November 24, 2024 06:44
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (ދިހަވަނަބައި)

ކޮންމެ މީހަކުވެސް މިސްރާބު ހުރީ އެމީހެއްގެ ގެއާއި ދިމާލަށެވެ. އަނބިދަރިންގެ ހާލު ބެލުމަށެވެ. އެމީހުންނަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބުނުތޯ ބަލާށެވެ. ރަހުމާނަށްވެސް ގެއަށް އާދެވުނީ ހަމަ ކިރިޔާއެވެ. އަވަސް އަވަހަށް ގޭތެރެއަށް ވަދެ ކުދިން ކޮބައިތޯ ބެލިއެވެ. ހާސްވެފައި ހުރެ ދޮރު ހުޅުވައިލިއެވެ. އެނދުގައި ތިން ކުދިން ނިދާފައި ތިބިއިރު ކައިރީގައި އަނބިމީހާ ހޭލައި އިނެވެ. ރަހުމާންގެ އިންތިޒާރުގައެވެ. ސަލާމަތުން ގެއަށް އާދެވުނީތީ އަންހެނުން އިނީ އުފަލުންނެވެ. ރަހުމާން ފެނުމާއި އެކު ދުވެފައި އައިސް ބައްދައިލިއެވެ. ހެޔޮހާލުގައި އަނބިދަރިންގެ ގާތަށް އާދެވުނީތީއެވެ. އަތުގައި އެއްޗެއް ހޭކުނުހެން ހީވެގެން އަތަށް ބަލައިލިއެވެ. ރަހުމާންގެ އަންހެނުން ދިޔައީ ސިއްސައިގެންނެވެ. މުޅި އަތުގައި ހުރީ ލެއެވެ.

"މިއީ ކޮން ލެއެއް" ރަހުމާންގެ އަންހެނުން އަހަލިއެވެ.

"ކޮބާ؟" ރަހުމާން އިތުރަށް ހާސްވިއެވެ.

Advertisement

އޭނަގެ ހަށިގަނޑުގެ އެއްވެސް ތަނެއްގައި އެއްވެސް ކަހަލަ ޒަޚަމެއް ނެތެވެ. ދެން ކީއްކުރަން ރަހުމާންގެ ހަށިގަނޑުގައި ހޭކިފައި ހުރި ލެއެއް ހެއްޔެވެ. ކޮންމެވެސް ގޯހެއް އެބައުޅޭތާއެވެ. ރަހުމާން ބޭނުންވީ ވީ ގޮތެއް ހޯދާށެވެ. ވީގޮތެއްވެސް އެނގޭނީ ބޭރަށް ނިކުމެގެންނެވެ. ނަމަވެސް އެކަމަށް ރަހުމާން އަންހެނުން ދިޔައީ އިންކާރު ކުރަމުންނެވެ. އެކަމުން ރަހުމާން ސަލާމަތް ކުރަން ބޭނުމެވެ. ނަމަވެސް ރަހުމާންގެ ޚިޔާލު ތަފާތެވެ. ރަހުމާންގެ ވިސްނުން ހުރީ އެއާއިލާ އާއި މުޅި ރަށް ސަލާމަތް ކުރުމަށެވެ. ބޭރަށް ނިކުންނަން ރަހުމާން ހިނގައިގަތުމާއިއެކު ދަރިފުޅު ހޭލައިގެން ރޯންފެށިއެވެ. ރަހުމާން އެނބުރި ބަލައިލިއިރު ދަރިފުޅު ހޭލައިގެން މަންމަ އާއި ބައްޕަ ގާތަށް އަންނަނީއެވެ. ރަހުމާނަށް ގޭގައި މަޑުކުރަން ޖެހުނީއެވެ. ދަރިފުޅު ހޭލައި ހުއްޓާ މިކަހަލަ ރެއެއްގައި ބޭރަށް ދާކަށް ރަހުމާނަކަށް ނުކެރުނެވެ. ދަރިފުޅުގެ އަތުގައި ހިފަހައްޓައިލައިގެން ރަހުމާން އަންހެނުން ހިނގައިގަތީ ރަހުމާންވެސް ގޮވައިގެންނެވެ. ނަމަވެސް ރަހުމާންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެ ނާމާން ކަމެވެ. ހަށިގަނޑުގައި ހޭކިފައިހުރި ލޭގެ ހަގީގަތް ހޯދާށެވެ.

ރަހުމާން އިށީނީ އެނދުގެ އެއްފަރާތުގައި އޮށޯވެއޮތް ދަރިފުޅުގެ ފައިގައި ފިރުމާށެވެ. އަނބިމީހާ އެނދުގައި އަރިއަކަށް އޮށޯވެ އޮތެވެ. ރަހުމާން އިނީ އެމީހުންނަށް ނިދޭނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން ނޫނިއްޔާ ރަހުމާނަކަށް މިރޭ ގެއިން ބޭރަކަށް ނުދެވޭނެއެވެ. މާ ގިނަ ވަގުތެއްނުވަނީސް ދަރިފުޅާއި ރަހުމާންގެ އަންހެނުންނަށް ނިދުނު ދަނޑިވަޅު ބަލާފައި މަޑު ފިޔަވަޅުތަކެއް އަޅަމުން ބޭރަށް ނިކުންނަން ހިނގައިގަތީ ރަހުމާން ދެކެމުންދާ ހުވަފެންތަކުގައި ކުލަޖެއްސޭތޯއެވެ. ރަހުމާން އެކަނި ނިކުމެވެސް މިކަން ކޮންމެވެސް ކޮޅެއްގައި ޖައްސަން ބޭނުމެވެ. ގެއިން ބޭރަށް ނިކުމެވުނުތަނާހެން ފިޔަވަޅު އަވަސްކޮއްލައި މިސްރާބު ޖެހީ މުދިންބެގެ ގެއާއި ދިމާލަށެވެ. ކޮންމެވެސް ވަރެއްގެ ހައްލެއް ނަމަވެސް ފެނޭތޯއެވެ. އުޑުމަތި ބަނަވެ ކުޑަކޮށް ހިމަފޮދު ވާރޭ ވެހެމުން ދިޔައިރުވެސް އެކަމަށް ފަރުވާލެއް ބެލުމެއް ނެތި އަވަސް ފިޔަވަޅުތައް އަޅަމުން ގޮސް މުދިންބެމެންގެ ގޯތި ތެރެއަށް ވަދެވުނެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. މުޅި ގޯތިތެރޭގައި ވަނީ އަނދިރިކަމެވެ. އެގޭ ކުޑަދޮރުން ފެންނަ އަލިކަމެއް ނޫނިއްޔާ އެހެން އެއްވެސް އަލިކަމެއް އެހިސާބަކުވެސް ނެތެވެ. ދޮރާއި ގާތްވެލާފައި މަޑުމަޑުން ދެތިން ފަހަރަކު ޓަކި ޖެހިއެވެ. ގޭތެރެއިން އެއްވެސް ޚަބަރެއް ނުވުމުން އެނބުރި ގެއާއި ދިމާލަށް ހިނގައިގަތީ މާޔޫސްވެ ހުރެއެވެ. މިފަހަރު މާޔޫސްކަމަށްވުރެ ބިރުވެރިކަން ރަހުމާންގެ ހިތުގައި ވެރިވިއެވެ. ދެން އަތުވެދާނެ ހަމަލައަކަށް ދެފަރާތަށް ބަލަމުން ދިޔައީ މީހަކު ފެނޭތޯއެވެ. ނަމަވެސް މީހަކު ފެނުމުގެ ކުރިން ރަހުމާން ލޮލުގައި އަޅައިގަތީ މަގުގެ އެއްފަރާތުގައި އޮތް ހުދު ފޮތި ކޮޅަކަށެވެ. ރަހުމާން ބިރުންހުރެ އެދިމާއަށް ގާތްވެ މުންޑު ނެގިއެވެ. ހުދުކުލައިގެ މުންޑެކެވެ. މުންޑުގައި ލޭ ހޭކިފައި ހުރި ނަމަވެސް އެއްވެސް ތާކުން ވީދި ކަމެއް ވެފައި ނެތެވެ. އެރޭ މުދިންބެ ވެސް ލައިގެން ހުރީ އެކަހަލަ މުންޑެކެވެ. ރަހުމާން ބިރުން ހުރެ ވަށައިގެން ހޯދައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހިތްވަރު ކޮއްލާފައި ރަހުމާންއަށް އެތާ މަޑުކޮއްލެވުނީ ކުޑަވަގުތު ކޮޅަކަށެވެ. ވާރޭ ބޯކޮއްލުމާއި އެކު މުންޑު އެތަނަށް ދޫކޮއްލާފައި ގެއާއި ދިމާއަށް ދުއްވައިގެންފިއެވެ. މުޅި ރަށުތެރެ ހިމޭންވެފައި ވަނީ ބިރުވެރި ގޮތަކަށެވެ. ދުވެފައި ގޮސް ރަހުމާން ގޭތެރެއަށް ވަންއިރު ކުރިންވެސް ތިބި ގޮތަށް އަނބިދަރިން ނިދާފައި ތިއްބެވެ. މަޑުމަޑުން ގޮސް ރޯނުގައި އަޅުވާފައި އޮތް ތުވާލި ނަގައި ބޮލާއި ގައިން ފެން ހިއްކައިލިއެވެ.

"އަދިވެސް ނުނިދަންތަ" ރަހުމާންގެ އަންހެނުންނަށް ހޭލެވުމާއި އެކު ސުވާލު ކުރިއެވެ.

"އަދި ނުނިދިގެން މިއުޅެނީ. ދެން ނިދަންވީ ދޯ" ރަހުމާން ބޭނުންވީ އޭނަ ބޭރަށް ދިޔަކަން ސިއްރު ކުރާށެވެ.

"މިރޭ ކިހާ ވިއްސާރަ. އަވަހަށް ހޭލައިގެން ދެން ދެވޭނީވެސް އަވަހަށް ނިދީމަ ނޫންތަ" ރަހުމާންގެ އަންހެނުން ވަރަށް ލޯބިން އައިސް އޭނަގެ ގައިގައި ބައްދައިލިއެވެ.

ރަހުމާން އޮށޯތީ ގެންފައިވާ ބިރާއި ވެފައި ހުރި ވަރުބަލިކަން ފިލުވާލާށެވެ. ނަމަވެސް މިރޭ މުދިންބެގެ މުންޑު ކަމަށް ލަފާކުރެވޭ މުންޑެއް ފެނުމުން ރަހުމާން ހުރީ އިންތިހާ އަށް ބިރުގެންފައެވެ. އިރު އަރާނީ ކޮންއިރަކުތޯ ހިތާއި ހިތާއި ސުވާލު ކުރެވެއެވެ. ރަހުމާން އާއި ޖެހިގެން އޮތް އަނބިމީހާ ނިދެން މިނިޓެއްވެސް ނުނެގިއެވެ. އަނބިދަރިން ގަދައަށް ނިދާފައި ތިބިއިރުވެސް ރަހުމާންއަށް އަބަދުވެސް ގޭތެރޭގެ އެކި ދިމަދިމާލަށް ނަޒަރު ހިންގެއެވެ. ހީވަނީ އަބަދުވެސް ކޮންމެވެސް މީހަކު އެގޭތެރޭގައި އުޅޭހެންނެވެ.

"ރަހުމާން. ރަހުމާން" ރަހުމާންގެ އަންހެނުން ނަފީސާ ރަހުމާން އަށް ގޮވަން ފެށިއެވެ.

"އަދި ފަތިހަކަށް ނުގޮވައެއްނު" ރަހުމާން އަނެއް ފަރާތަށް އެނބުރިލަމުން ބުނެލިއެވެ.

"ރަހުމާނޫ. މީހަކު އެބަ ޓަކިޖަހާ މިގޭ ދޮރުގައި. ދޭބަލަ ކާކުތޯ ބަލައިލާން" ނަފީސާ އެނދުން ތެދުވިއެވެ.

"ތިވާނީ ޖިންނިއަކަށް. މުދިންބެގެ މުންޑު ހިފައިގެން އައީ ކަމަށް" ރަހުމާން ދިޔައީ ސިއްސައިގެންނެވެ.

"ކޮން މުންޑެއް. ލޯ ހުޅުވައިގެން ދޭބަލަ ދޮރު ހުޅުވަން" ނަފީސާ ރަހުމާން އަތުގައި ހިފައި ކޮޅަށް ނެގިއެވެ.

ރަހުމާން ބިރުން ހުރެ ގޮސް ސިޓިންގ ރޫމްގެ ދޮރު ހުޅުވައިލިއެވެ.

"އަދިވެސް ތި ނިދަނީތަ. މުދިންބެ ގެއްލިއްޖެ. ނައުފަލް ވީތަނެއް ނޭނގެ" ކުރިމަތީގައި ސައްތާރާއި އިތުރު ދެމީހަކު ތިއްބެވެ.

"ކޮބާ ފަންޑިތަވެރިޔާ" ރަހުމާން އަހައިލީ އޭނައަށް އެއްވެސް ކަހަލަ ކަމެއް ވީތޯއެވެ.

"ފަންޑިތަވެރިޔާ ނުކިޔާ އާދެބަލަ އެހެން މީހުންވެސް ނިކުމެ އެބައުޅޭ އެމީހުންގެ ޚަބަރެއް ވޭތޯ" ސައްތާރު ރަހުމާންގެ އަތުގައި ހިފައި ދާން ހިނގައިގަތެވެ. ރަހުމާން އަށް މަގުމައްޗަށް ނިކުމެވުނުއިރު ކަމަކު ދާކަށް ނެތެވެ. އެއްބަޔަކު އަޑުހަރުކޮށް ކިޔެވުންތަކެއް ކިޔަވަނީއެވެ. އަނެއްބަޔަކު ގެއްލިގެން އުޅޭ މީހުން ފެނޭތޯ އެކިތަންތަން އަތްފުނާ އަޅަމުން ދަނީއެވެ.

"މިއޮތީ މުންޑެއް. މުންޑެއް" މާދުރުން ފާއިޒު ގޮވަމުން އެމީހުންނާއި ދިމާލަށް އާދެއެވެ.

އެއީ ރަހުމާންއަށް ވެސް ފެނުނު މުންޑެވެ. ނަމަވެސް އެ މުންޑު ފެނުނު ކަމަކަށް ވެސް އޭނަ ނުހެދުނެވެ. އެހެންނޫނިއްޔާ އެކަން ރަހުމާންގެ ބޮލަށް އައުމަކީވެސް ދުރުކަމެއް ނޫނެވެ. ރަހުމާންވެސް އެއް ގްރޫޕަކަށް ބައިވެރިވެގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ބައިވެރިވިއެވެ. ރަހުމާންމެން މިސްރާބު ހުރީ އަތިރިމައްޗަށެވެ. ހޭޅިފަށުން ހިނގަމުން ދަނިކޮށް ގަސްތަކެއް މާގަދައަށް ހެލެން ފެށުމާއި އެކު ރަހުމާން އަތުގައި އޮތް ޓޯޗު ބައްތިން އެދިމާލަށް އަލި އަޅުވައިލިއެވެ. ރަހުމާން ދިޔައީ ސިއްސައިގެންނެވެ. ގަހުގައި އެލިފައި އޮތީ މުދިންބެއެވެ. ބަލާކަށް ނުހުރެ ގްރޫޕާއި އެކު ގަހާއި ކައިރިވެލިއެވެ. ކަމަކު ދާކަށް ނެތެވެ. މުދިންބެގެ ފޫޅުން ތިރިއެއް ނެތެވެ. މުޅި މީހާ އޮތީ ލޭ ކޮށާލައިފައެވެ. ވަށައިގެން ހޯދިއިރުވެސް މުދިންބެގެ ތިރީބައެއް ނުފެނުނެވެ. މުދިންބެ ނަގައި ކޮނޑަށް ލަމުން ހަޅޭލަވަން ފެށިއެވެ. އެހެން މީހުންނަށް އެޚަބަރު ދިނުމަށެވެ. ރަހުމާން އާއެކު މުދިންބެ ހޯދުމުގެ މަސައްކަތުގައި އުޅުނު ފިރުޝާންވެސް ދުއްވައިގަތީ އެހެން ބަޔަކު ފެނޭތޯއެވެ. ނަމަވެސް ފިރުޝާން އެއްޗެއްގައި އަޅައިގަނެ ވެއްޓުނެވެ. ތަންކޮޅެއް ބޮޑު އެއްޗެއް ހެން ހީވުމުން އަވަހަށް ތެދުވެ ބަލައިލިއެވެ. ކައިރީގައި ވެއްޓިފައި އޮތީ ނައުފަލެވެ. ނޭވާ ހާސްވެގެން ތެޅި ފޮޅެނީއެވެ.

"މިތާ ކީއްކުރަނީ" ފިރުޝާން ފުރަތަމަވެސް ކުރީ ސުވާލެކެވެ.

ރަނގަޅު ވާހަކައެކެވެ. މަރުވެފައިވާ މުދިންބެގެ ހަށިގަނޑު ކައިރީގައި ނައުފަލް ވެއްޓިފައި އޮތުމުން ފިރުޝާންގެ ހިތުގައި ސުވާލު އުފެދުނީއެވެ. އަނެއްކާ ދެމީހުންގެ ޒުވާބެއްގައި ނައުފަލް މުދިންބެ މަރައިލީ ނޫން ބާއެވެ. ކޮންމެ ގޮތެއް ވިޔަސް ނައުފަލް ދޫކޮއްލާފައި ދާކަށް ފިރުޝާން ބޭނުމެއް ނުވިއެވެ. އަނެއްކޮޅުން މުދިންބެގެ ފުރާނަ ނެތް މަސްގަނޑު ކޮނޑަށް ލައިގެން ރަހުމާން އެދިމާއަށް އަންނަނީއެވެ.

"އޭތް. މިއޮތީ ނައުފަލްވެސް" ފިރުޝާން ރަހުމާންއަށް ބާރަށް ގޮވައިލިއެވެ.

ރަހުމާން ބާރަށް އައިސް ނައުފަލްގެ ގާތަށް ހުއްޓި ކޮނޑުމަތީގައި އޮތް މުދިންބެގެ ހަށިގަނޑު ބިންމަތީގައި ބޭއްވިއެވެ. އަދި އެބަ އަންނަމޭ ކިޔާފައި ބާރަށް ދުއްވައިގަތީ އެހެން މީހުންނަށް އެޚަބަރު ދިނުމަށެވެ. ރަހުމާން ގޮވަމުންދާ އަޑަށް އެހެން މީހުންވެސް އެދިމާލަށް ދުވެފައި އައެވެ. ކޮންމެ މީހަކަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. މުދިންބެ އާއި ނައުފަލް އެއްތަނެއްގައި ތިބުމެވެ. އެ ހިނގި ކަމެއް ވިއްޔާ ނައުފަލަށްވެސް އެނގޭނެކަމަށް އެމީހުން ބުނަމުންދިޔައެވެ. އެކި މީހުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދެމުން ދިޔައީ މުދިންބެ ވަޅުލާނެ ގޮތަކާއި މެދުގައެވެ. އެއްބަޔަކު ފަތިސް ވުމުގެ ކުރިން އަދި އަނެއްބަޔަކު އިރުއެރުމުން ދުވާލު ގަޑީގައި ވަޅުލުމަށް ޚިޔާލު ދެމުން ދިޔައެވެ. އެ ހުރިހާ ކަމެއް ހިނގަމުންދިޔައިރުވެސް ފަންޑިތަ ހަދަން ގެނެސްފައި ހުރި މީހާއަށް ވީގޮތެއް އެނގޭ މީހަކު ނެތެވެ. މިރޭ އަދި އޭނަ ލޮލަށް ދައްކައިނުލައެވެ. ގިނަ މީހުންގެ ޚިޔާލަށް އެންމެފަހުން އެއްބަސްވިއެވެ. ދުވާލު ގަޑީގައި އެންމެނަށް މޫނު ދައްކާފައި މުދިންބެ ވަޅުލާށެވެ. ދުވާލު ގަޑީގައި ޖިންނި ޝައިތާނުންގެ ކިބައިން ސަލާމަތް ވާނެ ކަމަށް ބުނެއެވެ. އެޚިޔާލަށް އެންމެން އެއްބަސްވުމާއި އެކު މުދިންބެގެ ހަށިގަނޑު ގެންދިޔައީ އޭނަގެ ގެއަށެވެ. ނައުފަލް ގެންދިޔައީ ސިއްޚީމަރުކަޒަށެވެ. ނައުފަލް އަށް މިކަމެއް ދިމާތާ މިއީ ދެވަނަ ފަހަރެވެ. އެ ދެފަހަރުވެސް އެނާ ސަލާމަތް ވުމަކީ ކިހާ ބޮޑު ނަސީބެއް ހެއްޔެވެ. މިފަހަރު އެއްވެސް ކަހަލަ އަނިޔާ އެއް ޒަޚަމެއް ލިބިފައި ނެތެވެ. އެހެން ވުމާއި އެކު ސިއްޚީމަރުކަޒަށް ގެންދިޔައީ އެވެ.

ހެނދުނު އިރު އެރިއިރުވެސް ރަށުގެ ފިރިހެންވެރިން ނުނިދާ ރަށުތެރޭގައި އުޅުނީ ރޭގައި ހިނގި ހާދިސާގެ ސަބަބުން މަރުވި މުދިންބެގެ ޖަނާޒާގެ ކަންތަކުގައެވެ. އެގޭ ދޮށުގައި މީހުން އެއްވެފައި އޮތީ ހިތާމަ އާއި ބިރުވެރި ކަމާއި އެކުގައެވެ. ދެން އެކަހަލަ ކަމެއް ވާނީ ކާކަށް ކަމެއް ނޭނގޭ ހާލު ހާސްވެ ފިކުރު ބޮޑުވެފައެވެ. ކުރިމަތީގައި ހުރި އެނދެއްގައި ކަފުން ކޮއްފައި މުދިންބެ އޮތް އިރު ވަށައިގެން ތިބި މީހުންގެ ލޮލުން ދިޔައީ ކަރުނަ އޮހެމުންނެވެ. އެންމެންވެސް ހެޔޮދުޢާ ކުރަމުން ދިޔައެވެ.

= ނުނިމޭ =

ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ.

+1
1
+1
2
+1
6
+1
1
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް