September 20, 2024 14:32
Advertisement

-Advertisement-

އިންސާނީ ޙައްޤުތަކުގެ ތެރެއިން އަވަށްޓެރިންގެ ޙައްޤުތައް

އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. ހުރިހައި އިންސާނުންނަށް ހަމަހަމަކަމާ، ކަރާމަތާއި، ހަމަޖެހުމާއި، ހައްޤުތައް ލިބިގެން އުޅެވޭނެ މަގުފަހި ވެފައިވަނީ ހަމައެކަނި އިސްލާމްދީނުގައެވެ.  މިކަމުގައި އަންހެނެއް ފިރިހެނެއް، ދޮންމީހެއް ކަޅު މީހެއް، ކުޑަކުއްޖެއް، ތަފާތުކުރުމެއްނެތެވެ. މިހުރިހައި އެންމެންވެސް އެއްބަޔަކު އަނެއް ބަޔަކަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތައްވަނީ ކަނޑަ އަޅުއްވާފައެވެ. މިޙައްޤުތަކުގެ ތެރެއިން އަވަށްޓެރިންގެ ޙައްޤަކީވެސް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދެއްވާފައިވާ ޙައްޤެކެވެ.

އަވަށްޓެރިޔާއަށް މާތްކޮށް ހިތުމަށް އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރު އަޅުއްވާފައިވެއެވެ. އަދި އެޙައްޤުތަކަށް ރައްކާތެރިވުމަށް އަމުރު ކުރައްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "ތިޔަބައިމީހުން، ﷲއަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށް  ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮން ހިތާށެވެ! ހަމަކަށަވަރުން، ތިމާގެމޮޅުކަން ތިމާޔަށް ފެނި، ބޮޑާވެގެންއުޅޭ މީހަކުކަމުގައި ވެއްޖެމީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ." (النساء 36).

މާތްﷲގެ ޙަޟްރަތުގައި އެންމެ ހެޔޮކަންބޮޑީ އަވަށްޓެރިޔާއަށް ހެޔޮކޮން ހިތައި މީހާއެވެ. އަވަށްޓެރިޔާއަށް އެންމެ އޯގާތެރި މީހާއެވެ. ކީރިތި ރަސޫލާ ޙަދީޘްބަސްފުޅެއްގެ މާނައިގާވަނީ: 'އެކުއުޅޭ މީހުންގެތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ހެޔޮކަންބޮޑު މީހަކީ އޭނާގެ އެކުއުޅޭ މީހާއަށް އެންމެ ހެޔޮކޮށް ހިތާމީހާއެވެ. އަދި ﷲގެ ޙަޟްރަތުގައި އެންމެ ހެޔޮކަންބޮޑު އަވަށްޓެރިޔަކީ އޭނާގެ އަވަށްޓެރިޔާއަށް ހެޔޮކޮށް ހިތާ މީހާއެވެ. (رواه الترمذي).

Advertisement

އަވަށްޓެރިންނަށް ނުބައިކޮށް ހިތުމަކީ ހުއްދަކަމެއް ނޫނެވެ. އަވަށްޓެރިޔާއަށް އުނދަގޫކޮށް، ހެޔޮކޮށް ނުހިތައި މީހުންވަނީ މާތްﷲއަށް އީމާން ނުވާބައެއްގެ ގޮތުގައެވެ. ކީރިތި ރަސޫލާ ޙަދީޘްބަސްފުޅެއްގެ މާނައިގާވަނީ: " ﷲއާއި އާޚިރަތް ދުވަހަށް އީމާންވާމީހާ އޭނާގެ އަވަށްޓެރިޔާއަށް ހެޔޮކޮށްހިތާހުށިކަމެވެ." (رواه البخارى). އެފަދަ މީހުންނަށް ވަޢީދުގެ ބަސްފުޅު އައިސްފައިވެއެވެ. އަވަށްޓެރިޔާއަށް އުނދަގޫ ކުރުމަކީ މަނާ ކުރައްވާފައިވާ ކަމެކެވެ. ހަމައެހެންމެ އެފަދަ ހުރިހައި ކަމަކުން ދުރުވުމަށް ވަނީ އަމުރު ކުރައްވާފައެވެ. ކީރިތި ރަސޫލާ ޙަދީޘްބަސްފުޅެއްގެ މާނައިގާވަނީ: "ﷲ ގަންދީ ބުނަމެވެ. އެމީހަކު އީމާނެއްނުވެއެވެ. ދެންނެވުނެވެ. "ﷲގެ ރަސޫލާ އެވެ. ކާކުތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "އެމީހެއްގެ ތުރާތަކުން އޭނާގެ އަވަށްޓެރިޔާ ސަލާމަތްނުވާ މީހާއެވެ." (متفق عليه).

މިހާރަކަށް އައިސް އަވަށްޓެރިޔާގެ ހާލުބަލާ މީހުން މަދެވެ. ޖެހިގެން އުޅޭ ގޭގެ އަހުލުވެރިންގެ ހާލު ބަލަނީ މަދުބަޔެކެވެ. ނަމަވެސް އިސްލާމްދީނުގައި އައިސްފައިވަނީ މިއާއި ޚިލާފަށެވެ. ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ ގެ ސުންނަތުގައި އައިސްފައިވަނީ އަވަށްޓެރިޔާ އަށް ހެޔޮކޮށް ހިތުމަށެވެ. އަވަށްޓެރިޔާގެ ހާލު ބެލުމަށެވެ. އަވަށްޓެރިޔާ ހުރީ ކައިގެންތޯ ބެލުމަށެވެ. އަވަށްޓެރިޔާ އެއްވެސް ކަމެއް ބޭނުންވެފައިވާނަމަ އެކަމެއް ފުއްދައިދެވޭތޯ ބަލަންވާނެއެވެ. ކީރިތި ރަސޫލާ ގެ ޙަދީޘްބަސްފުޅެއްގެ މާނައިގާވަނީ: "އޭނާގެ އަވަށްޓެރިޔާ ބަނޑުހައި ހޫނު ކަންމަތީގައި ހުރިކަން އެނގިހުރެ، ބަނޑު ފުރައިގެން ހުރެއްޖެމީހާ އަކީ އީމާންވެގެންވާ މީހެއް ނޫނެވެ." (مصنف ابن أبي شيبة).

އަވަށްޓެރިޔާގެ ހާލުބަލައި، އަވަށްޓެރިޔާ ހުރީ ކައިގެންތޯ ބެލުމަކީ އުނދަގޫކަމަކަށް ވެދާނެއެވެ. ނަމަވެސް އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އަވަށްޓެރިޔާގެ ފަރާތުން އުނދަގޫ ތަޙައްމަލުކުރުމާއި، ތިމާގެ ފަރާތުން އުނދަގުލެއްވިޔަ ނުދިނުމެވެ. އަވަށްޓެރިޔާގެ ޢައިބުތައް ފޮރުވުމަކީވެސް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮކަމެކެވެ. ޙަސަނުލް ބަޞަރީގެ ކިބައިން ރިވާ ވެގެންވާ ބަސްފުޅެއްގެ މާނައިގާވަނީ: "އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަކީ އުނދަގޫ ނުކުރުމެއް ނޫނެވެ. އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަކީ އެމީހުންގެ އުނދަގޫތަކަށް ކެތްތެރިވުމެވެ." (كتاب الكافي: الجزء2 الصفحه667). މިކަންކަމަކީ އަވަށްޓެރިޔާއަށް ހެޔޮކޮށް ހިތުމަށްޓަކައި ތިމާއަށް ކުރެވޭނެ އެންމެ ހެޔޮ ކަންތައްތަކެވެ.

އިންސާނުންނަކީ އެއްބަޔަކު އަނެއްބައެއްގެ އެހީތެރިކަން ބޭނުންވާ ބައެކެވެ. ދިރިއުޅުމުގެ ހިތްހަމަޖެހުން ގުޅިފައިވަނީވެސް އެއްބައިވަންތަކަމުގައެވެ. އެހީތެރިކަމުގައެވެ. ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި އަވަށްޓެރިޔާއަށް ހެޔޮކޮށް ހިތަންޖެހެއެވެ. ވީމާ ތިމާ ދިރިއުޅުމުގައި ހަމަޖެހުމާއި، އުފާ ޙާޞިލުކުރުމަށްޓަކައި ތިމާގެ އަމިއްލަ ނަފްސައް އެދޭ ފަދައިން އަވަށްޓެރިޔާއަށް އެދޭށެވެ.

 

ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތު ތަކެއް ގެނެސްދިނުމެވެ. 

+1
0
+1
1
+1
0
+1
0
+1
0
+1
2
+1
1

Advertisement

ގުޅުންހުރި ލިޔުންތައް