އިނާން އަކީ ވަރަށް ލޯބި އަންހެން ކުއްޖެކެވެ.
އިނާން އަށް ލޯބިން ކިޔަނީ ނާން އެވެ. އިނާންގެ މަންމަ ޒީނާ ބައެއްފަހަރު ރޭގަނޑު ކާން ފުރުޓު ސެލެޑު ތައްޔާރު ކުރާނެއެވެ.
އެހެންވެ އެރޭވެސް ޒީނާ ފުރުޓު ސެލެޑު ތައްޔާރު ކުރަން މޭވާ ގަންނަން ވެގެން ފިހާރައަކަށް ދިޔައިރު އިނާން ގޮވައިގެން ހިނގައްޖެއެވެ.
އިނާން މަންމަ އާއި އެއްކޮށް ފިހާރަ ތެރެއަށް ވަދެ އެކި ހަރުތަކަށް ބަލަނިކޮށް އެތާހުރި ހަރުގަނޑަކުން އަލުވި ގޮތަށް ތަންކޮޅެއް ކުދިކޮށް ހުރި އެއްޗެއް ފެނިގެން މަންމަ ގާތުން އަހާލިއެވެ.
އިނާން: މަންމާ! އެހެރީ ކޯއްޗެއްތަ؟
ޒީނާ: ކޯއްޗެއްތަ! ދަރިފުޅާ!
އިނާން: އެތާ ހުރި ސަބުދެލި ވަށިގަނޑާއި ދިމާއަށް އަތް ދިއްކޮށްލިއެވެ.
ޒީނާ: ދަރިފުޅާ! އެއީ ސަބުދެލި. އެއީ ވަރަށް ފޮނި މޭވާއެއް. ވަރަށް ފައިދާވެސް ހުރި މޭވާއެއް ދަރިފުޅަށް ސަބުދެއްޔެއް ގަނެދެންތަ؟
އިނާން: އާނ. މަންމާ
ދެން ޒީނާ ފުރުޓު ސެލެޑަށް މޭވާކޮޅެއް ގަނެލައިގެން ތިން ސަބުދެލިވެސް ގަނެގެން އިނާން ގޮވައިގެން ގެއަށް ހިނގައްޖެއެވެ.
ޒީނާ ސަބުދެލި ދޮވެލާފައި ތައްޓަކަށް ލާފައި ފުރުޓު ސެލެޑު ކައިނިމިގެން ސަބުދެލި ކާނީއޭ ކިޔާފައި މޭޒުމަތީގަ ބަހައްޓަފިއެވެ.
އިނާން ވެސް ޓީވީ ބަލަން ހިނގައްޖެއެވެ. ޒީނާ ސެލެޑު ހަދާ ނިމިގެން އިނާންއަށް ގޮވާލިއެވެ.
ޒީނާ: ދަރިފުޅާ! މިހިރީ ފުރުޓު ސެލެޑު ތައްޔާރުކޮށްފައި ކާލާ އިނގޭ! މަންމަ އަންނާނަން ނަމާދު ކޮށްލައިގެން. ޒީނާ އެހެން ބުނެފައި ދިއުމުން އިނާން އައިސް މޭޒުދޮށުގައި އިށީނދެ ފުރުޓު ސެލެޑު ކާން ފަށާފައި ސަބުދެލި ތައްޓާއި ދިމާލަށް ބަލާލިއިރު ސަބުދެލިތައް ތިބީ ވަރަށް ދެރަވެފައެވެ.
އެހެންވެ އިނާން ސަބުދެއްޔާއި ދިމާއަށް ބުންޏެވެ.
އިނާން: ސަބުދެލިތަކާ! މާދެރަވެފައި ތިޔަތިބީ އަހަރެން ކުރިން ސަބުދެލި ކާން ނުފެށީމަތަ؟
ސަބުދެލި: އެހެންވެގެނެއްނޫން. އިނާންގެ މަންމަ އެކި ވައްތަރުގެ މޭވާތައް ކޮށާފައި ފުރުޓު ސެލެޑު ހެދިއިރު ސަބުދެލި ނުލީމަ.
އިނާން: އަހަރެން މަންމަ ގާތުގައި ތިޔަވާހަކަ ބުނާނަމޭ އިނގޭ! ސަބުދެއްޔާ.
ސަބުދެލި: މަންމަ ގާތުގައި ބުނައްޗޭ. ފުރުޓު ސެލެޑު ހަދާއިރު ސަބުދެލި ލިޔަސް ވަކި ނުބައެއްނުވާނެއޭ އިނގޭ!
އިނާން: އާނ. ބުނާނަން!
ދެން އިނާން މަންމަ ނަމާދުން ނިމިގެން އައީމަ މަންމަ ގާތުގައި އެވާހަކަ ބުނެފިއެވެ. އޭގެ ފަހުން އެގޭގައި ފުރުޓު ސެލެޑު ހަދާއިރު ބައެއް ފަހަރު ސަބުދެލިވެސް ބޭނުން ކުރެއެވެ.