November 22, 2024 01:25
Advertisement

-Advertisement-

ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ/ ފޮޓޯ:ސްޓެލްކޯ

ބޮޑުތަކުރުފާނު މަގުގައި ސޯލާ ޕެނަލް ހަރުކުރުމުގެ ބޮޑު މަޝްރޫއެއް!

ޑީސަލް އެންދުން މަދުކޮށް އިޔާދަކުރަނިވި ހަކަތައާއި ދިމާއަށް ސްޓެލްކޯއިން ފަށާފައިވާ ދަތުރާއެކު މާލޭގެ ބޮޑުތަކުރުފާނު މަގުގައި ސޯލާ ޕެނަލް ހަރުކުރުމުގެ ހުއްދައަށް ސްޓެލްކޯއިން ވަނީ މާލޭ ސިޓީ ކައުންސިލުގައި އެދިފައެވެ. 

'ޒީޓައިމްސް' އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ބްރިޖުން ފެށިގެން އިންޑަސްޓްރިއަލް އޭރިއާ އާއި ހަމައަށް ބޮޑުތަކުރުފާނު މަގުގެ އަރިމަތީގައި ސޯލާއިން ހަކަތަ އުފައްދާ އާލާތްތައް ހަރުކުރުމުގެ ޕްރޮޖެކްޓެއް އެ ކުންފުނިން ޑިޒައިންކޮށް ނިންމާފައިވާ ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލުގެ ހުއްދަ ލިބުނުހާ އަވަހަކަށް މިޕްރޮޖެކްޓް ފައްޓަވާނެ ކަމަށެވެ.  

ސްޓެލްކޯއިން އަންނަނީ އިރުގެ އަލިން ހަކަތަ އުފައްދާ ތިން ކުންފުންޏަކުން ސޯލާ ޕަވަރ ގަންނަމުންނެވެ. އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ބޮޑެތި ޕްރޮޖެކްތަކެއް ސްޓެލްކޯއިން ރާވާފައިވެއެވެ. އެ ޕްރޮޖެކްޓްތަކާއި ގުޅޭ މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ "ހުޅުމާލެއާއި މާލެއާއި ދޭތެރޭ ހައިވޭގައި ސޯލާ ޕަވަރ ޖަހާނެ ބަޔަކާއި އެކީގައި އަޅުގަނޑުމެން ވާނީ ޕަވަރ ޕާޗޭސިން އެގްރީމެންޓެއްގައި ސޮއި ކޮށްފަ. އޭގެ މާނައަކީ އެ ޕްރޮޖެކްޓު ނިމުމާއެކީގައި މާލޭގެ ގްރިޑްތެރެއަށް ފަސް މެގަވޯޓް ޕަވަރ ސޯލާއިން ލިބޭނެ".

Advertisement

މީގެ އިތުރަށް ބައެއް ރަށްރަށުގައި ސޯލާ ޕެނަލް ޖަހައިގެން ހަކަތަ އުފެއްދުމުގެ މަސައްކަތްވެސް ސްޓެލްކޯއިން ކުރިޔަށް ގެންދެއެވެ. މާބޮޑު ސްކޭލެއްގައި މިކަން އަދި ކުރިޔަށް ނުދިޔަ ކަމުގައިވިޔަސް ބައެއް ރަށްރަށުގައި މިކަން އިތުރަށް ފުޅާކުރުމުގެ ވިސްނުން ސްޓެލްކޯއިން ގެންގުޅެއެވެ.  

ވ. ތިނަދޫގައި ސޯލާ ޕެނަލް ހަރުކުރުން - ފޮޓޯ : ސްޓެލްކޯ

ޝަރީފް ވިދާޅުވީ އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް މާލޭގެ ގޭގެ ފުރާޅުތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ ޕްލޭނެއްވެސް ގެންގުޅުއްވާ ކަމަށެވެ. ސްޓެލްކޯއިން މަސައްކަތް ކުރަނީ މާލޭގެ ބައެއް އިމާރާތްތަކުގެ ފުރާޅުތައް ކުއްޔަށް ހިފައިގެން އެކަން ކުރުމަށެވެ. "ބައެއް އިމާރާތްތަކުގެ ފުރާޅުތައް ކުއްޔަށް ހިފަން އެބަ ގަސްދު ކުރަން. ފުރާޅުތައް ކުއްޔަށްދޭ ފަރާތްތަކަށް ކަރަންޓް ބިލުގައި ޑިސްކައުންޓެއް ހިމަނައިގެން ކުލި ދޭކަހަލަ ގޮތަކަށް ވިންނުން ހުރީ. މިގޮތަށް ވީހާވެސް ގިނަ ފުރާޅެއް ލިބިއްޖެއްޔާ މާލޭ ގްރިޑަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ" ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިއީ ކަރަންޓް އުފައްދަން ކުރާ ހަރަދު ކުޑަކުރުމަށް ސްޓެލްކޯއިން ކުރިޔަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކެއް ކަމަށެވެ. އިޔާދަކުރަނިވި ހަކަތައިން މާލޭގެ ގްރިޑަށް ބޮޑު ލުޔެއް ހޯދިދާނެ ކަމަށް އުންމީދު ކުރެވޭއިރު މިއީ ކަރަންޓްގެ އަގުވެސް ހެޔޮ ކުރެވިދާނެ ގޮތެކެވެ. 

ސްޓެލްކޯއިން މިހާރު ކަރަންޓް އުފެއްދުމަށް ޔުނިޓަކަށް ކުރާ ހޭދައިގެ 70 އިންސައްތައަކީ ތެލުގެ އަގެވެ. ޝަރީފް ވިދާޅުވީ "އެއަދަދު 30 އިންސައްތައަށް ކުޑަކުރެވިއްޖެނަމަ ކަރަންޓްގެ އަގަށްވެސް 30 އިންސައްތައިގެ އަގުހެޔޮ ކުރުމެއް" ގެނެވިދާނެ ކަމަށް ލަފާކުރެވޭ" ކަމަށެވެ. 

އެހެންނަމަވެސް އެކަން ކުރެވޭނީ މިހާރަށްވުރެ ފުޅާދާއިރާއެއްގައި ސޯލާ ޕަވަރ އުފައްދާ ސިސްޓަމްތައް މާލޭ ސަރަހައްދުގައި ހަރުކުރެވިގެން ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯގެ "ގްރީން ލައިފް އިނިޝިއޭޓިވް" ގެ ދަށުން އިޔާދަކުރަނިވި ހަކަތައާއި ރައްޓެހި ކަސްޓަމަރުންތަކެއް އުފެއްދުމަށް އެކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ސްޓެލްކޯއިން ވަނީ 100 ޕަސެންޓް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ދެ ރަށެއްގެ ގޮތުގައި ވ. ރަކީދޫ އާއި އދ. ދިއްދޫ ހެދުމުގެ ޕްރޮޖެކްޓެއްވެސް ފަށާފައެވެ. 

ކ. ގާފަރު އިންޖީނުގޭ ފުރާޅުގައި ސްޓެލްކޯއިން ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކެއް - ފޮޓޯ: ސްޓެލްކޯ

އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ސަރުކާރުން ރާވާފައިވާ ޕްލޭންގައި ހިމެނޭ އަމާޒުތައް ހާސިލް ކުރުމަށް ސްޓެލްކޯއިން ވަނީ އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަން ކ. ގާފަރުގައި އެ ކުންފުނިން ހިންގާ އިންޖީނުގޭގެ ފުރާޅުގައި 66.96kWp ގެސޯލާ ޕެނަލްތަކެއް ހަރުކޮށްފައެވެ. މީގެ އިތުރުން ކ. މާފުށީގައި ސްޓެލްކޯއިން ހިންގާ އިންޖީނުގޭގެ ފުރާޅުގައިވެސް ސޯލާ ޕެނަލްތަކެއް ހަރުކޮށްފައިވެއެވެ. އެގޮތުން 33.48kWp ގެ ސޯލާ ޕެނަލްތައް ހަރުކޮށްފައިވެއެވެ. 

ސްޓެލްކޯ އަކީ، ޖައްވަށް ކާބަން ބޭރުވާ މިންވަރު މަދުކުރުމަށް، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކުގައި ހިއްސާވި މުހިންމު ބައިވެރިއެކެވެ. ސްޓެލްކޯގެ އާމްދަނީގެ ބޮޑު ބައެއް ތެޔޮ އެތެރެކުރުމަށް ޚަރަދުކުރަން ޖެހޭއިރު، އިޢާދަކުރަނިވި ހަކަތައަށް އިންވެސްޓް ކުރުމަކީ ތިމާވެށީގެ ރޮނގުން ގެނެވޭ ހެޔޮ ބަދަލެކެވެ. ސްޓެލްކޯ އިން ވަނީ  އެ ކުންފުނީގެ ފަރާތުން ސޯލާ ޕެނަލް ހަރުކޮށް އިންސްޓޯލް ކުރުމުގެ ހިދުމަތްދޭ ސޯލާ ސެންޓަރެއްވެސް ޤާއިމް ކޮށްފައެވެ. އެ ސެންޓަރުން ބައެއް ރިސޯޓްތަކުގައިވެސް ސޯލާ ޕެނަލް އިންސްޓޯލް ކޮށްދީފައިވެއެވެ. 

މާލޭގައި ސާފު ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް 2012 ވަނަ އަހަރު ޖަޕާން ސަރުކާރުގެ ލޯން އެހީގައި ރާއްޖޭގައި ފެށި ޕްރޮގްރާމެއްގައި ސްޓެލްކޯގެ އިމާރާތުގައިވެސް ސޯލާ ޕެނަލް ހަރުކުރިއެވެ. 

އެ ޕްރޮގްރާމްގެ ދަށުން އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ހަރުކުރި ތަންތަނުގެ ތެރޭގައި ސްޓެލްކޯގެ އިތުރުން ހިރިޔާ ސްކޫލާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަނާއި، ތާޖުއްދީން ސްކޫލްވެސް ހިމެނެއެވެ. 

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް