ޔުނިކްލޯ ބްރޭންޑޭ ބުނުމުން ނޭނގޭ މީހަކު ވަރަށް މަދުވާނެއެވެ. މިބްރޭންޑްގެ ފޭރާމަކީ އަރާމު ކަމުން މީހުންގެ ތެރޭގައި ވަރަށް ކުރި ހޯދާފައިވާ ބްރޭންޑެކެވެ. އަގުގެ ގޮތުން އެހާބޮޑު ނޫން ގަޔަށް ފަސޭހަ ގިނަ ދުވަހު ހަލާކުނުވެ ގެންގުޅެވޭ ބްރޭންޑެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މިބްރޭންޑަކީ އަންހެން، ފިރިހެން އަދި ކުޑަކުދިންނަށްވެސް ޚާއްސަވެފައިވާ ބްރޭންޑެކެވެ.
ޔުނިކްލޯ އުފެދުނުގޮތް:
ޔުނިކްލޯއަކީ ޖަޕާނުގައި 1949 ވަނަ އަހަރު އުފެއްދި އަންނައުނު ވިއްކާ ކުންފުންޏެކެވެ. އެތަނަކީ ޖަޕާނު މީހުންނަށް 'ކެޝުއަލް ވެއަރ' އެއްޗެހި ވިއްކުމަށް ހުޅުވުނު ފިހާރައެކެވެ. ފަހުން ދުނިޔޭގެ އަންނައުނު ވިއްކާ ބާޒާރުން ކުރި ހޯދުމަށްފަހު މިހާރު ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ބްރޭންޑެކެވެ. 1984 ވަނަ އަހަރު މިތަނުގައި އަންހެން ފިރިހެން އެއްޗެހި ވިއްކާ ތަނެއްގެ ގޮތުގައި ހުޅުވުމަށްފަހު މިތަނުގެ ނަން 'ޔުނީކް ކްލޯތިން'ގެ ނަމުގައި ހިންގަން ފެށިއެވެ.
1988 ވަނަ އަހަރު އިދާރީ މަސައްކަތެއްގައި ހޮންކޮންގަށް ގޮސް އުޅުމުގައި މިތަން ބްރޭންޑަކަށް ހެދުމަށްޓަކައި އެތަނުގެ އިދާރީ މަސައްކަތުގައި އުޅުނު މުވައްޒަފަކަށް އޮޅިގެން ސީ އަކުރުގެ ބަދަލުގައި ކިއު ކިޔުނެވެ. އޭގެ ފަހުން މިތަނުގެ ވެރިޔާ ތަދާޝީ ޔަނައި މިތަނުގެ ނަން 'ޔުނިކްލޯ' އަށް ބަދަލު ކުރީ 1991ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މިތަނަކީ ފާސްޓް ރީޓެއިލިންގ ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެއްވެސް މެއެވެ.
ކަސްޓަމަރުން މިބްރޭންޑަށް ލޯބި ޖެހިފައިވަނީ ކީއްވެ؟
1990 ވަނަ އަހަރު ޖަޕާނުގެ އިގްތިސާދަށް އައި ހީނަރުކަމަކުން ޖަޕާނުގައި ޔުނިކްލޯ ބްރޭންޑް 'ކެޝުއަލް ވެއަރ' އެއްގެ ގޮތުގައި ބޭނުންކުރަން ފެށި، މިބްރޭންޑް އިތުރަށް ފުޅާކުރުމަށާއި އަގު ދަށްކުރުމަށް ޗައިނާގައި ލޭބަރުންލައްވައި މަސައްކަތް ކުރިއެވެ. އަދި ބޭރުގެ އެހެން ގައުމުތަކުގެ ބާޒާރަށް ހެޔޮއަގެއްގައި ނެރުމަށް އިތުރު މަސައްކަތްތަކެއް ފެށުނެވެ. އެއަށްފަހު މިބްރޭންޑް ވަރަށްބޮޑު ކާމިޔާބީއެއް ހޯދިއެވެ. މިބްރޭންޑްގެ ފޮތީގެ އަރާމުކަމާއި، ފެންވަރު ރަނގަޅުކަންވެސް އެއީ ކަސްޓަމަރުން އިތުރަށް ހިތްދަމައިގަތް ކަމަކަށް ވެގެން ދިޔައެވެ. މިބްރޭންޑަކީ އޮފީހަށްދާ މީހުންނަށާއި، 'ކެޝުއަލް ވެއަރ' ބޭނުންކުރާ މީހުންނަށާއި، ކަސްރަތު ކުރަންދާ މީހުންނަށާއި ކުޑަކުދިންނަށް ފިނިއިރުލާ އެއްޗެހިވެސް ލިބެން ހުންނަ އަގުބޮޑު ނޫން ބްރޭންޑެކެވެ. 'ބެސްޓް ފެޝަން ފެބްރިކް' ގެ ގޮތުގައި މަޝްހޫރުވެފައިވާ މިބްރޭންޑަށް ޖެހިފައިވާ ލޯބި ގިނަ މީހުން ދަނީ ހާމަކުރަމުންނެވެ.
މިބްރޭންޑް އެހެން ބްރޭންޑްތަކާއި ތަފާތު ވަނީ ކިހިނެއް؟
މިބްރޭންޑުގެ ފޮތީގެ އަރާމުކަމާއި ފެންވަރު ރަނގަޅުވެފައި ގިނަ ދުވަހު ހަލާކުނުވެ ބޭނުން ކުރެވޭކަން އެއީ ވަރަށް ގިނަ ކަސްޓަމަރުން ފާހަގަކުރާކަމެކެވެ. ތަފާތު ވައްތަރުތައް އެއްތަނަކުން ލިބެންހުންނަ ބްރޭންޑަކަށްވެސް ޔުނިކްލޯވެފައިވެއެވެ. އަދި މޫސުމާއި ގުޅޭގޮތުން އަންނައުނު ލިބެންހުންނަ ތަނަކަށްވެސް ޔުނިކްލޯވަނީ ވެފައެވެ.
ޔުނިކްލޯއަކީ 18 ގައުމެއްގައި 1900 ފިހާރަ ހިންގަމުން އަންނަ ބްރޭންޑެކެވެ. ޔުނިކްލޯއަކީ 2016 ވަނަ އަހަރު ދުނިޔޭގެ އެންމެ އަގުހުރި ބްރޭންޑްތަކުގެ ލިސްޓުން ކުރި ހޯދާފައިވާ ބްރޭންޑެއްވެސް މެއެވެ. ފެޝަން އިންޑަސްޓްރީގެ 74 ޕަސެންޓް މީހުންނަކީ ޔުނިކްލޯ ބްރޭންޑް ބޭނުންކުރާ މީހުންނެވެ. ޕެރިހުގައި އޮތް ދުނިޔޭގެ އެންމެ ބޮޑު ފެޝަން އިވެންޓުން 480 މީހުންގެ ތެރެއިން 353 މީހުންނަކީ މިބްރޭންޑް ކަމުގޮސްފައިވާ މީހުންނެވެ.