ނަމާދަކީ މާތްﷲ ފަރުޟު ކުރައްވާފައިވާ އަޅުކަންތަކުގެ ތެރެއިން އެންމެ މުހިންމު އަޅުކަމެވެ. އެއްވެސް މެދުވެރިއެއްނެތި މި އުއްމަތުގެ މައްޗަށް ފަރުޟު ކުރެއްވުނީވެސް ނަމާދެވެ. ނަމާދަކީ އެންމެ ފުރަތަމަ ހިސާބު ބެއްލެވޭ އަޅުކަމެވެ. ހިސާބު ބެއްލެވޭ އިރު ނަމާދު އުނިވެއްޖެ މީހެއްގެ އެހެން އެއްވެސް އަޅުކަމެއް މާތްﷲ ޤަބޫލު ނުކުރައްވައެވެ. މި ސަބަބާހުރެ ނަމާދަކީ ދީނުގެ ތަނބު ކަމުގައި ކީރިތި މާތް ނަބިއްޔާ ޞައްލައްﷲ ޢަލައި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ދީނުގެ ތަނބު މުގުރާލައިފި މީހާ މި ދީން މުގުރައިފިއެވެ. މިއިން އެނގެނީ ނަމާދުގެ މުހިންމުކަމެވެ. މަތިވެރިކަމެވެ. ހުރިހައި ފަރުޟު ނަމާދުތަކުގެ ތެރެއިންވެސް ފަތިސް ނަމާދަކީ މަތިވެރި ނަމާދެކެވެ. މާތް ނަމާދެކެވެ. މި ނަމާދު މާތް ވުމުގައި ވަރަށް ގިނަ ސަބަބުތައްވެއެވެ.
ފަތިސް ނަމާދު މާތް ވުމުގެ އެންމެ މުހިންމު ސަބަބަކީ އެވަގުތުގައި މަލާއިކަތުންގެ ދެ ޖަމާޢަތް ބައްދަލުވުމެވެ. އިންސާނުންގެ ޢަމަލުތައް ބެއްލެވުމާއި، އެ ޢަމަލުތައް ލިޔުއްވުމުގައި މަލާއިކަތް ބޭކަލުންގެ ތެރެއިން ބޭކަލުންތަކެއްވެއެވެ. އެބޭކަލުންގެ ޑިއުޓީ ބަދަލުވަނީ ފަތިސްނަމާދާއި ޢަޞްރު ނަމާދުގެ ވަގުތުގައެވެ. ޢަޞްރު ވަގުތުގައި ވަޑައިގަންނަވާ މަލާއިކަތް ބޭކަލުން މާތްﷲގެ ޙަޞްރަތަށް ވަޑައިގަންނަވަނީ ފަތިސްވަގުތުގައެވެ. ފަތިސް ނަމާދުގެ ވަގުތަށް ޑިއުޓީއަށް ވަޑައިގަންނަވާ މަލާއިކަތް ބޭކަލުންނާއި ޑިއުޓީ ނިންމަވާފައި ވަޑައިގަންނަވާ މަލާއިކަތް ބޭކަލުން ބައްދަލުވެވަޑައިގަންނަވައެވެ.
މާތް اللَّهُ، އެ ކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. {ތިޔަބައިމީހުންގެ ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، ރޭގަނޑާއި ދުވާލުގެ ވަގުތުގައި މަލާއިކަތުން ބައިބަޔަށް ފައިބައިވަޑައިގެން، އަދި (އުޑަށް) އަރާވަޑައިގަންނަވަމުން ގެންދަވައެވެ. އެ ބޭކަލުން އޭގެ އެއްބަޔަކު އަނެއް ބަޔަކާ ބައްދަލު ކުރައްވަނީ، ފަތިސް ނަމާދުގެ ވަގުތުގައްޔާއި ޢަޞްރު ނަމާދުގެ ވަގުތުގައެވެ. އެއަށްފަހު، ތިޔަބައިމީހުންގެ ތެރޭގައި ވަގުތު ހޭދަކުރެއްވި މަލާއިކަތުން (މައްޗަށް) އަރާވަޑައިގަންނަވައެވެ. ފަހެ، އެ ބޭކަލުންނާ اللَّهُ ސުވާލުކުރައްވާނެތެވެ. އެކަލާނގެ އެ ބޭކަލުންނަށްވުރެ މޮޅަށް (އަޅުތަކުންގެ ޢަމަލުތައް) ދެނެވޮޑިގެންވޭމެއެވެ. (އެކަލާނގެ ސުވާލުކުރައްވާނެތެވެ.) {ތިޔަބައިމީހުން ތިމަންރަސްކަލާނގެ އަޅުތަކުންނާ ވަކިވެ އައީ، އެބައިމީހުން ކޮން ކަމެއްގައި ވަނިކޮށް ހެއްޔެވެ؟} އެ ބޭކަލުން ދަންނަވާނެތެވެ. އަޅަމެން އެބައިމީހުންނާ ވަކިވެ އައިއިރު އެބައިމީހުން ވަނީ، ނަމާދުކުރުމުގައެވެ. އަދި އަޅަމެން އެބައިމީހުންގެ ގާތަށް ދިޔައިރު ވެސް އެބައިމީހުން ވަނީ، ނަމާދުކުރުމުގައެވެ.}] (ބުޚާރީ/ މުސްލިމް).
ފަތިސްނަމާދުގައި ޤުރްއާން ކިޔެވުމަކީ އެކަމުގެ މައްޗަށް މަލާއިކަތް ބޭކަލުން ހެކިވެވަޑައިގަންނަވާ ކަމެކެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. "إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا" މާނައީ: "އަދި ފަތިސްނަމާދު ކުރައްވާށެވެ! ހަމަކަށަވަރުން، ފަތިސްނަމާދަކީ، (ރޭގަނޑުގެ ملائكة ންނާއި ދުވާލުގެ ملائكة ންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ." (އަލްއިސްރާޢު 78).
ފަތިސްނަމާދު ކުރާ މީހުންނަށް މާތްﷲ ގެ ރައްކައުތެރިކަން ލިބިގެންވެއެވެ، މިކަން ބަޔާންކުރައްވައި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. "ފަތިސްނަމާދު ކޮށްފި މީހާވަނީ ﷲ ގެ ރައްކާތެރިކަމުގެ ދަށުގަ އެވެ. ފަހެ، އެމީހާއަށް ލިބިގެންވާ ﷲ ގެ ރައްކާތެރިކަމުގެ މައްޗަށް ތިޔަބައިމީހުން ފަރުވާކުޑަވެ، އިހުމާލު ނުވުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން ﷲ ލައްވާފައިވާ ރައްކާތެރިކަން ނިގުޅައި އިހުމާލުވެއްޖެ މީހާ މޫނު ވަތަށް ނަރަކައިގެ ތެރެއަށް އެއްލާލައްވާނެތެވެ." (މުސްލިމް).
ދުނިޔޭގައިވާ ހުރިހައި އެއްޗަކަށްވުރެ ފަތިސް ނަމާދުގެ އިހު ސުންނަތް މަތިވެރިވެގެންވެއެވެ. ރަވާތިބު ސުންނަތްތަކުގެ ތެރެއިން އެންމެ މާތް ނަމާދު ކަމުގައި ފަތިސް ނަމާދުގެ އިހު ސުންނަތްވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. "ركعتا الفجرِ خيرٌ من الدنيا وما فيها" (މުސްލިމް) "ފަތިސްނަމާދުގެ ކުރީ ދެރަކުޢަތް، ދުނިޔެއާ ދުނިޔޭގެ ވާހާ ތަކެއްޗަކަށްވުރެ ހެޔޮކަންބޮޑުވެގެންވެ އެވެ."
ޙައްޖާއި ޢުމްރާގެ ޘަވާބު ލިބުން: ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. "من صلَّى الغداةَ في جماعةٍ ثم قعد يذكرُ اللهَ حتى تطلعَ الشمسُ ثم صلَّى ركعتيْنِ كانت لهُ كأجرِ حجَّةٍ وعمرةٍ" (ތިރްމިޛީ/ އަލްބާނީ ޞައްޙަކުރައްވާފައިވާ ޙަދީޘެއް)"ފަތިސް ނަމާދު ޖަމާޢަތުގައި ކޮށް، އެއަށްފަހު އިރުއަރަންދެން ޛިކުރު ކުރުމަށްޓަކައި އިނުމަށްފަހު، ދެ ރަޢުޢަތް ނަމާދެއް ކޮށްފިމީހާއަށް ޙައްޖެއް އަދި ޢުމުރާއެއް ކުރުމުގެ އަޖުރު ހުއްޓެވެ."
މާތްﷲގެ ރައްކައުތެރިކަން ހޯދުމަށާއި، މަލާއިކަތް ބޭކަލުންގެ ހެކިވެވޮޑިގަތުން ހޯދުމަށްޓަކައު ފަތިސްވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަމާތޯއެވެ. ފަތިސްނަމާދުގެ ވަގުތުގައި ތިބާގެ ޖިސްމަށް ދޭ ރާޙަތުގެ އިތުރުން ހިތަށާއި ރޫހަތް ރާހަތްދެމާ ހެއްޔެވެ. ނަމާދަކީ ފުރާނައިގެ ކާނާއެވެ.