November 28, 2024 00:10
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (ފަސްވަނަބައި)

"ހިނގާބަލަ ކޮންމެވެސް އެއްޗެއް ކާލަން" ބިލާލް ނައުފަލް ގޮވައިގެން ހިނގައިގަތީ އަތިރިމަތިން ގެއާއި ދިމާލަށެވެ. ބިލާލްގެ ގެއަށް ނައުފަލް އަންނާތީ ހުރީ ވަރަށް އުފަލުންނެވެ. ޔަގީނުންވެސް އެކަނިވެރިއެއް ނުވާނެތާއެވެ. ނައުފަލްވެސް އުޅެނީ އާއިލާ މީހެއްގެ ގާތުގައެވެ. ރަށުގައި ވަޑާން ކޮއްގެން ލިބޭ ލާރިން ދިރިއުޅުން ހަމަޖައްސަމުންދާ ޒުވާނެކެވެ. އަދި މިވީހާ ހިސާބަށް ދިރިއުޅުމެއް ފައްޓައިފައި ނުވާތީ އޭނާ ޒިންމާ ނަގަންޖެހޭ ކަމެއް ނުއޮވެއެވެ. އެހެން ކަމުން ބިލާލްގެ ގެއަށް ބަދަލު ވުމަކީ އޭނާއަށް އެއްވެސް ކަމެއް ނޫނެވެ.

"އޭ ކޮބާ އެއްކަލަ ރޭ މުދިންބެއަށް ކިހިނެކޭވީ" ބިލާލް ނައުފަލާއި ސުވާލު ކުރިއެވެ.

"މުދިންބެ އެއީ ކުރިން ވަރަށް ފަންޑިތަ ހަދާ މީހެއް. އެކަމުގައި އޭނާ އުޅޭތާ ވަރަށް ޒަމާން ވެއްޖެ" ނައުފަލް ކިޔައިދޭން ފެށިއެވެ.

Advertisement

"ދެން ކިހިނެއްވީ" ބިލާލް ހުރީ ހިތް އަވަސްވެފައެވެ.

އެއީ މީގެ ސާޅީހަކަށް އަހަރުގެ ކުރިން ދިމާވީ ހާދިސާއެއް. މުޅި އަތޮޅަށް މުދިންބެ އަކީ ވަރަށް މަޝްހޫރު މީހެކެވެ. އޭނާ ރަށުގައި މަޑުކޮއްލާނެ ދުވަހެއް ނުލިބެއެވެ. އަބަދުވެސް އުޅެނީ ކޮންމެވެސް ރަށެއްގައި ކޮންމެވެސް މީހަކަށް ފަންޑިތަ ހެދުމުގައެވެ. އޭނާ ކުރާ ކަމަކުން ވަރަށް ރަނގަޅޭ ވެސް ގިނަ މީހުން ބުނެއެވެ. ނަމަވެސް އޭނާ އަކީ އެއިރުވެސް ނަމާދު ކުރާ މީހެއް ނޫނެވެ. ބަލާ ބެލުމަށް ވަރަށް ހިތްހެޔޮ އޯގާތެރި މީހެކެވެ.

އަތިރިމަތީގައި ވެއްޓިފައި އޮތް ރުކެއްގެ މަތީގައި ނައުފަލް އިށީނެވެ. ހީވަނީ ދެން ބުނަން އުޅޭ ވާހަކަ މާ ބޮޑުހެންނެވެ.

"ދެން ނިމުނީ ދޯ" ބިލާލް ހޭން ފެށިއެވެ.

"އެހެން އުޅެނިކޮށް މިތާ ރަށަކުން ޒުވާން ބިޓެއް ފެނިގެން އެކުއްޖާ ފަހަތު އަޅުވާލީ. އެވަރުންވެސް ނުނެއްޓުނީމައި އެކުއްޖާގެ ބައްޕަމެން އެރަށުން ބޭރުކޮއްލީ. ބުނެއުޅޭ މުދިންބެ އާއި ކުރިން ޖިންނި އަވަލި ކަމަށް" ނައުފަލް ފުންނޭވާއެއް ދޫކޮއްލިއެވެ.

"ތިހެން ވިއްޔާ އެއްކަލަ ރޭ ވެސް ޖިންނި އައީ ދޯ" ބިލާލް އެކަން ޖޯކަކަށް ހެދިއެވެ.

"ނޫން. މިރަށަކު ޖިންނި އުޅުނަކަ ނުދޭނަން. އަދި ނުވެސް އުޅޭ" ނައުފަލްވެސް ބިލާލާއި ބައިވެރިވުމުގެ ގޮތުން ހޭންފެށިއެވެ.

"އެހެން ނޫންނަމަ ދެން ކީއްވެ އެހާއަވަހަށް އެރޭ އޭނައަށް ފިލެންވީ. އަނެއްކާ ޖިންނި އަވަލީތަ" ބިލާލް ޝައްކުގެ ނަޒަރަކުން ނައުފަލަށް ބަލައިލިއެވެ.

ބިލާލް ގެއަށް އައީ ނައުފަލްގެ ގެއަށް ނައުފަލް ލާފައެވެ. އޭނަގެ އަންނައުނު ހިފައިގެން އަންނާނަމޭ ބުނީމައެވެ. ގެއަށް އައިސް ނައުފަލަށް ބިލާލްގެ މާމަގެ ކޮޓަރި ތައްޔާރު ކުރިއެވެ. އެގޭގައި ވެސް ހުންނަނީ ދެކޮޓަރިއެވެ. ނައުފަލް އައުމުން ބިލާލްގެ އެކަނިވެރިކަން ފިލާނެއެވެ. ބިލާލް ގޭގައި މަޑުކޮއްލީ ނައުފަލް އަންނަންދެނެވެ. އެތައް އިރެއް ވީއިރުވެސް ނައުފަލްގެ ޚަބަރެއް ނުވެގެން ދޮރާށިދޮށަށް ނިކުމެ ބޭރު ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެތައްއިރެއް ވީފަހުން ނައުފަލް މެންގެ ގެއާއި ދިމާއަށް ހިނގައިގަތެވެ. ނައުފަލް ލަސްވުމުން ބިލާލް ހުރީ ވަރަށް ހާސްވެފައެވެ. ނައުފަލް ދިރިއުޅޭ ގެއާއި އަރާހަމަވިއިރު އެގޭ ދޮށުގައި މީހުންތަކެއް އެއްވެލާފައި ތިބިތަން ފެނިފައި ބިލާލްގެ ހިތް އަވަސްވިއެވެ. އަނެއްކާ ނައުފަލަށް ކަމެއް ވީބާއޭ ހިތައި ދުއްވައިގަނެވުނެވެ. އެއްވެފައި ތިބިމީހުން ދުރަށް ޖައްސަމުން ގޭތެރެއަށް ވަދެގެން ދިޔައީ ހާސްވެ ހުރެއެވެ. މާ އެތެރެއަށް ނުދެވެނީސް ބިލާލްގެ ލޮލުގައި އަޅައިގަތީ ބަދިގެއާއި ދިމާލުން ބިލާލް އާއި ދިމާއަށް ހިނގައިފައި އަންނަތަނެވެ. ނައުފަލް ފެނުމާއެކު ބިލާލަށް ފުން ނޭވާއެއް ދޫކޮއްލެވުނެވެ.

"ވީގޮތެއް ނޭގިގެން މިއައީ" ބިލާލް ވަރަށް ހާސްވެ ހުރެ އަހައިލިއެވެ.

"މިއުޅެނީ ބަޔަކު އައިސްގެން. މިގޭގައި ބަޔަކު މީހުން ތިބެން ހަމަޖެހުނީ ދެންމެ" ނައުފަލް ބިލާލްގެ ގާތުގައި މަޢާފަށް އެދެމުން ބުނެލިއެވެ.

"ވާނެ މިރޭ މި މީހުންގެ ޑިނަރ އަށް ދާން. އަހަރެން ދާނަން ގަޑިއަށް ބަލާ" ނައުފަލް ބިލާލަށް ދަޢުވަތު ދިނެވެ.

ތެދެކެވެ. އިއްޔެ ބިލާލަށް އެވާހަކަ އަޑު އިވުނެވެ. މި ރަށަށް ބަޔަކު އަންނަ ވާހަކައެވެ. ނަމަވެސް ބިލާލް އޮފީހުން ކުޑަ ޗުއްޓީއެއްގައި ހުރުމުން މާ ރަނގަޅަކަށް އެވާހަކައެއް ނޭގެއެވެ. އެމީހުން އެއީ ރަށު ސްކޫލްގެ ދައުވަތަކަށް މާލެއިން އައި ބަޔެކެވެ. އެމީހުންގެ ޝަރަފްގައި އެކި ކަންތައް ވަނީ ރޭވިފައެވެ. މިވީގޮތުން ނައުފަލަކަށް އެމީހުން ނުފުރަނީސް ބިލާލްމެންގެ ގެއަށް ބަދަލު ވެވޭނެ ދުވަހެއް ނޭގެއެވެ. ނައުފަލަށް ނާދެވޭނެކަން އެނގުމުން ބިލާލް ހިނގައިގަތީ ގެއަށް ދާށެވެ. ކޮންމެ ގޮތެއް ވިޔަސް މިއަދު ވީގޮތް ކަމަށް ނިންމައިގެންނެވެ. ބިލާލް ގޭތެރެއަށް ވަނުމަށްފަހު އަވަސްވެލީ މިރޭގެ ކެއުމަށް ދާން ތައްޔާރު ވެލުމަށެވެ. އަލަމާރި ހުޅުވާލައި ކަޅުކުލައިގެ ފަޓްލޫނަކާއި، ކަޅުކުލައިގެ އަތްދިގު ގަމީހެއް ނަގައި އެނދުމަތީގައި ބާއްވާފައި އިސްތިރި ފެނޭތޯ އަލަމާރި މަތި ބަލައިލިއެވެ. އަލަމާރި މަތީގައި އިސްތިރިއެއް ނެތެވެ. ބެހެއްޓުނު ތަނެއް ނޭނގުނީއެވެ. މާމަ ދުނިޔޭގައި އަބަދުވެސް ތަރުތީބުން ކަންތައް ކުރުމާއި އެއްޗެއް ހުންނަ ތަނެއްގައި އެ އެއްޗެއް ބެހެއްޓުމަށް ހަނދާން ކޮއްލަދެއެވެ. ނަމަވެސް ދެރައީ މާމަ މަރުވިއިރުވެސް އެކަންތައް ބިލާލްގެ ގައިގައި ހަރުލާފައި ނުވެއެވެ. އިސްތިރި ހޯދައިގެން ނޫނީ މިރޭގެ ހަފްލާއަށް ނުދެވޭނެތީ އަނެއްކާވެސް ކޮޓަރި ތެރެ ހޯދަން ފެށިއެވެ. އަލާމަރިތެރޭގައި ތަރުތީބެއްނެތި އުކާފައި ހުރި ހެދުންތަކުގެ ތެރެއިން ނަސީބަކުން އިސްތިރި ފެނުނެވެ. އަދި އިސްތިރިކޮށް ނިމިގެން ގަމީސްތައް އަލަމާރީގައި އަޅުވައިލީ ވަރަށް އުފަލުން ހުރެއެވެ.

އިރު އޮއްސެން ގާތްވި ވަގުތު ބިލާލް ހުރީ ފެންވަރައި ނަލަހެދިލައިގެންނެވެ. އެ ހަފްލާއަށް ދާން ނައުފަލް އޭނާ ބަލާ އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ދުވަސްތަކަކަށް ފަހު އެފަދަ ހަފްލާއެއްގައި ބައިވެރި ވެވޭތީ އުފަލުންނެވެ. ގޯތިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓައި މަޢްރިބަށް ފަހު އިޝާއަށް ވެސް ގޮވީއެވެ. ނަމަވެސް ގޭތެރެއަށް ނުވަދެ ބިލާލްގެ އިންތިޒާރުގައި ހުއްޓެވެ. އެންމެފަހުން ފައި ވާޅުވެގެން ކައިރީގައި ހުރި ގޮނޑީގައި އިށީނީ ދޮރާއްޓާއި ދިމާއަށް ކުރިމަތި ލައިގެންނެވެ. އެދިމާއަށް ބަލަހައްޓައިގެން އިންނައިރު މީހަކު ދޮރާށި ހުރަސް ކޮއްލިޔަސް ބިލާލަށް އެމަންޒަރު ވަރަށް ރަނގަޅަށް ފެންނާނެއެވެ. ގިނަ އިރުތަކެއް ނުވަނީސް ދޮރާށިން ވަދެގެން އައީ ނައުފަލެވެ. ކައިރީގައި ރީމާ ހެވިލާފައި ހުއްޓެވެ. އެދެމީހުން އައިއިރު ބިލާލަށް ހީވީ އެއީ ދެމަފިރިންހެންނެވެ. އެމީހުންގެ ސަކަ މިޒާޖު ފެނިފައެވެ. ބިލާލް ހިނގައިގަތީ އެމީހުންނާއި އެކީގައެވެ. ހިނގަމުން ދިޔައިރު ރީމާ ބިލާލަށް ބަލާހެން ބިލާލަށް ހީވެއެވެ. ބިލާލްވެސް ނޭނގޭ ކަމަށް ހަދާފައި ބަލާލައެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވާ ވަގުތު ދެމީހުންނަށް ވެސް ހީލެވެނީ އެއްފަހަރާއެވެ. ތިން މީހުން ގޮސް ހުއްޓުނީ އަތިރިމަތީ ދޮންވެލި ތުނޑީގައި ހަފްލާއަށް ތައްޔާރު ކޮއްފައިވާ މޭޒުތަކުން މޭޒެއް ކައިރީގައެވެ. އިރުކޮޅެއް ނުވަނީސް ނައުފަލް ޖޫސްތައްޓެއް ބަލާ ކަމަށް ބުނެ ހިނގައިގަތީ ރީމާ ގާތުގައި މަޑުކޮއްލާށޭ ބުނެފައެވެ.

"ކޮބާ ކިހިނެއް" ރީމާ އިސްވެ ސުވާލު ކުރިއެވެ.

"ދެން މިއުޅެނީ" ބިލާލް ކުރުކޮށް ޖަވާބު ދިނީ ލަދުން އިނދެއެވެ.

"މިހާރު އޮފީހަށްވެސް ނުދަނީތަ" ރީމާ ސުވާލަކަށްފަހު ސުވާލެއް ކުރިމަތި ކުރަމުން ދިޔައެވެ.

"ދެން ކީއްކުރާނީ. އިންނާނެ ކުއްޖަކުވެސް ނުވެގެން މިއުޅެނީ" ނޫން ނޫން ކަމަށް ހަދާފައި ރީމާ ދިމާއަށް ބިލާލް ބުނެލިއެވެ.

ބިލާލަށް އެހިސާބަށް ބުނެވުނު ތަނާހެން ނައުފަލް ދެ ޖޫސްތަށި ގެނެސް ރީމާއަށް އެއް ތަށި އަނެއް ތަށި ބިލާލަށް ދީފާއި އަނެއްކާވެސް ހިނގައިގަތީ ކާމޭޒާ ދިމާލަށެވެ. ބިލާލްވެސް ހުރީ ވަރަށް ބަނޑުހައިވެ ކާން ބޭނުންވެފައެވެ. އެހެންކަމުން ރީމާގެ އިޒްނަ އާއިއެކު ކާމޭޒު ދޮށަށް ބިލާލް ހިނގައިގަތީ މޭޒު ދޮށުން މީހުން މަދުވި ވަގުތަށް ބަލާފައެވެ. ރަނގަޅަށް ހަމަޖެހިލައިގެން ބޭނުން އެއްޗެއް ކެއުމުގެ ބޭނުމުގައެވެ. ތައްޓަށް ވާވަރަށް ބަތް އެޅުމަށްފަހު ކުރިންވެސް ބިލާލްމެން ތިބި ދިމާއަށް ހިނގައިގަތީ ރީމާ އާއި ވާހަކަ ދެއްކުމުގެ ބޭނުމުގައެވެ. މިކަހަލަ ފުރުސަތަކީ މަދުން ނޫނީ ނުލިބޭނެ ކަހަލަ ފުރުސަތެކެވެ. ނަމަވެސް ބިލާލަށް ފެނުނީ އެހެން ދިމާލެއްގައި ނައުފަލް އާއި ރީމާ ދެމީހުން ތިއްބައެވެ. ބިލާލް އެކަމަކާއި އަޅާލާކަށް ބޭނުމެއް ނުވިއެވެ. ކުރިން ހީވި ހީވުމަކީ ތެދެއް ކަމަށް ގަބޫލު ކުރެވެން ފެށުނެވެ. އެ ޚިޔާލުގައި ހުރެ އެކަހެރި ދިމާލަކުން ގޮނޑިއެއްގައި އިށީނެވެ. މީހުންނާއި ތަންކޮޅެއް ދުރުގައެވެ. އެހިސާބު ކޮންމެވެސް ވަރަކަށް އަނދިރިކޮށް އޮތުން އެއީ ބިލާލްގެ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. ފަހަތުން މީހަކު ހިނގާހެން ހީވެގެން ގޮނޑިން ތެދުވެ ބިލާލް ފަހަތަށް އެނބުރި ބަލައިލިއެވެ. ހީވީ ރަނގަޅަށެވެ. ޖޫސް ތަށްޓެއް ހިފައިގެން ފަހަތުގައި ނުދަންނަ އަންހެން ކުއްޖަކު ހުއްޓެވެ. ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ހަމަ ޔަގީނުންވެސް އެއީ މިރަށުގެ ކުއްޖެއް ނޫނެވެ. އެވާނީ މިރަށަށް އައިސްގެން އުޅޭ މީހުންގެ ތެރެއިން މީހަކަށެވެ.

"އަހަރެން މިއުޅެނީ މިރަށުގެ އެޑްރެހެއް ނޭނގިގެން" އެއަންހެން ކުއްޖާ ބިލާލް އާއި މުޚާތަބުކޮށް ބުނެލިއެވެ.

"ކޮންނަމެއް ކިޔާ ގެއެއްތަ" ބިލާލް އެނާއަށް އެހީވާން ބޭނުންވިއެވެ.

"ފަތިސް" އެކުއްޖާ އެހެން ބުނެލުމާއި އެކު ބިލާލް ސިއްސައިގެން ދިޔައެވެ. ފަތިސް ކިޔަނީ ބިލާލްމެންގެ ގެއަށެވެ.

"އެއީ އަހަރެމެންގެ ގެ. އެގޭ ކާކު ދަންނަނީ" ބިލާލް ހައިރާންވެ ހުރެ އަހައިލިއެވެ.

"ތީނަގެ މާމަ. އެއީ އަހަރެންގެ މަންމަ އަދި ބައްޕަގެ ވެސް ވަރަށް ގާތް މީހެއް. ވަރަށް ހެޔޮ ރަނގަޅު މީހެއް" އެ އަންހެން ކުއްޖާ ތަޢާރަފެއް ދިނެވެ.

"މިހާރު ނިޔާވީދޯ" އަނެއްކާވެސް އެކުއްޖާ ވާހަކަ ދައްކަން ފެށިއެވެ.

ބިލާލް ހުރީ އަޖައިބު އަންތަރީސްވެފައެވެ. އެ ހުރިހާ ވާހަކައެއް އޭނައަށް އެނގެނީ ކިހިނެއް ހެއްޔެވެ. އަދި ދުވަހަކުވެސް އޭނާ މިރަށަކުން ނުދެކެއެވެ. އަދި މާމަވެސް އެކަހަލަ ވާހަކައެއް ދުވަހަކުވެސް ބިލާލްގެ ގާތުގައި ބުނެފައެއްވެސް ނެތެވެ.

"ވަރަށް ހައިރާންވެފައި ދޯ ތިހުރީ" އެއަންހެން ކުއްޖާ ސުވާލު ކުރިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ބިލާލް ބޯ ހޫރުވައިލިއެވެ.

"ހިނގާ އަހަރެންގެ ރައްޓެހިންނަށް ތަޢާރަފްވެލަން ދާން" ބިލާލް ބޭނުންވީ އެކުއްޖާ ނައުފަލަށް ދައްކާށެވެ.

"މިރެއަކު ނޫން. މީހަކު އެބަ އާދޭ އެއްޗެއް ހަވާލު ކުރަން. އެހެންވެ މިތާ މި މަޑުކޮއްލީ" އެކުއްޖާ ނުދާން ބަހަނާ ދެއްކިއެވެ.

ނަމަވެސް މާމަގެ އެހާ ގާތް ބަޔަކު މިރަށަށް އައިސްފައި އެނބުރި ދާންވާނީ މާމަގެ ގެއަށް ގޮސްފައެވެ. އެކުއްޖާ ގެންދަން ބިލާލް ކުރިމަސައްކަތް ބޭކާރުވީ ނައުފަލް އަންނަތަން ފެނުމުންނެވެ.

= ނުނިމޭ =

+1
3
+1
7
+1
6
+1
0
+1
1
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް