September 20, 2024 14:34
Advertisement

-Advertisement-

100 އަހަރުވަންދެން މަރުގެންނެވި ބޭކަލެއްގެ ވާހަކަ

ސަތޭކަ އަހަރުވަންދެން މަރުގެންނެވި ބޭކަލެއްގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވެއެވެ. މި ބޭކަލަކާއި ބެހޭ ވާހަކަ ޤުރްއާނުގެ ދެ ތަނެއްގައި އައިސްފައިވެއެވެ. އެއީ ބަޤަރާ ސޫރަތާއި ތައުބާ ސޫރަތުގައެވެ. ޢިލްމުވެރިން ވިދާޅުވަނީ އެބޭކަލަކީ ޢުޒައިރު ޢަލައިހިއް ސަލާމް ކަމަށެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެއީ ބަނީ އިސްރާއީލު މީހުންނަށް ފޮނުއްވުނު ނަބިއްޔެކެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެއީ ޞާލިޙު އަޅެއްކަމަށެވެ. މި އިޚްތިލާފަށްވުރެ މުހިންމީ ޤުރްއާނުގައި އައިސްފައިވާ ޢުޒައިރުގެފާނުގެ ވާހަކައެވެ. މި ވާހަކައިން މާތްﷲ ގެ މަތިވެރިކަން ދަލީލުކޮށްދެއެވެ. އެކަލާނގެ ކުޅަދުންވަންތަކަމެވެ. އަދި ދުނިޔޭގައި ލައްވާފައިވާ އެއްވެސް މަޚުލޫޤެއް ޚަލްޤު ކުރެއްވުމަކީ އެކަލާނގެއަށް އުދަގޫފުޅުކަމެއް ނޫންކަމެވެ. ދިރުއްވުމާއި މަރުއްވުންވަނީ އެކަލާނގެ އަތްޕުޅުގައި ކަމެވެ. އަދި މާތްﷲގެ ކުޅަދުންވަންތަކަމާއިމެދު ވިސްނާ ފިކުރުކުރުމަށްޓަކައެވެ.

މިހާހިސާބުން ޢުޒައިރު ޢަލައިހިއް ސަލާމުގެ ވާހަކަ ކިޔައިދޭނަމެވެ.  އެއީ ބަނީ އިސްރާޢިލުގެ ބޭކަލެކެވެ. ބަނީ އިސްރާއީލުގެ ދަރިކޮޅުގެ މީހުންނަށް ދީނަށް ގޮވައިލެއްވިއެވެ. މާތްﷲ އެއްކައުވަންތަ ކުރުމަށް ގޮވައިލެއްވިއެވެ. އަދި މާތްﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމަށްވެސް މީސްތަކުންނަށް ނަސޭޙަތްތެރިވެވަޑައިގަތެވެ. މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ޢިލްމު ދެއްވިއެވެ. އަދި ޙިކުމަތްތެރިކަން ދެއްވިއެވެ. މޫސާ ޢަލައިހިއް ސަލާމު ގެންނެވި ތައުރާތު ހިތްޕުޅުން އެނގިވަޑައިގަންނަވާ ހަމައެކަނި ބޭކަލަކީ ޢުޒައިރުގެފާނެވެ. ވީމާ، ބަނީ އިސްރާޢީލުންގެ ތެރެއިން (އެޒަމާނުގައި) ތައުރާތު ހިތްޕުޅުން އެނގިވަޑައިގަންނަވަނީ ހަމައެކަނި އެކަލޭގެފާނަށެވެ. އަދި ތައުރާތުގައިވާ މާތްﷲ ގެ ޙުކުމްފުޅުތައް ދެނެވަޑައިގަންނަވާ ބޭކަލަކީވެސް އެއީއެވެ.

އެއްދުވަހަކު މިކަލޭގެފާނު ހިމާރެއްގެ މަތީގައި ދަތުރު ފެއްޓެވިއެވެ. އެކަލޭގެފާނު ދަތުރުމަތީގައި ފަރިއްކުޅުއްވުމަށް ފެނާއި ކާބޯތަކެތި ގެންދެވިއެވެ. އަދި އެނބުރި ރަށައް ވަޑައިގެންނެވި ދުވަހަކީ ވަރަށް ޖައްވު ހޫނު ދުވަހެކެވެ. ދަތުރުގެ ވަރުބަލިކަން އިޙްސާސުވެވަޑައިގަތުމުން އަރާމުކޮށްލުމަށް އެކަލޭގެފާނު ބޭނުންފުޅުވިއެވެ. ދަތުރުކުރެއްވީ ޢިމާރާތްތައް ވެއްޓި ފަނާވެފައިވާ ރަށެއްގެ ކައިރިންނެވެ. މި ރަށްވަނީ ފަޅުވެފައެވެ. ރަށުގެ ބިންވަނީ ހިކިފައެވެ. އެއްވެސް މީހަކު ނެތެވެ. ހިޔާވަހިކަން ދޭނެ ތަނެއްވެސް މިރަށުގައި ނެތެވެ. ޢުޒައިރުގެފާނު މިތަނުގައި މަޑުކުރެއްވިއެވެ. އަދި ހައިރާންވެވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. "މިރަށް ފަޅުވެ ވީރާނާވުމަށްފަހު މާތްﷲ، އަލުން މިރަށައް ދިރުންދެއްވާނީ ކިހިނެތް ހެއްޔެވެ؟". އެ ހިނދު އެކަލޭގެފާނު އަވަހާރަފުޅު ލައްޕަވާފައިވަނިކޮށް، މަރުހިތްޕެވުނެވެ. އަދި އަލުން ދުނިޔެއަށް ފޮނުއްވީ 100 އަހަރު ފަހުންނެވެ. އެކަލޭގެފާނަށް ހީފުޅުވީ ހޭފުޅު ލެއްވުނީކަމަށެވެ.

Advertisement

އެ ވަގުތު މަލާއިކަތްބޭކަލަކު އިންސާނެއްގެ ސޫރައިގައި ފޮނުއްވުނެވެ. އެ މަލާއިކަތާ ސުވާލު ކުރެއްވިއެވެ. "ކަލޭގެފާނު ނިދިކުރައްވާފައި އޮންނެވީ ކިތައް ދުވަހު ހެއްޔެވެ؟ "ޢުޒައިރުގެފާނު ވިދާޅުވިއެވެ. "އެންމެ ދުވަހަކުއެވެ. ނުވަތަ ދުވަހެއްގެ ބައެއްގައެވެ." މަލާއިކަތާ ދެންނެވިއެވެ. "ކަލޭގެފާނު 100 އަހަރުވަންދެން އަވަހާރަވެފައި އޮންނެވިއެވެ." އަދި ދެންނެވިއެވެ. ކަލޭގެފާނުގެ ކާބޯތަކެއްޗަށް ބައްލަވާށެވެ. އެތަކެއްޗަށް ބަދަލެއްނާދެއެވެ. (އެބަހީ: ސަތޭކަ އަހަރުވެފައިވީ އިރުވެސް އެތަކެއްޗަށް އެއްވެސް ބަދަލެއް ނާދެއެވެ.). އެއަށްފަހު އެކަލޭގެފާނުގެ ޙިމާރަށް ބައްލަވައިލެއްވިއެވެ. އެ ޙިމާރު އޮތީ ހިކިފައެވެ. އެއްވެސް މަހެއް ނެތެވެ. ޙިމާރުގެ ކަށިތަށް ފިޔަވައި އިތުރު އެއްޗެއް ނެތެވެ. އެ ޙިމާރު ނެތި ފަނާވެފައި ވަނިކޮށް އެ ޙިމާރުގެ ކަށިތައް އެއްކުރެއްވިއެވެ. އަދި އެކަށިތަކުގައި މަސްލެއްވިއެވެ. އެކަން އެގޮތަށް ލެއްވީ މާތްﷲގެ ކުޅަދުންވަންތަކަން ކަލޭގެފާނު ދެނެވަޑައިގަތުމަށެވެ. އަދި މީސްތަކުންނަށް ހެތްކެއްކަމުގައި ކަލޭގެފާނު ލެއްވުމަށްޓަކައެވެ. މާތްﷲ ގެ ކުޅަދުންވަންތަ ކަމުގެ ދަލީލު ޢުޒައިރުގެފާނަށް ދެއްކެވިއެވެ. އެކަލާނގެ މުޢުޖިޒާތް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި (ޙިމާރު ދިރުއްވާ ތަން) ދެއްކެވިއެވެ. ފަހެ، މާތްﷲ ގެ ކުޅަދުންވަތަކަން އެނގި ބަޔާންވި ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. "މާތްﷲ ކޮންމެކަމަކަށްވެސް ކުޅަދުންވަންތައެވެ." ޤިޔާމަތް ދުވަހުން އިންސާނުން އަލުން ދިރުއްވުމަށްވެސް އެކަލާނގެ ކުޅަދުންވަންތައެވެ.

އެކަލޭގެފާނު ޙިމާރު ނެންގެވިއެވެ. އަދި ރަށައް ވަޑައިގަތުމަށް ދަތުރު ފެއްޓެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ އެއްކޮށް ބަދަލުވެފައިވާ ރަށެކެވެ. އެކަލޭގެފާނު ދަންނަ މީހަކު ނެތެވެ. 100 އަހަރު ފަހުން ރަށައް ވަޑައިގެންނެވިއިރު މުޅި ރަށް ވަނީ ބަދަލުވެފައެވެ. އެކި މީހުން ކައިރީގައި ޢުޒައިރުގެ ގެކޮޅަކީ ކޮބައިތޯ ސުވާލު ކުރައްވަމުން ވަޑައިގެންނެވިއެވެ. އަދި ޢުޒައިރުގެފާނުގެ ގެކޮޅަށް ވަޑައިގެންނެވިއިރު، މުސްކުޅި އަންހެނަކު އިންނެވިއެވެ. އެހިނދު ސުވާލު ކުރެއްވިއެވެ. "މިއީ ޢުޒައިރުގެ ގެކޮޅު ތޯއެވެ.؟

އަންހެން ކަމަނާ ވިދާޅުވިއެވެ. "އާދޭހެވެ." އަދި ކީރިތި ކުރައްވަން ފެއްޓެވިއެވެ. ޢުޒައިރު ސުވާލު ކުރެއްވިއެވެ. "ކަމަނާ ކީރިތި ކުރައްވަނީ ކީއްވެގެންތޯއެވެ." އެ ކަމަނާ ވިދާޅުވިއެވެ. "ޢުޒައިރު ނިޔާވިތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. އަދި މީސްތަކުންވަނީ އެކަލޭގެފާނުގެ މަތިން ހަނދުމަ ނެތިފައެވެ. އަދި އެއްވެސް މީހަކު އެކަލޭގެފާނުގެ ވާހަކަ ޛިކުރެއް ނުކުރައްވައެވެ. އަދި މާތްﷲ މަތިން ޛިކުރުކުރާ މީހަކުވެސް ނެތެވެ." ޢުޒައިރު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނަކީ ޢުޒައިރެވެ. މާތްﷲ، ތިމަންކަލޭގެފާނު 100 އަހަރުގެ ދިގު މުއްދަތަކަށް މަރުހިތްޕެވިއެވެ. އަދި އެއަށްފަހު އަލުން ދުނިޔެއަށް ފޮނުއްވިއެވެ." އެކަމަނާ ވިދާޅުވިއެވެ. "ޢުޒައިރަކީ ދުޢާ އިޖާބަ ކުރެއްވިގެންވާ ބޭކަލެކެވެ. އެކަލޭގެފާނު ކުރައްވާ ކޮންމެ ދުޢާއެއްވެސް މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ އިޖާބަކުރެއްވިއެވެ. ކަލޭގެފާނަކީ ޢުޒައިރަށް ވެއްޖިއްޔާ ތިމަންކަމަނާގެ ފެނުން އަނބުރާ ރައްދުކޮށްދެއްވުމަށް ދަންނަވާށެވެ." ފަހެ، އެކަމަނާ ފެނުން އަނބުރާ ދެއްވުމަށް އެދި އެކަލޭގެފާނު ދުޢާ ކުރެއްވިއެވެ. އަދި އެކަމަނާގެ އަތްޕުޅުގައި ހިތްޕަވައި ކޮޅަށް ނެންގެވިއެވެ. އަދި ވިދާޅުވިއެވެ. "ކަމަނާ ހިންގަވާށެވެ. މާތްﷲގެ އިޛުނަފުޅާއެކު އެކަމަނާ ހިންގަވަން ފެއްޓެވިއެވެ. އަދި އެކަމަނާގެ ފެނުން ރައްދުކޮށްދެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. "ތިއީ ޢުޒައިރުކަމަށް ތިމަންކަމަނާ ހެކިވެވަޑައިގަންނަވަމެވެ."

ބަނީ އިސްރާޢީލުގެ ދަރިން ޢުޒައިރުގެފާނުގެ ގެ ކޮޅަށް ޖަމަޢުވާން ފެއްޓިއެވެ. އެކަލޭގެފާނަށް ކުރިމަތިވެވަޑައިގެންނެވި މުޢުޖިޒާތުގެ ވާހަކަ އަޑުއެހުމަށެވެ. މަރުހިތްޕެވުމަށްފަހު ދިރުއްވުމުގެ ޚަބަރު އޮޅުން ފިލުވުމަށެވެ. ބަނީ އިސްރާޢީލުގެ ތެރެއިން ބަޔަކު މީހުން ބުންޏެވެ. ޢުޒައިރުގެފާނަކީ ތައުރާތު ހިތުން ދަސް ބޭކަލެވެ. ކަލޭގެފާނު އަހަރުމެންނަށް ތައުރާތު ކިޔަވާ ވިދާޅުވެދެއްވާށެވެ. އެހިނދު ޢުޒައިރުގެފާނު ހިތުން ތައުރާތު ކިޔައިދެއްވިއެވެ. ބަނީ އިސްރާޢީލުގެ ދަރިން ބުންޏެވެ. ޢުޒައިރަކީ މާތްﷲގެ މުޢުޖިޒާތެކެވެ. އަދި މާތްﷲ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަކަން މީސްތަކުންނަށް ބަޔާންވެގެން ދިޔައެވެ.

އުޒައިރުގެފާނުގެ ޤައުމުގެ މީސްތަކުންނަށް ދީނަށް ގޮވައިލެއްވިއެވެ. މާތްﷲ ގެ އެއްކައުވަންތަކަމަށް ގޮވައިލެއްވިއެވެ. މާތްﷲ އަށް އަޅުކަން ކުރުމަށްވެސް ގޮވައިލެއްވިއެވެ.  އަދި އެކަލޭގެފާނުގެ ، 100 އަހަރަށްވުރެ ޢުމުރު މަތިވެފައިވާ ދަރިންނާއެކު އިށީދެވަޑައިގެންނެވިއެވެ. އެއެންމެންނަށްވުރެ އެކަލޭގެފާނު ޢުމުރުފުޅު ހަގެވެ. އެ ހާދިޘާއަށްފަހު ބަނީ އިސްރާޢީލުގެ ދަރިން ކާފިރު ވިއެވެ. އަދި ބުންޏެވެ. ޢުޒައިރަކީ މާތްﷲގެ ދަރިކަލެކެވެ. އަދި އޭގެތެރެއިން ބައެއް މީހުން ބުނެ އުޅުނީ ފޮތަކާއި ލައިގެން މެނުވީ މޫސާގެފާނަށް އަހަރެމެންނާ ހަމައަށް ތައުރާތެއް ނުގެންނެވުނެވެ. ނަމަވެސް، ޢުޒައިރުގެފާނު ތައުރާތު އެ ގެނެސްދެއްވީ ފޮތަކާއި ނުލައެވެ. (އެބަހީ: އެކަލޭގެފާނުގެ ހިތްޕުޅުންނެވެ.) މިކަން ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. " ޔަހޫދީން ބުނޫއެވެ. ޢުޒައިރުގެފާނަކީ، اللَّه ގެ ދަރިކަލުންނެވެ. އަދި ނަޞާރާއިން އިން ބުނޫއެވެ. އަލްމަސީޙު (ޢީސާ ގެފާނު) އަކީ، اللَّه ގެ ދަރިކަލުންނެވެ. އެއީ (ހަމައެކަނި) އެއުރެންގެ އަނގައިން ބުނެލާ ބަހެކެވެ. އެއުރެން އެ ތަޤްލީދު ކުރަނީ، އެއުރެންގެ ކުރިން ކާފިރުވި މީހުން ބުނެއުޅުނުފަދަ ބަހަކަށެވެ. اللَّه، އެއުރެންނަށް ލަޢުނަތް ލައްވާހުއްޓެވެ. އެއުރެން ޙައްޤުން އެއްކިބާވަނީ، ކޮންފަދައަކުން ހެއްޔެވެ؟" (ތައުބާ ސޫރަތުގެ 30).

+1
0
+1
1
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް