November 22, 2024 08:32
Advertisement

-Advertisement-

ޒުވާން ދަނޑުވެރިޔާ ދިވެހި ދަނޑުވެރިކަމުގެ ވައްޓަފާޅި ބަދަލުކޮށްފި!

ފަހުރުވެރިކަމާއެކު އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ޒުވާނުންގެ ތެރެއިން މިއީ ނަމޫނާ މަސައްކަތްތެރިއެކެވެ. މިއީ އައްޑޫ ސިޓީ، މީދޫ، އަބުދުﷲ ރަމްޒީއެވެ. މަޝްހޫރު 'ޒުވާން ދަނޑުވެރިޔާ' އެވެ. ދަނޑުވެރިކަމުގެ ގިނަ އެކްސްޕެރިމެންޓްތަކެއް ހަދާ، ގިނަ ހުވަފެންތަކެއް ހަގީގަތަކަށް ހަދާފައިވާ ދަނޑުވެރިއެކެވެ.

ރަމްޒީ ވަނީ ޓޯކިއޯގައި ބޭއްވި ދަނޑުވެރިކަމާބެހޭ ބައިނަލްއަގްވާމީ ތަމްރީނު ޕްރޮގްރާމެއްވެސް ފުރިހަމަ ކޮށްފައެވެ. އެދާއިރާއިން ރަށުގައި ބާއްވާ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކޮށް ދަނޑުވެރިކަމުގެ މިސްރާބު މުޅިން އާ ދިމާލަކަށް އިހުގެ ދަނޑުވެރިކަން ބަދަލުކޮށްލައިފިއެވެ.

2019 ވަނަ އަހަރު ފުރަތަމަ ދަނޑުވެރިކަމަށް ނިކުތްއިރު ރަމްޒީއަށް މީހުންގެ ފަރާތުން މާ އެދެވޭ އިޖާބައެއް ނުލިބުނެވެ. އެހެންނަމަވެސް އެކަމާއިގެން އަތުކުރި އޮޅާލައިގެން ރަމްޒީ ނިކުތީއެވެ. އޭރު އުމުރުން 35 ވަރަކަށް އަހަރެވެ. މިއަދު މީދޫގެ ކުދިބޮޑު އެންމެންނާއި މުޅި އައްޑޫ ސިޓީވެސް ރަމްޒީގެ މަސައްކަތަށް ތައުރީފު ކުރެއެވެ. 

Advertisement

ރަމްޒީ 'ޒުވާން ދަނޑުވެރިޔާ' އަށް ވާން ފެށި ދަތުރުގެ ތަފްސީލް 'ޒީޓައިމްސް' އާއި ހިއްސާކުރަމުން ބުނީ "ދަނޑުވެރިކަން ކުރަން ނިންމީ ރަށުގައި ހުރެގެން އާމްދަނީއެއް ލިބޭނެ ރަނގަޅު މަސައްކަތެއް ކަމަށް ދެކިގެން. އެންމެ ބޮޑު ހިއްވަރެއް ލިބުނީ އާއިލާގެ ފަރާތުން. ބޭބެ އަކީވެސް ދަނޑުވެރިކަން ކުރާ މީހެއްވީމަ ކުރިންވެސް ބޭބެގެ މަސައްކަތް ފެނި މިކަމަށް ހިތްޖެހިފަ އޮތީ" ކަމަށެވެ.

ޖަރުމަނުގެ މިއުނިކް ޔުނިވާސިޓީގެ ޕްރޮފެސަރަކު ރަމްޒީގެ މަސައްކަތާއި ގުޅޭ މައުލޫމާތު ހޯދަނީ

މާލޭ އިންގްލިޝް ސުކޫލު (ކުރީގެ އެމްއީއެސް) އިން އޯލެވެލް އާއި ހަމައަށް ތައުލީމު ހާސިލު ކުރުމަށްފަހު ރަމްޒީގެ މިސްރާބު ހުރީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމަށެވެ. ސުކޫލުގައި އުޅުނު އިރު 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގައި އުޅުނު ރަމްޒީގެ މި އުންމީދުގައި ކުލަޖެހުނީ ފުރަތަމަ ޑިވިޝަނުގެ ކުލަބެއްގެ ގޮތުގައި އޭރު އޮތް ވެލެންސިޔާއަށް ކުޅުމުގެ ފުރުސަތު ލިބުމުންނެވެ. އޭގެ ފަހުން އައްޑޫ ކްލަބް، އައިއެފްސީއަށްވެސް ކުޅުނެވެ. ނަމަވެސް މިއީ މާލޭގައި ކުއްޔަށް އުޅޭ މީހަކަށް ދެކޮޅު ޖެހޭވަރުގެ އާމްދަނީއެއް ލިބޭ ކުޅިވަރަކަށް ނުވުމުން ރަމްޒީ ފުޓްބޯޅައިން އަތްދޫކޮށްލީއެވެ. ކުޅުން ހުއްޓާލިނަމަވެސް ރަމްޒީގެ ހިތް އޮތީ ކުޅިވަރުގެ ތެރޭގައެވެ.

ފްރީ ލައިސެންސް ކޯޗިން ކޯހެއް ހަދައިގެން މީދޫ ސުކޫލުގައި ސްޕޯޓްސް ކޯޑިނޭޓަރެއްގެ މަގާމުވެސް އަދާކުރިއެވެ. ރަށުގައި ކުޅިވަރަށް ބޭނުންވާ ސާމާނު ވިއްކާ ފިހާރައެއްވެސް ރަމްޒީ ހިންގައެވެ. އެހެންނަމަވެސް ކުޅިވަރުގެ މީހަކަށްވުރެ ބޮޑަށް ރަމްޒީއަކީ މިހާރު ދަނޑުވެރިކަމުގެ މޭސްތިރިއެވެ.

ސްމާޓް ޕޮޓުގައި ކަރާ ހައްދާފައި

ރަމްޒީ 20 ހާސް އަކަފޫޓުގެ ބިމެއްގައި ފެޝަންފުރުޓް ހައްދައެވެ. 15 ހާސް އަކަފޫޓުގެ ބިމެއްގައި ޑްރެގަން ފުރުޓް، 15 ހާސް އަކަފޫޓުގެ ބިމެއްގައި ފޭރު އަދި 50 އަކަފޫޓުގެ ބިމެއްގައި ކިއުކަންބާ ހައްދައެވެ. ކިއުކަންބާ ހައްދަނީި އޮޓޯ ޕޮޓްގައި ގްރީންހައުސްގައެވެ. މީގެއިތުރުންވެސް އެހެނިހެން ބާވަތްތައް ހައްދައެވެ. ރަމްޒީގެ ދަނޑުތަކުން ނިމިގެންދިޔަ ރޯދަމަހު އެންމެ ބޮޑު ޑިމާންޑެއް އޮތީ ކިއުކަންބާ، ކަރާ އަދި ލެޓިއުސްއަށެވެ.
އޭނާ އަންނަނީ މޭބިސްކަނދުރުވެސް ހައްދަމުންނެވެ. ބައެއް ވެޔޮތަކުން މޭބިސްކަދުރުތައް ދޮންވެގެން ބިންނަންވެސް ބިނދެފިއެވެ.

ރަމްޒީ ހައްދާފައިވާ މޭބިސްކަދުރު ވެލެއް

"ފުރަތަމަ މޭބިސްކަދުރު ހައްދަންފެށީ މާކެޓަށް ނެރުމުގެ ވިސްނުމުގައެއް ނޫން. 'ގްރޭޕްސް އެކްސްޕެރިމެންޓަކަށް' މިހާރު ދެހާހެއްހާ އަކަފޫޓުގެ ބިމެއްގައި މޭބިސްކަދުރު ހެއްދުމުގެ ވިސްނުން އެބަ ގެންގުޅެން" މިއީވެސް ރާއްޖޭގައި ހެއްދިދާނެކަން ކަށަވަރުކުރެވިފައިވާ ބާވަތެއް ކަމުން ރަމްޒީ އަންނަނީ އެކަމަށް ބޭނުންވާ އިލްމީ ދިރާސާތައް ހަދަމުންނެވެ.

'ޒުވާން ދަނޑުވެރިޔާ' މުޑުވަކެއް އިންދުމުގެ ކުރިން ވަރަށް ފުޅާކޮށް އިންޓަނެޓުން މައުލޫމާތު އެއްކުރެއެވެ. އަދި ދަނޑުވެރިކަމުގެ ތަޖުރިބާކާރު ލަފާދޭ ފާމްތަކާ ވާހަކަ ދައްކައިގެން މައުލޫމާތާއި އެކަމުގެ ވައްޓަފާޅި ދެނެގަނެއެވެ. އޭނާގެ ނަޒަރުގައި ދަނޑުވެރިކަމުގައި މީދޫގައި މާބޮޑު ވާދަވެރިކަމެއް އަދި ނެތެވެ.

އެހެންނަމަވެސް އޭނާގެ ދަނޑުތަކުން ލިބޭ އާމްދަނީ އޭނާ އުންމީދު ކުރިވަރަށްވުރެ ބޮޑެވެ. ރަމްޒީގެ އެދުމަކީ ޒުވާނުން މިމަސައްކަތަށް ނިކުމެ ގައުމަށް ބޭނުންވާވަރަށް ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމެވެ. ރާއްޖެއަށް އިމްޕޯޓް ކުރާ ތަރުކާރީއާއި މޭވާގެ ހުރިހާ ބާވަތެއް ނެހެއްދުނަސް 5 ވަރަކަށް ބާވަތް އިމްޕޯޓަށް ބަރޯސާނުވެ ރާއްޖޭގައި ހެއްދިދާނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ. "އެގާބިލުކަން އެބަހުރި މިގައުމުގައި. ރާއްޖޭގެ ދަނޑުވެރިންނަށް ދިމާވާ މައްސަލައަކީ ފައިނޭންސް ނެތުން" ކަމަށް ރަމްޒީ ބުންޏެވެ.

ކޮންކްރީޓް ތަނބުތަކުން ޑްރެގަން ފުރުޓް

ޑްރެގަން ފުރުޓް ގަސްތަކުގައި މޭވާ އަޅާފައި

އައްޑޫގެ ދަނޑެއްގައި އެންމެ ފުޅާދާއިރާއެއްގައި ޑްރެގަން ފުރުޓް ހެއްދި ފުރަތަމަ ދަނޑުވެރިޔަކީ ރަމްޒީއެވެ. 2019 ވަނަ އަހަރުގެ ފަހުކޮޅު އިންދި ޑްރެގަންފުރުޓް ގަސްތަކުން ހަތަރު ވަނަ ފަހަރަށް ފުރުޓް ކަނޑާފައިވާއިރު ރަމްޒީ ބުނީ އެންމެ ފުރަތަމަ އެކަން ފެށިއިރު އެއީ ވާނެ ކަމެއްކަމަށް މީހުން ގަބޫލެެއްވެސް ނުކުރި ކަމަށެވެ. "ތަނބުތައް ޖަހައިގެން ކެކްޓަސްގަސްތަކެއް ހައްދާތީއޭ ކިޔާފަ މީހުން ވަރަށް ސުވާލުކުރޭ އޭރު. އަޅުގަނޑު އެކަން ފެށީ ދިރާސާތައް ހަދައިގެން، އިންޑިއާގެ ފާމިން ކޮންސަލްޓޭޝަން ދޭ ބަޔަކާވެސް ވާހަކަ ދެއްކިން އިންޓަނެޓް މެދުވެރިކޮށް. އެމީހުން ބުނީ ރާއްޖޭގެ ހިއުމިޑިޓީއާއި އެއްޗެހި ބަލާފަ ޑްރެގަން ފުރުޓް ހެއްދިދާނެއޭ". ރަމްޒީ އެންމެފަހުން އެކަން ކާމިޔާބު ކުރިއެވެ.

 
ކޮންކުރިޓް ތަނބުތަކެއް ޖަހައިގެން ކޮންމެ ތަނބަކަށް ހަތަރުގަސް އަރުވައިގެން ރަމްޒީ ހައްދާފައިވާ ޑްރެގަން ފުރުޓް ގަސްތަކުން އެވްރެޖްކޮށް ކޮންމެ ގަހަކުން 600 ގްރާމްގެ ފުރުޓް ލިބޭކަމަށް އޭނާ ބުންޏެވެ. "ހަތަރު ފަހަރު ފުރުޓް ކަނޑައިފިން. ކޮންމެ ތަނބަކުން 25-28 ވަރަކަށް ޑްރެގަން ފުރުޓް ލިބޭ. މިހާރު ގަހުގައި ޑްރެގަން ފުރުޓެއް އަޅާއިރަށް އޮންނަނީ ވިކިފަ" އެހާވަރަށް މީގެ ޑިމާންޑް އައްޑޫގައި އެބައޮތްކަމަށް ރަމްޒީ ބުންޏެވެ.

ރަމްޒީ ހައްދާފައިވާ މޭބިސްކަދުރު ވެލެއް

ރަމްޒީ އެންމެ އުފާވަނީ އޭނާގެ މަސައްކަތް މީހުން ބަލައިގަނެ ހިތްވަރުލިބޭ ފަދަ ބަސްތައް ބުނާތީއެވެ. "މީހުން ކިޔާއަޑު އަހަން ޒުވާން ދަނޑުވެރިޔާ ކުރާ މަސައްކަތް ވަރަށް ރަނގަޅޭ. އަޅުގަނޑު އެތަނެއްގައި ހުއްޓަސް އެ 'ޒުވާން ދަނޑުވެރިޔާ' އަކީ އަޅުގަނޑުކަން ނޭންގިވެސް މީހުން ތައުރީފު ކުރާތީ އަޑުއިވޭ" ކަމަށް ރަމްޒީ ބުންޏެވެ. 

ރަމްޒީގެ ކާމިޔާބު ސްމާޓް ފާމިން ޕްރޮޖެކްޓާއި އޮޓޯ ޕޮޓް ސިސްޓަމް

މިހާރު ރަމްޒީ ތަޖްރިބާ ކުރަމުން އަންނަނީ ވަރަށް ޒަމާނީ މޮޑެލެއްގެ ދަނޑުވެރިކަމެކެވެ. އޮޓޯ ޕޮޓްގައި ގަސްހައްދާ މި ސިސްޓަމަށް އޭނާ ދީފައިވާ ނަމަކީ 'ސްމާޓް ފާމިން' އެވެ. 
"އޮޓޯ ޕޮޓްގައި އެއްވެސްވަރަކަށް އިލެކްޓްރިކް ސިޓީއެއް ބޭނުމެއް ނުވޭ. 2500 ލީޓަރުގެ ތާނގީއެއްގައި ކާނާ ގިރާފަ ފެނުގު ތެރެއަށް ދޫކޮށްލާފައި މިހުންނަނީ. ކޮންމެ ޕޮޓެއްގައި 2 ގަސް. މެދުގައި އިންނާނެ ވޭލެއް. ފާހާނާ ފްލަސްޓޭންކާއި ދާދި އެއްކަހަލަ ސިސްޓަމަކަށް އިންނަ ފްލޯޓީން ވޭލް އެއް. އެވޭލުން ގަސް ބޭނުން ކުރާ ވަރަކަށް އެ ފެން ރިލީޒް ކުރާނީ" ސްމާޓްފާމިންގައިވާ ގޮތް ކިޔައިދެމުން ރަމްޒީ ބުންޏެވެ.

އޭނާ ތަޖުރިބާ ކުރަމުން އަންނަ އޮޓޯ ޕޮޓް ސްމާޓްފާމިން ޕްރޮޖެކްޓަށް އެގްރިކަލްޗަރ މިނިސްޓްރީން ވަރަށް ބޮޑު އެއްބާރުލުމެއް އެބަ ލިބެއެވެ. "އެމިނިސްޓްރީން ވަރަށް ބޮޑަށް ބޭނުންވޭ މިކަން ކުރިޔަށް ގެންދަން. މިނިސްޓްރީގެ އެހީތެރިކަމާއެކު އަޅުގަނޑު މިހާރު މި މަސައްކަތް ކުރަނީ އެޗްޑީއެފްސީ މެދުވެރިކޮށް ލޯނެއް ނަގައިގެން އޮޓޯ ޕޮޓް ސްމާޓް ފާމިންގެ ބޮޑު ޕްރޮޖެކްޓެއް ފައްޓަން". ރަމްޒީ ބުންޏެވެ.
ރަމްޒީ ބުނީ ދަނޑުވެރިކަމަށް ނިކުމެ ދިމާވި ޗެލެންޖަކީ އާ ކަންކަން ދަސްކުރަން ޖެހުން ކަމަށެވެ. މިސާލަކަށް ގްރީން ހައުސްތަކުގައި ވެލްޑިންގ ކުރުން ކަހަލަ ކަންކަން ދަސްކުރަން ޖެހުނެވެ. މިހާރު އެކަންވެސް އަމިއްލައަށް ކުރެވެއެވެ. އޭނާ ބުންޏެވެ.

ކެނެޑާގެ އެމްބެސެޑަރާ، ދަނޑުގެ މައުލޫތު ހިއްސާ ކުރަނީ

އޯގެނިކް ދަނޑުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާ ރަމްޒީއަކީ އެއްވެސް ބާވަތެއްގެ ކެމިކަލެއް ދަނޑުވެރިކަމުގައި ބޭނުންކުރުމަށް 'ނޫނެކޭ' ބުނެފައިވާ ޒުވާނެކެވެ. ދަނޑުވެރިކަމުގެ އާ އީޖާދުތައް ތަޖުރިބާ ކުރަމުން އަންނަ ޒުވާން ދަނޑުވެރިޔާ ބުނީ "މިއީ ހަޑި މަސައްކަތެއް ނޫނޭ. މިއީ އެންމެ އަގުހުރި މަސައްކަތޭ. ދަނޑުވެރިކަމަށް ރަނގަޅު ޕްލޭނަކާއި އެކީގައި ނިކުމެއްޖެއްޔާ ރިސޯޓެއްގެ މެނޭޖަރ ލެވެލްގެ މުސާރައަށްވުރެ ރަނގަޅު އާމްދަނީއެއް ލިބޭނެ" ކަމަށެވެ.

ރަމްޒީ އާއި އައްޑޫގެ އެހެން ދަނޑުވެރިންގެ ހުރިހާ އުފެއްދުންތަކެއްވެސް ސަންގްރިއްލާ ރިސޯޓް ހިންގި އިރު އެރިސޯޓަށް ވިކެއެވެ. އެހެންނަމަވެސް ކޮވިޑާއި ގުޅިގެން އެ ރިސޯޓް ބަންދުކުރި ހިސާބުން އެކަންތައް ހުއްޓިއްޖެއެވެ. ރަމްޒީގެ އުންމީދަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއަރައިގެން ގޮސް އައްޑޫގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކަށް އެތަންތަނުން ރަނގަޅު މާކެޓެއް ލިބުމެވެ. އަދި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ހެޔޮ އަގެއްގައި އައްޑޫ ސިޓީއަށްވެސް ލިބުމަށެވެ.

"މިހާރު ގެރިގުއި ކަހަލަ އެއްޗެހި ރާއްޖޭގެ އެކި ސަރަހައްދަށް އެކި އަގުގަ ލިބެނީ. މިސާލަކަށް ތޮއްޑޫއަށް ލިބޭ އަގަށްވުރެ 30 ވަރަކަށް ރުފިޔާ ބޮޑުކޮށް ވިއްކަނީ އައްޑޫއަށް" ރަމްޒީ ބުންޏެވެ.

ރަމްޒީގެ ދެދަރިން ދަނޑުގައި އެހީވެދެނީ

ރަމްޒީ ހުރީ އޭނާގެ ދަނޑުވެރިކަމުގެ ވައްޓަފާޅި ކޮންމެ ދަނޑުވެރިއަކާވެސް ހިއްސާ ކުރަން ތައްޔާރަށެވެ. ހާއްސަކޮށް ޒުވާނުން މިދާއިރާއަށް ނެރުމަށް ބޭނުންވާކަމަށް ބުންޏެވެ. "ފޭސްބުކް ޓްވިޓަރ ނޫނީ ވަޓްސްއެޕުން ވިޔަސް މެސެޖް ކޮށްގެން އަޅުގަނޑުގެ އެހީތެރިކަން ބޭނުންވާފަރާތްތަކަށް ވެވުނު މިންވަރަކުން އެހީވާނަން". ރަމްޒީ ބުންޏެވެ. މިވަގުތު ރަމްޒީގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ ދެދަރިންވެސް ރަމްޒީގެ މަސައްކަތް ބަލައިގެންފައިވާތީއެވެ. ބައްޕަ އާއެކު ދަނޑަށް އައިސް އެކުދިންވެސް ގަސްހެއްދުމަށް ފޯރިހުންނާތީއެވެ.

+1
3
+1
14
+1
0
+1
4
+1
4
+1
2
+1
0

Advertisement

ގުޅުންހުރި ލިޔުންތައް