އަޅުގަނޑުމެންނާއި ކުރިމަތިލަމުން މިއަންނަނީ މާތް މަހެއްގެ މާތް ދުވަހެކެވެ. އެއީ ﷲގެ މަތިން ހަނދުމަކޮށް، ޛިކުރުކުރާ ދުވަހެކެވެ. ހުރިހައި މުސްލިމުން އެއްބައެއްގެ ގޮތުގައި ތަކުބީރުކިޔާ ދުވަހެކެވެ. މާތްﷲ އަށް ޤުރުބާން ކަތިލާ ދުވަހެކެވެ. އެއީ އަޟްޙާ ޢީދު ދުވަހެވެ. އަޟްޙާ ޢީދު ދުވަހަކީ ހައްޖުމަގު ދިހަވަނަ ދުވަހެވެ. ޢީދަކީ މުސްލިމުންނަށް އަންނަ ވަރަށް އުފާވެރި ދުވަހެކެވެ. މުސްލިމުން އުފާ ފާޅުކުރާ ދުވަހެކެވެ. ޢާއިލީ ގުޅުން ބަދަހިވެ، ތަހުނިޔާ ރައްދުކުރާ ދުވަހެކެވެ. ޚާއްޞަ ގޮތެއްގައި އުފާ ފާޅުކުރުން ޝަރީޢަތުގައި އައިސްފައިވަނީވެސް ދެޢީދުގައެވެ.
އަޟްޙާ ޢީދު ދުވަހަށް "يوم النحر" ނުވަތަ "يوم الحج الأكبر" މިހެންވެސްކިޔައެވެ. އެއީ އެދުވަހުގައި އުޟްޙިޔާ ކަތިލުމާއި، ޢަރަފާތުގައި މަޑުކުރުމާއި، ތަވާފުލް އިފާޟާކުރުމާއި، ހިލައުކުމާއި މިހުރިހައި ކަމެއް ކުރާތީއެވެ.
ޢީދު ދުވަހުގެ ޙަޤީޤީ އުފާ ޙާޞިލުކުރުމަށްޓަކައި، ޢީދު ނަމާދު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ގަދަވެގެންވާ ސުންނަތެކެވެ. ވީމާ ޢީދު ނަމާދުން މިދުވަސް ފެށުމަށް އަހައްމިއްޔަތުކަން ދިނުން އެދެވިގެންވެއެވެ. ޢީދު ދުވަހުގެ ޙަޤީޤީ އުފައި ހޯދުމަށެވެ. ހިތްހަމަޖެހުމަށްޓަކައެވެ. ޢީދު ނަމާދަށް ދިއުމަށް ކީރިތި ރަސޫލާ ވަނީ އިރުޝާދު ދެއްވާފައެވެ. އެއީ އެދުވަހުގެ މާތްކަމާއި ބަރަކާތް ޙާޞިލުކުރުމަށްޓަކައެވެ. فعن أُمِّ عَطِيَّةَ قَالَتْ : "كُنَّا نُؤْمَرُ أَنْ نَخْرُجَ يَوْمَ الْعِيدِ حَتَّى نُخْرِجَ الْبِكْرَ مِنْ خِدْرِهَا حَتَّى نُخْرِجَ الْحُيَّضَ فَيَكُنَّ خَلْفَ النَّاسِ فَيُكَبِّرْنَ بِتَكْبِيرِهِمْ وَيَدْعُونَ بِدُعَائِهِمْ يَرْجُونَ بَرَكَةَ ذَلِكَ الْيَوْمِ وَطُهْرَتَهُ " (رواه البخاري). މާނައީ: " ޢީދުދުވަހު ނިކުމެއުޅުމަށް ތިމަންމެނަށް ހުއްދަ ދެއްވާފައިވެއެވެ. ޒުވާންކުދިންވެސް ގެއިން ނިކުމެއެވެ. އަދި ޙައިޟްވެރިންވެސް މީސްތަކުންގެ ފަހަތުގައި ތިބެއެވެ. އެބައިމީހުން ޢީދު ނަމާދަށް ތަކުބީރުކިޔައި ފަދައިން ތަކުބީރުކިޔައި ދުޢާ ކުރާފަދައިން ދުޢާކުރެއެވެ. އެއީ އެދުވަހުގެ ޠާހިރުކަމާއި ބަރަކާތް އެދުމަށްޓަކައެވެ." މިޙަދީޘުން ޢީދުނަމާދުގެ މުހިންމުކަން އެނގެއެވެ. ޙައިޟްވެރިން ނަމާދު ނުކުރިކަމުގައި ވިޔަސް އެކަނބަލުން ޢީދު ނަމާދުގެ ޚުޠުބާއާއި، ތަކުބީރުގައި ބައިވެރިވުމަށް ބާރުއަޅުއްވާފައިވެއެވެ. ނަމަވެސް އެއީ ނަމާދުކުރާ ހިސާބާއިދުރުގައެވެ. ޚުޠުބާ އަޑުއިވޭ ހިސާބުގައެވެ.
ޢީދު ދުވަހުގައި ކިޔުމަކަށް ވަކި ޚާއްޞަ ދުޢާއެއް ވާރިދުވެގެން އައިސްފައިނުވެއެވެ. ނަމަވެސް މިދުވަހުގައި ގިނައިން ތަކުބީރު ކިޔުމާއި، ޙަމްދުކުރުމާއި، ތަހުލީލުކިޔުމާއި ތަޞްބީޙަ ކިޔުމަކީ އެދެވިގެންވާކަމެކެވެ. މާތްﷲ ވަޙީކުރައްވަނީ: "وَلِتُكْمِلُوا الْعِدَّةَ وَلِتُكْبِرُوا اللهَ عَلى مَا هَدَاكُمْ وَلَعَلّكُمْ تَشْكُرُوْنَ" ( البقرة / 185) .މާނައީ: "ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެ މައްޗައް ﷲއަށް ތަކުބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރިވުމަށްޓަކައެވެ."
އަޟްޙާ ޢީދުގައި އަދާކުރެވޭ އެންމެ މުހިންމު އެއް އަޅުކަމަކީ أضحية ކަތިލުމެވެ. އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. أضحية އަކީ ޢީދުގެ ދުވަސްތަކުގެ ތެރޭގައި މާތްﷲއަށް ކުއްތަންވުމަށްޓަކައި ކަތިލެވޭ ޤުރުބާނެކެވެ. މާތްﷲވަޙީ ކުރައްވަނީ: "فَصَلِّ لِرَبِّكَ وَانْحِرْ" (الكوثر2). މާނައީ: "ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާންގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި ޤުރުބާން ކުރައްވާށެވެ!" އުޟްޙިޔާގެ ގޮތުގައި ކަތިލެވޭނީ ސޫފީގެތެރޭގައި ހިމެނޭ ޖަނަވާރުތަކުގެ ތެރެއިން ޢައިބެއް ނެތް، ޞިއްޙަތު ރަނގަޅު އެއްޗިއްސެވެ.
أضحية ކަތިލުމުގެ ޙިކުމަތަކީ ފަޤީރުންނަށް އެހީވުމެވެ. ތިމާއަށް މާތްﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރު ކުރުމެވެ. ޢީދުގެ އުފަލުގައި ފަޤީރުންނާއި މިސްކީނުން ބައިވެރިކުރުމެވެ. އެހެނީ ޢީދަކީ ހުރިހައި މުސްލިމުންނަށް އަންނަ ވަރަށް އުފާވެރި ދުވަހެކެވެ. މިދުވަހުގެ އުފަލުން އެއްވެސް މުސްލިމަކު މަޙުރޫމުވިޔަ ނުދިނުމަށްޓަކައެވެ. މާތްﷲ ވަޙީކުރައްވަނީ: "އެއީ އެއުރެންނަށްހުރި (ދީނީ އަދި ދުނިޔަވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅI އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން ﷲގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ. ނަޢަމް ސޫފީގެ ނިޢުމަތް އެއުރެންނަށް ދެއްވިކަމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން އެއިން ކައިއުޅޭށެވެ! އަދި ދަތި ޙާލުގައިވާ ފަޤީރުންނަށް (އެއިން) ކާންދޭށެވެ!" (البقرة 28).
ޢީދުގެ އުފާ ޙާޞިލުކުރަން ވާނީ އިސްލާމީ ޝަރީޢަތާއި ޚިލާފުނުވާ ގޮތަށެވެ. އަޅުގަނޑުމެންނަކީ މުސްލިމުންނަށްވީތީ މިގޮތަށް ޢަމަލުކުރަން ޖެހެއެވެ. ކެއިން ބުއިމާއި، ކުޅިވަރު ކުޅުމާއި، ޢާއިލާމީހުންނާއި ރަޙްމަތްތެރިންނަށް ޢީދުގެ ތަހުނިޔާ ކިޔުމުގައިވެސްއެވެ. މިއިން ކަމެއްކުރުމުގައި ޝަރީއަތާއި ޚިލާފުވެގެން ނުވާނެއެވެ. ޢީދުގެ އުފާ ޙާޞިލުކުރުމަށްޓަކައި ޝަރީޢަތާއި ޚިލާފުނުވާ ކޮންމެ ކަމެއްކުރުން ހުއްދަވެގެންވެއެވެ.
ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތު ތަކެއް ގެނެސްދިނުމެވެ.