November 24, 2024 07:47
Advertisement

-Advertisement-

އިސްލާމްދީނުގައި އަންހެނުންނަށް ދެވިފައިވާ މަޤާމް

މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން އުފައްދަވައި، އިންސާނުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ލެއްވިއެވެ. އަދި އިންސާނުންނަކީ މިބިމުގައިވާ އެންމެ މާތް މަޚްލޫޤުން ކަމުގައި ލައްވައި، މަތިވެރިކުރެއްވިއެވެ. މާތްﷲ ވަޙީކުރައްވަނީ " وَلَقَدْ كَرَّمْنَا بَنِى آدَمْ " މާނައީ: "ތިމަންރަސްކަލާނގެ އާދަމްގެދަރީން މާތްކުރެއްވީމެވެ. " އަންހެނުންނާއި ފިރިހެނުން ތަފާތުކުރެއްވުމެއްނެތި އިންސާނުން މާތްކުރެއްވިއެވެ. މިކަމުން އެނގެނީ އިސްލާމްދީނުގައި އަންހެނުންނަކީވެސް މަތިވެރި ބައެއްކަމެވެ. އަދި އަންހެނުންނަކީ ބާކީވެފައިވާ ނިކަމެތި ބައެއްކަމުގައި އިސްލާމްދީން ނުދެކޭކަމެވެ.

އިސްލާމްދީން އައުމުގެ ކުރިން އަންހެނުންނަކީ އެއްވެސް ޤަދަރެއް، އިޙްތިރާމެއް ލިބިފައިވާ ބައެއްނޫނެވެ. އެމީހުން ދެކޭގޮތުގައި އަންހެނުންނަކީ ގޭތެރޭ ހިފައި ގެންގުޅޭ މުދަލެއްފަދަ ބައެކެވެ. މުދާ ވާރުތާވާ ފަދައިން، ފިރިމީހާ މަރުވުމުން އަންހެންމީހާ އާއިލާތެރޭގައި ވާރުތަވަމުންދެއެވެ. އަދި އަންހެންދަރިން މަރާ އުޅުނެވެ. އަންހެންކުއްޖަކު ލިބިއްޖެނަމަ، ހިތާމައާއި ހިތްދަތިކަމާއި ފަގީރުކަމާ ކުރިމަތިލާންޖެހޭނެކަމަށް ގަބޫލުކުރެއެވެ.

ނަމަވެސް އިސްލާމްދީން އައުމަށްފަހު އަންހެނުންނަށް ލިބިގެންދިޔައީ އެހެން އެއްވެސް ދީނެއްގައި އަންހެނުންނަށް ލިބިފައިނުވާ މަތިވެރި މަޤާމަކާއި ޝަރަފެކެވެ. އިޙްތިރާމާއި ޤަދަރެކެވެ. މިގޮތުން ތަޢުލީމު އުނގެނުމާއި، ޚިޔާލުފާޅު ކުރުމާއި، އަމިއްލައަށް ކަންތައް އިޚްތިޔާރުކުރުމުގެ ޙައްޤު ލިބުނެވެ.

Advertisement

މާތްﷲގެ ވަޙީބަސްފުޅެއްގެ މާނައިގައިވެއެވެ. "ފަޤީރުވެދާނެކަމުގެ ބިރަށްޓަކައި، ތިޔަބައިމީހުން، ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ. ތިޔަބައިމީހުންނާއެކު، އެދަރީންނަށް ތިމަންރަސްކަލާނގެ ރިޒްޤު ދެއްވަމެވެ. ހަމަކަށަވަރުން އެދަރީން މެރުން އެއީ، ބޮޑުވެގެންވާ ކުށެއްކަމުގައިވެއެވެ. "އިސްލާމްދީން އައުމަށްފަހު އަންހެންދަރިން ދިރިތިއްބާ ވަޅުލުމަކީ ޙަރާމްކަމެއްކަމުގައި ކަނޑައެޅިގެން އައުން އެއީ އަންހެނުންނާއި ފިރިހެނުން ހަމަހަމަކަމުގެ ވަރަށް ވަރުގަދަ ހެއްކެކެވެ.

ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށް އުނގެނުމާއި އުނގަންނައިދިނުމުގެ ޙައްޤު އިސްލާމްދީންގައި ދެއްވާފައިވެއެވެ. ފިރިހެންކުދިން ތަޢުލީމް އުނގެނޭ ފަދައިން އަންހެން ދަރިންނަށްވެސް ތަޢުލީމު އުނގަންނައިދިނުމަށް އިސްލާމްދީންގައި އަންގަވާފައިވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވަނީ" مَنْ كَانَتْ لَهُ بِنْت فَأَدَّبَهَا فَأَحْسَنَ أَدَبِهَا وَعَلَّمَهَا فَأَحْسَنَ تَعْلِيْمِهَا وَأَسْبَغَ عَلَيْهَا مِنْ نعم الله التى أسبغ عليه كانت له سترا أو حجابا من النّار" މާނައީ: "އަންހެންދަރިއަކު ހުރިނަމަ އެދަރިއަކަށް ރަނގަޅު ތަރުބިއްޔަތާއި ރަނގަޅު ތަޢުލީމުދޭ ހުއްޓެވެ. އަދި މާތްﷲ ދެއްވާފައިވާ ނިޢުމަތްތައް އޭނައަށް ދޭށެވެ. އެކަންވާހުށީ ނަރަކައިން ރައްކާތެރިކަން ލިބުމުގެ އައްޑަނައެއްކަމުގައެވެ." ރަސޫލާ ﷺ ގެ ޒަމާނުގައި އަންހެނުން ދީނީ ތަޢުލީމާއި އަޚްލާޤް ދަސްކުރުމުގައި ފިރިހެނުންނެކޭ އެއްފަދައިން މަސައްކަތް ކޮށްފައިވެއެވެ. އަދި ހަމައެހެންމެ، ތަޢުލީމު އުނގެނި ޢިލްމު އުނގަންނައި ދިނުމަށްވެސް އިސްލާމްދީނުގައި އަންހެނުންނަކަށް މަނާނުކުރައްވާފައެއް ނުވެއެވެ. ކީރިތި ރަސޫލާ ﷺ ގެ އަނބިކަބަލުން ޢާއިޝަތުގެފާނަކީ ދިނީ ނަސޭހަތްދެއްވާ އުޅުއްވި ބޭކަނބަލެކެވެ. ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންވެސް ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރައްވަން ވަޞިއްޔަތް ކުރެއްވިއެވެ. މާތްﷲ ވަޙީބަސްފުޅެއްގެ މާނައިގައިވެއެވެ. "މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނަކީ، އޭގެތެރެއިން އެއްބަޔަކު، އަނެއްބައެއްގެ އެހީތެރި އެކުވެރީން ކަމުގައިވާ ބައެކެވެ. އެބައިމީހުން ހެއުކަމަށް އަމުރުކުރެއެވެ. އަދިނުބައިކަން ނަހީކުރެއެވެ." މިބަސްފުޅުން އެނގެނީ، ތަޢުލީމު އުނގެނުމާއި ހެޔޮކަންތަކަށް އަމުރުކުރުމަކީ އަންހެނުންނަށްވެސް ލިބިފައިވާ ޙައްޤެއްކަމެވެ.

ނަމަވެސް ހުޅަނގުގެ މީހުން ބޭނުންވަނީ، އިސްލާމްދީންއަކީ އަންހެނުންނަށް އެއްވެސްކަހަލަ ޙަޢްޤެއް ދެއްވާފައިވާނުވާ ދީނެއްކަން މީހުންނަށް އަންގައިދޭށެވެ. އަދި އަންހެނުންނަކީ އެއްވެސްކަހަލަ މިނިވަންކަމެއް ލިބިފައިނުވާ ބައެއްކަމަށް ވިސްނައިދޭށެވެ. ނަމަވެސް އިސްލާމްދީން ރަނގަޅަށް ބަލައި ދިރާސާކޮށްފި ކޮންމެ މީހަކަށްވެސް، އަންހެނުންނަށް ދެއްވާފައިވާ މަޤާމަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. އަދި ހަމަ ފިރިހެނުންނެކޭ އެއްފަދައިން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރެއިން ބޭރު ނުވާގޮތަށް އަންހެނުންނަށްވެސް އިސްލާމްދީނު ގައި އެމީހުން ކުރަން ބޭނުންވާ ކަންތައް ކުރުމުގެ އިޚްތިޔާރު އިސްލާމްދީނުގައި ދެއްވާފައިވެއެވެ.

ފިރިހެނުންނާއި އަންހެނުން އިސްލާމްދީންގައި ތަފާތެއް ނުކުރައްވައެވެ. އަންހެނަކު ހެޔޮ ޢަމަލެއް ކޮށްފިނަމަ ފިރިހެނަކަށް ލިބޭ ޘަވާބާއި ދަރުމަ އަންހެނަކަށްވެސް ލިބެއެވެ. ހަމައެހެންމެ، ފާފައެއް ކުރިކަމުގައި ވިޔަސް އަންހެންމީހާ ފާފަވެރިވާ ފަދައިން ފިރިހެނާ ފާފަވެރިވެއެވެ. ތަޤްވާވެރިވުމާއި ހެޔޮ ޢަމަލުކުރުން އަންހެނުންނާއި ފިރހެނުން ﷲގެ ޙަޟްރަތުގައި ހަމަހަމައެވެ. އަދި މާތްﷲގެ ޙަޟްރަތުގައި އެންމެ މަތިވެރި ބަޔަކީ ﷲ އަށް ތަޤްވާވެރިވެ ބިރުވެތިވާ އަޅުންނެވެ. މާތްﷲ ވަޙީކުރައްވަނީ" وَعَدَاللّهُ الْمُؤْمِنِيْنَ وَالْمُؤْمِنَاتِ جَنَّاتٍ تَجْرِىْ مِنْ تَحْتِهَا الْأَنْهَارُ خَالِدِيْنَ فِيْهَا" މާނައީ: "މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނަށް މާތްﷲ ވަޢުދު ކުރައްވާފައިވަނީ، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގައި ހުންނަ ސުވަރުގެތަކެވެ. އެތާނގައި ދެމިތިބޭގޮތުގައެވެ."

 

ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތު ތަކެއް ގެނެސްދިނުމެވެ. 

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް