ރޯދައަކީ މާތްﷲ ސުބުޙާނަހޫ ވަތާޢާލާ އިންސާނުންނަށް ފަރުޟުކުރެއްވި އަޅުކަންތަކުގެ ތެރެއިން ވަރަށް މަތިވެރި އަޅުކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ: { يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ} (البقرة: 183)މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންނަށް ފަރުޟު ކުރެއްވުނުފަދައިން، ތިޔަބައިމީހުންގެ މައްޗައްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ، ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ". ރޯދައިގެ މާތްކަމާމެދު ކީރިތި ރަސޫލާގެ އަރިހުން އެތަށް ޙަދީޘްތަކެއް ވާރިދުވެފައިވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. (مَنْ صَامَ رَمَضَانَ إِيْمَانًا وَإِحْتِسَابًا غُفِرَلَهُ مَا تَقَدَّمَ مِنْ ذَنْبِه) (البخاري- مسلم) މާނައީ: "ތެދުވެރިކަމާ އީމާންތެރިކަމާއެކު، ﷲގެ ދަރުމައަށް އެދި ރަމަޟާންމަހު ރޯދަ ހިފައިފި މީހެއްގެ ވޭތުވެދިޔަހައި ފާފައެއް ފުހެވިއްޖެއެވެ." އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ހަތަރުވަނަ ރުކުނަކީ ރަމަޟާންމަހު ރޯދަ ހިފުމެވެ. ޝަރުޢީ އުޛުރެއް މެދުވެރިވެގެން މެނުވީ ރޯދަ ދޫކޮށްލުމަކީ ޙަރާމްކަމެކެވެ. އެއީ އެންމެ ބޮޑެތި ފާފަތަކުގެތެރެއިން ފާފައެކެވެ.
އިސްލާމީ ޝަރީޢަތުގައި ކަންކަން ފަރުޟު ކުރައްވާފައި، އެކަންކަމުގެ ތަފުޞީލު ނުދެއްވައި ދޫކޮށެއް ނުލައްވައެވެ. އެގޮތުންް ރޯދައިގެ ޙުކުމްތަށް ވެސް ވަނީ ތަފުޞީލުކޮން ބަޔާން ކޮއްދެއްވާފައެވެ. ޝަރުޢީ ޢުޛުރަކާ ލައިގެން ނުވަތަ ނުލައި ނަމަވެސް ރޯދަ ދޫކޮށްލާ މީހުން ޢަމަލުކުރަންވީ ގޮތުގެ ޙުކުމްތައްވަނީ ތަފްޞީލުކޮށް ކަނޑައަޅުއްވާފައެވެ. މިގޮތުން ރޯދަ ޤަޟާކުރުމާއި ކައްފާރާދިނުމާއި ފިދްޔަދޭންޖެހޭ ކަންކަން ވަނީ ބަޔާން ކުރައްވާފައެވެ.
ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ޝަރުޢީ އުޛުރަކާއި ލައިގެން ރަމަޟާންމަހުގެ ރޯދަ ދޫކޮށްލުމަށްފަހު، އެރޯދަ ހަމަ އެކަނި ޤަޟާކުރުން ވާޖިބުވާ ކަންކަމުގެތެރޭގައި؛ ބަލިވުން، ދަތުރުވެރިއަކު ކަމުގައިވުން، ޙައިޟްވެރިޔާ އާއި ނިފާސްވެރިޔާ، މާބަނޑު އަންހެނާ ނުވަތަ ކިރުމައިމީހާ އޭނާއަށް ލިބޭ ވަރުބަލިކަމެއްގެ ސަބަބުން ނުވަތަ އޭނައަށް ގެއްލުމެއް ލިބިދާނެ ކަމަށް އިތުބާރުކުރެވޭ ޑޮކްޓަރަކު ބުނުން ހިމެނެއެވެ. މާތްﷲ ވަޙީކުރައްވަނީ:{وَمَنْ كَانَ مَرِيْضًا أَوْ عَلَى سَفَرٍ فَعِدَّةُ مِنْ أَيَّامٍ أُخَرَ} (البقرة:184) މާނައީ: "ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭމީހާ، ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (ރަމަޟާންމަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުއްޓެވެ."
މާބަނޑުމީހާ ރޯދަ ދޫކޮށްލީ، ބަނޑުގައިވާ ދަރިފުޅަށް ލިބިދާނެ ގެއްލުމަކަށްޓަކައިނަމަ، އަދި ކިރުމައިމީހާ ރޯދަ ދޫކޮއްލީ އޭނާގެ ދަރިފުޅަށް ބޭނުންވާވަރަށް ކިރު ނުލިބިދާނެތީ ނަމަ އެހެން ދުވަސްތަކަކުން އެރޯދަތައްހިފައި އަދި އެރޯދައިގެ އަދަދައް ފިދްޔަ ދޭންޖެހޭނެއެވެ. ފިދުޔައަކީ ފަޤީރަކަށް ނުވަތަ މިސްކީނަކަށް އާންމުކޮން ކައިއުޅޭބާވަތަކުން އެއްއިރުގެ ކެއުން ދިނުމެވެ. އަނެއްއަހަރުގެ ރޯދަމަސް އައިސް ޖެހުނު އިރުވެސް ކުރީގެ ރޯދަތައް ޤަޟާ ނުކޮށް ހުރިނަމަ ފާއިތުވާ ކޮންމެ އަހަރަކަށް ފިދުޔައެއް ދޭން ޖެހޭނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.
މުސްކުޅިވުމުގެ ސަބަބުން ނުވަތަ ރޯދަ ނުހިފޭވަރުގެ ދާއިމީ ބައްޔެއް ހުންނަމީހާ ރަމަޟާން މަހުގެ ރޯދަ ދޫކޮއްލުމަށްފަހު އެރޯދަތައް ޤަޟާކުރުމެއް ނެތެވެ. ހަމައެކަނި ކޮންމެ ރޯދަޔަކަށް ފިދްޔައެއް ދިނުމުން ފުދޭނެއެވެ. މާތްﷲ ވަޙީ ކުރައްވަނީ: {وَعَلَى الَّذِيْنَ يُطِيْقُونَهُ فِدْيَةُ طَعَامُ مِسْكِيْنٍ} (البقرة:184) މާނައީ: "އަދި އުނދަގޫކަމާއިއެކު އެކަމަށް ކުޅަދާނަވާމީހާގެ މައްޗައްއޮތީ (ރޯދަ ދޫކޮށްލުމާއެކު) ފިދުޔަ ދިނުމެވެ."
ރަމަޟާންމަހުގެ ދުވާލު ރޯދައަށްހުރެ، އަނބިފިރިކަމުގެ ގުޅުން ހިންގައިފިނަމަ، މަނިބޭރުވިޔަސް ނުވަތަ ނުވިޔަސް ރޯދަ ގެއްލޭނެއެވެ. އަދި އެއީ ބޮޑުވެގެންވާ ފާފައެކެވެ. އެމީހަކު ރޯދަ ޤަޟާކުރުމާއިއެކު ކައްފާރާ އަދާކުރުން ވާޖިބު ވާނެއެވެ. އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. މީހަކު މާތް ނަބިއްޔާ ﷺ ގެ އަރިއަހަށް އައިސް ދެންނެވިއެވެ. "ﷲގެ ރަސޫލާއެވެ! އަޅުގަނޑު ހަލާކުވެއްޖެއެވެ! “ރަސޫލާ ޙަދީޘްކުރެއްވިއެވެ: ”ތިބާ ހަލާކުވީ ކޮންކަމަކުން ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ރަމަޟާން މަހުގެ ދުވާލު އަޅުގަނޑުގެ އަންހެނުންނާއިއެކު އަނބިފިރިކަމުގެ ގުޅުން ހިންގައިގެންނެވެ." ދެން ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "އަޅަކު މިނިވަންކުރާނެހާ މިންވަރު އެބަހުރިހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ނޫނެކެވެ." ރަސޫލާ ޙަދީޘްކުރެއްވިއެވެ. ފަހެ ޖެހިޖެހިގެން ދެމަސްދުވަހު ރޯދައަށްހުރުން ތިބާއަށް ކުޅަދާނަހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ނޫނެކެވެ." ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ފަހެ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭނެހާ އެއްޗެހި ތިބާއަތުގައި ވޭހެއްޔެވެެ؟" އޭނާ ދެންނެވިއެވެ. "ނޫނެކެވެ." ދެން އޭނާ އިށީނެވެ. ކީރިތި ރަސޫލާ ﷺ ކަދުރު އަޅާފައިވާ އެއްޗެއް ގެނެސްދެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. "މިއިން ޞަދަޤާތް ކުރާށެވެ." އެހިނދު އޭނާ ދެންނެވިއެވެ. "އަޅުގަނޑުމެންނަށްވުރެ ފަޤީރު ބަޔަކަށް ތޯއެވެ؟ ފަހެ މިރަށުގައި އަޅުގަނޑުމެންނަށްވުރެ އެއަށް ބޭނުންބޮޑު ބަޔަކު ނުވެއެވެ." އެހިނދު ކީރިތި ރަސޫލާގެ ކޮލުދަތްޕުޅުތައް ފެންނަވަރަށް ހިނިވަރުނަ ކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. "ފަހެ ތިބާގެ ގޭމީހުންނަށް ކާންދޭށެވެ." ދުވާލު ރޯދައަށް ހުރެ އަނބިފިރިކަމުގެ ގުޅުން ހިންގާމީހުން ކަންތައްކުރަންވީ ގޮތް، މިޙަދީޘުން ވަރަށް ރަނގަޅަށް އެނގެއެވެ.
ރޯދަމަހު ދުވާލު އަނބިފިރިކަމުގެ ގުޅުން ކިތަންމެ ގިނައިން ހިންގިޔަސް، ކައްފާރާ ދޭންޖެހޭނީ ދޫކޮށްލި ރޯދައަށެވެ. ޖިމާޢުވީ ޢަދަދަކަށް ނޫނެވެ. ދޫކޮށްލާ ކޮންމެ ރޯދައަކަށް ކައްފާރާ އަދާކުރަންޖެހޭނެއެވެ.
މިހާރަކަށް އައިސް އަޅުގަނޑުމެންގެ މުޖްތަމަޢުގައިވެސް ރަމަޟާންމަހުގެ ދުވާލު އެއްވެސް ޝަރުޢީ ޢުޛުރަކާނުލައި ކައިބޮއެ ހަދައެވެ. އެއީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކަމެކެވެ. އަދި ބޮޑުވެގެންވާ ފާފައެކެވެ. އެފަދަމީހުން މާތްﷲ އަށް ތަޢުބާވެ އެރޯދަތައް ޤަޟާކުރުން ވާޖިބުވާނެއެވެ.
ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތު ތަކެއް ގެނެސްދިނުމެވެ.