November 24, 2024 08:29
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (ފުރަތަމަބައި)

އިރުއޮއްސި އަނދިރިވަމުން ދިޔައިރު މުޅި ހިސާބުގަޑަށް ހަމަހިމޭންކަން ވެރިވަމުން ދިޔައިރު އަތިރިމަތީގައި އުފާކުރަންތިބި ދޫނިތައްވެސް އުދުއްސައިގަތީ އަނދިރިވުމުގެ ކުރިން އޭގެ މަންޒިލް އަތުޖެހޭތޯއެވެ. ހޮޅުއަށީގައި ތިބި އުމުރުން ދުވަސްވީ މީހުން މިސްރާބު ޖެހީ މިސްކިތާއި ދިމާލަށެވެ. ޖަމާއަތުގައި ނަމާދު ކުރުމަކީ އެމީހުންގެ ކަށީގައި ހިފައިފައި ހުންނަ ރަނގަޅު އާދައެކެވެ.

އަތިރިމަތީގައި ހަދާފައި ހުރި ހޮޅުއަށި ކައިރީގައި ހުންނަ ނިކަ ގަހަކީ ރަށުގެ ޒުވާން ފުރައިގެ ހުރިހައި ކުދިން ކަހަލަ ގޮތަކަށް އެއްވާ ތަނެކެވެ. އާއްމުކޮށް ހަވީރުގަޑިއެވެ. ނިކަ ގަހުގެ ވަށައިގެން ކުދި އުނދޯލި އެލުވާފައި ހުރެއެވެ. އެގަސްދޮށުގައި ފޯރިނެގުން އެމީހުންނަށް ފެށެނީ އަސްރުގެ ފަހުންނެވެ. އެހެން ނޫނީ ހޮޅުއަށީގައި އުމުރުން ދުވަސްވީ މީހުން ތަޅާ އަނގައިން ސަލާމަތެއް ނުވާނެވެ. ނިކަ ގަހަށް އެރުމަށް އެންމެ މޮޅީ ބިލާލެވެ. އެ ގަހުގައި އެހެން ކުދިންގެ އަތުގައި ނުޖެހި ދުވެލުމަކީ ބިލާލަށް އެއްވެސް ކަމެއް ނޫނެވެ. އެމީހުންގެ ކުޅުން ގިނަ ފަހަރަށް ނިމޭނީ ކޮންމެވެސް މީހަކު އައިސް ހަޅޭ ލަވައިގަތީމައެވެ. އަދި އެވަރަކުން ނިމެނީކީވެސް ނޫނެވެ. ގެއާއި ހަމައަށް ފޯރާއިރު ހުންނަނީ އިޝާއަށް ގޮވަން ގާތްވެފައެވެ. ގެއަށް ކިތަންމެ ލަހަކުން އަޔަސް ޝަކުވާ ކުރާނެ މީހަކު ނެތުމަކީ ބިލާލުގެ އެންމެ ހިތްހަމަ ޖެހޭ ކަންތަކެވެ. ބިލާލުގެ މައިންބަފައިން ބިލާލު ވަރަށް ކުޑައިރު ނިޔާވެފައިވުމުން ބިލާލު ބަލަހައްޓަނީ އޭނަގެ މާމައެވެ. ސްކޫލް ދައުރު ނިމި ވަޒީފާއެއް ނުލިބޭތީ ބިލާލް ބޭނުންވަނީ މަޖަލުގައި އެ ދުވަސްތައް ހޭދަކޮއްލާށެވެ. އެހެންނޫނީ މި ދުވަހެއް ނުލިބޭނެއެވެ. ދެން އޮންނާނީ ކައިވެނިކޮށް ޒަވާޖީ ހަޔާތެއް ފެށުމެވެ. ބޮޑު ޒިންމާއެއް އެއިރުން ބޮލުގައި އެޅުނީއެވެ. ދެން ރައްޓެހިންނާއެކު މަޖާކޮއްލާނެ ވަގުތެއް ނުލިބޭނެވެ. ޖެހޭނީ އަބަދުވެސް އަނބިދަރިން ބަލަހައްޓަން ލާރި ހޯދާށެވެ. އިތުރު ކަމެއް ކުރާނެ ވަގުތެއް ނުވާނެއެވެ.

ބިލާލަށް ހޭލެވުނީ ފަތިހު މާމަ ގޮވާ އަޑަށެވެ. އެއީ އާދައެވެ. ފަތިސްނަމާދަށް ކޮންމެ ގޮތެއް ހަދާފައި ވެސް އެދުން ނަގާނެއެވެ. އެގަޑިއަކީ މާމަ އަތުގައި ބިލާލު ޖެހޭ ވަގުތެވެ. މާމަގެ ބާރު ފުރިހަމައަށް ހިންގާލައެވެ. އިރު އެރުމަށް ފަހު ބިލާލް ގިނަވަގުތު ހޭދަކުރާނީ ގެއިން ބޭރުގައެވެ. މަޑުމަޑުން ތެދުވެ ދޮރުން ބޭރު ބަލައިލިއެވެ. އެއްވެސް އަލިކަމެއް ބޭރުން ފެންނާކަށް ނެތެވެ. ޚަރަދު ކުޑަކުރުމުގެ ގޮތުން މާމަ ހުންނަނީ ނިދަންވީމަ ގޯތިތެރޭގައި ހުންނަ ހުރިހާ ލައިޓެއް ނިއްވާލާފައެވެ. ހަމައެކަނި އެގަޑީގައިވެސް ދިއްލުން ހުއްދަ އޮންނަނީ ގިފިއްޔެވެ. އެވެސް ގެއާއި ތަންކޮޅެއް ދުރުގައި ހުންނާތީއެވެ.

Advertisement

"ކޮބާ އަދިވެސް ނާމާދު ކުރެވޭ ވަރެއް ނުވޭ ދޯ. ދެން ތިވަރުން ކިހިނެއް މީހަކާއި އިނދެގެން އުޅޭނީ" މާމަގެ އަޑަށް ބިލާލް ދިޔައީ ސިއްސައިގެންނެވެ.

"މާމާ. އިންނާނެ ކުއްޖަކު ހޯދަދީބަލަ" ބިލާލް ގޮސް މާމަ ގައިގައި ބައްދައިލިއެވެ.

ކޮނޑަށް ތުވާލި އެއްލައިލައިގެން ބިލާލް ހިނގައިގަތީ ގިފިއްޔާ ދިމާލަށެވެ. ވުޟޫ ކުރުމަށެވެ. ގިފިލި ތެރޭގައި ހެދިފައި ހުރި ގަސްތަކުން ދުވާ މީރުވަހުން ބިލާލް މަޑު ކޮއްލިއެވެ. ޚާއްސަކޮށް މިރުސްގަހުން ފެންނަން އިން ދޮން މިރުސް ލޮލުގައި އަޅައިގަތެވެ.

"ބިލާލޫ. އަވަސް ކޮއްބަލަ. ނަމާދު ގަޑި ކަޓަނީއޭ" މާމަ އައިސް ދޮރުގައި ޓަކި ދިނެވެ.

އަވަސް ކޮއްލައިގެން ބިލާލު ނަމާދު ކޮއްލައިގެން އައިސް މާމަ ގާތުގައި ކޮޓަރީގައި އިށީނެވެ. އެވެސްވީ މާމައަށް ގޯސް ކަމަކަށެވެ. މާ އަވަހަށް ނަމާދު ކޮއްލެވުނީއެވެ.

"ދަރިފުޅާ ގިފިލީގައި ތިހެން ގިނައިރު ކުރާކަށް ނުވާނެ. ޖިންނި ޝައިތާނުން އުޅޭނެ" މާމަ ބިލާލަށް ނަސޭހަށް ދިނެވެ. ވަރަށް ލޯބިންނެވެ.

"މާމާ ތިއީ ބޯދާ ވާހަކައެއް. ކިހިނެތް މިޒަމާނުގައި ޖިންނިން އުޅޭނީ މިކަހަލަ ރަށެއްގައި" ބިލާލް ހުރީ ވަރަށް ފަޚުރުވެރިވެފައެވެ. މުޅި ރަށުގައި ވެސް ބިލާލް ނުދަންނަ ތަނެއް ނޯންނާނެތީއެވެ. ނާރާ ރުކެއް ގަހެއްވެސް ނެތެވެ. ރަށުގެ ޒުވާނުންގެ މެދުގައިވެސް ބިލާލް ވަނީ މަޝްހޫރު މީހަކަށް ވެފައެވެ. ޖެހިލުންކުޑަ ގޮތް ދޫނުކުރާ މީހެއްގެ ގޮތުގައެވެ. ނަމަވެސް ދުވަހަކުވެސް މީހަކަށް ގޯނާއެއް ކޮއްފައެއް ނެތެވެ. ވިއްޔާވެސް ވާނީ ފައިދާއެވެ.

ބިލާލް އަބަދުވެސް މާމައާއި ކުރާނެ ސުވާލެއް އޮވެއެވެ. މަންމަ އާއި ބައްޕަ ނިޔާވީ ކިހިނެއް ވެގެންތޯއެވެ. އެއީ ރަށުތެރޭގައި އެކި ގޮތްގޮތަށް އެވާހަކަ ދެކެވޭތީއެވެ. އެކަމުގެ ހަގީގަތް ބަލަން އެންމެ ރަނގަޅީ މާމަ ގާތުން އަހައި އޮޅުންފިލުވުންކަން ބިލާލަށް އެގެއެވެ. ނަމަވެސް އެސުވާލު ކޮއްލާ ކޮންމެ ފަހަރަކު މާމަ އެހެން ދިމާލަކަށް ވާހަކަ އަބުރާލައެވެ. ނަމަވެސް ބިލާލް ހުރީ ގޮތް ދޫކޮއްލާ ގޮތަކަށް ނޫނެވެ. މާމަ ނިޔާވެއްޖެއްޔާ މި ކަމަށް އެއްކޮށް ހުރަސް އެޅުނީއެވެ. ބިލާލަށް އެގިފައި އޮންނަ ގޮތުގައި އާއިލާގެ ތެރޭގައި ކޮންމެވެސް މައްސަލަތަކެއް ޖެހުނެވެ. މަންމަމެން އެގެއިން ބޭރުކޮށް މަގުމަތި ކޮއްލިއެވެ. ސަބަބަކަށްވީ ބައްޕަގެ އާއިލާގެ ނުރުހުން މަންމައަށް ކުރިމަތިވީއެވެ. ސުވާލަކީ އެ ނުރުހުން ކުރިމަތިވީ ކީއްވެބާއެވެ. އަމުދުން އެމީހުން މަރުވީ ކީއްވެގެން ބާއެވެ. ހަމަ ޔަގީނުންވެސް އަމިއްލައަކަށް އެމީހުން މަރެއް ނުވާނެއެވެ. އެއަށްވުރެ އެމީހުން މާ ކެތްތެރި ވާނެއެވެ. މާމަ އެވާހަކަ ނުބުނަން އުޅެނީއެވެ. އެނޫން ދެން ކޮން ކަމެއްބާއެވެ. މާމަގެ ޖަވާބަކަށް ވަރަށް އިންތިޒާރު ކުރެވިއްޖެއެވެ. މައިންބަފައިންނާއި ނުލާ ބިލާލް ބޮޑުވީ މާމަ ގާތުގައި ހުރެއެވެ. މާމަގެ އޯގާތެރި ކަމުގައެވެ.

ހެނދުނު ހަތެއް ޖެހިއިރު ބިލާލްގެ ރައްޓެހިން ތިބީ ގޯތިރޭގައި ބިލާލްގެ އިންތިޒާރުގައެވެ. އެމީހުން އަބަދުވެސް ދާނީ ބިލާލް ގޮވައިގެންނެވެ. އެއީ ބިލާލަކީ އެންމެ ކެރޭ އެންމެ ޖެހިލުންވާ ޒުވާނާ ކަމަށް ވާތީއެވެ. ބިލާލް އަވަސް އަރުވައިލައިގެން ނިކުމެ ދުއްވައިގެންފިއެވެ. މާމަ އަށް ފެނުމުގެ ކުރިންނެވެ. މާމައަށް ފެނިއްޖެއްޔާ ކޮންމެވެސް އެއްޗެކޭ ބުނެލާނެއެވެ.

"އަހަރެމެން މިއައީ ސަޕްރައިޒް އެއް ދޭން" ސަލާމް އައިސް ބިލާލްގެ ކޮނޑުގައި އަތް ބޭއްވިއެވެ.

"ކޮން ސްޕްރައިޒެއްތަ. ބިޓެއްތަ" ބިލާލް ސުވާލު ކުރިއެވެ.

"ވާހަކަ ގިނަނުކޮށް ހިނގާބަލަ" ސަލާމް ހުރީ އަވަހަށް ބިލާލް ނިކަގަސް ދޮށަށް ގެންދާށެވެ.

މާމަ ގޯތިތެރެއަށް ނިކުތް އަޑު އިވުމާއިއެކު އެންމެން ދުއްވައިގަތީ މާމައަށް ފިލާށެވެ. އެމީހުންގެ މަންޒިލާއި ހަމައަށް ދެވޭތޯއެވެ. ނަމަވެސް އެދުވަހަކީ ނަސީބު ރަނގަޅު ދުވަހަކަށް ނުވިއެވެ. ރަށުން ބޭރުން އައި ބަޔަކު އެގަސްދޮށުގައި މަޑުކޮއްލައިގެން ތިބީއެވެ. ދޯނީގެ އިންޖީނު ހަލާކުވެ އެ ހެދެންދެން މަޑުކޮއްލީއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ރަށުގެ ފުޓްބޯޅަ ޓީމް އާއި ޖެހިގެން އޮތް ރަށުގެ ޓީމްގެ އެކުވެރި ކަމުގެ މެޗު ފެށެން ގާތް ވަމުން ދިޔައިރު ބިލާލްމެން ޓީމަށް ތަރުހީބު ދިނުމަށް އެކި ކަންތައް ރާވަމުން ދިޔައެވެ. އެކި ގްރޫޕްތަކަށް ބަހާލައިގެން އެކި ކަންތައް ހަވާލު ކުރިއެވެ. މިފަހަރު އެއްވެސް ޓީމެއްގެ ލީޑަރަކަށް ވާކަށް ބިލާލެއް ބޭނުމެއް ނުވިއެވެ. މިފަހަރު ދުރަށް ޖެހިލަން ބޭނުންވީއެވެ. ގަޑިން ހަތަރެއް ޖެހިއިރު އެމީހުން ތިބީ ގޯލުގެ ފަހަތުގައެވެ. އަޑު ހަރުކޮށް ތަރުހީބު ދެމުން ދިޔައެވެ. ގިނަ އިރެއް ނުވަނީސް އެމީހުންނާއި އެހެން މީހުންވެސް ބައިވެރިވާން ފަށައިފިއެވެ. މެޗު ނިމިގެން ދިޔައީ ބިލާލްމެންގެ ޓީމް ބަލިވެގެންނެވެ. މޮޅު ވާނީ ކޮންމެވެސް ބައެއްތާއެވެ. ނަމަވެސް ޓީމަށް އެވަރުގެ ތަރުހީބެއް މިއިން ދުވަހަކުވެސް ބަޔަކު ދިންހެން ހިއެއް ނުވެއެވެ.

އިޝާ ނަމާދުގެ ބަންގީގެ އަޑުން މުޅި ރަށުތެރެ ގުގުމައިލިއެވެ. ރަށުގެ އެކި އުމުރު ފުރައިގެ މީހުންގެ މިސްރާބު ހުރީ މިސްކިތާއި ދިމާލަށެވެ. ބިލާލް ކަންނެތްވެފައި މަގުގެ އެއްފަރާތުގައި ހުރި ފާރުބުރި މަތީ އިށީދެ އިނެވެ. މަގުމަތިން ފެންނަނީ މުޅިންވެސް މިސްކިތާއި ދިމާލަށް ދާ މީހުންނެވެ. ނަމަވެސް ބިލާލް އެއިން ގޮތަށް ހަމަ އިނެވެ.

"ކިހިނެއްވެފައި" ފަހަތުން އައިސް އަރީޝް ކޮއްޓައިލުމުން ބިލާލް ދިޔައީ ސިއްސައިގެންނެވެ.

"ނަމާދެއްވެސް ނުކުރަންދޯ. ތިހެން އިންދާ ޖިންނި އަވަލައިފާނެ" އަނެއްކާ ވެސް ފެށީ އަރީޝެވެ.

"އަހަންނަށް ހެޔޮ. ކާކު ދެރަވާނީ ޖިންނި އަވަލިއްޔާ" ބިލާލް އިނީ ވަރަށް މޫޑީވެފައެވެ. އެއީ ތެދެކެވެ. ދެރަވާނެ އެއްވެސް މީހަކު ނެތެވެ. ހުރީ ހަމައެކަނި މާމައެވެ. އެނޫން މީހެއް ނެތެވެ. ކުޑަމިނުން މި ރަށުން އަނގައިން ބުނެލާނެ އަންހެން ކުއްޖެއްވެސް ނުވިއެވެ.

"ސިއްތި ގޯތީ ރީމާ ސިންގަލް ވެއްޖެޔޯ" އަރީޝް އެޚަބަރު ދިނީ ވަރަށް ފޮނި އުއްމީދަކާއި އެކީގައެވެ.

"ދެން ޑަބަލް ވެދާނެއެއްނު" ބިލާލް ޖަވާބު ކުރެއެވެ.

"ޓްރިޕްލް ވެސް ވެދާނެ. އެކަމަކު ކުރިން ބިލާލްގެ ވާހަކަ އަހަރެންގެ ގާތުގައި ދައްކާފައި އޮތީމަ" އަރީޝް ހިނގައިގަތެވެ. ބިލާލަށް ކެތެއް ނުވިއެވެ. ބާރުބާރަށް ގޮސް އަރީޝް އާއި އަރައި ހަމަކުރިއެވެ.

"އޭ. ހަމަ ތެދެއްތަ. އެކަމަކު އަހަރެން މިއީ ފަގީރެއް" އުއްމީދެއް ނެތް ރާގަކަށް ބިލާލް ބުނެލިއެވެ.

"އެކަމަކު އަހަރެން ބަލަހައްޓަން ޖެހޭ މުސްކުޅި މާމައެއް ހުރޭ" ބިލާލް ވިސްނީ މާމައަށް ލިބިދާނެ ނިކަމެތި ކަމެވެ. ބިލާލްގެ ހުރި މީހަކީ މާމައެވެ. ކާފަ ނިޔާވުމުންވެސް ބިލާލަށް ހުރިހާ ކަމެއް ކޮއްދެމުން ދިޔައީ އުފަލުންނެވެ. އެހެން ވުމާއިއެކުވެސް މާމައަށް އެއްވެސް ކަހަލަ ދެރަ ގޮތެއް ވާކަށް ބިލާލް ބޭނުމެއް ނުވެއެވެ. އެކަމަކުވެސް ކޮންމެވެސް ދުވަހަކުން މީހަކާއި އިންނަން ޖެހޭނެތާއެވެ.

ހެނދުނު ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. ފޯނު ނަގަން ނުނަގަން ހުރެފައި އެނދުން ތެދުވެ ކައިރީގައި ހުރި މޭޒުމަތީގައި އޮތް ފޯނަށް ބިލާލް ބަލައިލީ ނިދީގައި ހުރެގެންނެވެ. ކަމަކު ދާކަށް ނެތެވެ. ރަށު އޮފީހުން ގުޅަނީއެވެ. އަވަސް އަވަހަށް ފޯނު ނަގާ ހަލޯ ބުނެލިއެވެ. އެކޮޅުން ވާހަކަ ދެއްކީ އަޑު ބަރު ފިރިހެނެކެވެ. ބިލާލް ހުރީ ބިރުންނެވެ. އެއީ މީގެ ދުވަސްކޮޅެއް ކުރިން ރަށު އޮފީހުގައި އޮތް ވަޒީފާއަކަށް ބިލާލް ވަނީ ކުރިމަތިލައިފައެވެ. ލިބުނީ ބިލާލް އުއްމީދު ކުރި ޚަބަރެކެވެ. ވަޒީފާ ލިބުނީއެވެ. މިހާރުން ފެށިގެން ވަޒީފާއަށް ނިކުންނަން އެންގީއެވެ. ފޯނު ބާއްވާފައި ކޮނޑަށް ތުވާލި އެއްލާލައިގެން ގިފިއްޔާ ދިމާލަށް ދުއްވައި ގަނެވުނެވެ.

"ކޮންކަމެއް ލައިގަނެގެން ތިއުޅެނީ" މާމަ ބިލާލަށް ގޮވައިލިއެވެ.

"މާމަ އަޅުގަނޑަށް ވަޒީފާ ލިބިއްޖެ. އޮފީހަށް ދިއުމަށް ތައްޔާރުވާން މިދަނީ" ބިލާލް ވާހަކަ ދައްކާލަން މަޑުކޮއްލާކަށް ވެސް ބޭނުމެއް ނޫނެވެ.

ބިލާލް ތައްޔާރުވެގެން އައިއިރު މޭޒުމަތީގައި ސައި ހަދާފައި ހުއްޓެވެ. އަދި މޭޒު ކައިރީގައި މާމަ އިށީދެ އިނެވެ.

"މާމާ ދެން ލާރި ލިބޭނެ. ދެން މާމަ ގޮވައިގެން އުފަލުގައި އުޅެވޭނެ" ބިލާލް ހުރީ ވަރަށް އުފަލުންނެވެ.

"ދެން ތިކަންވެސްވީ. ދެން މީހަކާއި އިނދެގެން ސީރިއަށް ދިރިއުޅުމެއް އުޅެބަލަ" މާމަ ފެށީ ނަސޭހަތް ދޭށެވެ. ބީލާލް ހިތް ދިޔައީ އަވަސް ވަމުންނެވެ. އޮފީހަށް ލަސްނުވެ ދާން ބޭނުންވެފައެވެ.

ސައި ބޮއި ނިމުމާއިއެކު ބާރަށް ހިނގައިގަތީ އޮފީހާއި ދިމާލަށެވެ. ދިހަވަރަކަށް މިނިޓް ނުވަނީސް އޮފީހަށް ދެވުނެވެ. އޮފީހުން ފުރަތަމަވެސް މަރުހަބާކީ ރިސެޕްޝަންގައި އިން ކުއްޖާއެވެ. އަދި އަތުގެ އިޝާރާތުން ކުރިމަތީގައި ހުރި ކޮޓަރިއަށް ވަނުމަށް އިޝާރާތް ކުރިއެވެ. ބިލާލް ކޮޓަރިއަށް ވަނީ ވަރަށް ޖެހިލުންވެ ހުރެއެވެ. ދޮރު ހުޅުވައި އެތެރެއަށް ވަން އިރު ކޮޓަރި ތެރޭގައި ހުރި މުށި ކުލައިގެ މޭޒެއް ދޮށުގައި ޒުވާން އަންހެން ކުއްޖާ ބިލާލް ފެނުމާއިއެކު އަތުގެ އިޝާރާތުން ކުރިމަތީ ހުރި ގޮނޑީގައި އިށީނުމަށް އެދުމުން ބިލާލް ވަރަށް ބަސްއަހާ ކުޑަކުއްޖެއްހެން ގޮސް އިށީނެވެ.

"މިއީ ނީޒާ. މިވަގުތު އޮފީހާއި ހަވާލުވެ ހުރީ އަޅުގަނޑު" ނީޒާ ތަޢާރަފް ވަމުން ދިޔައިރު ބިލާލް އިނީ ހިނިތުންވެފައެވެ. ބިލާލަށް ނީޒާ ނޭގެންވީ ކީއްވެ ހެއްޔެވެ. މިރަށުގައި ނޭގޭ ބަޔަކު ނޫޅޭނެތާއެވެ. ނަމަވެސް އެއީ އޮފީހުގެ ގަވާއިދު ކަމަށް ވެސް ވެދާނެތާއެވެ.

ބިލާލް ގޮސް މަސައްކަތާއި ހަވާލުވިއެވެ. ދަންނަ މީހުން މުޅި އޮފީސްތެރޭގައި އުޅުނަސް މަސައްކަތަށް އަލެވެ. އޮފީސް ތެރޭގައި ބީރައްޓެހިވެގެން އުޅޭކަށް ނުޖެހެއެވެ.

= ނުނިމޭ =

ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ.

+1
5
+1
2
+1
33
+1
7
+1
2
+1
4
+1
2

Advertisement

ޖުމްލަ 4 ކިޔުންތެރިންގެ ހިޔާލު

  1. ވަރަށް އުފާވެއްޖެ މި ނޫހުން އީމާންގެ ވާހަކަ ފެނުނީމަ. އުއްމީދު ކުރަން ވީހާވެސް ގިނައިން ވާހަކަތައް ގެނެސްދޭނެކަމަށް

    12

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް