November 24, 2024 09:05
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (ހަތަރުވަނަބައި)

ބިލާލަށް ހޭލެވުނީ ދޮރުގައި ބަޔަކު ތަޅައިގަތް އަޑަށެވެ. ބާރުބާރަށެވެ. ބިލާލްގެ ހިތް ބާރަށް ތެޅެންފެށިއެވެ. އަދި އިރު ނާރަނީސް މި ލައިގަތީ ކޮން ކަންތަކެއްބާއެވެ. ދޮރު ހުޅުވަން ނުހުޅުވަން ހުރެފައި އެންމެފަހުން ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީގައި ތިބީ މުދިންބެއާއި އިތުރު ދެތިން މީހެކެވެ.

"ކިހިނެއްވީ" ބިލާލް ހުރީ ވަރަށް ހާސްވެފައެވެ.

"އެހެރީ މާމަގެ މަހާނަ ހާވާފައި" އެމީހުން އެހެން ބުނުމުން ބިލާލް ސަހަރާ އާއި ދިމާއަށް ދުއްވައިގަތެވެ. ފަހަތުން އެމީހުންވެސް ދުވަމުން އައެވެ. އެއައި ގޮތަށް ބިލާލް ހުއްޓުނީ މާމަގެ މަހާނަ ކައިރީގައެވެ. ތެދެކެވެ. މުޅި މަހާނަ އޮތީ ހާވާ ވަރަށް ބޮޑަށް ކޮނެފައެވެ. އެއީ އިންސާނަކަށް ކުރަން ކެރޭވަރުގެ ކަމެއްކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ. މަހާނަ ކައިރިން މީހަކު ހިނގާފައިވާ ފިޔަވަޅުތަކެއް ހުއްޓެވެ. އެ ފިޔަވަޅުތައް ގޮސް ހުއްޓެނީ މަހާނަ އާއި ދިހަ ވަރަކަށް ފޫޓް ދުރަށެވެ. އެއަށްވުރެ ދުރަކަށް އެ ފިޔަވަޅުތައް ނެތެވެ. މުޅި ސަހަރާ ވަށައިގެންވެސް ހޯދިއެވެ. އެކަމަކު އެއްވެސް އެހެން މީހެއްގެ ހިލަމެއް ނެތެވެ. މުދިންބެ ބޭނުންވީ މާމަގެ މަހާނަ ކޮންނާށެވެ. ކޮންމެވެސް މީހަކު މަހާނަ އާއި ކުޅެފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރުމުންނެވެ. ނަމަވެސް ބިލާލް ދިޔައީ އެކަމަށް އިންކާރު ކުރަމުންނެވެ. އެއީ ބިލާލް އެއްގޮތަކަށްވެސް ބޭނުންވި ގޮތެއް ނޫނެވެ. ނަމަވެސް ހިތާއި ދެކޮޅަށް އެކަމަށް އެއްބަސްވީވެސް އެތާ ތިބި އެންމެން ކިޔަން ފެށުމުންނެވެ. މަހާނަ ކޮންނަން ބޭނުންވީ މުދިންބެ އަމިއްލައަށެވެ. އެކަމުގައި އެހެންމީހަކު ބައިވެރި ކުރާކަށް އޭނާއެއް ބޭނުމެއް ނުވިއެވެ. މުދިންބެ މަހާނަ ކޮންނަން ފެށީ މަހާނައަށް ރަނގަޅަށް އަލިއަޅުވައިގެންނެވެ. ކޮންނަން ފެށީ އޭނަގެ ދެއަތުންނެވެ. އެހެން އެއްޗަކުން ކޮންނަން މުދިންބެ ބޭނުން ނުވީއެވެ.
"މާމަގެ ސަންދޯކެއް ނެތް" މުދިންބެ ސިއްސައިގެން ގޮސް ކޮޅަށް ތެދުވިއެވެ. ބިލާލްވެސް ގުދުވެ މަހާނަ ބަލައިލިއެވެ.

Advertisement

ނަމަވެސް އެވަގުތު މުދިންބެ އަތުގައި އޮތް ލައިޓް ވެއްޓި ހަލާކު ވުމުގެ ސަބަބުން ފެންނަ ވަރެއް ނުވިއެވެ. ނަމަވެސް ހިތްވަރު ކޮއްލާފައި މަހާނައާއި ދިމާއަށް ގުދުވެ ބަލައިލިއެވެ. ބުނެދޭން ނޭގޭ ނުބައި ވަހެއް މަހާނަ ތެރެއިން ދުވިއެވެ. ބިލާލް ނޭފަތުގައި އަތް އަޅަމުން ކޮޅަށް ތެދުވިއެވެ. މަހާނަ ތެރޭގައި މާމަ ނެތް ނަމަ މިދުވަނީ ކޮން ނުބައި ވަހެއްބާއެވެ. ދެން އުފެދޭ ސުވާލަކީ އެހާ އަވަހަށް އިންސާނަކު ކުނިވެދާނެބާއެވެ.

"ބިލާލް ދަރިފުޅާ. ކޮންމެވެސް ގޯހެއް އެބައުޅޭ" މުދިންބެ ހުރީ ވަރަށް ހާސްވެ މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ.

"ކޮންކަމެއް" ބިލާލް ސުވާލުކުރީ އެހާމެ ބިރުން ހުރެއެވެ.

"މިފެންނަ ކަންތައް" މުދިންބެ ކުރު ޖަވާބެއް ދިނެވެ.

އެވަގުތަކީ އިރު އަރައިގެން އައި ވަގުތުކަމަށް ވުމާއި އެކު ރަށުގެ ގިނަބަޔަކު އެތަނަށް އެއްވެފައި ވިއެވެ. މިކަހަލަ ކަމެއް ދުވަހަކުވެސް މިރަށުން ހިގި ކަހަލަކަމަކަށް ނުވާތީ އެންމެންވެސް ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ. މުދިންބެ އެދުމަށް ދެވަނަ ފަހަރަށް މަހާނަ ކޮންނަން ފެށިއެވެ. މާމަ އޮތްކަން ޔަގީން ކުރުމަށެވެ. މިފަހަރު މަހާނަ ކޮންނަން ފޭބީ ބިލާލެވެ. އެއީ ބިލާލްގެ އެދުމަކަށެވެ. ބިލާލް ބޭނުންވީ އަމިއްލަ އަތުން ކޮނެ ޔަގީން ކުރުމަށެވެ. ކޮންނަން ފެށިތާ މާގިނަ އިރެއް ނުވަނީ ސަންދޯކުގައި އަތް ޖެހުނެވެ. އެވަރުންވެސް ޔަގީން ކުރުމަށް ބިލާލް ބޭނުންވީ ސަންދޯއް ހުޅުވާށެވެ. އެކަންވެސް ކުރަން ބޭނުންވީ ސީދާ ބިލާލެވެ. މުދިންބެގެ އަމަލުތައް ހުރި ގޮތުން އޭނާއަށް އިތުބާރު ކުރަން ބިލާލަށް އުދަގޫވިއެވެ. ސަންދޯކުގެ މަތި ނަގައި ބަލައިލިއެވެ. ވަޅުލި ގޮތަށް މާމަ އެ ކަފުނުގައި އޮތެވެ. އެހެންވީމާ ދެން މިހިނގީ ކޮންކަމެއް ބާއެވެ. ކަފުނުގައި މާމަ އޮތްކަން ޔަގީންވުމާއެކު ބިލާލް ފުން ނޭވާއެއް ލިއެވެ. ބިލާލް ވަށައިގެން ހޯދައިލިއެވެ. ވަށައިގެން ތިބި މީހުންގެ މޫނަށް ވަކިވަކިން ބަލައިލިއެވެ. އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ބިލާލަށެވެ. މިވަނީ ކިހިނެއްތޯ އެންމެން ސުވާލު ކުރާ ކަހަލައެވެ.

"ދެން ހިނގާ ދާން. މިކަންވެސް މި ނިމުނީ. މާމަ އޮތްކަން ޔަގީންވީތާ" މުދިންބެ ބިލާލް އަތުގައި ހިފައިގެން ހިގައިގަތެވެ. ނަމަވެސް ބިލާލް އޭނަ އާއި އެކީ ދާން ބޭނުން ނުވިޔަސް އެހެން މީހުން ކުރިމަތީގައި އެކަމަށް ދެކޮޅު ހަދާން ބިލާލަށް ނުކެރުނެވެ. މުދިންބެ ދިޔައީ ބިލާލްގެ އިތުބާރު ހޯދަން މަސައްކަތް ކުރަމުންނެވެ. ގެއާއި ހަމައަށް އާދެވުނުއިރުވެސް މުދިންބެ ދައްކަމުންދާ ވާހަކަތަކަށް ބިލާލް ދިޔައީ ނޫނެކޭ ބުނަމުންނެވެ. ގޯތިތެރެއަށް ވަނުމަށްފަހު ބިލާލް ބާރަށް ހިނގައިގަތީ ގޭތެރެއަށް ވަނުމަށެވެ. މުދިންބެއަކަށް ސަމާލު ކަމެއް ނުދެއެވެ. އިރުކޮޅަކު މަޑުކޮއްލުމަށްފަހު މުދިންބެވެސް އޭނަގެ ގެއާއި ދިމާއަށް ދާން ހިނގައިގަތެވެ.

"މަޑުކޮއްލަބަލަ" ފަހަތުން ނައުފަލް ގޮވައިލި އަޑަށް ބިލާލް ފަސްއެބުރި ބަލައިލިއެވެ.

ނައުފަލް އައީ ދުވެފައި ކަހަލަ ގޮތަކަށެވެ. މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ. ހީވަނީ ކޮންމެވެސް އެއްޗެއް ބުނަން އުޅޭހެންނެވެ. ބިލާލް މަޑުކޮއްލުމާއި އެކު ކައިރިއަށް އައިސް ދެ ކަކުލުގައި އަތް ވިއްދާލައިގެން އޮވެ ފުން ނޭވާ ލާން ފެށިއެވެ.

"ކިހިނެއްވީ އަނެއްކާ" ބިލާލް ހަމަޖެހިފައި ހުރި ގޮތް ދައްކާލަމުން ބުނެލިއެވެ.

"އެއޮތީ. އެއޮތީ" ނައުފަލަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.

"ކާކުހޭ. ކޮން އެއްޗެއްހޭ" ބިލާލް ސުވާލު ކުރިއެވެ.

"މުދިންބެ.މުދިންބެ" ނައުފަލް ބިންމަތީގައި އިށީނެވެ. ވެފައިވާ ވަރުބަލިން ވާހަކަ ދެއްކޭވަރެއް ނޫނެވެ. ބިލާލް ދުއްވައިގަތީ މަގުމައްޗަށެވެ. މުދިންބެ ފެނޭތޯއެވެ. މަގަށް ނިކުމެ ދެކޮޅު ހޯދައި ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އިރުގެ ދޯދިތައް ރަށަށް އާދުވަހަކަށް މަރުހަބާ ކިޔަމުން ދިޔަނަމަވެސް ރަށުގައި ފެށުނީ ގޮތް ނޭގޭ ކަންތަކެކެވެ.

******

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެ އާއި އަލްވަދާޢު ކިޔަމުން ދިޔައިރު ރަށުގެ ފުއްޓަރު ފަރާތުގައި ބިލާލް އެކަނިމާ އެކަނި މޫދަށް ބަލަހައްޓައިގެން އިނީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތް ކަހަލަ ގޮތަކަށެވެ. އާއިލާގެ މީހުންގެ އަޅާލުމާއި ލޯބި ނުލިބުނުތާ އެހީތެރިވާން ހުރި ހަމަ އެކަނި މީހާވެސް ނިމި ދިޔައީއެވެ. ބިލާލްގެ މާމައެވެ. މުޅިން އާ ހަޔާތެއް ފަށަން ޖެހުނީއެވެ. މާމަ ނިޔާވި ފަހުންވެސް އާއިލާގެ އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ކުޑަމިނުން މަގުމަތިން ފެނި ނިތް އަރުވާލާނެ މީހަކުވެސް އާއިލާގައި ނެތީއެވެ. އެހެން ހިތަށް އަރާ ކޮންމެ ފަހަރަކުވެސް އެއީ އިމްތިހާނެއް ކަމަށް ގަބޫލުކޮށް އެ އިމްތިހާނުން ފާސްވާން ގަދައަޅާ މަސައްކަތް ކުރުމަށް ނިޔަތް ގަނެއެވެ.  އިރު އޮއްސި އަނދިރިވާން ފެށުމުން ބިލާލް ހިނގައިގަތީ ގެއަށް ދިއުމަށެވެ. ރަށުގެ އަތިރިމަތީން ރާޅު ޖަހާ ހިސާބުން މަޑު ހިނގުމެއްގައި ހިގަމުން ދިޔައިރު މޫދުގެ ލޮނުގަޑުވެސް ބިލާލްގެ ފައިގައި ބޮސްދެމުން ދިޔައީ އެހިތާމައިގައި ބައިވެރިވަމުންނެވެ. ބިލާލް ސިއްސައިގެން ދިޔައީ މޫދުން މަހެއް ފުންމައިގެން އައިސް ބިލާލްގެ ކުރިމައްޗަށް ޖެހުމުންނެވެ. ރާޅު ޖަހާ ހިސާބުގައި މިޔަރެއް ދުވެލަ ދުވެލާ އޮތެވެ. ހީވަނީ އެ މިޔަރުގެ ކިބައިން ސަލާމަތްވާން އުޅެނިކޮށް އެއްގަމަށް އެރުނީހެންނެވެ. ބިލާލް ގުދުވެލާފައި އެމަސް ނަގާ މޫދަށް ލިއެވެ. އެއިރު ބިލާލްގެ އަތުގައި ރެދަން ލަމުން ދިޔައެވެ. އެމަސް މޫދަށް ދޫކޮއްލިޔަސް ރާޅު ޖަހާ ހިސާބުގައި ބިލާލް އާއި ދިމާއަށް ބަލަހައްޓައިގެން އޮތެވެ. އެހީއަކަށް އެދި ގޮވާހެންނެވެ. ބިލާލް އެއްގަމަށް އަރަން އަނބުރާލީ މޫދުން ދެފައި ދޮވެގެންނެވެ. މިލަހަނދުވަރެއް ދީފައި އޮތުމުގެ ސަބަބުން އަނދިރިއެއް ނޫނެވެ. ކުއްލިއަކަށް ވައި ގަދަވެ ވިއްސާރަވާ ކަހަލަ އަލާމާތް ފެންނަން ފަށައިފިއެވެ. ވާރޭ ވެހެން ފެށުމުގެ ކުރިން ގެ އަތު ޖެހޭތޯ ބާރަށް ހިނގައިގަތެވެ. ކުޑަކޮށް ވާރޭ ވެހެން ފެށުމުން ބިލާލް ދުއްވައި ގަތީ ގެ އާއި ދިމާލަށެވެ. ގެއަށް ދާން ޖެހެނީ ސަހަރާގެ އިރުމަތީ ފަރާތު މަގުންނެވެ. މަގުގެ ދެފަރާތުގައި އެއްވެސް ތަރުތީބެއް ނެތި ގަސްތައް ހެދިފައި ހުއްޓެވެ.

ވާރޭ ބޯކޮއްލީ މަގުގެ މެދާ ހިސާބުންނެވެ. ވާރޭގައި ނުޖެހި ގެއާއި ހިސާބަށް ނުފޯރާނެ ކަން ޔަގީންވުމުން އެންމެ ގާތުގައި ހުރި ގޭ އަސްކަނި ދޮށަށް ވަދެ ބިލާލް މަޑުކޮއްލިއެވެ. ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ބިލާލް މަޑުކޮއްލައިގެން ހުރި ގެއަކީ ފަނުން ހަދާފައި ހުރި ގެއެކެވެ. މުސްކުޅި ފިރިހެނެއް ފިޔަވާ އިތުރު މީހަކު އެގެއަކު ނޫޅެއެވެ. އިރު އޮއްސުމާއި އެކު އެމީހާ ދޮރު ލައްޕައި ނިދައެވެ. ވެހެމުން ދިޔަ ވާރޭން ބިލާލް ތެމެން ފެށުމުން ގޭތެރެއަށް ކުޑަކޮށް ވަދެ މަޑުކޮއްލިއެވެ. ނަސީބަކުން ދޮރުގައި ހުރީ ތަންޑު ނާޅުވައެވެ. ގޭތެރޭގައި ފުޅިބައްތީގެ ފަނޑު އަލިކަން ފިޔަވާ އިތުރު އަލިކަމެއް ނެތެވެ. އެ މުސްކުޅި މީހާ ގޭތެރޭގައި ހުރި އެނދެއްގައި ގަދަ ނިދީގައި އޮތެވެ. ދޭތެރެއަކުން ކެއްސާލުން ފިޔަވާ އިތުރު ހަރަކާތެއް ނުގެނެއެވެ. އެމީހާއަށް ގޮވަން އެތައް ފަހަރަކު ބިލާލްގެ ހިތަށް އެރިއެވެ. ވިއްސާރައިން ސަލާމަތް ވުމަށެވެ. އެ ގަދަ ނިދީގައި އޮއްވާ ގޭތެރެއިން އެހެން މީހަކު ފެނިއްޖެއްޔާ އެހާ އުމުރުން ދުވަސްވީ މީހަކު ލިބޭ ޝޮކަކުން މަރުވެސް ވެދާނެއެވެ. އެހެން ވެއްޖެއްޔާ އެކަމުގެ ޒިންމާވެސް ނަގަން ޖެހޭނީ ބިލާލެވެ. އެއިރުން އަނެއްކާ އިތުރު ކަންތަކެއް ލައިގެންނާނެވެ. މި ޚިޔާލުގައި ހުއްޓާ ބިލާލް ސިއްސައިގެން ދިޔައީ ގޭ ދޮރުމަތިން މީހަކު ދުވެފައި ދިޔަ އަޑު އިވުމުންނެވެ. މި ވިއްސާރާގައި މިތާ އުޅެނީ ކާކުހެއްޔެވެ. އަދި މި ހިސާބަކީ މީހުން އެހާ ގިނަ ހިސާބެއްވެސް ނޫނެވެ. ބިލާލް ބޭރަށް ނިކުމެ ބަލައިލިއެވެ. ބިލާލަށް ހީވީ ރަނގަޅަށެވެ. ސަހަރާގެ ފާރު ކައިރީގައި ލެގިގަނެގެން މީހަކު ހުއްޓެވެ. ބަލާބެލުމަށް ޒުވާން ކުއްޖެއްހެން ހީވެއެވެ. އެމީހާގެ ހަރަކާތް ބަލަން ބިލާލް ގޭތެރޭގައި މަޑުކޮއްލިއެވެ. ގޭތެރެއަށް ވަދެ ލޯވަޅަކުން ބަލަން ހުރީ އެމީހާގެ ހަރަކާތަށެވެ. ބައެއްފަހަރު ދެއަށް މައްޗަށް ނަގައި ދުޢާ ކުރާހެންވެސް ހީވެއެވެ. އެއްފަހަރު އިށީންނާނެއެވެ. ކޮޅަށް ތެދުވާނެއެވެ. އެއިރުވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. އެމީހާ ހިނގައިގަތީ ވާރޭ ތުނިކޮއްލީމައެވެ. ސަހަރާގެ ހުޅަނގު ކަނާ ދިމާއަށް ގޮސް ގެއްލުނީއެވެ.

ބިލާލްވެސް ގެއާއި ދިމާއަށް ހިނގައިގަތީ ފަހަތަށް އެނބުރި ބަލަމުންނެވެ. އަނެއްކާ އެމީހާގެ ހިލަމެއް ވޭތޯއެވެ. ބިލާލްއަށް ގެއަށް ދެވުނުއިރުވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ގޭތެރެއަށް ވަދެ ތުވާލިން ގައި ހިއްކައިލުމަށްފަހު ކާ ގެއާއި ދިމާއަށް ހިނގައިގަތީ ކޮންމެވެސް އެއްޗެއް ކާލުމުގެ ބޭނުމުގައެވެ. މެންދުރު ބިލާލް ކެއްކި ރިހަ ކޮޅާއި ބަތް ކޮޅެއް ހުއްޓެވެ. ކިތަންމެ ބަނޑުހައި ވެފައި ހުއްޓަސް އިތުރަށް އެއްޗެއް ހަދައިގެން ކާނެހާ ހިތްވަރެއް ނެތެވެ. އެއަށްވުރެ ވެފައިވާ ވަރުބަލި މާ ބޮޑެވެ. ކައި ނިމިގެން ބޭރަށް ނިކުތީ ވިއްސާރަ ރެއަކަށް ވާތީ ބޭރުގައި އެއްވެސް އެއްޗެއް ހުރިނަމަ ގޭތެރެއަށް ވެއްދުމުގެ ބޭނުމުގައެވެ. ބޭރުގައި ބަހައްޓާފައި ހުރި ބައެއް ތެލިތައް ގެނެސް ބަދިގެ ތެރެއަށް ލުމަށްފަހު ކޮޓަރި އާއި ދިމާއަށް ހިނގައިގަތީ އޮށޯވެލުމުގެ ބޭނުމުގައެވެ. ބިލާލް ގޮސް ކޮޓަރީގެ ތަޅުގައި ހިފިތަނާހެން ބޭރުން ބާރު ބާރަށް ބުޅަލެއް ގޮވާ އަޑު އިވުނެވެ. ކޮޓަރިއަށް ވަންއިރުވެސް އެބުޅަލުގެ އަޑު ކަޑައިގެން ނުދެއެވެ. ބިލާލް ގޮސް ބޭރު ދޮރު ތަޅުލެވިފައި ހުރިތޯ ރަނގަޅަށް ބަލައިލިއެވެ. އަދި ހުރިހާ ދޮރެއްވެސް ތަޅުލެވިފައިވޭތޯ ބެލިއެވެ. އަނެއްކާވެސް ބިލާލް ގޮސް ކޮޓަރި ދޮރު ހުޅުވަލިއެވެ. ކޮޓަރީގައި އެއްވެސް އަލިކަމެއް ނެތެވެ. ހުރިހާ ބޮތްކެއް ވަނީ ނިވާލާފައެވެ. ބިލާލް ގޮސް ބޮކި ދިއްލުމަށްފަހު ހެދުން ބަދަލުކޮށް އެނދުގައި އޮށޯތެވެ. ގޭގައި އެހެން މީހަކު ނޫޅޭތީ މުޅި ގޭތެރެ ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އެހެން އޮއްވައި ބިލާލަށް ނިދުނު އިރެއްވެސް ނޭގެއެވެ. ބިލާލަށް ހޭވެރިކަންވީ ކޮޓަރީގައި މީހަކު އުޅޭ ކަމުގެ އިހުސާސް ވެގެންނެވެ. މަޑުމަޑުން ލޯ ހުޅުވައި ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލިއެވެ. އެއްވެސް ކަހަލަ ކަމެއް ބިލާލަކަށް ފާހަގައެއް ނުކުރެވުނެވެ. އެނދުން ތެދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް މުޅި މީހާގެ ހަށިގަނޑަށް ބުނެދޭން ނޭގޭ ކަހަލަ ބަރުހެލި ކަމެއް މިރޭ މިވަނީ ވެފައެވެ. އެނދުގައި ބިލާލް ފިތިފައި އޮތްހެން އިހުސާސް ކުރެވުނެވެ. އެނދުން ތެދުވެ ވަށައިގެން ހޯދައިލީ އެއްވެސް ކަމެއް ގޯސްކޮށް ހިގައިފައިވޭތޯ ބެލުމަށެވެ.

ހެނދުނު ހަތެއް ޖެހިއިރު ބިލާލް ހުރީ އަތިރިމަތީގައި ހުރި ނިގަ ގަސްދޮށުގައެވެ. އެގަސްދޮށަށް ނުދެވޭތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. މާމަ މަރުވި ފަހުން ވަރަށް މަދުން ނޫނީ އެތާކަށް ބިލާލެއް ނުދެއެވެ. ބިލާލްގެ ރައްޓެހިން ކިތަންމެ ވަރަކަށް އެތަނަށް ބިލާލް ގެންދަން ބޭނުން ވިޔަކަސް ބިލާލް ނުދެއެވެ.

"މިހާރު ކިހިނެއް ހާލު" ނައުފަލް އައިސް ބިލާލްގެ ގާތުގައި އިށީނެވެ.

ނައުފަލަކީ ކުރިއްސުރެ ބިލާލްގެ ގާތް ރަހުމަތްތެރިއެކެވެ. ބިލާލްގެ ވާހަކަތަށް ނައުފަލަށް ކިޔައިދެމުން ދިޔައީ ހިތާމައިގައި އިދެއެވެ. މާމަ މަރުވުމުން އެކަނި ހުރިހާ ކަމެއް ކުރަން ޖެހުމުން ވަގުތު ނޯންނަ ވާހަކަ އާއި އެކަނިވެރި ވާހަކައެވެ.

"ނައުފަލް އަންނަންވީނު އަހަރެންގެ ގެއަށް" ބިލާލް ނައުފަލްގެ ގާތުގައި އެދުނެވެ.

"ކިހިނެއް ދާނީ" ނައުފަލް ނުދެވޭނެކަމަށް ބުނަމުން ދިޔައެވެ.

"ބަލަ ތިއީ މީހަކާއި އިނދެގެން އުޅޭ މީހެއްވެސް ނޫނެއްނު. އެއްވެސް ކަމެއްގެ ޒިންމާ ނަގަން ޖެހެނީކީ ނޫން" ބިލާލް ނައުފަލް ގެންދެވޭތޯ އެކި ކޮޅު ދައްކަމުން ދިޔައެވެ.

"އޯކޭ ހަމަ އެކަނި ނިދާލަން ވިޔަސް. އަހަރެން އެކަނި މުޅި އެގޭގައި އުޅެން ޖެހެނީ" ނައުފަލް އަނގައިން ނުބުނުމުން ބިލާލް އަނެއްކާވެސް ބުނެލިއެވެ.

އެންމެފަހުން ނައުފަލް އެއްބަސްވީ އޭނަގެ ފަރާތުން ބިލާލަށްވެސް ކަމެއް ކޮއްލަ ދިނުމުގެ ގޮތުން ބިލާލް އެދުނު ކަންތައް ފުރިހަމަ ކޮއްލަދޭށެވެ.

"ދެން ތިހެން ނުހުރެ މީހަކާއި އިދެބަލަ. މިރަށުގައި އެތިބީ ނުލާހިކު ރީތި ކުދިން" ނައުފަލް ބޭނުންވީ ބިލާލަށް ރަނގަޅު ބައިވެރިއަކު ހޯދައި ދިނުމެވެ.

"ބިލާލަށް ތިކަން ނުވަންޏާ އަހަރެން ތިކަން ކޮއްލެވޭތޯ ބަލާލަ ދީފާނަން" ނައުފަލް ވަރަށް ޔަގީން ކަމާއި އެކު ބުނެލިއެވެ.

އެމީހުން އެތާ ވާހަކަ ދައްކަން ތިއްބާ އެއްކަލަ ޒުވާން ގްރޫޕްގެ އެންމެން އެތަނަށް ހަމަވެއްޖެއެވެ. އެންމެވެސް ތިބީ ބިލާލް ނިގަ ގަސްދޮށަށް ނާންނާތީ އެކަމާއި ފިކުރު ބޮޑުވެފައެވެ. އެމީހުންނާއި ބިލާލް ދުރުވަމުންދާ ކަމުގެ އިހުސާސް ކުރެވެމުންދާ ކަމަށް އެމީހުން ބުނެއެވެ.

= ނުނިމޭ =

ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ. 

+1
0
+1
3
+1
3
+1
0
+1
1
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ވަރަށް ރިތި. އީމާންގެ ފޭސްބްކް. ޓްވިޓަރ ނުވަތަ އިންސްޓަރގްރާމް އޯ ނަމްބަރ

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް