November 22, 2024 17:42
Advertisement

-Advertisement-

ކުޑަކުދިންގެ ހާދިސާ: އަޖުމަލް އާއި ފުފޫ

އަޖުމަލް އަކީ ވަރަށް ގަސް އިންދާ ހިތްވާ ކުއްޖެކެވެ.

އަޖުމަލްގެ ބައްޕަ އަމްޖަދުވެސް ވަރަށް ގަސް ހައްދައެވެ.

އެއްދުވަހަކު އަޖުމަލް ބައްޕައާއެކު ގަސްވިއްކާ ފިހާރައަކަށް ދިޔައެވެ. އަމްޖަދު ދެތިން ވައްތަރުގެ މާގަސް ގަތުމުން ސޭޓު ހަދިޔާއަކަށް ތަރުކާރީއޮށް ޕެކެޓެއް ދީފިއެވެ.

Advertisement

ދަރިފުޅު އިންދާލަން ރަނގަޅު ވާނެއޭ ކިޔާފައި އަޖުމަލް އަށް ދިނެވެ. ދެން އަޖުމަލް ބައްޕައާއެކު ގެއަށް އައިސް އަޖުމަލް ގަސް އިންދާ ތަނުގައި އޮށްތައް ވަޅުލައިފިއެވެ.

ކޮންމެ ދުވަހަކުވެސް އޮށުން ގަހެއް ފަޅާތޯ އަޖުމަލް ބަލައެވެ.

އެއްދުވަހަކު އަޖުމަލްގެ އާދައިގެ މަތިން ގަސްފެޅިތޯ ބަލާލިއިރު ވަރަށް ބައިވަރު ކުދި ގަސްތަކެއް ކިރިޔާ ބިމުން މައްޗަށް ފެންނަވަރަށް އެއްފުންޏަކަށް ހުރީ ފަޅާފައެވެ.

ހަފުތާއެއްވީއިރު މިގަސްތައް އެކި ތަންތަނުގައި އިންދާވަރު ވެއްޖެއެވެ.

އަޖުމަލް ގަސްތައް އުފުރާފައި އެކި ތަންތަނުގައި އިންދާ ލައިފިއެވެ. އެކަމަކު ރަނގަޅަށް ހެދުނީ ދެތިން ގަހެވެ.

ދުވަސްކޮޅަކުން ގަސްހެދެމުން ގޮސް ވެޔޮގަނޑަކަށްވެ އެތާހުރި ބޮޑުގަހަކަށް އަރަން ފަށައިފިއެވެ.

އަޖުމަލް އަކަށް އެއީ ކޮންކަހަލަ ވެޔޮގަނޑެއް ކަމެއް ނޭނގެއެވެ. އެހެންވެ އަޖުމަލްގެ ބައްޕަ ގާތުން އަހާލިއެވެ.

އަޖުމަލް: ބައްޕާ! މިއީ ކޮންކަހަލަ ވެޔޮގަނޑެއްތަ.

އަމްޖަދު: ދަރިފުޅާ! ތިޔައީ ފުފޫ ވެޔޮގަނޑެއް.

އަޖުމަލް: ބައްޕާ! ފުފޫ މީރު ވާނެތަ؟

އަމްޖަދު: ފުފުލަކީވެސް ވަރަށް މީރު އެއްޗެއް. ވަރަށްގިނަ ފޮނި ކާއެއްޗެހި ތައްޔާރުކުރާ އެއްޗެއް. ފުފުލު މުރުއްބާވެސް ހަދާނެ.

ދުވަސްގަނޑަކުން ގަސްބޮޑުވެ ފުފޫ އަޅައިފިއެވެ. އަޖުމަލް ކޮންމެ ދުވަހަކު ފުފޫ ދޮންވޭތޯ ބަލައެވެ.

އެއްދުވަހަކު އަޖުމަލް ފުފޫ ދޮންވިތޯ ބަލާލިތަނާ ފުފޫ ޕަކަޕަކަޖަހާފައި ހީގެންފައި އަޖުމަލް އަށް ބުންޏެވެ.

ފުފޫ: ބަލަ މޮޔަ ކުއްޖާ. ފުފޫ ބިންނަވަރު ވިއްޔާ އެނގޭނެތަ؟

އަޖުމަލް: އާނ. އަދި ދޮނެއްނުވެއެއްނު.

ފުފޫ: ބަލަ ފުފުލަކީ ދޮންވެގެން ރީނދޫކުލަޔާއި ރަތްކުލަ އަރަންދެން ބާއްވާ އެއްޗެއްނޫނޭ. އަހަރެން މިހާރުވެސް މިއޮތީ ބިންނަވަރުވެފައި.

އަޖުމަލް: އެހެންތަ! އެހެންވެއްޖެއްޔާ މިއަދު ފުފޫ ބިންނަން ބައްޕަގާތު ބުނާނަން.

ފުފޫ: އަހަރެން ބިނދެގެން އަހަރެން ފީކޮށްފައި އެއްލާލަންދޯ؟

އަޖުމަލް: ނޫނޭ އަހަރެންގެ މަންމަ ކޮންމެވެސް އެއްޗެއް ކައްކާލާނެ ފުފުލުން.

ފުފޫ: މީހުންނެއް ނޫޅޭވިއްޔާ އާ ވައްތަރެއްގެ ފަސޭހަ އެއްޗެއް ހަދަން. ހަމަ އަހަރެންގެ ރިހަވެސް ކެއްކިދާނެ އަދި ސަޓަނިވެސް ހެދިދާނެ. އެކަމަކު އަބަދު ހަދާނީ މުރުއްބާއާއި ފަންޏާއި މެޓަޔާއި އުނދަގުލުން ހެދޭކަހަލަ ފަލަވާ ސާމާނު ވިއްޔަ! ދެން އެނެހެދިއްޖިއްޔާ އެއްލައޭލާނީ. އަޖުމަލްގެ މަންމަވެސް ހަދާނީ އެހެންނޭ. އެހެންވެ އަހަރެން ވަރަށް ފޫހިވޭ.

އަޖުމަލް: އަހަރެން މަންމަގާތު ތިޔަވާހަކަ ބުނާނަން.

ފުފޫ: މަށަށް ރަނގަޅީ ބުނިއްޔާ! އަހަރެންނަކީވެސް ހަމަ ހަށިގަނޑަށް އެހާ ފައިދާހުރި އެއްޗެއްވިއްޔަ. ކޮންމެހެން ވިޓަމިންކޮޅު ގެއްލޭގޮތަށް ފަލަވާ ފާޑުފާޑުގެ އެއްޗެހި ހަދާނެކަމެއްނެތެއްނު.

އަޖުމަލް މަންމަ ގާތަށްގޮސް ފުފޫ ދެއްކި ވާހަކަޔާއި އަދި ފުފޫ ބިންނަވަރުވި ވާހަކަ ބުނުމުން އަޖުމަލްގެ މަންމަ ނަސީރާ އައިސް ފުފޫ ބިނދެގެން 1 ފަޅި އާވިންކައްކާފައި މަސްހުނި ހަދާލާފައި އަނެއްފަޅިން ކިރުގަރުދިޔަ ކައްކާލައިފިއެވެ.

އެގޭގެ އެންމެނަށް ވެސް މީރުވިއެވެ. އޭގެ ފަހުން ނަސީރާ ފުފުލުން ވަރަށް ވައްތަރު ވައްތަރުގެ އެއްޗެހި ކައްކައެވެ. ބައެއް ދުވަސް ދުވަހު ފޮނި އެއްޗެހިވެސް ކައްކައެވެ. 'ޖުވޭސް ރެސިޕީ' ޕޭޖް އިން ފެނުނު 'ފުފުލު ދަލޭ' ތައްޔާރު ކުރުމުން އެންމެނަށްވެސް ވަރަށް މީރުވިއެވެ.

+1
1
+1
4
+1
2
+1
2
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް