November 24, 2024 07:01
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (ބާރަވަނަބައި)

ފަންޑިތަވެރިޔާގެ އިރުޝާދަށް އެންމެންވެސް ތަބާވާން އެއްބަސްވިއެވެ. ހުރިހާ ކަމެއްވެސް ކުރަންވާނީ އޭނަގެ އެންގުމަށް ކަމަށާއި އެނޫން ގޮތަކަށް ކަންތައް ކޮއްފިނަމަ ދެރަ ގޮތެއް ވެދާނެ ކަމުގެ އިންޒާރުވެސް ދިނެވެ. އެހުރިހާ ކަމަކަށް ވެސް އެއްވެފައިތިބި މީހުން ރުހި ގަބޫލެވެ. ކިޔަވަން ފެށީ ފަންޑިތަވެރިޔާއެވެ. އިރުކޮޅަކު ކިޔެވުމަށްފަހު ވަށައިގެން ހޯދާލައެވެ. އަނެއްބައި ފަހަރު ކޮޅަށް ތެދުވެ ދެފަރާތަށް ބޯހޫރައިލައެވެ. އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ އޭނައަށެވެ. އިރުކޮޅަކުން އިށީނދެ އިދެ އެންމެން އެއްފަހަރާ ކިޔަވަން ފެށުމަށް އެންގިއެވެ. ފަންޑިތަވެރިޔާގެ އަޑު ދަށުންނެވެ. މުޅި ހިސާބު އޮތީ ކިޔެވެލީގެ އަޑުން ގުގުމާލައިފައެވެ. ކިޔަވަން ފެށުމާއި އެކު ކުރީ ރޭގައި ދިމާވި ގޮތަށް ވައިގަދަވާން ފެށިއެވެ. ނަމަވެސް ހިތްވަރާއިއެކު އެންމެންވެސް ކުރިމަތިލީ މިކަމުން ރައްކާތެރިވާށެވެ. އެތަން ދޫކޮށްލާފައި ދާކަށް އެއްވެސް މީހަކު ބޭނުމެއް ނުވިއެވެ. މަޑުމަޑުން ވައިރޯޅި ގަދަވެ ވިއްސާރައިގެ އަސަރު ވެސް ކުރަން ފެށީއެވެ. ވާރޭގެ ކަނިތައް ހީވަނީ އޮށްގާހެނެވެ. އެވަރުންވެސް ކިޔެވުން ދޫނުކޮށް ކިޔެވެލީގެ އަޑު ގަދަކުރަމުން ދިޔައެވެ. ވިއްސާރައިގެ ފިނީގެ އަސަރު ގިނަމީހުންނަށް ކުރަމުން ދިޔައެވެ. ބައެއް މީހުން މައިދާން ދޫކޮށް ދާން ތެދުވެސް ވިއެވެ. ނަމަވެސް އެހެންމީހުންގެ ނުރުހުމުގެ ބަސްތައް އަމާޒުވާން ފެށުމުން ކޮންމެ މީހަކުވެސް އިށީންނަނީއެވެ.

"އެ އަންނަނީ ބިލާލް ކަތިވަޅިއެއް ހިފައިގެން" ނައުފަލް ތެދުވެގެން ބިލާލާއި ދިމާއަށް ދުއްވައިގަތެވެ.

އެންމެނަށް ލިބުނީ ސިހުމެކެވެ. އެންމެން ކަހަލަ ގޮތަކަށް ކޮޅަށް ތެދުވިއެވެ. ބިލާލާއި ދިމާއަށް ދުއްވައިގަންނަން އުޅުނު ނަމަވެސް އެކަމަށް ހުރަސްއެޅީ ފަންޑިތަ ހަދާމީހާއެވެ. ނަމަވެސް ނައުފަލަށް އެއަޑު އިވުނު ކަމަށް ނުވިއެވެ. ނައުފަލް ގޮސް ބިލާލް ހުއްޓުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ކަތިވަޅީ އެތިފަހަރެއް ބިލާލްގެ އަތަށް އެރުމުން ދުރަށް ޖެހުނެވެ. ހުއްޓުމެއް ނެތި ބިލާލް ދުވެފައި އައިސް އެއްވެފައި ތިބި މީހުންގެ މެދަށް ހުއްޓުނެވެ.

Advertisement

"ކަލޭމެން މޮޔަވީތަ. އަހަރެންނަށް ކޮން ޖެއްސުމެއް ތިކުރަނީ" ބިލާލްގެ ރުޅިގަނޑު އެމީހުންނަށް ބޭލިއެވެ.

"އޭނަ ހިފަހައްޓާ. ބަނދެފައި ނަމަވެސް މިތާ ބާއްވާ" ފަންޑިތަވެރިޔާގެ ކިޔެވުން މެދުކަޑާލުމަށްފަހު ބުނެލިއެވެ.

"ދޫކުރޭ. ދޫކުރޭ. އެހެންނޫނިއްޔާ ކަލޭމެން އެންމެން މި ކަތިވަޅިން ކޮށާލާނަން" ބިލާލް ރުޅިވެރިކަމާއި އެކު ބުނަމުން ދިޔައެވެ.

ނަމަވެސް އެމީހުން ތިބީ ބިލާލް ދޫކޮއްލާ ކަހަލަ ގޮތަކަށް ނޫނެވެ. އެންމެ ފަހުން ހަތަރެސްފައި ބަނދެފައި އެމީހުންގެ މެދުގައި ކުނަލެއްމަތީ ބޭއްވިއެވެ. ވެހެމުން ދިޔަ ބޯ ވާރޭގައި ބިލާލް ހަޅޭލަވަމުން ދިޔައެވެ. ދެން އިވެން ފެށީ ވާލާއި ކާލު ގޮވާ އަޑެވެ. އެމީހުންނާއި ނުލާހިކު ގާތުންނެވެ. އެ އަޑަށް އެންމެންވެސް ތިބީ ބިރުން ފިތްކަނޑައިގެންދާ ވަރުވެފައެވެ. އެއްވެސް މީހަކަށް ތެދުވެގެން ދުއްވައިގަންނާކަށް ނުކެރެއެވެ.

"އެއަޑުތަކަށް ސަމާލުކަން ނުދީ އަހަރެން ބުނާގޮތަށް ކަންތައް ކުރޭ" ފަންޑިތަވެރިޔާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ޖޯޝާއި އެކުގައެވެ.

ނައުފަލްވެސް އަތުން ފައިބަމުން ދިޔަ ލެޔާއި އެކު އައިސް އެމީހުންނާއި ބައިވެރިވިއެވެ. ކައިރީގައި އިން މީހާގެ ޓީޝާޓު ބާލާފައި ނައުފަލްގެ އަތުގައި އެޅިއެވެ. އަޅަމުންދިޔަ ވޭނަށް ކެތް ކުރަމުން ކިޔެވެލި ނިމެންދެން ބައިވެރިވާން ބޭނުންވިއެވެ.

"އެއުޅެނީ ވާލެއް" ނައުފަލް ބިރުން އިދެ ހަޅޭލަވައިގަތެވެ. އެމީހުން ވަށައިގެން ވާލުތައް އެނބުރޭ ކަމުގެ އިހުސާސްވިއެވެ. ނަމަވެސް ވެހެމުން ދިޔަ ބޯ ވާރެއާއި ޖެހެމުންދިޔަ ވައިގެ ސަބަބުން އެއިން އެއްވެސް އެއްޗެއް ސާފުކޮށް ފެންނަވަރެއް ނުވެއެވެ. ހީވަނީ ދެންމެ ދެންމެ ހަމަލަ ދީފާނެހެންނެވެ. އެއްވެސް މީހަކު އެކަމަށް ސަމާލުކަން ނުދިނުމަށާއި އެއިން އެއްވެސް އެއްޗަކަށް އެމީހުންނަށް އެއްވެސް ގެއްލުމެއް ނުދެވޭނެކަށް ތަކުރާރުކޮށް ހަނދާން ކޮއްލަދެމުން ދިޔައެވެ.

"މިއޮތީ މިގޮލާއަށް ބޮނޑިއެއް ދީފައި" އެތަނުން ވާލެއްގެ ކަރުގައި ނައުފަލް އެއްލި އަތުން ހިފިއެވެ.

ނަމަވެސް އޭގެ ބާރު މާ ގަދައެވެ. ފިޔަގަނޑުގައި އިން ބުޅި އަޅުވައިލީ ނައުފަލްގެ އަތްތިލައިގައެވެ. ނައުފަލަށް ވީ ތަދުން ހަޅޭ ލަވަން ފެށުނެވެ. ޒަޚަމް ވެފައިވާ އަތަށް އަނެއްކާ އިތުރު ޒަޚަމެއް ލިބުނީއެވެ. ނަމަވެސް ގޮތް ދޫނުކޮށް ކައިރީގައި އޮތް ދަނޑިބުރިއެއް ވާލާއި ދިމާއަށް ހޫރައިލިއެވެ. އެކަތި މަރުވެގެން ވެއްޓުނުހެންވެސް ހީވިއެވެ. އެއިރުވެސް ވާލާއި ކާޅުގެ އަޑު ނުކެނޑި އިވެމުން ދިޔައެވެ. އަތަށް ލިބުނު ޒަޚަމުން ނައުފަލަށް އިނީ ރޮވިފައެވެ. އެވަރުންވެސް ކިޔެވެލީގައި ބައިވެރި ވެވުނު ވަރަކުން ވިއެވެ. އެއްބައި ފަހަރު ރޮމުންނެވެ. އަތުން ކޮންމެވެސް ވަރަކަށް ލޭ ފައިބަމުން ދިޔުމާއި އެކު ލައިގެން ހުރި ޓީޝާޓް ބާލައި އަތުގައި އޮޅާފައި އޮތް ޓީޝާޓްގެ މަތިން އޮޅާލިއެވެ. ކައިރީގައި ބިލާލް ހަޅޭލަވާލަ ލަވާލަ އޮތެވެ. މޫނަށް ވާރޭ ވެހޭތީ އުނދަގޫ ވެގެން ބިލާލް ބަންޑުން ޖެހެން މަސައްކަތް ކުރިއެވެ. ނަމަވެސް ބަނދެލާފައި އޮތް ވަރުން ބިލާލަށް ގުޑާވެސް ނުލެވެއެވެ.

"ދެން އޭނާ ދޫކޮއްލާ. އިންސާނަކަށް ތިހެން ހަދާކަށް ހެޔޮނުވާނެ" ރަހުމާން ގޮސް ބިލާލްގެ އަތުގައި ހިފެހެއްޓިއެވެ.

"ކަލެއަކަށް އަޑެއް ނީވޭތަ. އެކިޔަނީ އޭނަގެ ގައިގާ އަތް ނުލާށޭ. ނުލާށޭ. ނުލާށޭ" ނައުފަލް ތެދުވެގެން ގޮސް ރަހުމާންގެ އަތުގައި ހިފެހެއްޓިއެވެ.

"އޭތް. އެއީވެސް ކަލޭ ކަހަލަ އިންސާނެކޭ" ރަހުމާން ނައުފަލް ކޮނޑުގައި އަތް އަޅާ ދުރަށް ކޮއްޕައިލިއެވެ.

"އިންސާނުން ސަލާމަތްކުރަންށޭ މިއުޅެނީ" ނައުފަލް ބާރަށް ހަޅޭލަވައިގަތެވެ.

"ތިހެންތަ އިންސާނުން ސަލާމަތް ކުރަނީ. ތިއީ އިންސާނުން ހަލާކު ކޮއްލަނީ" ރަހުމާން ރައްދުދެމުން ދިޔައެވެ.

ދެމީހުންގެ ޒުވާބު އެންމެފަހުން ހުއްޓުވަން އެދެމެދަށް ވަނީ އެއްވެފައިތިބި މީހުންނެވެ. ކުރިމަތީގައި އޮތް ބިލާލް ފެނުމުން ރަހުމާންގެ ހިތަށް ކެތެއް ނުވިއެވެ. ދެވަނަފަހަރަށްވެސް ގޮސް ބިލާލް މޮހައިލާން މަސައްކަތް ކުރިއެވެ. ވެހެމުންދިޔަ ބޯވާރޭގައި އެހެން މީހުން މަސައްކަތް ކުރަމުން ދިޔައީ ފަންޑިތަވެރިޔާގެ އިރުޝާދު ތަކަށް ބޯލަނބައިގެންނެވެ. ވާލާއި ކާޅުގެ އަޑު ކެނޑުނީ ކިޔެވެލި ހުއްޓުނު ހިސާބުންނެވެ. ފަންޑިތަވެރިޔާ ކޮޅަށް ތެދުވެ ވަށައިގެން ހިނގަންފެށިއެވެ. އަދި އޭނަގެ އަމުރަށް ބިލާލްވެސް ދޫކޮއްލިއެވެ. އެއިރުވެސް ބިލާލް ފިނިވެގެން ތުރުތުރު އަޅައެވެ. ނަމަވެސް އެއްވެސް މީހަކު ބިލާލަށް އެހީވާކަށް ބޭނުމެއް ނުވިއެވެ. ބިލާލް ދޫކޮއްލުމާއި އެކު ހިނގައިގަތީ ގެއާއި ދިމާލަށެވެ. ބިލާލް ގެއަށް ވަންނަންދެން އެމީހުން ބަލަހައްޓައިގެން ތިއްބެވެ.

"އެއްވެސް މީހަކު އަހަރެން މިދޭ ތަވީދު ދޫކޮށް ނުލާތި" އެންމެނާއި މުޚާތަބުކޮށް އޭނަ ބުނެލިއެވެ.

އެންމެންވެސް އަވަސްވެގަތީ ގެއަށް ދިއުމަށެވެ. ހީކަރުވާ ވަރުން ކޮޅަށް ތިބެނީކީވެސް ނޫނެވެ. ރަށުތެރެ އަނދިރިކޮށް އޮތުމުން ގިނަ މީހުން މިސްރާބު ޖެހީ ރަށުގެ ބޮޑުމަގުން ގެއަށް ދާށެވެ. އެމަގުގައި ކޮންމެވެސް ވަރަކަށް އަލިކަމެއް ހުންނާނެތީއެވެ. ނަމަވެސް އެހެން މަގުތަކުން ދާން މަޖުބޫރު ވެފައިވާ މީހުން ދިޔައީ އެކި މަގުތަކުންނެވެ. އެމީހުންގެ ގެތައް ހުންނަނީ އެހިސާބުގައި ވާތީއެވެ. ނައުފަލާއި ރަހުމާންވެސް ދިޔައީ ބޮޑުމަގުންނެވެ. ނައުފަލް ބޭނުންވީ ރަހުމާން ގެއަށްލާފައި ދެން ދާށެވެ. ނަމަވެސް ރަހުމާން ބޭނުންވީ ވަކި ހިސާބަކުން އެކަނި ދާށެވެ. އެއީ ކުރިން ދެވޭނީ ރަހުމާންގެ ގެއަށް ވާތީއެވެ. ރަހުމާން ޖެހިގެން އޮތް މަގުން އަޅައިލިތަނާހެން ނައުފަލްގެ ފަހަތުން މީހަކު އަންނަހެން ހީވެގެން އެނބުރި ފަހަތަށް ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތުމުން އަޅަމުންދިޔަ ފިޔަވަޅުތައް ބާރު ކޮއްލިއެވެ. ނަމަވެސް ކުރިއަށް އެޅުނީ ދެތިން ފިޔަވަޅެކެވެ. ކުރިމައްޗަށް އައިސް ހުއްޓުނީ ރީޝާއެވެ.

"ކޮންތާކަށް މާ ބާރުއަރުވާލާފައި" ރީޝާ ހޭން ފެށިއެވެ.

"އަދި ނުދެވޭނެ. ކޮބާ ފަންޑިތަ ހަދާ މީހާ ދިން ތަވީދު. އެ ބާއްވާފައިދޯ ތި އަންނަނީ" ރީޝާ އައިސް ނައުފަލްގެ އަތުގައި ހިފެހެއްޓިއެވެ.

"ކޮން ތަވީދެއް. މިދަނީ ގެއަށް ދާން. އަހަރެން ދޫކޮއްލާ" ނައުފަލް ވަރަށް އާދޭހާއި އެކު ބުނަމުން ދިޔައެވެ.

"ދޫކޮއްލާށޭ. ކަލޭ މަރާލިޔަސް ރޯން ހުންނާނީ ރީމާ އެކަނި" ރީޝާ ނައުފަލްގެ ދެއަށް ފުރަގަހަށް ގެނެސް ހިފެހެއްޓިއެވެ.

"އަހަރެން ކަލޭ މަރާ ނުލައި ދޫކޮއްލިން ކަލެއަށް ވިސްނޭތޯ. އެކަމަކު ކަލޭ ތި ދިމާކުރީ އަހަރެން މަރާލަން" ރީޝާގެ ކަނާތުން ނައުފަލްގެ ކަރުގައި ބާރަށް ހިފެހެއްޓިއެވެ.

"ކޮބާ ތި ފަންޑިތައިގެ ބާރު" ރީޝާ ނައުފަލްގެ ކަރަށް ބާރުކޮއްލިވަރުން ނައުފަލަކަށް ނޭވާވެސް ނުލެވޭ ވަރުވިއެވެ. އެހީ އަކަށް އެދި ގޮވަން އަނގަ ހުޅުވައިލި ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. ނޭވާ ހާސްވެ ބާރަށް ތެޅެމުން ދިޔަނަމަވެސް އެހީވާނެ މީހަކު ނުވިއެވެ. ނައުފަލްގެ ކަރުގައި ހިފެހެއްޓި ގޮތަށް ރީޝާ ދޫކޮއްނުލާ ހުރިއިރު ވޭނީ އަޑެއް ނައުފަލްގެ އަނގައިން އިވެމުން ދިޔަނަމަވެސް އެކަމާއި އެއްވެސް ރަހުމެއް ހަމްދަރުދީއެއް މިފަހަރު ވާކަށް ރީޝާ ބޭނުމެއް ނުވިއެވެ. ނައުފަލްގެ ހަށިގަނޑުން ބާރު ދޫވެގެން ބިންމައްޗަށް ވެއްޓުނުއިރުވެސް ކަރުން އަތް ދޫކޮށްނުލާ ރީޝާ ހިފަހައްޓައިގެން ހުއްޓެވެ.

"އަދިވެސް ފަންޑިތަ ހަދާ. އިންސާނުން މިއީ ވަރަށް މޮޅު ބައެކޭ" ރީޝާ ހިތާއި ހިތާއި ކިޔާލެވުނެވެ.

"އަދި އަހަރެންގެ ކަންތައް މިފެށުނުނީ ކިރިޔާ" ބިންމަތީގައި ނައުފަލް ބާއްވާލަމުން ރީޝާ ބިންމަތީގައި އިށީނެވެ.

ބިލާލަށް ކޮޓަރިއަށް ވަދެވުނީ ކިރިޔާއެވެ. ބޮލަށް އެނބުރުން އަރައިފައި ހުރުމުން ގޮސް އެނދުގައި އޮށޯވެލިއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ރީޝާއެވެ. މުޅި މޫނުމައްޗަށް އިސްތަށިގަޑު ވައްޓާލައިފައި އޮތެވެ. ރީޝާ އެއައި ގޮތަށް އައިސް އިށީނީ ބިލާލްގެ ގާތުގައެވެ.

"ބަލާބަލަ އަހަރެންނަށް އަރުވާލާފައި ހުރިވަރު" ރީޝާ ހަޅޭލަވަން ފެށިއެވެ.

"ކިހިނެތްވީ" ބިލާލް ހުރީ ހައިރާން ވެފައެވެ.

"ނުވަނީ ކޮންކަމެއް. މިހުރީ ލޭ ކޮށާލާފައި" ރީޝާ ރޯންފެށިއެވެ.

"ކާކު. ކާކު" ބިލާލް އެނދުން ތެދުވިއެވެ.

"ކާކުހޭ. އެ ފަންޑިތަ ހަދާ މީހާ. އަހަރެން ޖިންނިއަކަށް ވީމަތަ މިހެން ހަދަންވީ" ރީޝާ ގިސްލެވެމުން ދިޔައެވެ.

"ޖިންނިއެކޭ" ބިލާލް ބިރުން ދުރަށް ޖެހިލިއެވެ.

"ބިލާލްވެސް އަހަރެން ދޫކޮއްލަނީތަ" ރީޝާ ރޯން ފެށިއެވެ

ރީޝާ ރޯތަން ބަލާކަށް ބިލާލަށް ކެތެއް ނުވިއެވެ. މަޑުމަޑުން އައިސް ރީޝާ ގަޔާއި ގާތް ކޮއްލިއެވެ. ދެން ދުވަހަކުވެސް ދުރަކަށް ނުދާނަމޭ ބުނާ ކަހަލައެވެ. ރީޝާވެސް ބިލާލްގެ ހަށިގަނޑުގައި ބާރަށް ބައްދައިލުމާއި އެކު ރީޝާގެ ދަތްދޮޅީގައި ހިފައި މައްޗަށް ހިއްލައިލިއެވެ. ބިލާލް ދިޔައީ ސިއްސައިގެންނެވެ. ރީޝާގެ މޫނު ވަނީ ކަންފަތާއި ދިމާލުން ފިހިފައެވެ. އެތަނުން ދިލަ ނަގާނެ ވަރު ބިލާލަށް އިހުސާސް ކުރެވުނު ކަހަލައެވެ.

"ތިއީ ޖިންނިއަކަށްވިއަސް ވަރިހަމަ. އަހަރެމެންނަށް ގުޅިގެން އުޅެވޭނެ. ބޭނުންވަނީ ދެމީހުން އެކަކު އަނެކަކަށް ލޯބިވުން" ބިލާލް ރީޝާގެ ހިތްހަމަ ޖައްސަން މަސައްކަތް ކުރަމުން ދިޔައެވެ.

"އަހަރެންގެ މޫނުގައި މި ހުރީ އެ ފަންޑިތަވެރިޔާގެ ހަމަލަ" ރީޝާގެ ކަންފަތް ކައިރި ބިލާލަށް ދައްކައިލިއެވެ.

ބިލާލްގެ ލޮލުން ކަރުނަ ހިލިގަތެވެ. އެހާ ލޯބިން ގެންގުޅުނު ލޯބިވެރިޔާއަށް އެފަދަ އަނިޔާއެއް މިރަށުގެ ބަޔަކު ދީފާނެ ކަމަށް ދުވަހަކުވެސް ބިލާލް ގަބޫލެއް ނުކުރެވެ.

= ނުނިމޭ =

ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ.

+1
0
+1
5
+1
2
+1
0
+1
0
+1
2
+1
0

Advertisement

ގުޅުންހުރި ލިޔުންތައް