November 23, 2024 08:40
Advertisement

-Advertisement-

ކުރު ވާހަކަ: ރާގު

ކުޑަބަދިގެފަރާތުގައި ހުރި ދަރު އުނދުން ބޭނުން ނުކުރާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އެއީ އާބިދާމެންގޭގައި މަސް އެންމެ ތިޔާގި ދުވަސްވަރު ބޭނުންކުރަމުން އައި އުނދުނެކެވެ. ނަމަވެސް މިހާރު އެގޭ ދޯނިން އާބިދާ ފިރިމީހާ ހަސަން މަހަށް ދިއުން ހުއްޓާލާފައިވާތީ  ދަރުއުނދުން ބޭނުންކުރަން ޖެހޭހާ ގިނައިން އެގެއަށް މަހެއް ނުލިބެއެވެ. އެހެންކަމުން އެ ބަދިގޭގެ ބޭނުން މިހާރު މުޅިންހެން ކެނޑިއްޖެއެވެ. އެހާ ގިނައިން ކުޑަބަދިގެ ފަރާތަށް ނުދެވޭތީކަމަށްވެސް ވެދާނެއެވެ.  ބަދިގެ ބިއްދޮށުގައި ހުރި ދޮންކެޔޮފީނިން މުޅި ހިސާބު އޮތީ އަނދިރިކޮށްލާފައެވެ. ބަދިގޭގެ ހުޅަނގުކޮޅުގައި ހައްދާފައިވާ ކަށިކެޔޮ ގަހުގައި އަޅާފައިވާ މާތަކުން މަޑުފޮނިވަހެއް މުޅި ސަރަހައްދަށްވަނީ ފަތުރާލާފައެވެ. ފަތްތަކާއި ކުދި ވިނަތަކާއި ކުނިބުނިން އެދިމާ ބިންމަތިވަނީ ފުރިފައެވެ.

އެގެ ހަދާފައި ހުންނަ ގޮތުން މަގަތުފަޅީގައި ހުންނަނީ ޒަމާނީ ފެންވަރަށް ހަދާފައިވާ ބޮޑު ގެއެވެ. ގޯތީގެ މެދުގައި ޖޯލިފަތިބަހައްޓާފައިވާއިރު ހިޔާ ހޯދުމުގެ ބޭނުމުގައި ހަތަރުފަސް ޖަންބުގަސް ހައްދާފައިހުރެއެވެ. އެގަސްތަކުން ލިބެނީ ހިޔާ އެކަންޏެއް ނޫނެވެ. ޖަންބު މޫސުމުގައި މާލެއަށް ދުއިސައްތައެތައް ގޯންޏެއްގެ ޖަންބު ވިއްކަން ފޮނުވައެވެ. އެގަސްތައް ނިމޭ ހިސާބުން ފެށިގެން ގޯތި ނިމެންދެން ފެންނަނީ އިހުގެ ދިރިއުޅުމޭ ބުނެވިދާނެއެވެ. އެ ކުޑަބަދިގެއަކީވެސް އެފަދަ އެއްތަނެވެ.

އާބިދާމެންގެ ގެ ''މަންޒިލް'' އަކީ ގިނަ ފިލްމުތަކެއް ކުޅުމަށްވެސް ބޭނުންކުރާ ގެއެކެވެ. ލޯބީގެ ފިލްމުތަކާއި ބިރުވެރި ފިލްމުތައްވެސް ކުޅެފައި ވެއެވެ. ރަށުގެ ބައެއް އަވަށްޓެރިން ބުނާގޮތުން އެންމެފަހުން އެގޭގައި ކުޅުނު ބިރުވެރި ފިލްމަށްފަހު އެގޭ ކުޑަބަދިގެ ފަރާތުން ވަރަށް ޒާތްޒާތުގެ ކަންކަން ފެނެއެވެ. އާބިދާ އެވާހަކަތަކެއް ގަބޫލު ނުކުރެއެވެ. އާބިދާ ގަބޫލުކުރާ ގޮތުގައި އަވަށްޓެރިން އެގޮތަށް ވާހަކަދައްކަނީ އޭނާ ދެކެ ހަސަދަވެރިވާތީއެވެ.

Advertisement

މަންޒިލްގެއާއި ޖެހިގެން ހުންނަ ރޯޝަންގެއަށް ވެލްޑިންގ ކުރާ މީހަކު އައިސްގެންއުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ރޯޝަންގޭ ނަރީމާއާއި އާބިދާ ކުނިޖެހިފައިތިބީ އެބުނާ ބިރުވެރި ފިލްމު ނެގި ދުވަސްވަރުއެވެ. އޭގެ ފަހުން 1 އަހަރުވީއިރުވެސް އެދެމީހުން ވާހަކަދައްކާ ނޫޅެއެވެ. އެކަމަކު މި ފަހަކުން އެއްދުވަހަކު އާބިދާ ކުނި އުކާލަން ގޮސްފައި އަންނަނިކޮށް ނިކަން ރީތި ފިރިހެނެއް އެގެއަށް ވަންނަނިކޮށް ފެނުނުފަހުން ނަރީމާއާއި އޮތް ގުޅުން ރަނގަޅުކުރަން ހިތްބުނަން ފެށިއެވެ. ލަދަކާހުރެ ތަދެއް ނުފިލާނެއެވެ. އެދުވަހު ކެއްކި ސާގު ބޮނޑިބަތް ބޯތައްޓަކަށް އަޅައިގެން ފަރި ހިނގުމެއްގައި އާބިދާ ރޯޝަން ގެއަށް ވަނެވެ. ސަލާމް ގޮވަމުން ގޭތެރެއަށް ކަޅިއުކަމުން ވަދެ ވަދެގެން އެހެރަ ދަނީއެވެ.  ނަރީމާ ބަތްތަވާ ހަލަމުން ސަލާމްބަލައި ގަތްއިރު އާބިދާހުރީ އޭނާއާއި 3 ފޫޓު ކައިރީގައެވެ.

'' ކީއްކުރާ ތައްޓެއް'' ނަރީމާ ހުރީ އަންތަރީސްވެފައެވެ. އެމީހުންގެ ގުޅުން ރަނގަޅުއިރު އަބަދުވެސް އާބިދާ އެގެއަށް ކާ އެއްޗެހި ގެނެސްދެއެވެ. ނަރީމާވެސް ގޭގައި މީރުއެއްޗެއް ހަދައިފިއްޔާ އާބިދާއަށް ނުދީ ނުކައެވެ.

'' ކާލަބަލަ ނިކަން.'' އާބިދާ އެދެމެދުގައިވާ ބީރައްޓެހިކަން ކަނޑުވާލަން މަސައްކަތްކުރިއެވެ.

ކެއުމުގެ ތެރެއިން މަޑުމަޑުން ބީރައްޓެހިކަން ކެނޑި ކުރީގެ ހާލަތަށް ބަދަލުވެއްޖެއެވެ. އާބިދާ ނަރީމާމެންގެއިން ނުކުތީ ހިތްހަމަޖެހިގެން ހުރެއެވެ.  ނުކުންނަން އައިއިރު އެގެއިން ފެނުނު ރީތި ފިރިހެން މީހާއާއިވެސް ހަތަރުކަޅި ހަމަވިއެވެ. އެއީ ވަކިން ބޮޑަށް އާބިދާގެ ހިތް އުފާވިކަމެކެވެ.

ރޭގަނޑު ނިދަން އޮތްއިރުވެސް އެމީހާ ގެއަށް ގެންނާނެ ގޮތަކާމެދު އާބިދާ ދިޔައީ ފިކުރުކުރަމުންނެވެ. އެހާމޮޅަށް ވެލްޑިންގ ކުރަންޏާ އޭނާގެ ކުޑަބަދިގޭގައި އެހެރަ އުނދުންގަނޑުވެސް ހަދާލެވިދާނެއެވެ. އެތަނަށް ނުކުމެ އުޅެން ފެށުމުން ނަރީމާމެންގޭ ބަދިގެ ފަރާތް ފެންނާނެއެވެ. އެހެން ނޫނަސް މިހާރު އެ ދެ މީހުންގެ ގުޅުން ރަނގަޅުވެފައިވާތީ އެ ބަދިގޭގައި ކެއްކުން އެންމެ ރަނގަޅުކަމަށް އާބިދާ ދުށްޓެވެ.

ޖެހިގެން އައި ދުވަހުގެ ފަތިހު ހާގޮވިއިރު އާބިދާމެންގޭގެ ކުޑަބަދިގެ ފަރާތުން ހުނިގާނާ އަޑު އިވިގެން ވަރަށް ބިރުން ހުރެ ނަރީމާ އެދިމާލަށް ބަލާލިއެވެ. ބަދިގޭގައިހުރި ބޮކީގެ އަލި އެ ހިސާބަށް ފެތުރިފައިވާތީ އެތާ އިނީ އާބިދާކަން ނަރީމާއަށް އެނގުނެވެ.  އެކަމަކުވެސް ޔަޤީންކޮށްލަން ގޮވާލިއެވެ. އާބިދާވެސް ޖަވާބުގައި ގޮވާލާފައި ހުނިރޮށި ފިހަނީކަމަށް ބުންޏެވެ. ނަރީމާ އަވަސް އަވަހަށް ކުޅި ރިހާކުރު ހަދައިގެން ސައިތަރުމޯޒު ހިފައިގެން އާބިދާމެންގޭގެ ބަދިގެ ފަރާތަށް ދިޔައެވެ. އޭރު އޭނައާއިއެކު އެގެއަށް އައިސްގެން އުޅޭ ޝަފީގުވެސް ދިޔައެވެ. ތިންމީހުން އެކީ ސައިބޮނިކޮށް އުނދުނުގެ ތެރެއަށް ރޮށިފިހާ ތަވާ ވެއްޓުނު އަޑު އިވުނެވެ. އެތަނަށް ތިންމީހުންނަށްވެސް ދުވެފައި ދެވުނީ އެކުއެކީގައެވެ.

'' ރަނގަޅު ދަނޑިވަޅެއްގައި ރަނގަޅުކަމެއް ތިވީ. މިހިރީ ތިކަންތަކުގެ ބޮޑުމީހާ'' ނަރީމާ ޝަފީޤު ކޮނޑުގައި ޖަހާލާފައި، ބިންދައިގެން ދިޔަ އުދުނުގެ ފަޔަށް އިޝާރާތްކުރަމުން ބުންޏެވެ. ތިންމީހުން އެކީ ހީނގަތެވެ. އާބިދާގެ ބޭނުމަކީވެސް އެއީއެވެ. ޝަފީގުލައްވާ އެގޭ ބަދިގޭގައި ކުރަންހުރި ކަންކަންކޮށް ނިންމާލުމެވެ.

ޝަފީޤު ވަރަށް ފަރިތަކަމާއެކު އޭނާ ގެންގުޅޭ ސާމާނު ހިފައިގެން އައިސް މަސައްކަތް ފެށިއެވެ. އެތަނަށް ހަސަނުވެސް ދެފަހަރަކު އައެވެ. ނަރީމާވެސް އެމީހުންކައިރީ ވާހަކަދައްކަންހުރެފައި ދަރިފުޅު ސްކޫލަށް ދާންޖެހޭ ގަޑިއަށް ދިޔައީއެވެ. އާބިދާ ޝަފީޤަށް މީރު ލުނބޯހުތު ފަނިތައްޓެއް ގިރައިގެން ގޮސް ބަދިގެއަށްވަނެވެ. އެތާނގައި އިތުރު ބަޔަކު ނެތެވެ. އާބިދާ އަމިއްލައަށް ޝަފީގުގެ ތުންފަތުގައި ޖޫސްތަށި ޖައްސާލިއެވެ. ޝަފީޤު ކޯވަރެއް ބޯލުމުން އާބިދާ އެ ތަށިން ކޯވަރެއް ބޯލިއެވެ. ޝަފީޤުގެ ސިކުނޑީގައި އާބިދާ ނިނކަން ރަނގަޅަށް ރާގު މިއުޒިކާއެކު ކުޅެލިއެވެ. އެތަނަށް އިތުރު ބަޔަކު އަންނަންދެން އެ ރާގު ކުޅުނެވެ.  މަސައްކަތް އަދިވެސް އެބަހުރިކަމަށްބުނެ ޝަފީގު އެތަނުން ދިޔައީ ނަރީމާ އައިސް ބަދިގޭގެ ދޮރުމައްޗާ ދިމާލަށް ހުރި  ގޮނޑީގައި އިށީނީމައެވެ.

ބަދިގޭގެ މަސައްކަތަށްފަހު ގޭގެ މަސައްކަތްވެސް ޝަފީޤު ދިޔައީ ކުރަމުންނެވެ. ވަރަށް ރީތި ރާގުތަކާއެކުގައެވެ. އެ ރާގުތަކުގެ އަޑު ނީވެނީ އެންމެ ގާތުގައި އުޅޭ ނަރީމާއަށާއި އާބިދާ ފިރިމީހާ ހަސަނަށެވެ. އެދެމީހުންވެސް މިފަދަ ރާގުތަކެއްގައި ތާށިވެފައިވާތީއެވެ.

ނިމުނީ

+1
0
+1
0
+1
3
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް