September 20, 2024 12:06
Advertisement

-Advertisement-

ހަޔާތުގެ ދަތުރުގެ މުއްދަތު ލިޔެވިފައިވާއިރު، ފުރައިގެން ދާން ތައްޔާރުތަ؟

ތިބާގެ ޙަޔާތަކީ ދަތުރެކެވެ. ކުރު ދަތުރެކެވެ. އެއީ މި ފަނާވަނިވި ދުނިޔެއިން އުޚްރަވީ ޙަޔާތަށް ކުރާ ދަތުރެވެ. މި ދަތުރުގެ ދިގު މިންވަނީ ލިޔެވިފައެވެ. މުއްދަތުވަނީ ޖަހާ ނިމިފައެވެ. ތިބާގެ މަންމަގެ ބަނޑުގައި އޮތްވައެވެ. އެ މީހެއްގެ ދަތުރުގެ މުއްދަތަކީ އެމީހަކަށް ލިޔެވިފައިވާ ޢުމުރުގެ މުއްދަތެވެ. އެއީ ކިތައް އަހަރުކަމެއް އަހަރެމެންނަކަށް އެނގިގެން ނުވެއެވެ. އެ މުއްދަތު ވަރަށް ކުރުވެދާނެއެވެ. އަދި އެ މުއްދަތު ވަރަށް ދިގުވެސްވެދާނެއެވެ.

ކީރިތި މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ. "މި ދުނިޔޭގައި އުޅޭއިރު ތިބާއަކީ ދަތުރުވެރިއެއްފަދައިން އުޅޭށެވެ." އެބަހީ ކޮންމެ މީހަކުވެސް ކުރާ ދަތުރަކީ ނިމުމެއް އަންނަ ކަމެކެވެ. ޗުއްޓީއަށް ތަނަކަށް ދިޔަސް، ޕިކްނިކް ދިޔަސް، އަދި އެ ނޫންވެސް ބޭނުމެއްގައި ދަތުރުކުރި ނަމަވެސް، އެމީހަކު އެނބުރި އަންނަން ޖެހެނީ އަމިއްލަ ވަޠަނަށެވެ. އަމިއްލަ ރަށަށެވެ. އެ މީހެއްގެ އަޞްލު މައި މަރުކަޒަށެވެ. އަހަރެމެން އިންސާނުންގެ މައި މަރުކަޒަކީ މާތްﷲ ގެ ޙަޟްރަތަށް ރުޖޫޢަވުމެވެ. ސަބަބަކީ  މި ދަތުރުގެ ފެށުންވަނީ އެކަލާނގެ ޙަޟްރަތުންނެވެ. އަހަރެމެން އިންސާނުން ދުނިއެއަށް ފޮނުއްވީ އެކަލާނގެއެވެ. އަދި ދުނިޔޭގައި އުޅުމަށް ދެއްވާފައިވާ މުއްދަތު ހަމަވުމުން އަލުން އަނބުރާ އެކަލާނގެ ޙަޟްރަތަށް ރުޖޫޢަ ކުރައްވައެވެ. ބާއްޖަވެރިންނަކީ މި ދަތުރުގައި އެމީހެއްގެ ކޮއްތު ޖަމަޢު ކުރި މީހާއެވެ. ދުނިޔަވީ ޙަޔާތުގައި ދެއްވާފައިވާ މި ކުރު މުއްދަތުގައި އުޚްރަވީ ޙަޔާތަށް ތައްޔާރުވެއްޖެ މީހާއެވެ. އުޚްރަވީ ޙަޔާތުގެ ކާމިޔާބީ ޙާޞިލު ކުރުމަށް ނަފްސާއި މާލާއި ޖާނުން ޤުރްބާންވެއްޖެ މީހެކެވެ.

އަހަރެމެން ކުރާ ކޮންމެ ދަތުރެއްގައިވެސް މަޤްޞަދެއްވެއެވެ. ދަތުރުކުރަނީ އެ މަޤްޞަދު ޙާޞިލު ކުރުމަށެވެ. އަދި ބޭނުންވާ މަންޒިލް މަޤްޞޫދަށް ވާޞިލުވުމަށްޓަކައި ދަތުރަށް ބޭނުންވާނެ ހުރިހައި ކަމެއް ދުރާލާ ތައްޔާރުވެއެވެ. ހަމަ މިފަދައިން އަހަރެމެން ދުނިޔަވީ ހަޔާތުގެ ދަތުރުގައިވެސް މަޤްޞަދެއްވެއެވެ. އެއީ ސުވަރުގެ ކާމިޔާބު ކުރުމެވެ. ނަރަކައިން މިންޖުވުމެވެ. ސުވަރުގެއަށް ވަދެވޭ މިންވަރަށް ކޮއްތު އެއްކުރުމެވެ. އެ ކޮއްތަކީ ކޮބައި ހެއްޔެވެ؟ އަހަރެމެންގެ މަޤްޞަދަށް ވާޞިލުވުމުގެ މަގަކީ ކޮބައި ހެއްޔެވެ. އަހަރެމެންގެ ވެރި ރަސްކަލާނގެއާއި ބައްދަލުވުމުގެ ނަޞީބު ލިބެނިވި މަގަކީ ކޮބައި ހެއްޔެވެ؟ އެ މަގު ބަޔާން ކުރައްވައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. "ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ޞާލިޙު ޢަމަލުން ޢަމަލު ކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ!" (ކަހަފު 110). މި މަގުން ދަތުރު ކުރާ މީހާގެ މަންޒިލަކީ ސުވަރުގެއެވެ. މިދަތުރުގެ އަޞްލު މަޤްޞަދަކީ މާތްﷲ އީމާންވުމާއި، ހެޔޮ ޢަމަލުތައް ކުރުމެވެ. އެ ހެޔޮ ޢަމަލު ތަކަކީ އުޚްރަވީ ޙަޔާތައް ގެންދަން ލިބޭ ކޮއްތެވެ. އެ ދުވަހުން ތިބާގެ މުދަލަކުން، އަދި ދަރިންގެ ސަބަބަކުން، ތިބާގެ ބާރުވެރިކަމަކުން މަންފާއެއް ނުކުރާނެއެވެ. އެދުވަހުން މަންފާ ކުރާނީ ތިބާ އުޚްރަވީ ޙަޔާތަށް ގެންދާ ހެޔޮ ޢަމަލެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. " يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ" ‎(الشعراء - 88). މާނައީ: "އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ." އެބަހީ: އެ ދުވަހުން ތިބާގެ އަތުގައި ހުރި މުދަލަކުން އަދި ދަރިން ގިނަވުމަކުން ނަޖާވުމެއްނެތެވެ. ނަޖާވުންވަނީ ސާފު ހިތަކައިގެން ﷲ އާއި ބައްދަލު ކުރި މީހެކެވެ.

Advertisement

ތިބާގެ ދަތުރު ނިމޭނީ ކޮން ވަގުތަކު ކަމެއް ނޭނގެއެވެ. އުޚްރަވީ ޙަޔާތައް ތައްޔާރުނުވެ ހުއްޓާ ދަތުރު ނިމިގެން ދާން ޖެހެނީ ކިތަށް މީހުންނަށް ހެއްޔެވެ؟ ބައެއް މީހުންނަކީ ކުއްލިއަކަށް ފުރައިގެން ދާން ޖެހޭ މީހުންނެވެ. ދަތުރައް ތައްޔާރު ނުވެ ހުއްޓައެވެ. ދަތުރައް ބޭނުންވާ ސާމާނު އެއްކުރުމުގެ ޚިޔާލެއް ނެތި ހުއްޓައެވެ. ފުރައިގެން ދާން ޖެހޭނެކަން ޔަޤީނެވެ. ވީމާ، ބުއްދިވެރިއަކީ ފުރައިގެން ދާން ޖެހޭނެކަން ދަނެ ދަތުރައް ތައްޔާރުވުމެވެ. ކުއްލިއަކަށް ދާން ޖެހުނަސް ތައްޔާރީގައި ހުންނާނީ ނަޞީބުވެރިންނެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ ޢަމަލު ތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، ޤިޔާމަތް ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ." (އާލްޢިމްރާން 185).

+1
0
+1
2
+1
0
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް