November 24, 2024 06:27
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (ހަތްވަނަބައި)

"މިހާރު ފަތިހަށް ގޮވަން ގާތްވަނީ. ދެންވެސް ދޭބަލަ ވުޟޫ ކޮއްލައިގެން އަންނަން" ނަމާދު ކުރުމަށް ނައުފަލް ނަސޭހަތް ދިނެވެ. ނައުފަލް އަކީ އަބަދުވެސް ގަޑިން ގަޑިއަށް ނަމާދު ކުރާ ޒުވާނެކެވެ.

ބިލާލް ނައުފަލް އާއި ވާހަކަ ދައްކަމުން ދިޔައިރުވެސް ވަށައިގެން ހޯދަމުން ދިޔައީ ރީޝާ ފެނޭތޯއެވެ. ނަމަވެސް އެއްވެސް ދިމާލަކުން ރީޝާ ފެންނަން ނެތުމުން ބިލާލްގެ ހާސްކަން އިތުރުވަމުންދިޔައެވެ. ނައުފަލް ފޮނުވައިލެވޭތޯ އެކި ގޮތްގޮތަށް ބިލާލް މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ނައުފަލް ނިކުތީ ގިފިއްޔަށް ކަމަށް ބުނެ ބޭރަށެވެ. ބިލާލްވެސް ފަހަތުން ހިނގައިގަތީ ނައުފަލްއަށް ރީޝާ ފެނިދާނެތީ އެކަން ހުއްޓުވުމުގެ މަގުސަދުގައެވެ. ނައުފަލް ގިފިއްޔަށް ވަނުމާއި އެކު ބިލާލް ދުއްވައިގަތީ ގޭތެރެއަށް ވަނުމަށެވެ. ވެހެމުންދިޔަ ބޯ ވާރޭގައި ބިލާލް ތެމެމުން ދިޔަޔަސް ވަރިހަމަ ކަމަށެވެ. ދުވެފައި ގޮސް އަސްކަނި ދަށުގައި މަޑުކޮއްލިތަނާހެން ބިލާލްގެ ލޮލުގައި އަޅައިގަތީ ތެމިފޯވެގެން ރީޝާ ދޮރާއްޓާއި ދިމާއަށް ހިނގައިފައިދާ މަންޒަރެވެ. ބަލާކަށް ނުހުރެ އެދިމާއަށް ދުއްވައިގަތެވެ. މި ވިއްސާރާގައި ރީޝާ ތެމިފޯވެގެން ގެއަށް ދާކަށް ބިލާލް ބޭނުމެއް ނުވިއެވެ. ބިލާލް ބޭނުންވީ އިރު އަރަންދެން ނުވަތަ ވިއްސާރަ ހުއްޓާލަންދެން ރީޝާ އެގޭގައި މަޑުކުރުވުމެވެ. ނަމަވެސް އެގޮތަށް އަމަލުކޮށްފިއްޔާ ޔަގީނުންވެސް ނައުފަލްއަށް ހުރިހާ ކަމެއް ފަޅާއަރާނެވެ. އެހެންވެއްޖެއްޔާ ރަށުތެރެއަށް ފަޟީހަތް ވާނީ ހަމައެކަނި ބިލާލެއް ނޫނެވެ. ރީޝާވެސް މިކަމާއި ކުރިމަތިލާން ޖެހޭނެތީއެވެ. ނަމަވެސް ބިލާލް ދޮރާއްޓާއި އަރާ ހަމަވިއިރު ރީޝާ މަގުގެ ޖެހިގެން އޮތް ގޯޅިން އަޅަނީއެވެ. ބިލާލް އެއަށްވުރެ ބާރަށް ދުއްވައިގަތެވެ. ނަމަވެސް ރީޝާއެއް ނުފެނުނެވެ. ވާރޭ ވެހޭތީ ދުވެފައި ދިޔައީކަން ނޭނގެއެވެ. ނަމަވެސް ޔަގީންވާ ކަމަކީ ބިލާލަށް ވުރެ ރީޝާ އަށް ބާރަށް ނުދުވެވޭނެކަމެވެ.

"އޭ ބިލާލް މި ވިއްސާރާގައި ތެމިގެން ކޮންތާކަށް ތިދަނީ" ނައުފަލް އަޑުއިވުމާއިއެކު ބިލާލް ހުއްޓުނެވެ.

Advertisement

"ތެމިގެން ކީއްކުރަން މިސްކިތަށް ދަނީ. ކުޑައެއް ހިފައިގެން އައިނަމަ. އަދި ތި ދަނީވެސް ދުވެފައި" ނައުފަލް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

"މިރޭ ވާރެއާއި ތެމިލާހިތްވީ" ބިލާލް އެހެން ބުނުމާއިއެކު ނައުފަލް ހޭންފެށިއެވެ. އެއީ ދޮގެއްކަން ނައުފަލަށްވެސް އެނގެއެވެ. ފަތިހަށް ގޮވާން ގާތްވެފައި ހުއްޓާ ވާރެއާއި ތެމެން މަގުމައްޗަށް ނިކުންނާނީ ކާކުހެއްޔެވެ.

ނައުފަލް ހިނގައިގަތީ ބިލާލް ގޮވައިގެން ގެއަށް ދާށެވެ. ބަސްނާހާ ކުޑަކުއްޖަކު ގޮވައިގެންދާހެންނެވެ. ނައުފަލް އާއިއެކު ބިލާލް ދިޔައިރުވެސް ދިޔައީ ވަށައިގެން ހޯދަމުންނެވެ. ކޮންމެވެސް މީހަކު އެމީހުންނާއި އެކީ އުޅޭ ކަހަލައެވެ. ބިލާލް ގޭތެރެއަށް ވަނުމުން ނައުފަލްވެސް ވަނީ ކޮޓަރިއަށެވެ. ނައުފަލް ކޮޓަރިއަށް ވަނީ ނަމާދުކޮއްގެން ނޫނީ ދެން ނުނިދަން ބިލާލަށް ވަރަށް ނަސޭހަތްދީފައެވެ. އެއިރު ފަތިސް ނަމާދަށް ބަންގި ގޮވާ ނިމިއްޖެއެވެ.

ބިލާލް ސިއްސައިގެން ގޮސް ލޯ ހުޅުވުނީ ކޮޓަރީގެ ދޮރުގައި ވަރަށް ބާރަށް މީހަކު ތަޅާތީއެވެ. ފުރަތަމަވެސް ބިލާލް ބަލައިލީ ފާރުގައި ހަރުކޮއްފައި ހުރި ގަޑިއަށެވެ. ގަޑިން ހަތެއް ޖަހަނީއެވެ. ބިލާލަށް އޮށޯވެލިތަނާހެން ނިދުނީއެވެ. ކަންނެތް ގޮތަކަށް ގޮސް ބިލާލް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ބިލާލަށް ލިބުނީ ހައިރާން ކަމެކެވެ. ކުރިމަތީގައި ނައުފަލް ހުރީ ކޮނޑުގައި ދަބަހެއް އަޅުވައިލައިގެންނެވެ. ހީވަނީ ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހިފައި ހުރިހެންނެވެ.

"ކިހިނެއްވީ" ބިލާލް ސުވާލު ކުރިއެވެ.

"އަހަރެން މިދަނީ" ނައުފަލް ހިނގައިގަތުމުން ބިލާލް ގޮސް ނައުފަލްގެ ކޮނޑުގައި ހިފެހެއްޓިއެވެ.

"ބުނެބަލަ. ކިހިނެއްވީ" ބިލާލް ހުރީ ވާނުވާ ނޭނގިފައެވެ. ނައުފަލް އަދި މިގޭގައި ނިދީ އެންމެ ރެއަކުއެވެ.

"އަޑުއަހާ. އަހަރެން ފަތިހު ކޮޓަރިއަށް ވަންއިރު ކޮޓަރި ތެރޭގައި ބައިވަރު ލޭ ހުރި. ޔަގީނުންވެސް އަހަރެންގެ ގަޔަކު ޒަޚަމެއް ނެތް" ނައުފަލް ހުރީ ވަރަށް ބިރުންނެވެ.

"ތިއުޅެނީ އަހަރެން ބިރުގަންނަވަން. ކޮންމެވެސް މޮޅު ވާހަކައެއް ދައްކާފައި މިގެއިން ދާން" ބިލާލް އެހެން ބުނެލި ނަމަވެސް އަސްލު ބޭނުންވީ ވީހާވެސް އަވަހަކަށް ނައުފަލް މިގެން ދިއުމެވެ. މިހާރު ބިލާލް ބޭނުންވަނީ މިގޭގައި އެކަނި ދިރިއުޅޭށެވެ.

"ދެން ނައުފަލް ބޭނުން ގޮތެއް" ނައުފަލް ހިނގައިގަތުމުން ބިލާލް ބުނެލިއެވެ.

ނައުފަލް ނިކުމެގެން ދިޔައީ އޭނާ ރޭގައި ގެނައި ހުރިހާ އެއްޗެއްވެސް ހިފައިގެންނެވެ. ނައުފަލް ދިއުމުން ބިލާލް ނިކުތީ ގޯތިތެރެއަށެވެ. އިރު އަރައިގެން އައި ވަގުތަށް ވުމާއިއެކު ކޮންމެވެސް ވަރަކަށް ހޫނުގެ އަސަރު ހުއްޓެވެ. ބިލާލް ގޮސް ހުއްޓުނީ ގޯތިތެރޭގައި ބަހައްޓާފައި ހުރި ގޮނޑި އާއި ހަމައަށެވެ. މަގުމަތިން މަދުން ނޫނީ މީހަކު ނުފެނެއެވެ. ފެނުނަސް ފެންނަނީ އުމުރުން ދުވަސްވީ މީހެކެވެ. ތަންކޮޅެއް މީހުންގެ އަޑުގަދަވާހެން ހީވުމުން ބިލާލް މަގުމައްޗަށް ނިކުތެވެ. ހީވީ ރަނގަޅަށެވެ. ރޭގައި މިރަށުގައި އުޅުނު މީހުން ފުރަން ދަނީއެވެ. ބިލާލް ފަހަރަކު މީހަކަށް ވަކިވަކިން ބަލައިލިއެވެ. ރީޝާ ފެނޭތޯއެވެ. ނަމަވެސް ރީޝާ ނުފެނުމުން ބިލާލްގެ ހިތަށް ބިރުވެރިކަން އިންތިހާއަށް ވަނެވެ. ރީޝާއަށްވީ ކިހިނެއް ބާއެވެ. ކަމެއް ނުވާނަމަ އެމީހުންނާއި އެކު ފުރަން ދާނެތާއެވެ. އެންމެފަހުން ރީޝާ އާއި ދިމާވީ ބިލާލް އާއި އެވެ. ފާރުގައި އެއްފައި ވިއްދާލައިގެން ބިލާލް ހަމަޖެހުމެއް ލިބުނީ އެމީހުންގެ ފަހަތުން ނައުފަލް އަންނަތަން ފެނުމުންނެވެ.

"އޭ ކޮބާ ރީޝާ" ބިލާލް ނައުފަލް ކަންފަތްދޮށުގައި ވަރަށް ސިއްރުސިއްރުން އަހައިލިއެވެ.

"ކޮން ރީޝާއެއް" ނައުފަލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

"ރޭގައި އެތާ އުޅުނެއްނު. ތި މީހުންނާއި އެކު" ބިލާލް ޔަގީން ކޮއްލިއެވެ.

"އޯ. އޭނަ ދޯ. އޭނަ ކުޑައިރުކޮޅެއް ކުރިން ފުރައިފި. އެކަމަކު އެ ރީޝާ އަދި ބިލާލަށް ދައްކާލާނަން" ނައުފަލް ލާނެތް ފާޑަކަށް ހީލިއެވެ.

"އޯކޭ ދެން ދޭ އެމީހުން ފުރުވަން" ބިލާލް ހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮއްލިއެވެ.

ބިލާލް އެވަރަށް އެވާހަކަ ދެއްކީވެސް އެކަން ޔަގީން ކުރާށެވެ. ރީޝާއަށް ވީގޮތެއް ނޭނގޭތީ ބިލާލް ކުރިން ހުރީ ވަރަށް ހާސްވެ ކަންބޮޑު ވެފައެވެ. ނަމަވެސް ނައުފަލް ދަމުން ބުނެލާފައި އެދިޔަ ޖުމްލައިގެ މާނައަކީ ކޮބައިހެއްޔެވެ. ރީޝާ ނުފުރަނީހެއްޔެވެ. ނުވަތަ އެމީހުންނާއި ވަކިން އެހެން ރަށަކަށް ދިޔައީ ނޫންބާއެވެ. އެހެން ނޫންނަމަ އަދި ފަހުން ރީޝާ ދައްކާލާނަމޭ ބުނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. ނައުފަލަކީ ވަރަށް މަޖާ މީހެކެވެ. މަޖަލަކަށް ކޮންމެ އެއްޗެކޭވެސް ބުނެލަން ފަސްނުޖެހޭނެއެވެ.

ދުވަސްކޮޅަކަށްފަހު ބިލާލް އަނެއްކާވެސް އޮފީހަށް ނިކުތް ދުވަހެވެ. މާމަ ނިޔާވި ފަހުން ބިލާލް އުޅެނީ ބޮޑު ޗުއްޓީއެއްގައެވެ. އޮފީހުގެ ވެރިން ރަނގަޅުކަމުން ގިނަ ދުވަހުގެ ޗުއްޓީއެއް ދިނީއެވެ. ބިލާލް އޮފީހުގައި ހުރި މަސައްކަތް ނިންމަން ހޭބޯނާރާ އުޅުނެވެ. ބިލާލަކީ އަބަދުވެސް ކޮންމެ ކަމެއް ކުރިޔަސް އެކަން އެންމެ ފުރިހަމަ ގޮތުގައި ކުރަން ބޭނުންވާ މީހެކެވެ. އޮފީހުގެ އެހެން ކުދިން ސައިބޯން އަދި ކޮފީއަށް ބޭރަށް ދާއިރުވެސް ބިލާލް ދާކަށް ބޭނުމެއް ނޫނެވެ. މިހާ ދުވަހު ޗުއްޓީގައި ހުރެފައި ނިކުތް ދުވަހު އެހެން އުޅުނީމާ ކަމަކު ނުދާނެތާއެވެ.

"ހާލު ކިހިނެއް" ބިލާލް އިސްއުފުލައި ބަލައިލިއިރު ގާތުގައި ރަހުމާން ހުއްޓެވެ.

"ރަނގަޅޭ ކިޔައިގެން މިއުޅެނީ" ބިލާލް ހީލިއެވެ.

"ވާހަކައެއް އަޑުއެހިން. އެއީ ތެދުވާހަކައެއްތަ" ރަހުމާންވެސް ހޭންފެށިއެވެ.

"ބިލާލް ޖިންނި އަވަލީޔޯ" ރަހުމާން ބިލާލްގެ މޭޒާއި ގާތްވެލަމުން ވަރަށް ސިއްރުން އެހިއެވެ.

"ތިވާނީ ނައުފަލް މޮޅު ވާހަކައެއް ދެއްކީކަމަށް" ބިލާލް ހުރީ ހިތްހަމަނުޖެހިފައެވެ.

ބިލާލް ބޭނުންވީ ވީހާވެސް އަވަހަކަށް ނައުފަލް އާއި ބައްދަލު ކުރާށެވެ. އެކަހަލަ ދޮގު ވާހަކަ ރަށުތެރޭ ދެއްކުމުން ބިލާލްގެ އަގުވެއްޓޭނެ ނޫން ހެއްޔެވެ. ރަހުމާން ދިއުމާއިއެކު ބިލާލް ހިނގައިގަތީ އޮފީހުން ނިކުމެ ނައުފަލް ދިރިއުޅޭ ގެއާއި ދިމާލަށެވެ. އެގެ ހުންނަނީ ބިލާލް މަސައްކަތް ކުރާ އޮފީހާއި މާދުރު ނޫން ކަމުން ދާކަށް އެހާ އިރެއް ނުނެގިއެވެ. ދޮރު ހުޅުވައި ސަލާމް ގޮވައިލުމާއިއެކު ގޭތެރެއިން ސަލާމް ބަލައިގަތީ ނައުފަލްއެވެ. ބިލާލް ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ.

"މިއައީ ވާހަކައެއް އަހަން" ބިލާލް ހުރީ ރުޅިއައިސްގެންގޮސް ތުރުތުރު އަޅާލަ އަޅާލައެވެ.

"އާނ. އެއީ ރަނގަޅު ވާހަކައެއް. އަހަރެން ރަހުމާން ގާތުގައި ބުނިން ވަރަށް ޔަގީނޭ ތިގޭގައި ޖިންނިއެއް އުޅޭކަން" ނައުފަލް ވަރަށް ޔަގީންކަމާއިއެކު ބުނެލިއެވެ.

ބިލާލް އިތުރަށް ނައުފަލާއި ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އިތުރަށް ވާހަކަ ދައްކައިފިއްޔާ ޒުވާބަކަށް ހިނގައިދާނެތީއެވެ. ބިލާލް އެގެއިން ނިކުމެގެން ދިޔައީ ސީދާ ބިލާލްގެ ގެއަށެވެ. ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕުމަށްފަހު ފުންނޭވާއެއް ބޭރު ކޮއްލިއެވެ. ރޭގައި ރީޝާ އެބުނީ ވަރަށް ރަނގަޅު ވާހަކައެކެވެ. ބިލާލްގެ ބޮލުގައި އަޅުވާފައި ރީމާގެ ކަންތައް ކުރަން އުޅެނީ ނައުފަލްތާއެވެ. މީހުން ބުނެއުޅެއެވެ. އެންމެ އަވަހަށް ކަރުގައި ހިފާނީ އެންމެ ގާތުގައި އުޅޭ އެންމެ ގާތް މީހާއެވެ. މިކަންވެސް މިވަނީ އެހެންނެވެ. ބިލާލް ހެދުން ބަދަލުކޮއްލައިގެން ގޭތެރޭގައި އިންނާކަށް ބޭނުމެއް ނުވިއެވެ. ބޭނުންވީ ބޯހަމަޖައްސާލަން ބޭރަށް ނިކުމެލާށެވެ. ހަވީރުވާން ގާތްވެފައި ވުމުން މެންދުރުގެ ދިލަ ހޫނު މަޑުވަމުން ދިޔައެވެ. ކުޑަކޮށް ވިއްސާރަ ވައްތަރަކަށް އޮތަކަސް ވާރޭއެއް ނުވެހެއެވެ. ބިލާލް ބޭނުންވީ އެކަނިވެލާށެވެ. އެހެން މީހުންނާއި ދުރުގައި ވަގުތުކޮޅެއް ހޭދަކޮއްލާށެވެ. ބިލާލްގެ ހިނގުން ހުރީ ރަށުގެ ތުނޑީ ކޮޅަށެވެ. އެތަނަކީ ވަރަށް ހިތްގައިމު ރީތި ތަނަކެވެ. ރަށުގެ ޒުވާނުން އެތާގައި ޖޯލިފަތިތައް ހަދާފައި ހުރެއެވެ. ބިލާލް ގޮސް އެތަނުން ޖޯއްޔެއްގައި އޮށޯވެލިއެވެ. މާ ދުރުން ބަޔަކު މީހުން ފެނުނަސް ކައިރި ހިސާބެއްގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އިރުއޮއްސި އަނދިރިވީ އިރުވެސް ބިލާލް ހަމަ އެޖޯލީގައި އޮތީ މިއަދު ދިމާވި ކަންތަކާއި މެދު ވިސްނާށެވެ. ތުނޑިއަށް އަނދިރިވާން ފެށުމުން ބިލާލަކަށްވެސް އެކަނި އޮންނާކަށް ނުކެރުނެވެ. ތެދުވެ ރަށުތެރެއަށް އަރަން ހިނގައިގަތް ތަނާހެން މީހުން ކޮޅުކޮޅު މައްޗަށް ދުވާ މަންޒަރު ފެނުނެވެ. ބިލާލް ހުރީ ވަރަށް ހާސްވެފައެވެ. ވެގެން އުޅޭ ގޮތެއް ނޭނގޭތީއެވެ.

"ކިހިނެއް ވެގެން މިއުޅެނީ" އެތަނުން މުސްކުޅިފުރައިގެ މީހެއްގެ ގާތުން ބިލާލް އެހިއެވެ.

"އެ ދިމާ އަތިރިމަތިން ދެންމެ ނައުފަލް މަރުވެފައި އޮއްވާ ފެނިއްޖެ" އެމީހާވެސް ހުރީ ވަރަށް ހާސްވެ ބިރުންކަން ބިލާލަށް އެނގުނެވެ.

"ދެން ކޮބާ ނައުފަލް" ބިލާލް ސުވާލު ކުރީ އިތުރު މަޢުލޫމާތު ހޯދާލުމުގެ ބޭނުމުގައެވެ.

"މަރާލާފައި އޮތީ. ވަރަށް ބޮޑަށް ޒަޚަމް ކޮއްލާފައި" އެމީހާއަށް ރޮވެން ފެށުނެވެ.

ބިލާލް ދުއްވައިގަތީ އެމީހާ އެބުނި ދިމާލަށެވެ. ނައުފަލްގެ ހަށިގަނޑު ބަލައިލުމަށެވެ. އަތިރިމަތިން ލާފައި ބިލާލް ދުވެފައި ދިޔައިރު ބިލާލާއި އެކު ރަށުގެ ހަރު ފުރައިގެ ދެތިން މީހަކުވެސް ދުވެފައި ދިޔައެވެ.

= ނުނިމޭ =

ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ. 

+1
3
+1
2
+1
0
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް