November 24, 2024 07:01
Advertisement

-Advertisement-

ކައިބޮއެ ހެދުމުގެ އަދަބުތަކުގެ ތެރެއިން ބިސްމި ކިޔުން

އިސްލާމްދީނަކީ އިންސާނުން އުޅެންވީގޮތް ބަޔާންކޮށްދީފައިވާ ދީނެވެ. އެންމެ ކުދި ކުދި ކަންތަކުން ފެށިގެން އެންމެ ބޮޑެތިކަންތައްވެސް ކުރަންވީގޮތް ބަޔާންކޮށްދީފައިވެއެވެ. މިގޮތުން ކެއުމުގެ އަދަބުތައް އިސްލާދީނުގައި އައިސްފައިވަނީ ވަރަށް ފުރިހަމައަށެވެ. ކެއުމުގެ ކުރިން ބިސްމިﷲ ކިޔުމާއި، އަދި ކަނާއަތުން ކެއުމާއި، ގަޔާކައިރިން ކެއުމަށް އިރުޝާދުދީފައިވެއެވެ. عُمِرُ بْنِ أَبِي سَلَمَةَ رضي الله عنهما، قال: قال لِي رَسُول الله صلى الله عليه وسلم: "سَمِّ اللهَ وَكُلْ بِيَمِيْنِكَ، وَكُلْ مِمَّا يَلِيْكَ" (متفق عليه މާނައީ: މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢުމަރު ބުނު އަބޫސަލަމާގެ ކިބައިން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ތިމަންނާއަށް ރަސޫލާ ﷺ ހަދީޘްކުރެއްވިއެވެ. بِسْمِ اللهِ ކިޔައިގެން ކާށެވެ! އަދި ތިބާގެ ކަނާތުން ކާށެވެ! އަދި ތިބާގެ ގާތުން ކާށެވެ! (އެބަހީ: ކާތަކެތި އަޅައިފައިވާ ތަށީގެ ތިމާއާ ކައިރި ފަރާތުން ނަގައިގެން ކާށެވެ!). މިޙަދީޘުން ކެއުމުގެ އަދަބުތައް ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.

ހުރިހައިވަގުތެއްގައިވެސް ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް ކީރިތި ރަސޫލާ ﷺ ވަނީ އިރުޝާދު ދެއްވާފައިވެއެވެ. މިގޮތުން  ބަރަކާތް ހޯދުމަށްޓަކައި އަދި ޝައިޠާނާގެ ކިބައިން ރައްކާތެރިކަން ހޯދުމަށްޓަކައި ކެއުމުގެ ކުރިން ﷲގެ އިސްމުފުޅުން ފެށުމަށް ބާރުއަޅުއްވާފައިވެއެވެ. ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވަނީ: "(އެއް ފަހަރަކު) ރަސޫލާ ﷺ އިށީދެވަޑައިގެން އިންނެވިއެވެ. އަދި އެ ކަލޭގެފާނުގެ އަރިހުގައި އިނދެގެން މީހަކު ކަމުން ގެންދިޔައެވެ. ފަހެ، އޭނާގެ ކާތަކެތީގެ އެންމެ ސުވަލެއްހާ އެތިކޮޅަކަށް ވަންދެން، އޭނާ ﷲގެ އިސްމުފުޅު ހަނދާނެއް ނުކުރެއެވެ. ފަހެ، އެސުވާ ނަގަމުން އޭނާ بِسْمِ اللهِ أَوَّلُهُ وَآخِرُهُ މިފަދައިން ކިޔެވެ. "ފެށުމުގައިވެސް ﷲގެ އިސްމުފުޅުގެ ބަރަކާތް އެކުލެވިގެންވާ ފަދައިން، ނިމުމަށްފަހުވެސް އެކަލާނގެ އިސްމުފުޅުގެ ބަރަކާތްލެއްވިގެންވެއެވެ." ފަހެ، އެއަޑު އިވިވަޑައިގަތުމުން މާތް ނަބިއްޔާ ހިނިވަރުނަކުރެއްވިއެވެ. އެއަށްފަހު ޙަދީޘްކުރެއްވިއެވެ. އޭނާ ބިސްމި ނުކިޔައި ކަމުން ގެންދިޔަހިނދު، ޝައިޠާނާ އޭނާއާއެކުގައި ކަމުން ގެންދިޔައެވެ. ފަހެ، އޭނާ ﷲ ހަނދުމަކުރުމުން، އެކަލޭގެ (އެބަހީ: ޝައިޠާނާ) އެ ކަލޭގެ ބަނޑުގައިހުރި ހުރިހައި އެއްޗެއް ހޮޑަށްލިއެވެ. (أبو داود والنسائي )އަދިވެސް ރަސޫލާ ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ. "ހަމަކަށަވަރުން، އެ ކާއެއްޗެއްގެ މައްޗަށް ﷲގެ އިސްމުފުޅު ނުގެންފި ކާއެއްޗެއް ޝައިޠާނާ ހުއްދަކޮށްގަނެއެވެ. " (مسلم) މިޙަދީޘްތަކުން އެނގެނީ ﷲގެ އިސްމުފުޅު ނުގަނެ ކާ އެއްޗެއްގައި ﷲ ބަރަކާތް ނުލައްވާނެކަމެވެ. އެހެނީ ﷲ ބަރަކާތްލެއްވި ކާއެއްޗެއްގެ ރަހަބެލުމުގެ ޙައްޤެއް ޝައިޠާނާއަކަށް ލިބިގެންނުވެއެވެ. ވީމާ ކެއުމުގެ ކުރިން ބިސްމި ކިއުމަކީ ވަރަށް މުހިންމުކަމެކެވެ.

ކާން ފެށުމުގެ ކުރިން ﷲގެ އިސްމުފުޅު ކިޔުމަކީ، މިހާރަކަށް އައިސް ވަރަށް ގިނަ މީހުން ފަރުވާ ކުޑަކުރާ ކަމެކެވެ. އަދި އެއީ އާދައިގެ ކަމަކަށް ހަދާލައި ބިސްމި ކިޔަން ހަނދާންވިޔަސް އެކަން ހަނދާން ނައްތާލާ މީހުންވެސް މަދެއްނޫނެވެ. ތިމާގެ ދަރިންނަށް ކުޑައިރުން ފެށިގެން މިއާދަތަށް ދަސްކޮށް ދިނުމަށްވެސް ގިނަ މައިންބަފައިން ފަރުވާކުޑަ ކުރެއެވެ. ނަމަވެސް ޙަޔާތުގެ ކޮންމެ ކަމެއްގައިމެ ބަރަކާތާއި، ﷲގެ ރުހުން ހޯދުމަށްޓަކައި، ކޮންމެ ކަމެއްވެސް ފެށުމުގެ ކުރިންވެސް ﷲގެ އިސްމުފުޅު ކިޔުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެކެވެ. އަދި ދަރިންނަށް ދަސްކޮށްދޭންޖެހޭވެސް ކަމެކެވެ. ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވަނީ: "މީހަކު އޭނާގެ ގެޔަށް ވަންނަ ހިނދު، ގޭތެރެއަށް ވަންނަމުން، އަދި އޭނާގެ ކެއުމުގެ ވަގުތުގައި ކާން ފެށުމުގެ ކުރިން ﷲގެ އިސްމުފުޅު ކިޔައިފިނަމަ، ޝައިޠާނާ އޭނާގެ އެކުވެރިންނަށް ބުނާ ހުއްޓެވެ. ތިޔަބައިމީހުންނަށް މިގޭގައި ރޭގަނޑު ނިދުމާއި، މިގެއިން ކެއުމުގެ ޙައްޤު ލިބިގެންނެއް ނުވެއެވެ. އަދި (މީހާ އޭނާގެ) ގެއަށް ވަންނަމުން ﷲ ހަނދުމަ ނުކޮށްފިނަމަ، ޝައިޠާނާ ބުނާހުއްޓެވެ. ތިޔަބިއިމީހުންނަށް މި ގޭގައި ރޭގަނޑު ނިދުމުގެ ޙައްޤު ލިބިއްޖެއެވެ. އަދި އޭނާ ކާންފެށުމުގެ ކުރިން ﷲ ހަނދުމަނުކޮށްފިނަމަ، ޝައިޠާނާ ބުނާ ހުއްޓެވެ. ތިޔަބައިމީހުންނަށް މި ގޭގައި ރޭގަނޑު ނިދުމާއި، މި ގެއިން ރޭގަނޑު ކެއުމުގެ ޙައްޤު ލިބިއްޖެއެވެ. (بخاري)

Advertisement

ވީމާ ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށްޓަކައި ހުރިހައި ކަމެއް ފެށުމުގައިވެސް ﷲގެ އިސްމުފުޅުން ފެށުމަށް ސަމާލުކަން ދޭންޖެހެއެވެ. ހަމަ އެފަދައިން ދަރިންނަށް މިކަން ދަސްކޮށްދީ، މިއީ ކިހާ މުހިންމު ކަމެއްކަން އެކުދިންނަށް އަންގައިދޭން ޖެހެއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކުރާ ހުރިހައި ކަމެއްގައިމެ ބަރަކާތް ލެއްވުމަށް އެދިއެވެ. ﷲ އަޅުގަނޑުމެންގެ އެއްވެސް އާރެއް ބާރެއްނެތި ދެއްވި ރިޒްޤު ކެއުމުގެ ކުރިން އެއިލާހުގެ އިސްމުފުޅުތަކުން ބަރަކާތް ލިބިގަންނަ ބަޔަކަށް ވަމާތޯއެވެ.

+1
1
+1
0
+1
4
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް