"ޑްރެއިންޑް ކަނޑުމަސް ޗަންކްސް" އަކީ މިފްކޯއިން އަލަށް ބާޒާރަށް ތައާރަފް ކުރި ކުޑަ ތެޔޮފޮދެއްގައި ހުންނަ މަސްދަޅެކެވެ. މިއީ ތެޔޮފޮދު އުކާލަން ނުޖެހޭހެން މިފްކޯއިން އުފެއްދި ފުރަތަމަ މަސްދަޅެވެ. މީގެ ކުރިން ހުންނަނީ ތެޔޮ ނުވަތަ ފެންގަނޑު އުކާލަންޖެހޭ ގޮތަށް އުފައްދާފައި ހުންނަ މަސްދަޅެވެ.
މިފްކޯއިން ރާއްޖެއަށް ތައާރަފްކުރި މި ބާވަތުގެ މަސްދަޅު އުފައްދަން ނިންމާފައިވަނީ އޮލިވް އޮއިލް، ސަންފްލާވާ އޮއިލް އަދި ސޯޔާ ބީން އޮއިލް ބޭނުންކޮށްގެން ތަފާތު ރަހަތަކުގެ މަސްދަޅު ބާޒާރަށް ނެރުމަށެށެވެ. މިފްކޯއިން ބުނީ މިއީ "އުފެއްދުންތެރި ޓެކްނޮލޮޖީއެއްގެ އެހީގައި ކުޑަތެޔޮފޮދެއްގައި ތައްޔާރުކުރެވިފައިވާ" އަގު ހެޔޮ މަސްދަޅެއް ކަމަށެވެ. ފަސްމީރު ބްރޭންޑްގެ މި މަސްދަޅުގެ އަޖުމަ ބަލާލުމަށް ނުވަތަ ރަހަ ދައްކާލުމަށް ބުރާސްފަތި ދުވަހު އެސްޓީއޯ ސުޕަމާޓްގައި ހަރަކާތެއްވެސް ބޭއްވިއެވެ.

މިފްކޯގެ މަސްދަޅަކީ ދިވެހިން ދުއް އެންމެ ފުރަތަމަ މަސްދަޅެވެ. އެންމެ ފުރަތަމަ ތަޖްރިބާ ކުރަން ލިބުނު މި ރަހައަކީ ދިވެހިންގެ މެދުގައި ޒަމާންވީ މަގްބޫލު ރަހައެކެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ދިވެހިން ދަތުރުކުރަނީވެސް ފެލިވަރު މަސްދަޅު ކޭސްތައް ހިފައިގެންނެވެ. ދިރިއުޅުން ބަދަލުކޮށްގެން އެހެން ޤައުމުތަކުގައި އުޅޭ ބައެއް ދިވެހިން ފެލިވަރު މަސްދަޅު ކޭސް އާދަކޮށް އެގައުމުތަކަށް ގެންދެއެވެ. މިފްކޯގެ ދަޅުމަހުގެ ތެރޭގައި މިރުހާ ލުނބޯގެ ރަހަ ހިމަނައިގެން އުފައްދާފައިވާ މަސްދަޅާއި ތެލާއި ފެނުގައި އުފައްދާ މަސްދަޅާއި ބަނޑައިދޫ ދަޅާއި ގަރުދިޔަޕެކަށް ދާންދެން ދިވެހިންނަށް ލިބެން އެބަހުއްޓެވެ. މީގެ އިތުރުން ރިހާކުރުވެސް އުފައްދައެވެ.
މަސް ކައްކައިގެން ހަންގަނޑާއި ކަށިތަށް ވަކިކޮށްގެން ތެޔޮ ނުވަތަ ފެން އަޅައިގެން ދަޅުގައި ބަންދު ކުރެވޭ 'ފެލިވަރު މަސް ދަޅު' މިއީ ފުޑް ސޭފްޓީގެ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ތައްޔާރުކުރެވޭ ބާވަތެކެވެ.

ރާއްޖޭގައި މަސްދަޅު އުފެއްދުމުގެ އެންމެ ތަޖްރިބާކާރު އަދި އެންމެ ދުވަސްވީ ކުންފުނި މިފްކޯއަކީ ދުނިޔޭގެ އެކި ހިސާބުތަކަށް އެ ކުންފުނީގެ ބާވަތްތައް ފޯރުކޮށްދޭ ކުންފުންޏެވެ. އެގޮތުން ޖަޕާން، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ތައިލޭންޑް، ކޮސްޓަރިކާ، ވިއެޓްނާމް އަދި ސްވިޒަލޭންޑަށް މިފްކޯގެ އުފެއްދުންތައް އެކްސްޕޯޓް ކުރެއެވެ.
ދަޅުމަސް ބަންދުކުރާ ކާރުހާނާއެއް އެންމެ ފުރަތަމަ ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތް ފެށުނީ ޖަޕާނުގެ އިންވެސްޓްމެންޓަކާއި ދިވެހި ސަރުކާރާއި ގުޅިގެން 1977 ގައެވެ. އެއީ ޖަޕާނުގެ 'ނިޕޯން ސުއިޒަން ކައިޝާ ލިމިޓެޑް' އާއި ދިވެހި ސަރުކާރު ގުޅިގެން ފެށި ޖޮއިންޓް ވެންޗަރ ވިޔަފާރިއެކެވެ.

100 ފަސެންޓް ދޮށީގެ މަސްވެރިކަން ކުރަމުން އަންނަ ދިވެހިރާއްޖޭގައި މަސްދަޅު އުފައްދާ ޕްލާންޓެއް ގާއިމު ކުރީ ޖެހިގެން އައި އަހަރު (1978 ގައި) ޅ. ފެލިވަރުގައެވެ. އެއީ ރާއްޖޭގައި އުފެއްދި އުފެއްދުންތެރިކަމުގެ އެންމެ ފުރަތަމަ ކާރުހާނާއެވެ. ދިވެހިންނަށް މުޅިން އާ ކަމަކަށްވި މި ކާރުހާނާއިން ގެންދިޔައީ މިކަމަށް ޤާބިލް ދިވެހިން އުފައްދާ ތަމްރީނު ކުރަމުންނެވެ. މިއަދު ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި އެތައް ސަތޭކަ ދިވެހިން އެ ގެންދަނީ ހުނަރާއި ގާބިލްކަން ދައްކަމުންނެވެ.

ފެލިވަރުގައި ޤާއިިމްވެ ތިބޭ ގޮތަށް އެކި ރަށްރަށުން މުވައްޒަފުން ގެންގޮސް ހަފްތާ ބަންދުގައި އެ މުވައްޒަފުން އާއިލާތަކާއި ހަމައަށް އުފުލައިދިނީވެސް ފެލިވަރުގެ ބޯޓުފަހަރު ތަކުގައެވެ.
ދުނިޔޭގެ ކަނޑުމަހުގެ ވިޔަފާރި އާއި އަގުތަކަށް އަންނަފެށި ބަދަލުގެ ސަބަބުން ޖަޕާނު ކުންފުނިން ފެލިވަރު ފެކްޓްރީގެ މަސައްކަތް ހުއްޓާލުމަށް ނިންމުމާއި ގުޅިގެން ދިވެހި ސަރުކާރުން 1982 ގައި އެ ކުންފުނި ގަތެވެ.
އޭގެ ފަހުން ފެލިވަރު ފެކްޓްރީއަށް އެކި ބަދަލުތައް ގެނެސް 50 މެޓްރިކް ޓަނުގެ ދަޅު އުފައްދާ ޕްލާންޓަކާއި ފިޝް މީލް ޕްލާންޓް އަދި ކޮލިޓީ ކޮންޓްރޯލް ލެބޯޓްރީއެއް ހިމެނޭހެން އާ ބަދަލުތައް ހިމަނައިގެން ޓުނާ ޕްރޮސެސިން ޕްލާންޓް ރަސްމީކޮށް ހުޅުވީ 1986 ވަނަ އަހަރެވެ.

1987 ގައި ފެލިވަރުގައި ބަނދަރަކާއި އިތުރު 4 މަސް ގަންނަ ބޯޓާއި 50 މެޓްރިކްޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީވެސް ގާއިމް ކުރިއެވެ. މޯލްޑިވްސް އިންޓަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ސަރުކާރުގެ ކުންފުންޏެއް ގޮތަށް އުފަންވީ 1993 ވަނަ އަހަރެވެ.
ގަނޑުކުރި ކަނޑުމަސް ރައްކާކުރާ މަރުކަޒީ ހަބެއްގެ ގޮތުގައި 1996 ވަނަ އަހަރު ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އުފެއްދިއެވެ. 1998ގައި އެޗްއޭސީސީޕީ ސެޓްފިކެޓް މިފްކޯއަށް ލިބުނެވެ. އަދި ޔޫރަޕިއަން ޔޫނިއަން (އިޔޫ) އިން އެޕްރޫވްކޮށްފައިވާ މަސްދަޅު އުފައްދާ ކުންފުންޏެއްކަން ކަށަވަރު ކުރާ ސެޓިފިކެޓްވެސް އެ އަހަރު ހޯދިއެވެ.
އޭރު ސަރުކާރުން ފެލިވަރުގައި ފެށި މި މަސައްކަތުގެ ސަބަބުން މަސްވެރިންގެ އާމްދަނީ އިތުރުވެ މަސްވެރިކަންވެސް އިތުރަށް ފުޅާވެގެން ދިޔައެވެ. ދިވެހިންގެ ތެރޭގައި މަސްދަޅު އާންމުވެފައި ވަނީ 'ފެލިވަރު މަސްދަޅު' ގެ ނަމުންނެވެ. 44 އަހަރުގެ ދިގު ތާރީހެއް އޮތް މިފްކޯއިން ބޭރުގައުމުތަކަށް މަސްދަޅުގެ އިތުރުން އެކްސްޕޯޓް ކުރާ ބާވަތްތަކަކީ ފްރޯޒެން ޓޫނާ، ފިޝްމީލް، ކަޓްސުއޮބުޝީ، ލޮއިންސް، ޕްރޯޒެން ޔެލޯފިން ޓޫނާ އެވެ. މީގެ އިތުރުންވެސް ކުނޑިމަހާއި ރިހަ ކަންކަން ތައްޔާރުކޮށްފައިވާ ހަވާދުލީ މަސް އަދި ސަންބޯލް އާއި މަސްމިރުސް ވެސް ފަސްމީރު ބްރޭންޑްގައި މިފްކޯގެ ކުޑަ ދަށުން ލިބެން އެބަހުއްޓެވެ.

މީގެތެރެއިން ކަޓްސުއޮބުޝީ އަކީ ވާޅޯމަހުގެ ވައްތަރަކަށް ޖަޕާނު ބަހުން ކިޔާ ނަމެކެވެ. މިއީ މަދުވެގެން 21 ދުވަސްވަންދެން ދިލަ ޖައްސައިގެން އުފައްދާ ވަޅޯ މަހެކެވެ. މިބާވަތުގެ މަސް އުފެއްދުމަށް ޖަޕާނުން ރާއްޖެ އެތެރެ ކުރާ ހާއްސަ ބާވަތެއްގެ ދަރެއް ބޭނުން ކުރެއެވެ.
1999 ވަނަ އަހަރު ކަނޑުއޮތް ގިރި ފިޝިން ވިލެޖް އުފައްދާ އެކްސްޕޯޓް ކުރާ ކަންނެލިމަސް ޕްރޮސެސް ކުރާ މަރުކަޒެއްކަމުގައި އެތަން ކަނޑައެޅިއެވެ. މީގެ އިތުރުން ސްޓޯރޭޖް ފެސިލިޓީއެއްގެ ގޮތުގައި އައްޑޫ ފިޝަރީޒް ކޮމްލެކްސް ތަރައްޤީކޮށްފައިވެއެވެ.

މާލީ ގޮތުން މިފްކޯއަށް ގެެއްލުންވާން ފެށި ދުވަސްވަރެއްވެސް ދިޔައެވެ. ކުންފުނީގެ ކަންކަން ކުރިޔަށް ނުގެންދެވި މާލީ ދަތިތަކާއި ކުރިމަތިވުމުން ސަރުކާރުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް މިފްކޯ ބަދަލުކުރީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.