September 21, 2024 05:12
Advertisement

-Advertisement-

ކުރު ވާހަކަ: 'ސަން' ފްލާވަރ

ކުޑަކުޑަ ފުރާނައެއް އަހަރެންގެ ހަށިގަނޑުގައިވާކަން ނޭނގި ދުވަސްތައް ދިޔައީ ގުނަމުންނެވެ. އަހަންނަކީ އާންމުކޮށްވެސް ބަނޑުހައިވާ މީހަކަށްވާތީ ކެއުމަށް އައި ބަދަލެއްވެސް އެހެން ފާހަގައެއް ނުކުރެވެއެވެ. އެކަމަކު އާދަޔާ ޚިލާފަށް ހަށިގަނޑު އަނަރޫފަވަމުން ދިޔަކަން އިހްސާސްވިއެވެ. އެވަރަށް ކާއިރުވެސް ކާއެއްޗެއްގެ އަސަރެއް ނުކުރަނީ ކީއްވެތޯ ހިތަށް އެރިއެވެ.

ދުވަސްކޮޅަކަށްފަހު ކަންބޮޑުވާންޖެހޭ ފަދަކަމެއް އުޅޭކަމަށް ހީވާތީ ޑޮކްޓަރަށް ދެއްކީމެވެ. ޑޮކްޓަރ ބުނީ ޓެސްޓް ހަދަން ޖެހޭކަމަށެވެ.

މާގިނަ އިރެއްނުވެ ޓެސްޓް ހެދުމަށްފަހު ނުކުތީމެވެ. ނަތީޖާ ލިބެނީ 1 ދުވަސް ފަހުންނެވެ. ވަގުތު ދިޔައީ ދިގުވަމުންހެން ހީވި މަދު ދުވަސްތަކުގެ ތެރޭ އެ ދުވަސްވެސް ހިމެނުނެވެ.

Advertisement

ޖެހިގެން އައި ދުވަހުގެ އިރު ކައިވަތަކަށް ނާރަނީސް އަހަރެން އިނީ ހޮސްޕިޓަލުގައެވެ. އޮފީހުގައި ހުރެފައި ނުކުތީވެސް ލިބިދާނެ 'ސަޕްރައިޒް' އަކަށް ތައްޔާރުވަމުންނެވެ.

ޓެސްޓްގެ ނަތީޖާ ނަގައިގެން ޑޮކްޓަރު ބަލަން ހަމަޖެހިފައިވާ ކޮޓަރީގެ ސީދާ ދޮރާ ދިމާލަށް ހުރި ގޮނޑީގައި އިށީނީމެވެ. ޑޮކްޓަރ ބަލަން ފަށަނީ 30 ވަރަކަށް މިނިޓް ފަހުންކަމަށް އެތަނަށް އައި ހޮސްޕިޓަލްގެ މީހެއް ބުނުމުން ޑޮކްޓަރުގެ އިންތިޒާރުގައި ވަގުތު ގުނަން ފެށީމެވެ. ކޮންމެ ސިކުންތެއް މިނިޓެއްހާ ދިގެވެ. ކޮންމެ މިނިޓެއް ގަޑިއެއްހާ ދިގެވެ. ކޮންމެ ގަޑިއެއް ހީވީ 24 ގަޑިއިރުހެންނެވެ. އެންމެ ފަހުން ކެތް ނުވެގެން ގޫގްލް ކޮށްލީމެވެ.

ޖަވާބަކަށް އައީ އަހަރެން 'ޕްރެގްނެންޓް' ކަމެވެ. އެކަމަކުވެސް އުފާވާކަށް ބޭނުން ނޫނެވެ. ޑޮކްޓަރުގެ އަނގައިން އެހެން ނުބުނަނީސް އެވާހަކަ ގަބޫލު ކުރަން ބޭނުން ނުވަނީއެވެ.

ނަސީބަކުން ބައިގަޑިއިރުތެރޭ ޑޮކްޓަރު އައެވެ. އަހަރެންގެ ޓެސްޓްތައް ބެލުމަށްފަހު މާބަނޑުކަން ކަށަވަރުކޮށްދިނެވެ. އެވަގުތު އަހަންނަށް އުފަލުން ރޮވުނެވެ. މިއީ އަހަރެންގެ ހަޔާތުގައިވެސް އުފަލުން ރޮވުނު ފުރަތަމަ ފަހަރެވެ. އެކަމަކު ޑޮކްޓަރު ހީކުރީ އަހަރެން ދަރިފުޅު ބޭނުން ނުވާތީ ރޮނީ ކަމަށެވެ. ވާނީވެސް އެހެންނެވެ. ޓެސްޓްގެ ނަތީޖާ ދައްކަން ދިޔައީ އެކަންޏެވެ. އެވަގުތު ފިރިމީހާ ރަށުގައި ނެތީމައެވެ. ކިތަންމެ ރޮވުނަސް ކެތްމަދުވެފައި އިނީ ޑޮކްޓަރުގެ ކޮޓަރިން ނުކުމެވޭނެ އިރަކަށެވެ. ޑޮކްޓަރަށް ޝުކުރު އަދާކޮށްފައި އެ ކޮޓަރިން ނުކުތީމެވެ.

ހަމަ ނުކުމެވުމާއިއެކު އާއިލާގެ އެންމެންނަށް ގުޅަން ފެށީމެވެ. ވަކި ވަކިން ކޮންމެ މީހަކަށް ގުޅީމެވެ. ފުރަތަމަ ފިރިމީހާއަށެވެ. ދެން މަންމައަށެވެ. ތަރުތީބުން ދެފަރާތު އާއިލާގެ 'ހަރު' މީހުންނަށް ގުޅީމެވެ. އަހަރެންގެ އަޑުގައިވީ އުފާވެރިކަމުގެ އިހްސާސް އެ އެންމެންނަށްވެސް ފާހަގަކުރެވުނެވެ. އަހަރެންގެ އަތް ތުރުތުރުއަޅާތީ ފޯނުގައި ހިފަހައްޓައިގެން ހުންނަންވެސް އުނދަގުލެވެ. އެހެންނަމަވެސް އެންމެނަށް އެ އުފާވެރި ޚަބަރު ދިނީމެވެ.

އެ ދުވަހު އެކަން ކަށަވަރުވުމާއިއެކު ހޮޑުލެވެން ފެށިއެވެ. އެންމެ ފުރަތަމަވެސް ނުބައިވީ ކޮފީވަހެވެ. ދެން ލޮނުމެދާއި ފިޔާގެ ވަހެވެ. އެންމެ މީރުވީ ފާ ދޮންކޭލެވެ. ފާވެގެންގޮސް ކަޅުވެފައި ހުންނަ ދޮންކެޔޮ އާދޭސް ކޮށްގެންވެސް ފިހާރަތަކުން ގަންނަމެވެ. ބާޒާރާށް ދިޔަޔަސް ބަލަނީ އެކަހަލަ ދޮންކެޔޮ ފެނޭތޯއެވެ. އެ ފެނުމުން ބުޅަލަށް ރޯމަސްކޮޅެއް ފެނުމުން އެވާ އިޙްސާސް އަހަންނަށް ވެއެވެ.

އަހަރެންގެ 'ކުޑަކުޑަ ފުރާނަ'އާއެކު ދިރިއުޅުމުގެ ބާކީ ބަޔަށް އަހަރެން ދިޔައީ ތައްޔާރުވަމުންނެވެ. އެންމެ ފުރަތަމަ ދުވަސްކޮޅު ކޮންމެ ދުވަހަކީވެސް އުފާވެރިދުވަހެކެވެ. 'ބައެއް' މީހުންގެ ހިތްތަކުގައިވާ ދެފުށްދެގޮތްކަން އެނގެން ދެނެވެ. އަހަރެންގެ ދަރިއަކީ އެފަދަ މީހުންނަށް ހުރި 'ބިރެއް' ފަދައެވެ. ލިބެން އުޅެނީ ކޮންކަހަލަ ކުއްޖެއްކަން އެނގެން އަދި ލައްކަ ދުވަސް އެބަ އޮތެވެ. ނަމަވެސް ބައެއް މީހުން އަހަންނަށް ލިބޭނީ ފިރިހެން ދަރިއެއްކަމަށް ކަނޑައަޅައި ނިންމައިފިއެވެ. ހިސާބަށްވުރެ ހަސަދަވެރިކަން ބޮޑުވުމުން ޣައިބުގައިވާ ކަންކަންވެސް އެފަދަ މީހުންނަށް އެނގޭކަމަށް ވާނެއެވެ.

އަނެއްބަޔަކަށް ރަނގަޅީ އަހަންނަށް އަންހެން ދަރިއެއް ލިބުނިއްޔާއެވެ. އެއީ ހަޤީޤަތުގައި އަހަރެން ބޭނުންވާ ގޮތެވެ. ނަމަވެސް ބައެއް ކަންކަމަކީ ބޭނުންވާ ގޮތަށްވުރެ މާކުރިން ކަނޑައެޅި ނިމިފައިވާ ކަންތަކެވެ. އެހެންނަމަވެސް ދުޢާއިން އެކަންކަން ބަދަލުކޮށްލާނެކަން ކަށަވަރެވެ. އަހަރެން ބޭނުންވީ އަހަރެންގެ ދަރިފުޅަށް ޒައިނަބު ކިޔާށެވެ. އެކަމަކު އެހުރިހާ ކަމެއް ދޫކޮށް، ސިއްހަތު ރަނގަޅު ފިރިހެން ދަރިއެއް ދެއްވާވާތޯ ކެނޑިނޭޅި ދުޢާކުރަން ފެށުނީ އަޑު އިވުނު ވާހަކަތަކުން ހިތަށްކުރި އަސަރުންނެވެ.

ބައެއް މީހުންނަށް މާބަނޑުވުމަކީ ވަރަށް ބޮޑު އުފަލެކެވެ. އެކަމަކު އަހަންނަށްވީ ހިތްދަތިކަމުން ފުރިފައިވިކަމަކަށެވެ. ދިރިއުޅުމުގައި މިހާތަނަށް ނުކުރެވޭ އެތަކެއް އިޙްސާސްތަކެއް ކުރުވަމުން ދިޔައިރު ދުވަހަކު ކަންބޮޑުވެ ހާސް ނުވާވަރަށް އަހަރެން ދިޔައީ ކަންބޮޑުވަމުންނެވެ. އެވާހަކަތައް ހިއްސާ ކުރާނެ އެއްވެސް މީހެއް ނެތި ހުއްޓާ ދަރިފުޅު މިދުނިޔެއަށް އައިވަގުތު ޖެހުނެވެ.

އެއީ ބަޔަކަށް އުޑުމަތި ބަނަވެ އަނދިރިވަމުން އައި ކަޅު ވިލާގަނޑުގެ އަސަރު ފެނުނު ވަގުތެވެ. މަރުގެ ތުންފަތްމަތީގައި އޮވެފައި ދަރިފުޅާއެކު ވިއްސާކޮޓަރިން ނުކުތްއިރު އެވާހަކަ ވަނީ މުޅި ދުނިޔެއަށް އެނގިފައެވެ. މަޔަކަށް އެއަށްވުރެ ބޮޑު ހިތްދަތިކަމެއް ވާނެތޯއެވެ. ޚާއްސަކޮށް އަންހެނަކަށްވެހުރެ އަންހެނަކާ ދިމާލަށް ބުނަން ނުވާ އެފަދަ ބަސްތައް ބުނާ މީހުން ގިނައެވެ. އެ ބަސްތައް، ޖުމްލަތައް ވަކިވަކިން އަހަރެންގެ ސިކުނޑީގައިވަނީ ކަނޑާނެގިފައެވެ. ހަނދާން ނައްތާލަން ކިތަންމެ ބޭނުންވިޔަސް ދަރިފުޅު ފެންނަ ކޮންމެ ފަހަރަކު އެ ހަނދާންތައް އާވެއެވެ. ވިއްސާރަވެ އުޑުމަތި ބަނަވެއްޖެނަމަ ވިހަ ތީރުތަކެއް ފަދައިން އެ ބަސްތައް ހިތަށާއި ސިކުނޑި ތޮރުފައެވެ.  

ދަރިއަކު ދުނިޔެއަށް އުފަންވުމަކީ މާބަގީޗާއެއްގައި އެތައް މަލެއް ފޮޅުންފަދަ ކަމެކެވެ. އެމާތަކަށް ކިޔާނެ ނަންތަކާއި އެ މާތަކުގެ ޚާއްސަކަން އެންމެ ރަނގަޅަށް އެނގޭނީ އެ މަލެއް ފޯދުމުގެ އަސްލުކަމުގައިވާ ގަހަށެވެ. ބައެއް މީހުންނަށް އެބައިމީހުންގެ ދަރިންނަކީ 'ސަން' ޝައިނެވެ. އަހަރެންނަށް އަހަރެންގެ ދަރިފުޅަކީ އަހަރެންގެ ކުޑަކުޑަ ބަގީޗާގައި ހެދިފޯދެމުންދާ 'ސަން'ފްލާވަރ އެވެ. އެއީ އަހަރެންގެ ހިތުގައި އަހަރެންގެ ދަރިފުޅަށް ދެވުނު ދަރަޖައެވެ. 'ސަން' ފްލާވަރއަކަށް ވުމަށްޓަކައި އަންހެން ކުއްޖަކަށް ވާކަށް މަޖުބޫރެއްވެސް ނުމެނޫންމެއެވެ.

+1
0
+1
0
+1
6
+1
0
+1
1
+1
3
+1
0

Advertisement

ގުޅުންހުރި ލިޔުންތައް