November 23, 2024 17:56
Advertisement

-Advertisement-

ކުރު ވާހަަކަ: އަނިޔާ

ދުވާލުގެ އެންމެ ހޫނުގަދަ އަވީގައި ބޮއްކުރައެއްގައި ފަލިޖަހަމުން މޫނުން ފައިބަމުންދިޔަ ދާތައް ލައިގެން ހުރި އަތްދިގު ދަނބުކުލައިގެ ޓީޝާޓުގައި ފޮހެމުން ރަށާއި މާ ދުރުނޫން ހިސާބުގައި އޮތް ''އޮޅަށް'' މަހްމޫދު ދިޔައީ މިއަދު ލައިގެންކާނެ މަސްކޮޅެއް ބޭނުމަށެވެ. މި މަސައްކަތުގައި އުޅޭތާ އޭނާގެ އުމުރުން ވީހާ ދުވަހެކެވެ. ލިބިފައިވާ ދަރިން މަންމައަކާ ނުލާ ބަލާބޮޑުކުރުމަށްޓަކައި ގޭގައި ހުންނަން މަޖުބޫރެވެ. މިއަދު އެކުދިން ބޮޑެތިވެގެން ވަޒީފާތަކަށް ދިޔަޔަސް މަހްމޫދުގެ އެ މަސައްކަތް ހުއްޓާލާކަށް ބޭނުންނުވެއެވެ. އެއީ ފައިސާ ނުލިބޭތީއެއް ނޫނެވެ. އެކަމަކު އެކަމަކީ އޭނާގެ އެކަނިވެރިކަންފިލާ، އަދި ހަމައެހެންމެ އެ ހަނދާންތަކުގެ ސަބަބުން އޭނާގެ މަންމައަށް ހެޔޮ ދުޢާ ކުރެވޭ ކަމަކަށް ވާތީއެވެ.

އެއީ މީގެ 40 ހަކަށް އަހަރު ކުރިއެވެ. މަންމަގެ އޯގާތެރިކަމާއި އަޅާލުން ލިބެނީ ހަމައެކަނި އެއްބަނޑު އެއްބަފާ ކޮއްކޮމެންނަށެވެ. ބައްޕަ މަސައްކަތްކުރަމުން ދިޔައީ މާލޭގައި ހިންގާ ބޮޑު ކުންފުންޏެއްގައެވެ. އެއީ އެކުންފުނީގެވެސް ''ރަން'' އަހަރުތަކަށްވާތީ ކުންފުންޏަށް ލިބޭ ކޮންމެ ފައިދާއެއްގެ ފުރިހަމަ މަންފާ މަހްމޫދުގެ އާއިލާއަށްވެސް ދިޔައީ ކުރަމުންނެވެ. އެންމެ ޒަމާނީ ބަދިގޭ ސާމާނާއި ގޭތެރޭގައި ބޭނުންކުރާ ފަރުނީޗަރާއި އެފަދަ އެހެނިހެން ސާމާނަކީ އޭރުވެސް މަހްމޫދުމެންގޭގައި ހުންނަ ތަކެއްޗެވެ. ގެއަށްބަލާއިރު ހުރިހާގޮތަކުންވެސް އެންމެ ފުދުންތެރި ގެއެކެވެ. ކައިބޮއިއުޅެނީވެސް އެންމެ މޮޅެތި ކެއުމެވެ.

އެހެންނަމަވެސް މަންމައާއި ބައްޕައާއިދެމެދު ވަނީ ކޮންކަހަލަ ނުތަވަސްކަމެއްކަން ނޭނގެއެވެ. އެކަމުގެ ރޯޅި އަންނަނީ މުޅި އާއިލާއިންވެސް ހަމައެކަނި މަޙްމޫދަށެވެ. ކޮންމެ ދުވަހަކީވެސް މަންމަގެ ފަރާތުން އެތަކެއް އަނިޔާތަކެއް ތަޙައްމަލްކުރަންޖެހޭ ދުވަހެކެވެ.

Advertisement

މިއަދު މަހްމޫދު އެ އިން ސަރަހައްދަކީ އޭނާގެ އުމުރުން އެންމެ 9 އަހަރުގައި މަރުގެ އެތިފަހަރަކުން ސަލާމަތްވި ސަރަހައްދެވެ. އެދުވަހަކީ ސްކޫލުވެސް ބަންދު ދުވަހެކެވެ. އެ އުމުރުގެ ގިނަ ކުދިން އެދުވަހު މޫދުގައި ތިއްބެވެ. ކުއްލިއަކަށް މަންމަ އައިގޮތަށް އައިސް އެތަނުގައި ބަހައްޓާފައި މަޙްމޫދުގެ އަތް ފުރަގަހަށް އެއްސިއެވެ. ދެން އެތަނުގައި އޮތް ބޮއްކުރައަކަށް އަރުވައިގެން އަމިއްލައަށް ފަލިޖަހަމުން ގޮސް ރަށާ މާ ދުރުނޫން ހިސާބުގައި އޮންނަ ''އޮޅު'' ކައިރިއަށް ދިޔައެވެ. އޭރު ދިޔަވަރު މަޑުމަޑުން ބޮޑުވާން ފަށައިފިއެވެ. އެހެންނަމަވެސް ރަށުގެ ވަށައިގެންވާ ފަރުގައިހުރި ގައުތައް ފެނެއެވެ. ބޮއްކުރާއިން މަންމަ އެހިސާބަށް ދިޔައީވެސް އެހާ އުނދަގުލުންނެވެ. އެ ހިސާބަށް ގޮސްފައި އެތަނުން ލޮނުގަނޑުން މައްޗަށް ހުރި ބޮޑު ގަލެއްގައި މަހްމޫދު ބޭންދުމަށްފަހު ގަލާއެކީ އެއްސިއެވެ. އެ ސަރަހައްދުގައި ޒާތްޒާތުގެ މަސްމަހާމެހިވެސް އުޅެއެވެ. އެކަމަކާ މަހްމޫދު ބިރެއް ޖެހިލުމެއް ނެތެވެ. އެކަމަކު މަންމަ މި ކުރިކަމަކުން ސިކުނޑީގައިވަނީ ސުވާލުތައް ފުނިޖެހިފައެވެ.  ހިތުގައިވަނީ ގިލަންވެރިކަމެވެ.

މަހްމޫދު ރަނގަޅަށް އައްސާފައި އޭނާގެ މަންމަ ބޮއްކުރާގައި ރަށާ ދިމާލަށް މިސްރާބު ޖެހިއެވެ. އޮއިވަރު ބޮޑުވަމުން ދިޔަވަރަކަށް އެ ސަރަހައްދުން ނަގާ ރާޅުތައްވެސް ދިޔައީ ބޮޑުވަމުންނެވެ. މަހްމޫދު ސަލާމަތްވާންވެގެން ރޮމުން މަސައްކަތް ފެށިއެވެ. ގަލުގައި އައްސާފައި އޮތް ވާގަނޑު މޮހާލެވުމުން، އޭތި ގަލުން ނެއްޓިއްޖެއެވެ. އެހެންނަމަވެސް އަތް ފުރަގަހަށް އައްސާފައިވާތީ އަތް މޮހާނުލެވުނެވެ. އެހެންވިޔަސް އެތަނުގައި އިނދެއްޖެއްޔާ މިއަދު އޮޔާ ކަނޑަށް ދަމައިގަންނާނެކަން އެނގޭތީ ރަށާ ދިމާލަށް މަހްމޫދު ހިނގައިގަތެވެ.

ފަޅުތެރޭގައިވާ ގައުތަކާއި މުރަކަތަކަށް އެރި،ފަޔާއި ތަންތަން ޒަޚަމްވަމުންދިޔައެވެ. އޭރު ދިޔަވަރު އާދައިގެ ވަރަކަށްވުރެ ބޮޑުވެއްޖެއެވެ. ރަށާދިމާލަށް ހިނގަމުންދަނިކޮށް ވެއްޓުނުގޮތަށް ނުތެދުވެވި ގެނބިގެން މަރުނުވީ ހަމަ ކިރިޔާއެވެ.

ރަށުގެ ފަސްގަނޑުގައި ފައިޖެހުނުއިރު ގައިގައި އެއްވެސް ހަކަތައެއް ނެތެވެ. އެދުވަހަކީ ގެއިން ކާން ނުލިބޭނެ ދުވަހެއްކަން ޔަޤީންވާތީ އަތިރިމަތީ މަސްބާނަން ތިބި ކުދިންނާއެކު މަސްބާނައިގެން އެ މަސް ފިހެގެން ކެއީ އެރޭ ބަނޑަށް ހުރެ ނިދަން ޖެހޭތީއެވެ. މިފަދަ ކިތަންމެ ދުވަހަކު އެގޮތަށް މަސްބާނައިގެން ކައިގެން ބަނޑުހައިހޫނުކަން ފިލުވާފައިވާނެއެވެ.

ގެއަށްދާން މިސްރާބުޖެހީ އިރުއޮއްސުނު ފަހުންނެވެ. މަހްމޫދުގެ މަންމަގެ ރުޅިގަނޑު އެރަށުގެ އެންމެނަށްވެސް އެނގޭތީ މަހްމޫދަށް އަނިޔާކުރާއިރު އެންމެންވެސް ތިބެނީ ދުރުގައި ބަލަހައްޓައިގެންނެވެ. މަހްމޫދުގެ ދިފާޢުގައި ބަހެއް ބުނެލާނެ އެއްވެސް މީހަކު އެރަށުގައި ނެތެވެ. މަހްމޫދުމެން އުޅޭ ގެ ހުންނަނީ މީހުން އެހާ ގިނަ ނޫން ސަރަހައްދެއްގައިކަމަށްވާތީ އިރުއޮއްސުމާއިއެކު މުޅި ހިސާބުގަނޑުގައި ރަސްކަންކުރަނީ ކަނު އަނދިރިކަމެވެ. ވަށައިގެން ބޯގަސްތައް ހެދިފައިވާތީ އެ އަނދިރިކަމަށް އިތުރު ބިރުވެރިކަމެއް ގެނުވައެވެ. ކިތަންމެ ރެއަކު މަހްމޫދު ގެއިން ބޭރަށްލާފައި، އެ އަނދިރީގައިވެސް ބަހައްޓައެވެ. ރަށުން ކަރަންޓު ކަނޑާނީ ރޭގަނޑު 11 ޖަހާއެހާއިރު އެވެ. އޭގެ ކުރިން އެންމެން ބޮކިތައް ނިއްވާލައިގެން ނިދާނެއެވެ. އެ ކަނުއަނދިރީގައި ބިރުން ފިތްކަނޑައިގެންފައިވަނިކޮށް އަލިވިލޭ ދުވަސްތައްވެސް އާދެއެވެ.

މުޅިދުވަހު ލޮނުތެރޭގައި އުޅެވުމުންނާއި ވަރުބަލިކަން ފިލާނީ ފެންވެރުމުންކަމަށްވާތީ މަހްމޫދު، ގެއާ އިންވެގެން ހުރި ގިފިއްޔަށްވަނެވެ. ވަށައިގެން އެކިއެކި ގަސްތައްހައްދާފައިވާ އެ ގިފިލިވެސް ކިތަންމެހާވެސް ބިރުވެރިއެވެ. އެކަމަކުވެސް ފެންވަރަން މަޖުބޫރެވެ. ކިތަންމެ ރެއަކު އޭނާގެ މަންމަ މި ކަނު އަނދިރީގައި އޭނާ ވަޅަށް އެކޮޅުކޮޅުންލާފައި ފެންގަނޑު މޫނުގައި ޖެހޭވަރުކޮށްފައި މައްޗަށް ނެގިއެވެ. ނޭވާ ހާސްވެގެން މަރުވަނީއޭ ހިތަށްއަރާ ކިތަންމެ ފަހަރެއް ދިޔައެވެ.  ބައެއް ރޭރޭ ވަޅުތެރޭ ބަހައްޓާފައިވެސް އޭނާގެ މަންމަ ދެއެވެ. ދިޔަވަރު ބޮޑިއްޔާ އޭނާގެ މެޔާހަމައަށް ވަޅުގެ ދިޔަ ބޮޑުވެއެވެ.

ފެންވަރާ ނިމިގެން ނުކުމެ ބަދިގެއާއި އިންވެގެން ހުރި ކުޑަކުޑަ އަސްކަނިދަށުގައި އިށީނީ މިރޭ ގެއަށް ނުވަދެވޭނެކަން މަހްމޫދަށް އެނގޭތީއެވެ. އެ އަސްކަނިކައިރީ ބަހައްޓާފައިވާ ބޮޑެތި ފަލަ ދަރުތަކުންވެސް މަހްމޫދުގައިގައި އޭނާގެ މަންމަ ތަޅާ އަނިޔާކޮށްފައިވެއެވެ. ހަމައެތާބަހައްޓާފައިވާ އިލޮށިފައްޗަކީ އެއްވެސް ބެލުމެއްނެތި އޭނާގެ މަންމަ،  އޭނާގެ ގައިގެ އެތަން މިތަނުގައި ތަޅާ ހުސްކުރި އިލޮށިފައްޗެވެ. މަހްމޫދުގެ ހަޔާތުގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. ވޭނާއި ކެކުޅުން ނޫން ވާހަކައެއްވެސްނެތެވެ. އެކަންކަމުން ބޯހަމަޖައްސާލަން މޫދަށް، ނޫނީ ކައިރީގައިވާ ފަޅުރަށަކަށް ދާ ދުވަހަކީ އިތުރު އަނިޔާތަކާ ކުރިމަތިލާންޖެހޭ ދުވަހެކެވެ.

ހެނދުނު ހޭލެވުނީ ހާގޮވާއަޑަށެވެ. ގޭގެ ދޮރުހުޅުވާފައިހުރުމުން ވަރަށް ބިރުން ހުރެ ގެއަށްވަދެ ޔުނީފޯމް ނަގައިގެން ފެންވަރަން ދިޔައެވެ. ގިފިލީގައި ހުރި ޅޮސްގަހުގައި އެލުވާފައިވާ ލޯގަނޑުން މޫނުބަލާލިއިރު ދެލޯ ވަނީ ރަތްވެފައެވެ. އޭނާގެ ހަނދާނަށް އައީ އޭނާގެ އުމުރުން އެންމެ 3 އަހަރުގައި ވާތުލޮލަށް ލޭ އަރާފައިވާތީ އެ ލޮލަށް ބޭސްކުރި ވާހަކަ އޭނާގެ މާމަބުނި ހަނދާނެވެ. އެވެސް އެނާގެ މަންމަގެ އެފަދަ އަނިޔާއަކުން ލިބުނު ގެއްލުމެކެވެ.  އުމުރުން 13 އަހަރުވަންދެން މަހްމޫދު އެ އަނިޔާގައި ދުވަސްތައް ގުނިއެވެ. އޭނާގެ ބައްޕަ އޭނާ ކިޔަވަން މާލެ ގެންދިއުމާ ހަމައަށެވެ.

.....  

+1
0
+1
3
+1
3
+1
0
+1
2
+1
1
+1
2

Advertisement

ގުޅުންހުރި ލިޔުންތައް