ދުނިޔޭގެ އެކި ގައުމުތަކުގައިވާ ރީތި އަދި ބޮޑެތި ޝޮޕިން މޯލް ތަކަކީ ގިނަ ބަޔަކު ގަޔާވާ ތަންތަނަށް ވަނީ ވެފައެވެ. މިގޮތުން މިފަހަރު މިބަލާލަނީ އޭޝިއާގައި ހަދާފައިވާ ބޮޑެތި ޝޮޕިން މޯލް ތަކުގެ ތެރެއިން އެއް ޝޮޕިން މޯލްއާއި ގުޅޭގޮތުން މައުލޫމާތު ހިމަނާލުމަށެވެ. މިގޮތުން ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހަދާފައިވާ "އައިކޮންސިއާމް" އަކީ ވަރަށް ބޮޑު އަދި އެހާމެ ރީތި ހިތްގައިމު ޝޮޕިން މޯލްއެކެވެ. އެތަން ހުޅުވާފައިވަނީ 9 ނޮވެންބަރ 2018 ވަނަ އަހަރުއެވެ. 1.5 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްގެ ދަށުން ހަދާފައިވާ މިޝޮޕިން މޯލް އާއެކު ހޮޓެލް އެއް އަދި ރެސިޑެންސެއްވެސް ހުރެއެވެ.
މިތަނުގެ ބޮޑުމިނުގައި 5،650،000 ސްކްޔާ ފީޓް ހުރެއެވެ. "ސިއާމް ތަކަޝިމަޔާ" ގެ ފުރަތަމަ ޑިޕާޓްމެންޓް ސްޓޯރ އާއި ފުރަތަމަ އެޕަލް ސްޓޯރވެސް އިންނަނީ މިޝޮޕިން މޯލްގައެވެ. 3000 މީހުންގެ ޖާގައިގެ އެޑިޓޯރިއަމް ހޯލެއްވެސް ހިމަނައިގެން ހަދާފައިވާ މި ޝޮޕިން މޯލްއަކީ ވަރަށް ރީތި އަދި ފަހުގެ ޒަމާނީ ފެންވަރަށް ހަދާފައިވާ ޝޮޕިން މޯލްއެކެވެ. ތަފާތު ގިނަ ބްރޭންޑްތަކާއި އެކު ރީތި ގޮތްގޮތަށް ޑިޒައިން ކޮށްފައި ހުންނަ ރެސްޓޯރެންޓްތައްވެސް މިމޯލްގައި ހުރެއެވެ. އަދި ތައިލެންޑްގައި ހުންނަ އެންމެ ބޮޑު ސްޓާރބަކްސް ކޮފީވެސް ހުންނަނީ މިމޯލްގައެވެ.
ފިލްމެއް ބަލާލުމަށް ރީތި ސިނަމާ ތަކާއި ކުޑަކުދިން ކުޅޭ ތަނެއްވެސް ހުރެއެވެ. މިތަނުގެ އާކިޓެކްޗަރ އަކީ އެހެން މޯލްތަކާއި ތަފާތު އަދި އާދަޔާ ޚިލާފަށް ރީތި އާކިޓެކްޗަރ އެކެވެ. މޯލްގެ އެންމެ ތިރީގައި ފުލޯޓިން މާރކެޓެއްވެސް ހުރެއެވެ. މިއީ ތައިލެންޑެ މޯލްއެއްގައި ފުލޯޓިންގ މާރކެޓެއް ހެދި ފުރަތަމަ ފަހަރެވެ.
މިތަނުގެ ތަފާތު ކަމަކީ ކާއެއްޗެހި ސަރވްކުރަނީ ބޮއްކުރާ ކަހަލަ އެއްޗެހީގައެވެ. މިތަނުގައި ދެ ރެސިޑެންސެއް ކަމަށްވާ މެގްނޯލިއާ ވޯޓާ ފްރޮންޓް ރެސިޑެންސާއި ދަ ރެސިޑެންސް އެޓް މަންޑަރިން އޯރިއެންޓަލް ބެންކޮކް ހުރެއެވެ.
110،000 ސްކްޔާ ފީޓްގެ ބޮޑު މިނުގެ ރިވާ ސައިޑް ޕާކެއް ހުންނައިރު ވަށައިގެން އެފެންނަ ޗަޕްރިއާ ރިވާ އަކީވެސް ވަރަށް ހިތްގައިމު ތަނެކެވެ. އެތަނުގައި މީހުން ހިނގާލުމަށާއި ފޮޓޯ ނަގާލުމަށްވެސް ފުދޭވަރެއްގެ ޖާގައެއް އޮވެއެވެ. ވަށައިގެން އެފެންނަ ކޯރުގެ ހިތްގައިމުކަން ބަލާލުމަށް އިށީދެލައިގެން އިންނަން ހަދާފައި ހުންނަ ކޮފީޝޮޕް ތަކުގައި އިށީދެލައިން އިންނައިރު އެލިބޭ ހިތްހަމަޖެހުމަކީ އެތަނަށް ގޮސްގެން ނޫނީ އިހްސާސް ނުވާނެ ކަމެކެވެ.
މި މޯލްއަށް ދެވޭގޮތަށް ޓްރެއިން ސްޓޭޝަނަކުން ގުޅާލާފަވާއިރު މިތަނަށް ދިއުމަށް ވަރަށް ފަސޭހައެވެ. މި ޓްރެއިން ސްޓޭޝަން ހުޅުވާފައިވަނީ 16 ޑިސެމްބަރ 2020 ގައެވެ. އަދި ހަމަމިގޮތުން މިމޯލްއަށް ޒިޔާރަތްކުރުމަށް ފެރީ ދަތުރުތައް ވެސް ވަނީ އިންތިޒާމްކޮށްފައެވެ. ކައިރީގައި ވަށައިގެން ހުންނަ ބައެއް ހޮޓެލްތަކުން ފެރީ ނަގައިގެންވެސް މިމޯލްއަށް ޒިޔާރަތްކުރުމުގެ އިންތިޒާމް ހަމަޖެހިފައި އޮވެއެވެ.
ވަށައިގެން އޮންނަ ކޯރުގައި ދުއްވާލާފަދާއިރު ފެންނަ ހިތްގައިމު ރީތި މަންޒަރުތައްވެސް އެހާމެ ޗާލެވެ. މިތަނަށް ޒިޔާރަތްކުރުމަށް އޮންނަ ފެރީއަށް އެރުމަށް އެއްވެސް ފީއެއް ނުނަގައެވެ.