September 20, 2024 11:59
Advertisement

-Advertisement-

ދެ ޠުހޫރު ނުލިބުނު މީހާގެ ނަމާދު

އިސްލާމްދީނަކީ ސާފު ޠާހިރުކަމަށް ލޯބިކުރާ ދީނެކެވެ އިސްލާމްދީނުގެ އެންމެ މުހިންމު އެއް ރުކުން ކަމުގައިވާ ނަމާދު ކުރަންޖެހޭނީ ޠަހާރަތުގެ މަތީގައެވެ. އަދި ޝަރީޢަތުގައި ޠާހިރުވުމަށް ކަނޑަ އަޅުއްވާފައިވާ ދެ ވަޞީލަތަކީ ފެނާއި ވެއްޔެވެ. ވުޟޫ ކުރުމަށާއި ހިނައިގަތުމަށް ފެން ނުލިބުން، ނުވަތަ ބޭނުން ކުރާނެ ވަރަށް ފެން ނެތް ހާލަތްތަކުގައި ނުވަތަ ފެން ބޭނުން ކުރެވެން ނެތް ހާލަތުގައި ކުރާނީ ތަޔައްމަމެވެ. ތަޔައްމަމު ކުރަނީ ވެލިން ނުވަތަ އެއާއި އެއްފަދަ (ހިރަފުސް ފަދަ) އެއްޗަކުންނެވެ.

ބައެއް ހާލަތްތަކުގައި ޠާހިރުވުމަށް ބޭނުންކުރާ ދެ ވަޞީލަތް ނުލިބޭ ފަހަރު އާދެއެވެ. މި ހާލަތަށް ޢަރަބި ބަހުގައި ކިޔަނީ "ފާޤިދުއް ޠަހޫރައިނި" އެވެ. އެއީ ފެނާއި ވެލި ނުލިބުމެވެ. މިފަދަ ވަގުތުގައި ޝަރުޢީ ގޮތުން ޢަމަލު ކުރަންޖެހޭ ގޮތް އެނގިފައި އޮތުމީ މުސްލިމެއްގެ ޙައިޞިއްޔަތުން މުހިންމު ކަމެކެވެ. އެއީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް މިފަދަ ކަމަކާއި ކުރިމަތިލާން ޖެހިދާނެތީއެވެ. އަދި މިފަދަ ވަގުތެއްގައި ނަމާދު ކުރާނެ ގޮތް އެނގިފައި އޮތުމުގެ މުހިންމުކަމުންވެސް މެއެވެ.

ވުޟޫ ކުރުމާއި ހިނައި ޠާހިރުވުމަށް ފެން ނުލިބުނު މީހާއާއި، ތަޔައްމުމު ކުރުމަށް ޠާހިރު ވެލި ނުލިބުނު މީހާވެސް އޭނާ އެހުރި ގޮތެއްގައި ހުރެ ނަމާދު ކުރަންޖެހޭނެއެވެ. އެބަހީ: ވުޟޫ ކުރުމަށް ފެން ނުލިބުމާއި ހިނައިގަތުމަށް ފެންނުލިބުމާއި އަދި އެ ދެ ހާލަތުގައިވެސް ތަޔައްމަމު ކުރުމަށް ވެލި ނުލިބުން، އެއީ ނަމާދު އެޅުމަށް އޮތް ޢުޛުރެއް ނޫނެވެ. އަދި ނަމާދު ވަގުތުން ފަސް ކުރުމަށްވެސް އޮތް ޢުޛުރެއް ނޫނެވެ. އެ ހުރި ހާލަތުގައި، އެ ހުރި ގޮތަކަށް ނަމާދު ކުރާނީއެވެ. ވުޟޫ ނުކުރެވުނު މީހާ ވުޟޫ ނުކޮށެވެ. އަދި ހިނައިގަންނަން ޖެހިފައިވާ މީހާ ހިނައި ނުގަނެއެވެ.

Advertisement

މިކަމުގެ ދަލީލަކީ: ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. "ތިމަންމެން ދަތުރަކު ނުކުމެ ވަޑައިގެންހިނދު، ތިމަންކަމަނާގެ ދައިތާފުޅު އަސްމާޢުގެފާނު އަތްޕުޅުން އަނބުރާ ދެއްކެވުމަށް ތިމަންކަމަނާ ހާރެއް ނެންގެވީމެވެ. ފަހެ، އެ ހާރު ގެއްލުނެވެ. ފަހެ، ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަޞްޙާބުންކުރެ ބަޔަކު އެ ހާރުފެނޭތޯ ފޮނުއްވިއެވެ. ފަހެ، (އެ ބޭކަލުން އެކަމުގައި އުޅުއްވަނިކޮށް) ނަމާދު ވަގުތުވިއެވެ. (އެ ބޭކަލުން ވުޟޫ ކުރައްވާނެ ފެން ނެތުމާއެކު) ވުޟޫ ކުރެއްވުމާ ނުލައްވައި، އެ ބޭކަލުން ނަމާދު ކުރެއްވިއެވެ. ފަހެ، އެ ބޭކަލުން މާތް ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެން ހިނދު، އެކަމުގެ ޝަކުވާ ދެންނެވިއެވެ. (އެބަހީ: ވުޟޫ ކުރެއްވުމާއި ނުލައި ނަމާދު ކުރެއްވި ވާހަކަ ދެންނެވިއެވެ.) ފަހެ، (އެހާތަނުން) ﷲ ތަޢާލާ ތަޔައްމަމުގެ އާޔަތް ބާވައިލެއްވިއެވެ. ފަހެ، އުސައިދު ބުނުލް ޙުޟައިރު (ތިމަން ކަމަނާއަށް) ވިދާޅުވިއެވެ. ﷲ ތަޢާލާ ކަމަނާއަށް ހެޔޮ ގޮތް މިންވަރު ކުރައްވާށިއެވެ. ﷲ ގަންދެއްވައި ވިދާޅުވަމެވެ. ކަމަނާއަށް (ބޮޑު) ކަމެއް ކުރިމަތިވެވަޑައިގެންފިނަމަ، އެ ކަމަކުން ކަމަނާ ސަލާމަތްވެ ވަޑައިގަންނަވާނެ މަގެއް ﷲ ދައްކަވާކަމުގައިނޫނީ ނުވެއެވެ. އަދި އެ ކަމެއްގައި މުސްލިމުތަކުންނަށް ބަރަކާތްތެރިކަމެއް ލައްވާކަމުގައި ނޫނީ ނުވެއެވެ." (މުސްލިމް).

އިސްވެ ދިޔަ ޙަދީޘުން ދަލީލު ނަންގަވައި ފިޤްޙުގެ ޢިލްމުވެރިން ވިދާޅުވެފައިވަނީ ޞަޙާބީން ވުޟޫ އާއި ނުލައި ނަމާދު ކުރެއްވިގޮތުގެ ވާހަކަ ބަޔާން ކުރެއްވުމުން އެކަމާމެދު ކީރިތި މާތް ނަބިއްޔާ ޞައްލައްﷲ ޢަލައި ވަސައްލަމް އިންކާރު ކުރައްވައި ބަސްފުޅެއް ވިދާޅެއް ނުވެއެވެ. އަދި އަލުން އެ ނަމާދު އިޢާދަ ކުރުމަށްވެސް އަމުރެއް ނުކުރައްވައެވެ. އަދި މި ޙަދީޘުގައި ހިނގާފައިވާ ޙާދިޘާއަކީ މިކަމުގެ އެންމެ ބާރުގަދަ ދަލީލުކަމަށް އިމާމު ނަވަވީ ވިދާޅުވެފައިވެއެވެ.

ވީމާ، ތިބާގެ ބަލި ހާލަތު ހުރި ގޮތުން ނުވަތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮންނައިރު ވުޟޫ ކޮށްދޭނެ މީހަކު ނެތް ހާލަތުގައި އަދި ހިނައިގަންނަން ޖެހިފައިވާ މީހާއަށް ފެންވެރެން ނެތްނަމަ، އަދި އެ ދެ ހާލަތުގައި ތަޔައްމަމު ކުރެވެން ނެތް ނަމަ ވުޟޫ ކުރުމަކާއި ނުލައި އަދި ހިނައި ނުގަނެވެސް ނަމާދު ކުރާށެވެ. އެ ނަމާދެއްގެ ވަގުތު ނުވަތަ ޖަމްޢުކޮށް ވިޔަސް ނަމާދު ކުރާށެވެ. އަދި ފެން ލިބުމަކުން އެ ނަމާދު އިޔާދަ ކުރާކަށް ނުޖެހޭނެއެވެ. އެހެނެއްކަމަކު، ފެން ލިބުމުން އަދި ފެން ބޭނުން ކުރެވޭ ހާލަތަށް ދިއުމުން ހިނައިގަނެ ޠާހިރުވާން ޖެހޭނެއެވެ.

+1
3
+1
2
+1
18
+1
0
+1
1
+1
2
+1
0

Advertisement

ގުޅުންހުރި ލިޔުންތައް