިއެވެ. އޭގެފަހުގައި ގަދައަޑެއް އިވުމުން ހަސީނަށް ނިދިން ހޭލެވިއްޖެއެވެ. ހަސީނަށް ހީވެސް ނުކުރާ އަނިޔާތަކެއް ވަނީ ވެފައެވެ. ލޮލަކުން ތަނެއް ނުފެނެއެވެ. ކަރުން އަޑެއް ނުނިކުތެވެ. މުޅިގެ ވަށާ އެނބުރޭހެން ހީވާންފެށިއެވެ. ފަތިހު ފަހެއްޖެހީއެވެ. މަދިރިގޭތެރޭ އޮވެގެން ހަސީނު ތެޅިފޮޅެނީއެވެ. މަންމަ ތެދުވެގެންގޮސް ހަސީނަށް ގޮވައިފިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ހަމަތެޅެނީއެވެ. ބައެއްފަހަރު ގިސްލާހެންވެސް ހީވެއެވެ. މަންމަގޮސް މަދިރިގެ ހިއްލާބަލާލިއެވެ. ސުބުހާނަﷲ، ހަސީނުގެ މުޅިގައިވަނީ ނޫފައިގެންފައެވެ. ކަރުން ލޭ އަންނަނީއެވެ. ވާހަކަދައްކަން އުޅެއުޅެ އަޑެއް ނުނިކުތެވެ. ލޮލުން ތަނެއް ނުފެނެއެވެ. ހަސީނު އޮތްހާލަތު ދެކެފައި މަންމަގެ ހިތަށް ކެތްނުވެގެން ބައްޕައަށް ގޮވާލިއެވެ. ބައްޕަ ހަމަބަލާލުމާއެކު ހަސީނަށް ވެގެން އުޅޭގޮތް އެނގިއްޖެއެވެ. ބައްޕައަކީ ފަންޑިތަ ހެދުމަށް މަޝްހޫރު މީހެކެވެ. މީހަމަ ދޫފަސޭހަގޭ ތުއްތުކަލޯ ކުރިކަމެކެވެ. އޭނަ ނޫނިއްޔާ މިރަށުގައި މިފަދަކަމެއް ކުރެވޭނެ މީހަކު ނުހުންނާނެއެވެ. ދެންހުންނާނީ އަހަންނެވެ.

ދޮންހައްވާ އަވަހަށް ދޮންވެފައޮތް ތިން ކާނިފަތް ގެންނާށެވެ. މަގޭ ދަރިފުޅަށް ތިހާލު ޖެއްސި މީހަކަށް ލަނޑެއް ނުދީ ނުހުންނާނަމެވެ. މިރަށުގައި މަށަށްވުރެ މޮޅު މީހަކު ނުހުންނާނެއެވެ. މިހެންކިޔާފަ ބޮޑާވެހުރެ ތިން ކާނިފަތުގައި އެއްޗެއް ލިޔެ ދޮންހައްވަ އަތަށްދީފައި ބުނެލިއެވެ. އަވަހަށް މިފަތް ހިފައިގެން ގޮސް ބޭރު އަތިރީ ދޮންވެލިގަނޑުގައި ވަޅުލާށެވެ. އަނެތް ފަތް ދޫފަސޭހަ ގެއަށްދާ މަގުމަތީ ވަޅުލާށެވެ. ތިންވަނަ ފަތް ދޫފަސޭގޭ ވޮށުއަލީގައި ވަޅުލާށެވެ. ދޮންހައްވަ ބަލާކަށް ނުހުރެ ހިރިގަލު އެނދުރު ބުނިގޮތް ހަދައިފިއެވެ. ދޫފަސޭހަ ގެއަކީ ޒުލްފީނާ މެންގެ ގެއެވެ. ޒުލްފީނާގެ ބައްޕަ ތުއްތުކަލޯ އަކީވެސް މިބާވަތުގެ ބޫގަލް ހެދުމުގައި މުޅި ހުވަދުއަތޮޅަށް މަޝްހޫރު މީހެކެވެ.

ދޮންހައްވަ ކޮންމެވެސް އެއްޗެއް ވަޅުލަނިކޮށް ފެނުނެވެ. ނަމަވެސް ދޮންހައްވަ ދާންދެން ފިލާހުރީއެވެ. ދޮންހައްވަ ދިއުމުން ވޮށުއަލީގައި ވަޅުލި ފަތް ނަގާފަ ބަލާލިއިރު އެފަތުގައި އަންހެނެއްގެ ރޫހު ކުރަހާފަ ހުއްޓެވެ. ލިޔެފަހުރިއެއްޗެއް ކިޔާލުމުން ތުއްތުކަލޯ ދެކަޅި ބޮޑުވެއްޖެއެވެ. އެއީ އޭނަގެ ދަރިފުޅު ޒުލްފީނާ ނެތިކޮއްލުމަށް ހަދާފަވާ އެއްޗެކެވެ. އޭގެފަހުގައި ދޮންހައްވަގެ ފިޔަވަޅު ބަލަމުންގޮސް މި ތިންފަތްވެސް ނަގައިފިއެވެ. ދޮންވެލިގަނޑުގައި ވަޅުލި ފަތުގައިވަނީ ޖިންނި މޮޔަކޮށްލުމަށް ލިޔެފައިވާ އެއްޗެކެވެ. މަގުމަތީ ވަޅުލި ފަތުގައިވަނީ ބަޔަކުމީހުންގެ އަތްދަށުވެ ނެތިގެންދާގޮތަށް ލިޔެފައިވާ ބަރުސީސް މާރީއެވެ. ގެއަށް އައިސް ހަމަޖެހިލުމަށްފަހު ދަރިފުޅު ޒުލްފީއަށް ގޮވާލިއެވެ.

ދަރިފުޅު އައުމުން އެތިންފަތުގައި ހުރި ލިޔުން ދަރިފުޅަށް ރަނގަޅަށް ކިޔާދީފައި ބުނެލިއެވެ. މިވަގުތުން ފެށިގެން ހަސީނު އާއި ގުޅުންކަނޑާލާށެވެ. އަދި ދަރިފުޅުގެ އުނަގަނޑުގައި އޮތް ތަވީދު ނުނަގާށެވެ. އެދުވަހަށްފަހު ޒުލްފީނާއި ހަސީނުގެ ގުޅުން ކަނޑާލިއެވެ. ބައްޕަގެ އެދުމުގެމަތިންނެވެ. ހަސީނުގެ ބައްޕަ ޒުލްފީނާ މަރާލަން ބޫގަލް ހެދުމުންނެވެ. ދެމިތުރުން ހަތުރުންނަށް ވެއްޖެއެވެ. ޒުލްފީ މިވާހަކަ ފަންވަތެއްގަ ލިޔެ ހަސީނަށް ފޮނުވިއެވެ. ނަމަވެސް ހަސީނުވަނީ އެއްޗެއް ކިޔާލެވޭ ވަރަށްވުރެ މާހާލުބޮޑުވެފައެވެ. ހިރިގަލު އެދުރަކަށް ދަރިފުޅަކަށް ރަނގަޅެއް ނުކުރެވުނެވެ. އެހާލުގައި ހަސީނު 40 ދުވަސް ވުމަށްފަހު މަރުވީއެވެ.

ހަސީނަށް މިދިމާވި ކަމަކީ އެރަށު މީހަކުބުނެގެން ހަސީނުގެ ބައްޕަ ކުރިކަމަކުން އޭނައާއި ދިމާވިކަމެކެވެ. ބޭރު އަތިރީގެ ދޮންވެލިގަނޑުގައި ހަސީނުގެ ބައްޕަ ވަޅުލާފަ ހުރި އޮނުހިރި (ހޮއިހެދިފަ ހުންނަ ހިރިގާ) ވަޅެއްގެ މަތީގައި ހަސީނު އާއި ޒުލްފީނާއަށް އިށީދެ ތިބެވުނީއެވެ. ހަށިރައްކަލެއް ނެތުމުން ޖިންނިތައް އަވަލީ ހަސީނުއާއެވެ. މިކަން ހަސީނުގެ ބައްޕައަށް އެގުމުން އަވަސް އަވަހަށް ގޮސް ހިރިގާ ވަޅު ކޮނެ ގާނަގާ، އެގާތައް ނައްތާލިއެވެ. އެކަމަކު މިހާރު ވަގުތު ފާއިތުވެއްޖެއެވެ. ދަރިފުޅު މަރުވީދޯ ދޮންހައްވާ! ދެރަވެފައި ބުނެލިއެވެ.

 

ނޯޓް: މިއީ މަލިކު ހަސަންބޭގެ ހުވަދޫ ދަތުރުގެ ހާދިސާއެކެވެ. އަސްލު ނުގެއްލޭގޮތަށް ވާނީ ބަދަލުގެނެސްފައެވެ. މިހާދިސާއިން ވެސް އެނގިގެން ދަނީ ފަންޑިތަ އަދި ސިހުރު ހެދުމުގެ ނުބައިކަމެވެ. މީހަކަށް ދެރައެއް ދިނުމަށް ކުރާކަމެއްގެ ހިތިކަން އެކަންކުރާ މީހަކަށް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

+1
1
+1
6
+1
3
+1
3
+1
9
+1
2
+1
11

Advertisement

ގުޅުންހުރި ލިޔުންތައް