ގަބޫލުކުރަން ދަތި ނަމަވެސް އެކަން އެހެރީ ކުރިމަތިން ފެންނާށެވެ. ރީޝާއަށް ލިބިފައިވާ އަނިޔާ އަށް ކެތް ނުކުރެވިގެން ރޮނީއެވެ. އަނެއްކާ ރަށުގައި މިހާރު ކުރިއަށްދާ ކަންތައް ހުއްޓާލާނެކަމަށް ބިލާލަށް ގަބޫލެއް ނުކުރެވެއެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ބިލާލް ރީޝާ އާއި އެކީ ދިރިއުޅެން ބޭނުމެވެ. އެއީ ޖިންނިއަކަށް ވިޔަސް ވަރިހަމައެވެ. އެއީ ޖިންނިއެއް ވިއްޔާ އެހެން މީހުންނަށް ކޮންކަމެއް ހެއްޔެވެ. އެ ހުރިހާ ކަމަކާއި ކުރިމަތިލާން ޖެހޭނީވެސް ހަމަ ބިލާލަކަށް ނޫން ހެއްޔެވެ.
"ދެން ކިހިނެއް ހަދާނީ އެމީހުންގެ ކިބައިން ސަލާމަތްވާން" ބިލާލް ރީޝާގެ ލަފައަކަށް އެދުނެވެ.
"އަދި އޮތީ އަހަރެންގެ އާއިލާ. ކުޅިސަމާ ދައްކާލާނަން" ރީޝާ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
"މިރަށު މީހުންނަށް ނޭނގޭނެ އަހަރެން މިއީ ކާކުކަން" ރީޝާ ބުނެލިއެވެ.
"ތިވީ ގޮތުން މާ ފަސޭހަވާނެ. ހިނގާ ކައިވެނި ކުރަން" ބިލާލް ރީޝާ ގެނެސް ކޮލުގައި ހިފައިލިއެވެ.
ދެމީހުން ކަންތަކާއި މަޝްވަރާ ކުރަން ތިއްބާ ފަތިހުގެ ބަންގި އަޑު އިވުމާއި އެކު ރީޝާ ދާން ހިނގައިގަތެވެ. ނަމަވެސް އެކަމަށް ހުރަސް އަޅަން ބިލާލް ރީޝާގެ އަތުގައި ހިފެހެއްޓިއެވެ. ނަމަވެސް އެއީ އިންސާނަކަށް ނުވާތީ ކޮންމެ ގޮތެއް ވިޔަސް ދާން ޖެހޭނެތާއެވެ. ބިލާލަށް ވިސްނުނީ މާފަހުންނެވެ. ރީޝާގެ އަތުން ދޫކޮއްލީ ޖެހިގެން އަންނަ ރޭވެސް ބައްދަލު ކޮއްލުމުގެ އުއްމީދުގައެވެ. ރީޝާ ނިކުމެގެން ދިޔަ މަންޒަރު ބަލަން ބިލާލް ހުރިއިރު ދެލޮލުން ކަރުނަ އައިސްފައި ހުއްޓެވެ. ނަމަވެސް މިވަގުތަށް އުޅެން ޖެހިފައި މިވަނީ މިގޮތަށެވެ. ބިލާލް އެނބުރި ގޮސްވަނީ ކޮޓަރިއަށެވެ.
ހެނދުނު ހެނދުނާއި ބިލާލް ބޭނުންވީ ރަށުތެރޭގެ ޚަބަރު ބެލުމަށް ނިކުމެލުމަށެވެ. ގަޑިން ހަޔެއް ޖެހިއިރު ބިލާލް ހުރީ ބޮޑު މަގުގެ މެދެއްހާ ހިސާބުގައެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ރަށުތެރެ ވަރަށް ހަމަހިމޭނެވެ. ބިލާލް އިންތިޒާރު ކުރަމުން ދިޔައީ ކޮންމެވެސް ޚަބަރެއް ލިބޭނެ ވަގުތަކަށެވެ. އެހެން ނޫނިއްޔާ މިގަޑިއަކީ ރަށުތެރޭގައި މީހުން އުޅޭ ގަޑިއެވެ. އެތާ ހުރެ ވަރުބަލިވީ އިރުވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ބިލާލް ކުރިއަށް ހިނގައިގަތީ އެއްވެސް މިސްރާބެއް ނެތި ދުއްވަމުންދާ ދޯންޏެއް ހެންނެވެ.
"ކޮއްކޯ. ރޭގައި ކޮއްކޮއަށް އެއްވެސް އަނިޔާއެއްވިތަ" ބިލާލްގެ ފަހަތުން މީހަކު ވާހަކަ ދެއްކިއަޑަށް ފަސްއެނބުރި ބަލައިލިއިރު ފަހަތުގައި މުސްކުޅިފުރައިގެ ފިރިހެނަކު ހުއްޓެވެ.
"ބޭބެ އަށް އެނގޭ ކޮއްކޮ ރޭގައި ރުޅިއައީ ތިގެ ކައިރީގައި އެކަހަލަ ކަމެއް ކުރީމަކަން. ބޭބެއަށް ވެސް ވާނެ ތިގޮތް" އަނެއްކާވެސް އެ ބޭބެ ވާހަކަ ދައްކަން ފެށިއެވެ.
"ނޫން. ކަމެއް ނުވޭ. އަހަރެން ހީކުރީ މިރަށުގެ އެއްވެސް މީހަކު އަހަރެންނާއި ވާހަކަ ނުދައްކާނެކަމަށް" ބިލާލް ބޭނުންވީ އިތުރު މަޢުލޫމާތު ހޯދާށެވެ.
"ނޫން. ބޭބެވެސް އެތާނގައި ހުރިން. އެންމެންވެސް ބުނި ކޮއްކޮވެސް މިކަމުން ސަލާމަތް ކުރާށޯ. ކޮއްކޮގެ އެއްވެސް މައްސަލައެއް ނެތް. އަދި އެ ފަންޑިތަ ހަދާ މީހާވެސް އެކަހަލަ ވާހަކައެއް ނުދައްކާ" އެ ބޭބެ އިތުރަށް ކިޔައިދޭން ފެށިއެވެ. ބިލާލް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލިއެވެ. މިކަންތައް ބިލާލްގެ ބޮލުގައި ނޭޅުވުނުކަން އެއީ ނަސީބެކޭ ހިތަށް އެރިއެވެ.
"އަދި އެނގޭތަ. ނައުފަލަށް ރޭގަވެސް ހަމަލަ ދީފައިވަނީ. އެކަމަކު މަރެއް ނުވޭ. ސިއްޚީމަރުކަޒަށް ގެންގޮސް ފަރުވާ ދީފައި ގެއަށް ފޮނުވައިލީ" އެބޭބެ ވާހަކަތަށް ހިއްސާ ކުރަމުން ދިޔައެވެ.
"ރޭގަވެސް ނައުފަލަށް ހަމަލަ ދިނީތަ" ބިލާލް އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.
"އާނއެކޭ. ތިއޭ މި އުފެދޭ ސުވާލަކީ. އަބަދު އޭނައަށް ހަމަލަ ދޭތީ. މީހުން ކިޔާ ނައުފަލް އެއީ ޖިންނި އަވަލައިފައި ހުންނަ މީހެކޭ" ބޭބެ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ޝައުގުވެރި ކަމާއި އެކުގައެވެ.
ނަސީބަކުން ބިލާލްގެ ބޮލުން އެކަންތައް ދިޔައީއެވެ. މިހާރު މީހުން ޝައްކު އެކުރަނީ ނައުފަލަށެވެ. އެއީ އޭނައަށް ނޫނިއްޔާ ކޮންމެ ފަހަރަކު ހަމަލައެއް ނުދެއެވެ. އަދި ހަމަލަ ދީފައިވެސް އޭނާ މަރާނުލުމަކީ ރަށުގެ ރައްޔިތުން އޭނައަށް ޝައްކު ކުރާ ސަބަބެކެވެ. ވާނީވެސް އެހެންތާއެވެ. ކޮންމެ ފަހަރަކުވެސް ހަމަލަ ދެނީ ނައުފަލަށެވެ.
ރަށުން މީހަކު މަރުނުވެ ދުވަސްތައް ވޭތުވަމުން ދިޔުމަކީ ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އަދި ރަށަށް ގެނައި ފަންޑިތަވެރިޔާގެ މޮޅުކަމުގެ ވާހަކަވެސް މުޅި ރަށުތެރެއަށް ވަނީ ފެތުރިފައެވެ. އެންމެފަހުން ފަންޑިތަހަދާ މީހާގެ މަސައްކަތް ނިންމާލާފައި ރަށުން ފުރިއިރު ރަށުގެ ރައްޔިތުންގެ ފަރާތުން ލޯތްބާއި އިޚްތިރާމް ވަނީ ހޯދައިފައެވެ. އޭނާ ރަށަށް ގެނައި މަގުސަދު ހާސިލްވީއެވެ.
ރަށުގެ ކަންތައް ހަމައަކަށް އެޅުމުން ބިލާލްވެސް ބޭނުންވީ ލިބުނު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާށެވެ. ރީޝާ އާއި ވާހަކަ ދެއްކުމަށްފަހު ކައިވެނީގެ ކަންތައް ހަމަޖެއްސިއެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުމެއް ހުރި ނަމަވެސް ދެފަރާތުން ދިޔައީ ގޮތް ދޫކުރަމުންނެވެ. ހަފްލާ ބާއްވާނެ ތަނަކާއި ގަޑި އަދި އެތަނަށް ދަޢުވަތު ދޭނެ މީހުންނާއި މެދު ޚިޔާލު ތަފާތެވެ. ބިލާލް ބޭނުންވަނީ ހަވީރު ނަމަވެސް ރީޝާ ބޭނުންވީ ރޭގަނޑު ހަފްލާ ބާއްވާށެވެ. އަދި ތުނޑީގައި ހަފްލާ ބޭއްވުމަކީ ރީޝާގެ އެންމެ ބޮޑު އެދުމެވެ. ކޮންމެއަކަސް ރީޝާގެ ހުށަހެޅުންތައް ބިލާލް ދިޔައީ ގަބޫލު ކުރަމުންނެވެ. ސަބަބަކީ ރީޝާ އަކީ އިންސާނެއް ނޫންކަން ބިލާލަށް އެނގޭތީއެވެ. ރަށުގެ އެހެން މީހުންނަށް ރީޝާ އެއީ އިންސާނެއް ނޫންކަން ނޭނގޭނެއެވެ. ކައިވެނީގެ ދުވަހާއި ގަޑި އަދި ތަން ރީޝާ ކަނޑައެޅިނަމަވެސް އަދިވެސް އެއާއިލާގެ މެންބަރުންނާއި ބިލާލާއި ބައްދަލު ނުވާތީ ބިލާލްގެ ޝަކުވާ އިތުރުވަމުން ދިޔައެވެ.
ދުވަސްތަކެއްގެ އިންތިޒާރަށްފަހު މިރެއަކީ ރީޝާއާއި ބިލާލްގެ ކައިވެނީގެ ހަފްލާ އޮންނަ ރެއެވެ. ރަށުގެ ތުނޑީގައި ފަނޑު އަލިކަމެއް ތެރޭގައި ރީޝާ އާއި ބިލާލް ތިބިއިރު ތަންކޮޅެއް ދުރުން އަލިގަދަ ކޮއްފައިވެއެވެ. ދަޢުވަތު ދީފައިވާ މެހެމާނުން އަންނަމުން ދިޔައިރު އެމީހުންނަށް މަރުހަބާ ކިޔަމުން ދިޔައީ ބިލާލެވެ. ގާތް މީހުންނާއި އޮފީސް ކުދިން ފިޔަވައި އެހެން ބަޔަކަށް ދަޢުވަތެއް ނުދެއެވެ. ފަނޑު އަލީގައި މަޑު މިއުޒިކެއް ކުޅެމުން ދިޔައިރު މެހެމާނުން ކެއުމުގެ ކަންތަކާއިގެން ކުރިއަށް ދިޔައެވެ.
"އައްސަލާމް އަލައިކުމް" މީހަކު ސަލާމް ގޮވައިލި އަޑަށް ބިލާލް ފަހަތަށް އެނބުރި ބަލައިލިއިރު ފަހަތުގައި ނައުފަލް ހުއްޓެވެ.
"ކޮބާ ކިހިނެއް" ބިލާލް ނައުފަލްގެ ހާލު އަހައިލިއެވެ.
"މިއީ މަގޭ އަންހެނުން" ފުރަގަހަށް އެނބުރި ހުރި ރީޝާގެ އުނަގަނޑުގައި ހިފައި ނައުފަލާއި ދިމާއަށް އަނބުރައިލިއެވެ. ނައުފަލް ދިޔައީ ސިއްސައިގެންނެވެ. ހިތުގައި ބިރުވެރިކަން އިންތިހާއަށް ދިޔައެވެ.
"ނައުފަލް. މިއީ ރީޝާ" ނައުފަލާއި ސަލާމް ކުރަމުން ރީޝާ ތަޢާރަފްވި ނަމަވެސް ނައުފަލަށް ރީޝާ ނޭނގެންވީ ސަބަބެއް ނެތެވެ.
"ހާދަ އުފާވެއްޖޭ ބިލާލްގެ ވައިފަކަށް ވީތީ" ނައުފަލް ބިރުނުގަންނަ ކަމަށް ހެދުނެވެ.
ކައިވެނީގެ ހަފްލާ ނިމުނީ ބިލާލް ދެކެމުން ދިޔަ ހުވަފެންތަކުގައި ކުލަ ޖައްސުވައިދެމުންނެވެ. އެއްވެސް ކަމެއް ގޯސްކޮށް ނުގޮސް އެންމެ ފުރިހަމައަށް ދިޔައީތީ ބިލާލާއި ރީޝާ ދިޔައީ އުފާ ކުރަމުންނެވެ. ހަފްލާގެ ކަންތައް ނިމުނުއިރު މެންދަމު އެކެއް ޖަހަން ގާތްވަނީއެވެ. ވެފައިވާ ވަރުބަލިން ބިލާލް ބޭނުންވީ ވީހާވެސް އަވަހަކަށް ގެއަށް ދާށެވެ. ރީޝާގެ އަތުގައި ހިފަހައްޓައިގެން ބިލާލް ދިޔައީ އަތިރި މަގުންނެވެ. ބިލާލްގެ އުނަގަނޑުގައި ރީޝާ ހިފަހައްޓައިގެން ހިނގަމުން ދިޔައިރު ދެމީހުންގެ ލޯބީގެ މާ ބަގީޗާގައި މާތައް ފޮޅެމުން ދިޔައެވެ. ދިހަ ފަނަރަ ވަރަކަށް މިނިޓް ތެރޭގައި ދެމީހުންނަށް ގެއަށް އާދެވުނެވެ. ވެފައިވާ ވަރުބަލިން ބިލާލް ގޮސް އެނދުގައި އޮށޯވެލިއެވެ. ކައިރީގައި ރީޝާ އޮށޯވެލިއެވެ.
ބިލާލަށް ހޭލެވުނީ ރީޝާ ގޮވައިލިއަޑަށެވެ. ކޮންމެ ދުވަހެއްގެވެސް އާދައިގެމަތިން ރީޝާ ވަޒީފާއަށް ދަނީއެވެ. ކައިވެނީގެ ފުރަތަމަ ރޭ ނަމަވެސް ޗުއްޓީއެއް ނަގާކަށް ރީޝާ ބޭނުމެއް ނުވިއެވެ. ނަމަވެސް ބިލާލް ބޭނުންވީ އެންމެ ދުވަހެއް ނަމަވެސް ޗުއްޓީއެއްގައި ރީޝާ ހުރުމަށެވެ. ނަމަވެސް ރީޝާ ގަބޫލު ނުވުމުން ބިލާލް އެކަމާއި އަޅައެއް ނުލިއެވެ. އެނދުން ތެދުވެ މޯޅިއަކަށް ދެމިލުމަށްފަހު ރީޝާގެ ހަށިގަނޑުގައި ބާރަށް ބައްދައިލިއެވެ. މަޑުމަޑުން ގޮސް ކުޑަދޮރުން ބޭރު ބަލައިލީ މޫސުން އޮތް ގޮތެކެވެ. ކުޑަދޮރު ހުޅުވައިލިއިރު ފަތިސް ނަމާދަށް ބަންގި ގޮވަން ފެށީއެވެ. ރީޝާވެސް ބޭރަށް ނިކުމެގެން ގޮސް ދިޔަ މަންޒަރު ބަލަން ކުޑަދޮރު ހުޅުވައިގެން ބިލާލް ހުއްޓެވެ. ރީޝާ ދިއުމާއި އެކު އަނެއްކާވެސް އެނބުރި އައިސް އެނދުގައި އޮށޯވެލިއެވެ. ނަމަވެސް އެނދުގައި އޮށޯވެއްޖެއްޔާ ނިދިދާނެތީ ތެދުވެގެން ގޮސް ގޮނޑިމަތީގައި އޮތް ތުވާލި ނަގައި ގިފިއްޔާ ދިމާއަށް ހިނގައިގަތެވެ. ގިފިއްޔަށް ގޮސް ވުޟޫކޮއްގެން އައިސް ކޮޓަރީގައި ނަމާދު ކުރަން ފެށިއެވެ. ކުރިން އުޅުނު ދިރިއުޅުން ބަދަލުކޮށް މިހާރު ރަނގަޅު މީހަކަށް ވާން ބިލާލް ބޭނުންވެއެވެ. ނަމާދުކޮށް ނިމިގެން ބަދިގެއަށް ދިޔައިރު ބިލާލަށް ބޭނުންވާ ކާއެއްޗެހި ތައްޔާރު ކޮއްފައި ރީޝާ ހުރުމުން ބިލާލްގެ ހިތުގައި ރީޝާއަށް އޮތް ލޯބި އިންތިހާ އަށް އިތުރުވިއެވެ. ކިތަންމެ ބުރަކޮށް އުޅެމުންވެސް ރީޝާ ބިލާލާއި މެދު ވިސްނާކަން ހަމައެކަނި އެމަންޒަރުންވެސް އެނގިގެން ދިޔައެވެ. ކިތަންމެ ފަތިހެއް ނަމަވެސް ބިލާލަށް މީރު ކާއެއްޗެހި މޭޒުމަތީގައި އަތުރާފައި ހުއްޓެވެ.
= ނުނިމޭ =
ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ.
ކިޔުންތެރިންގެ ހިޔާލު
Part 1 kobaathoa
ކޮމެންޓްސް ބަންދުކުރެވިފައި