September 20, 2024 14:39
Advertisement

-Advertisement-

ތަރާވީޙް ނަމާދު، ދަމު ނަމާދު އަދި ވިތުރި

ތަރާވީޙް ނަމާދާއި، ދަމު ނަމާދާއި، ވިތުރިއާއި މި ހުރިހައި ނަމާދަކީވެސް ޤިޔާމުއްލައިލެވެ. ތަރާވީޙް ނަމާދަކީ ރަމަޟާންމަހަށް ޚާއްޞަކޮށް ކުރެވޭ ރޭ އަޅުކަމެކެވެ. ތަރާވީޙް ނަމާދަކީ ރަމަޟާންމަހުގެ ކޮންމެ ރެއަކު ޢިޝާނަމާދުން ފޭބީއްސުރެން ފަތިސް ނަމާދު ބަންގިއާއި ޖެހެންދެން، ކުރުން ޝަރުޢުވެގެންވާ ނަމާދެކެވެ. އެ މީހަކަށް ފަސޭހަ ވަގުތެއް އިޚްތިޔާރުކޮށް ތަރާވީޙް ނަމާދު ކުރަންވީއެވެ. އަދި އެމީހަކަށް ކުޅަދާނަވީ މިންވަރަކަށް ނަމާދުގެ ރަކުޢަތްތައް ކުރެވޭނެއެވެ.

މި ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. މި ނަމާދުކުރުން ސުންނަތްވެގެންވަނީ ޖަމާޢަތުގައެވެ. ވަކިވަކީން ނަމާދު ކުރިޔަސް ޘަވާބު ޙާޞިލުވާނެއެވެ.

ތަރާވީޙް ނަމާދޭ ކިޔުނީ ނަމާދުގައި ގިނަ އިރު ޤުރުއާން ކިޔަވަން ތިބުމުގެ ސަބަބުން ލިބޭ ވަރުބަލިކަން ފިލުވުމަށް، ކޮންމެ ހަތަރު ރަކްޢަތް ދެމެދު، ކުޑަ ވަގުތުކޮޅަކު އަރާމުކޮށްލަން ނުވަތަ ވަރުބަލިކަން ފިލުވުމަށް މަޑުކޮށްލާތީއެވެ.

Advertisement

ތަރާވީޙް ނަމާދުކުރާނެ ގޮތް:

ތަރާވީޙް ނަމާދުކުރާނީ ދެ ރަކުޢަތުން ސަލާމް ދެމުންނެވެ. ދެ ރަކުޢަތުން ބޭނުން އަދަދަކަށް ކުރުމަށްފަހު ވިތުރިން ނިންމާލުމެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "‏صَلَاةُ اللَّيْلِ وَالنَّهَارِ مَثْنَى مَثْنَى" މާނައަކީ: ”ރޭގަނޑާއި ދުވާލުގެވެސް ނަމާދު (ސުންނަތް) ކުރާނީ ދެ ރަކުޢަތުން ދެ ރަކުޢަތުންނެވެ."

ތަރާވީޙް ނަމާދުގެ ނިޔަތް:

އިސްލާމް ދީނުގެ ހުރިހައި އަޅުކަމެއްގެ މަހައްލަކީ ހިތެވެ. އެބަހީ ހިތުން އެކަމެއް ކުރުމަށް ޤަސްދު ކުރުމެވެ. އިޚްލާޞްތެރިކަމާއެކު މާތްﷲ އަށްޓަކައި އެ އަޅުކަމެއް ކުރުމަށް ހިތަށް އެރުވުމެވެ. ވީމާ، ތަރާވީޙް ނަމާދު ކުރުމަށް ހިތަށް އެރުވުމުން ނިޔަތް ގަނެވުނީއެވެ.

ތަރާވީޙް ނަމާދުގައި ކިޔަވަންޖެހޭ މިންވަރު:

ތަރާވީޙް ނަމާދުގައި ކިޔަވަންޖެހޭ ވަކި މިންވަރެއް ކަނޑައެޅިގެން އައިސްފައިނެތެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެގެން އައިސްފައިވާ ވަކި ޚާއްޞަ ސޫރަތެއްވެސް ނެތެވެ. ކީރިތި މާތް ނަބިއްޔާ ތަރާވީޙް ނަމާދުގައި ކިޔަވާ ވިދާޅުވެފައިވަނީ އެކިފަހަރު އެކި މިންވަރަށެވެ. އަދި އެކި ސޫރަތްތަކެވެ. ވީމާ، އެކަނި ނަމާދުކުރާ މީހާ، ޤުރްއާނުން އެމީހަކު ބޭނުން މިންވަރެއް ކިޔެވޭނެއެވެ. އަދި ޖަމާޢަތުގައި ނަމާދުކުރާ އިރު، ޖަމާޢަތުގައި ނަމާދުކުރާ މީހުންނާމެދު ވިސްނަންވާނެއެވެ. މުސްކުޅިންނާއި ބަލިމީހުން ތިބޭނެތީއެވެ.

ތަރާވީޙް ނަމާދުގައި ޤުރްއާން ޚަތިމް ކުރުން އެއީ ސުންނަތް ގޮތްކަމަށް އިމާމު އަބޫ ޙަނީފާ ރަޙިމަހުއްﷲ އާއި އިމާމު އަޙުމަދު ބުން ޙަންބަލް ވިދާޅުވެފައިވެއެވެ. އިމާމު ޝާފިޢީ ރަޙިމަހުއްﷲ އާއި އިމާމު މާލިކު ރަޙިމަހުއްﷲ ވިދާޅުވަނީ ތަރާވީޙް ނަމާދުގައި ޤުރްއާން ޚަތިމު ކުރުމަކީ މުސްތަޙައްބު ކަމެކެވެ. އަދި އިމާމު މީހާ ބޭނުންވެއްޖެނަމަ، ހުރިހައި ރަކުޢަތެއްގައި އެއް ސޫރަތެއްވެސް ކިޔެވޭނެއެވެ.

ތަރާވީޙް ނަމާދު ބައިބަޔަށް ބަހައިލުން:

ޢިޝާ ނަމާދަށްފަހު ތަރާވީޙް ނަމާދު ވަގުތު ފެށޭނެއެވެ. މިވަގުތު ފަތިސް ނަމާދުގެ ބަންގިއާއި ހަމައަށް ދެމިގެންވެއެވެ. މި ދެމެދުގައި ތަރާވީޙް ނަމާދު ބަހައިގެންވެސް ކުރެވޭނެއެވެ. ޢިޝާ ނަމާދަށް ފަހު 10 ރަކުޢަތް ކުރުމަށްފަހު، ފަހުން އަނެއް 10 ރަކުޢަތް ކުރުމެވެ. މި ގޮތަށް އެމީހަކު ބޭނުން މިންވަރެއް ބޭނުން ގޮތަކަށް ބަހައިގެން ކުރެވޭނެއެވެ. ނަމަވެސް ކުރަން ޖެހޭނީ 2 ރަކުޢަތުން ސަލާމް ދެމުންނެވެ.

ތަރާވީޙް ނަމާދު ކުރުމަށްފަހުގައި ދެން ދަމު ނަމާދު ކުރުން:

މިއީ ވަރަށް ގިނަ މީހުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. ތަރާވީޙް ނަމާދު ކުރުމަށްފަހު ދަމު ނަމާދު ކުރެވިދާނެ ހެއްޔެވެ؟ ތަރާވީޙް ނަމާދު ކުރުމަށްފަހު، ފަހުން ތެދުވެ ދަމު ނަމާދުވެސް ކުރެވޭނެއެވެ. ރޭ އަޅުކަމުގައި ވަކި މިންވަރެއް ނެތެވެ. އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ރަކުޢަތުގެ ޢަދަދު ގިނަ ކުރަންވީއެވެ. ނަމާދު ކުރަމުން ވަރުބަލިވެއްޖެ މީހާ އަރާމުކޮށްފައި ފަހުން ތެދުވެވެސް ކުރަންވީއެވެ. ކީރިތި މާތް ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައި ވެއެވެ. "ރޭއަޅުކަން ވަނީ ދެރަކުޢަތުން ދެރަކުޢަތުންނެވެ. (ދެރަކުޢަތް ކޮށްފައި ސަލާންދީފައި އަނެއް ދެރަކުޢަތެވެ.) އަދި ފަތިސްވެދާނެ ކަމުގެ ބިރުހީވެއްޖެ ނަމަ އިސްވެ ދިޔަ ރަކުއަތްތަކަށް ވިތުރީގެ އެއް ރަކުޢަތް ކުރާށެވެ."(ބުޚާރީ / މުސްލިމް)

ވިތުރިކޮށްގެން ނިދި މީހާ ދަމު ނަމާދު ކުރުމުގެ ޙުކުމް:

ވިތުރިއަކީ މަތިވެރި ނަމާދެކެވެ. ޘަވާބާއި ދަރުމައިގެ ގޮތުން މާތް ނަމާދެކެވެ. އަދި އެ ނަމާދަކީ އެކަލޭގެފާނުގެ މާތް ޞަޙާބީ އަބޫ ހުރައިރަތުގެފާނަށް އެ ނަމާދު ކުރުމަށް ވަޞިއްޔަތް ކުރެއްވި ނަމާދެކެވެ. އަދި މި ނަމާދަކީ ރޭގަނޑުގައި އެންމެ ފަހުން ކުރާ ނަމާދަށް ހެދުމަށް ކީރިތި މާތް ނަބިއްޔާ އިރުޝާދު ދެއްވާފައިވާ ނަމާދެކެވެ. އެންމެ ރަނގަޅު ގޮތަކީ ވިތުރި ރޭ އަޅުކަމުގެ އެންމެ ފަހު ނަމާދެއްގެ ގޮތުގައި ހެދުމެވެ. ޢަބްދުﷲ ބިން ޢުމަރު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ރޭގަނޑުގެ އެންމެ ފަހު ނަމާދަކަށް ވިތުރި ހަދާށެވެ." (ބުޚާރީ/މުސްލިމް)

ވިތުރި އެންމެ ފަހު ނަމާދެއްގެ ގޮތުގައި ހެދުމަށް އިރުޝާދު ދެއްވި މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވަނީ ރޭގަނޑުގެ ފަހު ބައިގައި ހޭނުލެވިދާނެކަމުގެ ބިރު އޮންނަ މީހުން ނިދުމުގެ ކުރިން ވިތުރި ކުރުމެވެ. ރޭގަނޑުގެ ފުރަތަމަ ކޮޅުގައި ވިތުރިކޮށްފައި، އޭގެ ފަހުގައި ނިދާފައި ތެދުވެ ނަމާދު ކުރަން ބޭނުންނަމަ، އޭނާ ހަމަ ނަމާދުކުރަންވީއެވެ. އެއީ ހުއްދަކަމެކެވެ. ކީރިތި މާތް ނަބިއްޔާ ވިތުރި އެންމެ ފަހު ނަމާދަކަށް ހެދުމަށް އައިސްފައިވާ ބަސްފުޅަކީ އެކަން ވާޖިބު ކުރައްވައި އައިސްފައިވާ ބަސްފުޅެއްނޫނެވެ. އެކަލޭގެފާނު ބަޔާންކޮށްދެއްވާފައިވަނީ އެންމެ ރަނގަޅު ގޮތެވެ. އަދި ރޭ އަޅުކަން ކުރުމުގެ ޘަވާބާއި ދަރުމަ، އެމީހަކަށް ލިބޭނެއެވެ. ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ރޭގަނޑުގެ ފަހުބައިގައި ހޭނުލެވިދާނެކަމަށް ބިރުވެތިވާ މީހާ، ރޭގަނޑުގެ ކުރީކޮޅުގައި ވިތުރިކުރާށެވެ. އަދި ރޭގަނޑުގެ ފަހުބައިގައި ހޭލައި ނަމާދުކުރުމަށް އެދޭމީހާ، ފަހެ ރޭގަނޑުގެ ފަހުބައިގައި ވިތުރި ކުރާށެވެ. ފަހެ ރޭގަނޑުގެ ފަހުބައިގައި ކުރާ ނަމާދަކީ އެ ނަމާދަކަށް މަލާއިކަތުން ޙާޟިރުވެވަޑައިގަންނަވާ ނަމާދެކެވެ. އަދި އެއީ އެންމެ މޮޅު އިތުރު ގޮތެވެ.” (މުސްލިމް).

އެއް ރޭ ދެ ވިތުރި ކުރުން:

އެއް ރޭ ދެ ވިތުރި ކުރުން ހުއްދަވެގެން ނުވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. "لا وتران في ليلةٍ" މާނައީ: " އެއް ރޭ ދެ ވިތުރި ކުރުމެއް ނުވެއެވެ." ވީމާ، ނިދުމުގެ ކުރިން ވިތުރި ކުރި މީހާ ފަހުން ކުރާކަށް ނުޖެހޭނެއެވެ. އެ މީހަކު ބޭނުން ޢަދަދަކަށް ދަމު ނަމާދުވެސް ކުރަންވީއެވެ.

ވިތުރި ކުރެވޭނީ އޮނަ ހިރި ޢަދަދުންނެވެ. ވިތުރީގައި ވަކި މިންވަރެއް ކަޑައަޅުއްވާފައެއް ނެތެވެ. ޙަދީޘް ބަސްފުޅުތަކުން އެނގެނީ 1 ރަކުޢަތުން ފެށިގެން 9 ރަކުޢަތާ ހަމައަށް ކުރެއްވިކަމެވެ. މިނޫން ވެސް އޮނަހިރި ޢަދަދަކަށް ކުރެވިދާނެ ނަމާދެކެވެ. މި ނަމާދު ކުރާއިރު، ސޫރަތުލް ފާތިޙާއަށް ފަހު، ބޭނުން ސޫރަތެއް ބޭނުން ހިސާބަކުން ފަށައިގެން ކިޔެވިދާނެއެވެ.

+1
1
+1
3
+1
10
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް