ބައެއް ގައުމުތަކަކީ ވަރަށް ފިނި ދިރިއުޅެން ފަސޭހަ ގައުމުތަކެވެ. އަނެއްބައި ގައުމުތައް ވަރަށް ހޫނެވެ. ބައެއް މީހުންނަކީ ފިނިހޫނުމިން އެއްވަރަކަށް ބޭނުންވާ ބައެއްކަމުން މާބޮޑަށް ފިނިވުމުންވެސް އުދަގޫވެއެވެ. އަދި މާބޮޑަށް ހޫނުވުމުންވެސް އުދަގޫވާ މީހުން އުޅެއެވެ. ކުރިން ދިރިއުޅުން އާދަވެފައިވަނީ ހޫނުވެއްޖެނަމަ ފަންކާއިން ފިނިކަމެއް ހޯދުމަށެވެ. އެހެންނަމަވެސް ފަހަކަށް އައިސް ގިނަ ގޭގޭގައި ފިނިކުރުމަށް އެއަރކޯން ބޭނުންކުރެއެވެ. ދިރިއުޅުމުގައި އެންމެ ރަނގަޅީ ފަންކާގެ ވައިތޯ ނޫނީ އޭސީގެ ވައިތޯ ބަލާލަމާ ހިނގާށެވެ.
ފަންކާ ނުވަތަ އެއަރކޯން ބޭނުންކުރުމުން ހަށިގަނޑަށް އަންނަ ބަދަލުތަކަކީ ކޮބާ؟
ފަންކާއިން ދައުރުވާ ވައި ސާފުވެފައި ދައުރުވާލެއް އަވަހެވެ. އަދި އޭގައި ގޭސް ބޭނުންކުރަންޖެހޭ މިންވަރު އެއަރކޯނަކަށްވުރެ މަދެވެ. މިހެންވުމުގެ ސަބަބުން ދެން އަންނަ ބަދަލުތައްވެސް ރަނގަޅުވެގެންދެއެވެ. ފަންކާއެއް ހުރުމުގެ ސަބަބުން ލިބޭ އަނެއް ފައިދާ އަކީ އޭގެއިން ލިބިދޭ ވައިގެ ތެތްކަން އެއަރކޯނަކަށްވުރެ ރަނގަޅުވުމެވެ. ޕޯޓަބަލް ފަންކާއެއް ބޭނުންކުރާނަމަ ކޮންމެ ދިމާލަކަށްވެސް ގެންދަން ފަސޭހަވެގެންދެއެވެ.
ހަންގަނޑަށް ލިބެންޖެހޭ ތެތްކަންވެސް އެއަރކޯންގެ ސަބަބުން ކުޑަވެ ހަންގަނޑު ހިކި ކުރަކިވާން ފަށައެވެ. އަދި މީގެ އިތުރުން ސައިނަސް މައްސަލަ ހުންނަނަމަ ސައިނަސް އަށްވެސް ބޮޑަށް އަސަރުކުރަނީ ވެސް އެއަރކޯންގެ ސަބަބުންނެވެ. ޑީހައިޑްރޭޓްވުން ފަދަ މައްސަލަތަކަށް މަގުފަހިވެގެން ދަނީވެސް އެއަރކޯން ދަށުގައި ގިނައިރު ހޭދަކޮށް އެކަށީގެންވާ މިންވަރަށް ފެން ނުބުއިމުގެ ސަބަބުންނެވެ. އެއަރކޯނުން ބޭރުކުރާ ގޭހަކީ އިކޯ ފްރެންޑްލީ ގޭހަށް ނުވުމުގެ ސަބަބުން ހަށިގަނޑަށް ގެއްލުންލިބެއެވެ.
ގިނަ މީހުންނަށް ރަނގަޅީ ފަންކާތަ ނޫނީ އެއަރކޯންތަ؟
އުމުރުން ދުވަސްވީ މީހުންނަށް ބޮޑަށް ރަނގަޅީ ފަންކާގެ ވައެވެ. އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުގައި އެވަރަށް ބާރު ނެތުމުގެ ސަބަބުން އެމީހުންގެ ހަށިގަނޑު އެއަރކޯނުގެ ފިނިކަމަށް ހޭނެން އުދަގޫވެއެވެ. އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލާލާނަމަ ބުނެލަން އޮތީ ފަންކާއާއި އެއަރކޯންއާއި ދޭތި ބޭނުންކުރުމެވެ. އޭރުން ހަމައެކަނި އެއަރކޯންއިން ލިބިދޭ ގެއްލުންތައް މަދުވެގެންދާނެ ކަމަށް ލިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ.
ކަރަންޓް ޚަރަދަށް ބަލާނަމަ ޚިޔާރު ކުރާނީ ކޮންއެއްޗެއް؟
ބައެއް މީހުންނަކީ ކިތަންމެ ބޭނުންވިޔަސް މާލީ ދަތިކަމުގެ ސަބަބުން އެއަރކޯން ހަރުކުރަން ބޭނުންނުވާ ބައެކެވެ. ކަރަންޓް ޚަރަދަށް ބަލާނަމަ އެއަރކޯނަކީ ގިނައިރު ޖައްސާފައި ބަހައްޓައިފިނަމަ ވަރަށްބޮޑަށް ކަރަންޓުގެ ޚަރަދު ބޮޑުވެގެންދާ އެއްޗެކެވެ. އެއަރކޯނެއް ގަންނަން ބަލާނަމަވެސް ފަންކާއެއް ގަތުމުގެ އަގަށްވުރެ އެތައްގުނައެއް އަގު ބޮޑެވެ. އަދި މީގެ އިތުރަށް އެއަރކޯނުގައި މައްސަލައެއް ދިމާވެއްޖެނަމަ ސަރވިސްކުރުމަށް ވެސް ބޮޑު ހޭދައެއް ކުރަންޖެހެއެވެ. މިކަންތައްތަކަށް ބަލާއިރު އެއަރކޯން އަކީ ވަރަށް ޚަރަދު ބޮޑު ކޮންމެ މީހަކަށް ދާއިމީކޮށް ބޭނުންކުރެވޭނެ އެއްޗަކަށް ނުވެދާނެއެވެ.