އެންމެ ކުޑައިރުގެ ހަނދާންތަކުން ފަށާނަމަ، އުމުރުން 25 އަހަރުގެ ޖިނާނު އަޙްމަދު ބޭނުންވީ މޮޅު ރާޅާ އެޅުންތެރިއަކަށް ވާށެވެ. ވަކިން ހާއްސަކޮށް ރަށުގައި ހުރެ ރާޅާ އެޅުމުގެ ކުޅިވަރު ފުޅާކޮށް އަމިއްލަ ގެސްޓުހައުސްއެއް ހުޅުވާ މިކަމުގެ މަންފާ ރަށަށް ހޯދައިދޭށެވެ. މިއީ ގދ. ވާދޫ އަށް، އުފަން ޖިނާނު ހިތުގައި މޫދު ކުޅިވަރަށް ހާއްސަކޮށް ރާޅާ އެޅުމަށް އުފެދިފައިވާ، ލޯބި އޭނާ ސިފަކޮށްދިން ގޮތެވެ. ޖިނާނަކީ މިއަދު ކަނޑޫމާ ރިސޯޓުގެ ސަރފް ގައިޑެއްގެ ވަޒީފާގައި ފޫހިކަމެއް، ވަރުބަލިކަމެއް ނެތި ގިނަ ވަގުތުތަކެއް މޫދުގައި ހޭދަކުރާ ޒުވާނެކެވެ.
އުމުރުން އެންމެ 12 އަހަރުގައި، ބޭބެ ދިއްކޮއްލި ސަރފް ބޯރޑުގެ މައްޗަށް ޖިނާނު އެރީ ރާޅާއެޅުމާއި ގުޅޭ މާބޮޑު އެއްޗެއް އެނގިގެނެއް ނޫނެވެ. ބޭބެމެން ރާޅާ އެޅުމުގައި އުޅޭތަން ފެނި ހިތުގައި އެކަމަށް ހާއްސަ ލޯތްބަކާއި ޝައުގެއް އުފެދުމުންނެވެ. އޭރު ސުކޫލުގައި ކިޔަވަމުންދާތީ އާއި ބޭބެމެން އަދި ރައްޓެހިންވެސް ރާޅާ އެޅުމަށް ބޭނުން ކުރަމުން އައި އެއް ސަރފް ބޯޑު ކަމުން ޖިނާނަށް އެކަންކުރުމަށް މާ ފަސޭހަކަމަކަށް ނުވިއެވެ. ނަމަވެސް ސުކޫލު ނިންމާފައި ލިބޭ ހުސްވަގުތުތަކާއި ސުކޫލު ބަންދު ދުވަސްތަކުގައި އޭނާގެ ގިނަ ވަގުތުތަކެއް ހޭދަ ކުރީ ބޭބެ މެންނާއެކު ރާޅާ އެޅުމާއި، އެކަން ދަސްކުރުމަށެވެ. ޅަ އެ ސިކުނޑީގައި އޭރުވެސް އޮތީ ރީތިކޮށް ރާޅުތައް މަތީ ދުއްވާލެވޭނެ ދުވަހެއްގެ އުއްމީދުތަކެވެ. ކޮންމެވެސް ދުވަހަކުން އެކަމުގައި ކުލަ ޖެއްސޭނެ ހުވަފެންތަކެވެ.
" އޭރު އަމިއްލަ ބޯޑެއް ނީނދޭ، އެކަކު ދުއްވާ ނިމުނީމަ އަނެކަކު ދުއްވާނީ. 8 ވަރަކަށް ކުދިން އަބަދުވެސް ތިބޭނެ ކިޔުގައި. ދަސްކުރީ ބީޗް ކައިރިޔަށް އަންނަ ކުދި ރާޅުތަކުން ވީމަ ހުރިހާ ކުދިންނަށް ވެސް މަޑު ކޮއްލެވޭނެ އިސްކޮޅު ޖެހޭ ހިސާބު މޫދުގަ. ބޮޑެތި ރާޅުތައް ނަގާ ދިމާލަށް ފުރަތަމަވެސް އަހަރެން ގޮވައިގެން ދިޔައީ ބޭބެ. އޭރުދެން ބޯޑު އެއްޗެހި ވަރަށް ނުލިބޭނެ. ބޯޑު ހަލާކު ވެއްޖެއްޔާ އޭތި ހެދޭނެ ގޮތެއްވެސް ނީންނާނެ. ބޯޑަށް ކަމެއް ވެއްޖިއްޔާ ދެން އެކި މީހުން ކައިރިން އާދޭސް ކޮއްގެން ފައިބަރު، ރެސިން އަދި ޖެލް ކޮޅެއް ހޯދައިގެން ފިކްސް ކޮއްލަނީ" ޖިނާނު ރާޅާ އެޅުން ފެށުނުގޮތް ކިޔައި ދިނެވެ.
ވާދޫ އަކީ ގުދުރަތީ ގޮތުން ރީތި ރާޅު ޕޮއިންޓެއް އޮންނަ ރަށަކަށް ވުމުން، ގިނަ އަދަދެއްގެ ފަތުރުވެރިން ވާދޫގެ މަޝްހޫރު ސަރފިން ސްޕޮޓް "ބުލޫ ބައުލް" އަށް ޒިޔާރަށް ކުރުން ވެގެންދިޔައީ ޖިނާންއާއި އަދި އޭނާފަދަ އެހެން ރާޅާއަޅާ ޒުވާނުނަށްވެސް އިތުރު ޝައުގުވެރިކަމެއް އުފެދިގެން ދިޔަ ކަމަކަށެވެ.
" އެގޮތަށް އައިސްތިބޭ ރާޅާއަޅާ މީހުންނާއި އަދި ވަކިން ހާއްސަކޮއް ކައިރި ގައްދޫގެ ރާޅާ އަޅާ ކުދިން މަޑޭ، ހޫބްސް އަދި ސްމައިލީ އާއި ބައްދަލުވެ އެމީހުންގެ ފަރާތުން ރާޅާ އެޅުމުގެ މުހިންމު ގިނައެއްޗެހި ތަކެއް ދަސްވެގެންދިޔަ. އޮންނާނެ އޭރު ރާޅު ޕޮއިންޓު ކައިރި ބޭރުގަ އަޅާފަ ސަފާރީތައް. ދެން ރާޅަށް އެރި އުޅޭއިރު ގެންގުޅޭ ބޯރޑު ފެނުނީމަ ހަދިޔާ ކުރާނެ ބޯޑު ވެސް. އަދި މުހިންމު ބަޔެއް އެހެން އެއްޗެހިވެސް". ހަމަ އެކަނި ކޮޅަށް ތެދުވެ ދުއްވާލުން ނޫންކަން އެނގެނީ އެމީހުން ރާޅާ އަޅާތަން ފެނި އަދި ރާޅުގަ ހަދާ އެއްޗެހިތައް ކިޔާދިނީމަ. އެއީ އަސްލު މިކަމުގަ ކުރިޔަށް ދާން ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް" ޖިނާނު ކިޔައިދިނެވެ.
ޖިނާނު ބުނާ ގޮތުންނަމަ ރާޅާ އެޅުމަށް ކިތަންމެ ޝައުގުހުރި ނަމަވެސް ރާޅާ އެޅުމަކީ ކެރިއާއެއް ގޮތަށް ކުރެވޭނެ ކަމެއް ކަމަށް މީހުން އޭރު ގަބޫލެއް ނުކުރެއެވެ. އަދި ރާޅާއަޅާ މީހުންނަކީ އެހާ ހަރުދަނާ އުޅުމެއް ހުރި ބައެއްގޮތުގައި ބަލައި ނުގަންނަކަން އެނގޭތީ އެކަމުގައި ކުރިމަގެއް އޮތް ކަމެއްތޯ ސުވާލު އުފެދުނެވެ. މީހުންގެ މި ވިސްނުމާއި ހިޔާލު ބަދަލު ކުރާނެ ގޮތަކާއި ދޭތެރޭ ވިސްނަން މަޖުބޫރުވިއެވެ.
އުންމީދަކަށްވީ ކޮންމެވެސް ދުވަހަކުން މީހުންގެ އެވިސްނުން ބަދަލުވެ ރާޅާ އެޅުމަކީ ކެރިއާއެއް ގޮތުގައި ހިޔާރު ކުރުމަށް ރަނގަޅު، އަދި އެކަށީގެންވާ އާމްދަނީއެއް ލިބޭ މަސައްކަތަކަށް ވެގެން ދިޔުމެވެ. އަދި ރަށުގެ މި ރާޅު ޕޮއިންޓުން ލިބޭނެ ފައިދާއާއި މަންފާ ހޯދޭނެ ވިސްނުންތަކެއް ނެރެ އެކަމަށް މަސައްކަތް ކުރުމެވެ. ނަސީބު ކަންދިމާ ކުރީވެސް ވަރަށް ރަނގަޅަށެވެ.
ވާދޫއަށް ރާޅާ އަޅަން އަންނަން ބޭނުންވެގެން އުޅުނު އޮސްޓްރޭލިއާ ރާޅާ އެޅުންތެރިންތަކަކާ ޖިނާނު އާއި ބައްދަލުވިއެވެ.
" އޭރު ސަފާރީއެއްގަ ހުރި ލޯކަލް ގައިޑެއް މެދުވެރިކޮށް ރަށަށް އައި އޮސްޓްރޭލިއާގެ މި ސަރފަރުން ދަތުރު ނިމެންދެން ބަލައި އެއްކޮށް ރާޅަށް ގޮސް އަދި ކައިރި އެހެން ސަރފް ޕޮއިންޓުތަކަށް ގޮސް އުޅުންވީ ވަރަށް މަޖާ ކަމަކަށް އަދި އެއީ ލިބުނު ވަރަށްބޮޑު ތަޖުރިބާއެއް. އެދަތުރު ނިންމާފަ ދިޔައިރު ރަށުގެ އެކިފަރާތްތަކަށް އެކަމުގެ މަންފާ ލިބުނު. އަދި އާމްދަނީވެސް ލިބޭ ކަމެއްކަންވެސް އެނގި ދެން ކެރިއާއެއް ގޮތަށް މިކަމުގަ ކުރިއަށް ދާން ފެށީ. އަސްލު އެހިސާބުން މިކަމަށް އެންމެބޮޑު ޝައުގުވެރިކަމެއް އުފެދުނީ" ޖިނާނު ރާޅާ އެޅުމުގައި ހުރި ޝައުގު އިތުރަށް ހިއްސާކުރަމުން ކިޔައިދިނެވެ.
އެމްޓީސީސީ ދިވެހި ސަރފް ލީގުގައި ބައިވެރިވުން
ރާއްޖޭގެ ސަރފިން އެސޯސިއޭޝަން (އެމްއެސްއޭ) އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ އެމްޓީސީސީ ދިވެހި ސަރފް ލީގް 2022 ގައި، ނިމިގެންދިޔަ ކ. ހިތްމަފުށި (ގާމާދޫ ކޮޅު) ގައި ބައިވެރިވެ ރައުންޑް 5 އާއި ހިސާބަށް ޖިނާނު ދަތުރު ކޮށްފައިވެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވި މިބުރާތުގައި އޭނާ ބައިވެރިވެ މިހާތަނަށް ޖުމްލަ 1775 ޕޮއިންޓް ވަނީ ހޯދާފައެވެ. މިހާރު އެއީ ރާއްޖޭގެ ރޭންކިންގެ 4 ވަނައެވެ. އަދި މުބާރާތް ނިމުމުން ރޭންކިންގ އަށް ބަދަލު އަންނާނެއެވެ.
މިފަހަރު ރައުންޑް 4 ގައި މިވަނީ ބަލިވެފަ. އެވެސް ރާއްޖޭގަ ތިބި އެންމެ މޮޅު ރާޅާ އެޅުންތެރިންނާއި ވާދަކޮށް ވީމަ އެއީހަމަ ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް ކަމަށް އަހަރެން ގަބޫލުކުރަނީ. މި ފަހަރުގެ ޕޮއިންޓްސް އެޑް ކުރީމަ ވެސް ޔަގީނުން ގަދަ 10ގަ ހިމެނޭނެ އަނެއްކާވެސް." ޖިނާނު ބުންޏެވެ.
ޖިނާނު ބުނާގޮތުންނަމަ ރަށްރަށުގައި މުޅިން އަލަށް ބާއްވަން ފެށި ދިވެހި ސަރފް ލީގްގައި ބައިވެރިވުމުގެ ފުރުސަތު ރާޅާ އެޅުންތެރިންނަށް ލިބިގެން ދިއުމަކީ އެމީހުންނަށް ލިބިގެންދިޔަ ވަރަށްބޮޑު އުފަލެކެވެ. އަދި ގައުމީ ފެންވަރުގައާއި، ގައުމު ތަމްސީލު ކުރެވޭނެ ކުޅިވަރަކަށް ރާޅާ އެޅުން ވެގެން ދިއުމަކީ ހަގީގަތުގައިވެސް އޭނާ ވަރަށް އުފާވާ ކަމެއްކަން ފާހަގަ ކުރިއެވެ.
" ރާޅާ އެޅުމަކީ އޮލިމްޕިކްގައިވެސް ހިމެނޭ ކުޅިވަރަކަށް ވާތީ މިކަމަށް ހުރި ފުރުސަތުތައް ވަރަށް ގިނަ. ރާއްޖޭގެ ނެޝަނަލް ސަރފް ޓީމެއްވެސް އޮވޭ. އެޓީމްގައިވެސް ތިބީ ހަމަ އެއްކޮށް ރާޅާ އަޅާ ގާތް ކުދިން. އެއީ ލިބޭ ވަރަށް ބޮޑު އުފަލެއް" ޖިނާނު ބުންޏެވެ. އަދި މިކަމުގެ އެންމެ ބޮޑު އެއްއުފަލަކީ، އޭނާއާއެކު ރާޅާ އަޅަން ދަސްކުރި ކުދިންގެ ތެރެއިން ދެ ކުދިންނަކީ ވެސް މި ލީގުގެ ރޭންކިން ރަނގަޅު ހިސާބެއްގަ ތިބި ކުދީން ކަމަށްވުމެވެ. އަދި އެދެކުދީންނަކީ ވެސް ޖިނާނު ގޮތަށް އެހެން ރިސޯޓެއްގަ މަސައްކަތް ކުރަމުން އަންނަ ސަރފް ގައިޑުން ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
ރާޅަށް އޮތް ޝައުގެއްގެ ބޮޑުކަމުން ޖިނާނު އޭނާގެ އާއިލާގެ މެންބަރަކާއެކު "ބުލޫބައުލް" ގެ ނަމުގައި ހެދި ޕޭޖަކީ އޭނާ ގަބޫލު ކުރާ ގޮތުގައި ވާދޫގެ ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހުޅުވުނު ފުރަތަމަ ދޮރެވެ. މިޕޭޖަކީ ވާދޫގެ ރާޅާ އަޅާ ސަރައްހަދު މުޅި ދުނިޔެއަށްވެސް ތައާރަފްކޮށް މާކެޓު ކުރުމުގެ ނިޔަތުގައި ހެދި ޕޭޖެއް ކަމަށް ފާހަގަކުރިއެވެ. އަދި ވާދޫގެ ނަލަނަލަ މަލަމަތި ފެނިގެންދާ މި ޕޭޖުގެ ސަބަބުން ދުނިޔޭގެ އެކިހިސާބު ތަކުގެ ރާޅާ އެޅުންތެރިންގެ ސަމާލުކަން ވާދޫގެ ރާޅު ޕޮއިންޓުތަކަށް ހުއްޓުނެވެ. ކަނޑޫމާ ރިސޯޓުގައި ރާޅާ އަޅަން ދަސް ކުރުމަށް އަންނަ މީހުން ތަމްރީނު ކޮށްދިނުމުގައި ވެސް ޖިނާނު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
"އެންމެބޮޑު ހުވަފެނަކީ ކުޑައިރު އެއްކޮށް ރާޅާ އެޅި ބަޑީސްއާއެކު ވާދޫގައި ސަރފްއަށް ހާއްސަ އަމިއްލަ ގެސްޓު ހައުސްއެއް ހިންގާ ކުރިއެރުވުން"
އަދި ރާއްޖޭގެ ގައުމީ ރާޅާ ޓީމުގައި ހިމެނިގެން ދިއުމަކީ ދެން ޖިނާނު އޭނާގެ ރާޅާއެޅުމުގެ ކެރިއާރގައި އެންމެ ދެކެން ބޭނުންވާ ދުވަސް ކަމުގައި ފާހަގަ ކުރިއެވެ.
ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު
ތިީބޫ ފިސާރި ޒުވާނެކެ 🔥
Proud of you brother❤️
ކޮމެންޓްސް ބަންދުކުރެވިފައި