ނަވީންގެ ވާހަކައަކީ އެރަށަށް އާ ވާހަކައެއް ނޫނެވެ. ޒީޝާއާއި ޒައިޝާ އެމީހަކާ ހެދި އުޅުނު ހަމައެކަނި މީހަކީ ނަވީނެވެ. އެ ރީތި ރީތި ދެ އަންހެންކުދިންގެ ހިތް ކުދިކުދިވީ ނަވީންއާއިހެދިއެވެ. އެކަމަކު ހަޤީޤަތް އެނގެނީ ނަވީނަށް އެކަންޏެވެ. ޒީޝާއާއި ޒައިޝާގެ ތެރެއިން ނަވީން ގުޅެން ބޭނުންވީ ޒީޝާއާއެވެ. އެކަމަކު ޒީޝާއަށް އާއިލާއިން ދެއްކި މީހާއަށް ނޫނެކޭ ބުނާނެ ހިތްވަރެއް ނުލިބުނެވެ. ޒައިޝާ ނަވީންއާއި ކިތަންމެ ގުޅެން ބޭނުންވިޔަސް ނަވީންއަކަށް ޒީޝާ ހުއްޓާ ޒައިޝާއާއި ގުޅެވޭކަށްނެތެވެ. އަނެއްކޮޅުން އެ އާއިލާގެ އެހެން އަންހެން ކުއްޖެއްވެސް ނަވީން އެރަށުގައި ހުއްޓާ ނަވީން ހުރި ކޮޓަރިއަށް ''ވަގަށް'' ވަނެވެ. އެއީވެސް ނަވީން އޭނާގެ ޗުއްޓީ ކުރުކޮށްލާފައި އެރަށުން އަވަހަށް ފުރަން ޖެހުނު ސަބަބެކެވެ. އެކަމަކު ނަން ވެފައިވަނީ ނަވީންއަކީ ބުރުޖަހަމުންދާ މާބުރެއްގެ ގޮތުގައެވެ.
......
އާއިލާގެ މެންބަރުންނާއިއެކު ދަތުރުފެށީ ހއ. ތުރާކުނަށް ދާށެވެ. އެއީ އެއާއިލާގެ ވަރަށް ގިނަ ބަޔަކު ދާން ބޭނުންވާ ރަށެކެވެ. ވަށަފަރަކީވެސް އާއިލާގެ ތެރޭގައި ވާހަކަ ދެކެވުނު ރަށެކެވެ. އެއީ ޒީޝާމެން ދިރިއުޅޭ ރަށަށްވާތީ ނަވީން އެރަށަށް އޭނާ ނުދާނެކަން ވަރަށް ސާފުކޮށް އާއިލާގެ އެންމެން ގާތު ބުންޏެވެ. ސަބަބެއް ނުބުންޏަސް ދާން ބޭނުން ނޫންކަމަށް ބުނުމުން އެންމެންވެސް އިޚްތިޔާރުކުރީ ''ހަނު'' ތިބޭށެވެ.
ފްލައިޓަށް އަރައި އެންމެން ހަމަޖެހިލިއިރު ނަވީން އިށީންދެގެން އިނީ އޭނާގެ ދަރިފުޅާއެކު އެންމެ ފަހަތު ސީޓުގައެވެ. 6 އަހަރުގެ ދަރިފުޅު ބޯޓަށް އެރުމާއެކު ނިދައިފިއެވެ. ދުވަހަކީ އުޑުމަތި ސާފު ރީތި ދުވަހެކެވެ. އެހެންކަމުން އެންމެންވެސް މަސައްކަތްކުރަމުންދަނީ ރީތި ފޮޓޯކޮޅެއް ނެގޭތޯއެވެ. އެކަމަކު ނަވީން އިނީ ބޯޓުގެ ދޮރުން ބޭރަށް ބަލަހައްޓައިގެންނެވެ. އެއްވެސް އަސަރެއް ނެތް އެ މޫނު ހީވަނީ ކަޅާހުދުން ކުރަހާފައިވާހެންނެވެ. އީޝަލް މިދުނިޔެއަށް އައުމާއެކު އީޝާ ނިޔާވީ ނަވީން ކައިރީގައި ހުއްޓައެވެ. އެފަހުން އެމޫނުން މާބޮޑު އުފާވެރިކަމެއް ނުފެނެއެވެ. ދަރިފުޅު އީޝަލް ފެންނަ ކޮންމެ ފަހަރަކު އީޝާ މަތިން ވަރަށް ހަނދާންވެއެވެ. އީޝަލް ކިތަންމެ ކުޑަޔަސް އެއީ ހަމަ ހުރިގޮތަށްހުރި އީޝާއެވެ. ހީލުމާއި، ވާހަކަދެއްކުމާއި މިޒާޖަކީވެސް ހަމަ އީޝާއެވެ. ނަވީންގެ ދައްތަ އީޝަލްގެ ކަންކަން ކޮށްދިނަސް އީޝަލްއާ އެންމެ ގާތުން ހުންނަނީ ނަވީންއެވެ. އެހެންކަމުން އެއިން ކޮންމެ ހިނދުކޮޅަކީ ނަވީނަށް އެތައް އަސަރެއް ކުރުވާ ހިނދުކޮޅެކެވެ. މިފަހަރުގެ ދަތުރުވެސް އާއިލާގެ އެންމެން ރޭވީ ނަވީންގެ ހިތްދަތިކަމަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ގެނެސްދެވޭތޯއެވެ. އެކަމަކު ބޯޓުގައިވެސް އޭނާ އެ އިންނަނީ ބަސްހުއްޓި މަޑުމޮޅިކަމާ އެކުގައެވެ.
.............
ޒީޝާއާއި ނަބީލް ހެނދުނު ފިހާރައަށް ދިޔައީ އެމީހުންގެ ދަރިފުޅު އަޔާން ސްކޫލަށް ދިޔައިމައެވެ. ގްރޭޑް 7ގައި މިހާރު ކިޔަވަމުންދާ އަޔާންއަކީވެސް އޭނާގެ މައިންބަފައިން ފަދައިން މުރާލި ކުއްޖެކެވެ. ސްކޫލުގަޑި ނިމުމުން ފިހާރައިގައި މަސައްކަތްކުރެއެވެ. އެއީ އެނާގެ މަންމައާއި ބައްޕައަށް އަރާމުކޮށްލަން ވަގުތު ދިނުމަށެވެ. ސްކޫލުގެ ފިލާވަޅުތައްވެސް ގިނަ ދުވަހު ހަދާނީ ފިހާރައިގައި އިނދެގެންނެވެ. އެގަޑީގައި ޒީޝާ ގެއަށް ދިޔަޔަސް ކުރާނެ އިތުރުކަމެއް ނުހުރެއެވެ. އެހެންވެ ބައެއް ދުވަސް ދުވަހު ފިހާރައިގައި އަޔާންއާއިއެކު ޒީޝާވެސް އިނދެއެވެ. އަޔާން ފިހާރައަށް އައުމުން ނަބީލް މިސްރާބުޖެހީ މިއަދު ބަނދަރުކުރި ބޯޓުން މުދާ ބާލާތީ އެތަނަށެވެ.
.....
ބޯޓުން އެއަރޕޯޓަށް ފޭބުމާއެކު ނަވީން އޭނާގެ ރައްޓެއްސަކަށް ގުޅާލިއެވެ. އެއީ ތުރާކުނުގައި އެމީހުން ތިބެން ހަމަޖެއްސި ގޭގެ ވެރިމީހާއެވެ. ނަވީންގެ ކުޑައިރުގެ އެކުވެރިއެކެވެ. ތުރާކުނަށް ފޭބުނުއިރު ބަނދަރުމަތީ ގިނަ އަދަދެއްގެ ބަޔަކު ތިއްބެވެ. އޭނާގެ ރަޙްމަތްތެރިޔާ ބަނދަރާއި ތަންކޮޅެއް ދުރުގައި، ހިޔާދޭ ގަހެއްކައިރީ ހުރެގެން އަތުގެ އިޝާރާތުން އެ ދިމާލަށް އައުމަށް ބުނަމުން ދިޔައެވެ. ނަވީން ދަރިފުޅުގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ގާތުގައި އެއާއިލާގެ އެންމެންހެން ތިއްބެވެ. މީހުން ގިނަވުމާއެކު 2 ކޮޓަރި ލިބުނުގޭގައި ތިބީ ނަވީންގެ ދައްތަމެންނާއި ކޮއްކޮމެންނެވެ. ނަވީންއާއި އީޝަލް ދިޔައީ 2 ކޮޓަރިއާއި އިންވެގެން ކަހަލަ ގޮތަކަށް ހުރި ގޭގައި ވަކިން ހަދާފައިވާ ކޮޓަރިއަށެވެ.
ވަކިން ވަދެވޭ ގޮތަށް ހަދާފައިވާ އެ ކޮޓަރިއާއި ދިމާލަށް ހިނގަމުންދާވަރަކަށް ވަރަށް ދުރު ހަނދާނެއް ނަވީނަށް ވިއެވެ. އެއީވެސް ބޮޑު ގޯއްޗެކެވެ. ޒާތްޒާތުގެ މޭވާއަޅާ ގަސްތަކާއި އެކިކަހަލަ ބަގީޗާ ގަސްތަކުން ގޯތިތެރޭގެ ހުސްބައިވަނީ ފުރާލާފައެވެ. ގިނައިން ހުރީ ބޯގަންވިލާ ގަސްތަކެވެ. ހިނގަން ހަދާފައިވާ ހިމަ ދިގު ގޯޅިވަނީ ހުދުހުދު ކަށިވެލިން ޖަރީކޮށްފައެވެ. ދެފަރާތުގައި ހައްދާފައިވާ އަސުރުމާކުލައިގެ ބޯގަންވިލާއާއި މި ހުދު ކަށިވެލީގެ ސާލުން ނިކަން ހިތްގައިމުކަމެއް ހިތަށް ގެނުވައެވެ.
ގަސްތަކުތެރެއިން މާދުރުނޫން ހިސާބެއްގައި ހަދާފައިވާ ގެއެއް ފެނެއެވެ. ނޫކުލައިގެ އެގޭގެ ތަރުތީބުކަން މާދުރުންވެސް ފާހަގަވާހާވެއެވެ. ބޮޑު އަނބުގަހާއި ތިންފޫޓެއްހާ ދުރުގައި ހުރި ފޭރުގަހަށް އައްސާފައިވާ ވާގަނޑެއްގައި ހިއްކަން އަޅާފައިވާ ދެ ޓީޝާޓާއި ފަޓުލޫނަކާއި ސޯޓެއް އޮތެވެ. އެގޭގައިވެސް އުޅެނީ އޭނަ ފަދަ އެކަނިވެރިއެއް ބާއޭ ނަވީން ހިތަށް އެރިއެވެ.
ކޮޓަރިއަށްވަދެ ކުޑަކޮށް ތައްޔާރުވެލައިގެން މެންދުރުގެ ކެއުމަށް ނަވީންއާއި އީޝަލް އެ އާއިލާ ތިބި ގެއަށް ދިޔައެވެ. މެންދުރުގެ ވަގުތަށްވާތީ ކައިގެން އެންމެންވެސް ބޭނުންވީ ނިދާލާށެވެ. ހަވީރުގެ ޕްލޭން ނިންމުމަށްފަހު އެންމެން ކޮޓަރިތަކަށް ވަނެވެ. އީޝަލްވެސް ނަވީންގެ ދައްތައާއެކު ކޮޓަރިއަށް ވަނުމުން ނަވީން އައީ އޭނާގެ ކޮޓަރިއަށެވެ. ނުނިދޭނެކަން ޔަޤީންވާތީ ކުރަހާ ސާމާނު ނަގައިގެން ގޯޅިތެރެއަށް ނުކުތެވެ. ހަމަޖެހިލައިގެން ގޮނޑީގައި އިށީނީ ކުރިމަތީގައިވާ ގަސްތަކަށް ނަޒަރު ހިންގާލައިގެން އެ މަންޒަރު ކުރެހޭތޯއެވެ. ރީތީ ހިތްގައިމު ރޯޅިތައް އޭނާ ލައިގެން އިން ތުނި ހުދު ޓީޝާޓުގައި ޖެހިލާފައި ދެމިގަނެއެވެ. ހީވަނީ ވައިރޯޅި އޭނާއާއި ސަމާސާކުރަނީހެންނެވެ. ކުއްލިއަކަށް އެއްލިކަޅިން ނަވީންއަށް ޒީޝާ ފެނުނުހެން ހީވިއެވެ. އެ ގަސްތަކުތެރެއިންނެވެ. އެއީ ވަރަށް ކުރީގެ ހަނދާންތަކެއް އާވަނީކަން ޔަޤީންކުރުމަށްފަހު އަނެއްކާވެސް ކުރަހަން ފެށިއެވެ. އެކަމަކު މިހާރު އެ މޫނުމަތީގައި ހިނިތުންވުން އެބަހުއްޓެވެ.
.....
ޒީޝާ ރޯނުގައި ހިއްކަން އަޅާފައިވާ އަޔާންގެ ހެދުންތައް ނަގަމުން އެނބުރުނުއިރު އެ ގޯތީގެ އެއްފަރާތެއްގައި ހުންނަ ކުއްޔަށްދޭ ކޮޓަރީގެ ދޮރު ހުޅުވާފައި ހުއްޓާފެނުނެވެ. މިއަދު އެ ކޮޓަރިއަށް ބަޔަކު އަންނަކަން އޭނާއަށް އޮތީ އެނގިފައެވެ. ދޮރު ހުޅުވާފައި ހުރުމުން ވާހަކަދައްކާލާނަމޭ ހިތާ އެދިމާލަށް ގޮސް ގަސްތަކުތެރެއިން ބޯދިއްކޮށްލެވުނުއިރު ސީދާ ކުރިމަތީގައި ގޮނޑިއެއް އަޅައިގެން އެ އިނީ ނަވީނެވެ. އަވަސް އަވަހަށް އައިކޮޅަށް ދުއްވައިގަތެވެ. އެއީ ޔަޤީނުންވެސް ނަވީނެވެ. އެ ހަށިގަނޑެވެ. އެ މޫނެވެ. އެ ދެލޮލުގައިވާ ޖާދުވީކަމެކެވެ. އެކަމަކު ޒީޝާއަށް ދެވަނަ ފަހަރަށް އެ ދިމާލަށް ބަލަންވެސް ނުކެރުނެވެ.