November 24, 2024 06:20
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (ސާދަވަނަބައި)

ހެނދުނުގެ ހިތްގައިމު ވަގުތަށް ބިލާލް ބޭރަށް ނިކުތީ ފަތިސް ނަމާދުކޮށް އަދި ހެނދުނުގެ ސައިވެސް ބޮއިގެންނެވެ. ހަމަހިމޭންކަން ވެރިވެފައިވާ ގޯތިތޭރޭގައި ހުރި ގަސްތައް ކައިރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ބިލާލް ހުރީ ފަތިހުގެ ފިނިވައިރޯޅިން ހިތަށް ގެނުވަމުންދާ އުފާވެރިކަން ހާސިލް ކުރުމަށެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށް އަރައިގެން އަންނަން މާކަގިނައިރެއް ނުވިއެވެ. އިރުގެ ހޫނުކަން ދުނިޔެއަށް ވެރިވަމުންދިޔައެވެ. ބިލާލް ފަތިހު ބޭރަށް ނިކުތް ގޮތަށް ޖޯލިފަތީގައި އޮށޯވެއޮތެވެ.

"ހާދަހާ އެކަނިވެރިވެފައި" ނައުފަލްގެ އަޑަށް ބިލާލް ކޮޅަށް ތެދުވިއެވެ.

"ނޫން. ދެން މިތާ ހިތްހަމަޖައްސާލަން އޮތީ" ބިލާލް ނައުފަލަށް ޖަވާބު ދިނެވެ.

Advertisement

"މިހާ ހެނދުނު ކޮންކަމަކާއިގެން ތިއައީ" ނައުފަލް ވާހަކައެއް ދައްކަން އުޅޭހެން ހީވާތީ ބިލާލް އަހައިލިއެވެ.

ބިލާލް ފުން ނޭވާއެއް ލިއެވެ. އަދި ކޮޅަށް ތެދުވެ ކޮޅުކޮޅަށް ހިނގަން ފެށިއެވެ. މޫނުމަތިން ހާސްކަން ފެންނަމުން ދިޔައެވެ. ވާހަކަ ދައްކަން އަނގަ ހުޅުވާލައެވެ. ބުނަން ބޭނުންވާ އެއްޗެއް ނުބުނެވިގެން އުޅޭ ކަހަލައެވެ.

"ކިހިނެއްވީ" ބިލާލް ގޮސް ނައުފަލްގެ ގާތަށް ހުއްޓުނެވެ.

"ސޮރީ. ސޮރީ" ނައުފަލް ބިލާލްގެ މޫނަށް ބަލައިލިއެވެ.

"އަޅެ ކޮންކަމަކާއިހޭ" ބިލާލް އަނެއްކާވެސް ބުނެލިއެވެ.

ނައުފަލް ވާހަކަ ދައްކަން ފެށިއެވެ. ނައުފަލް ބޭނުންވީ ހުރިހާ ވާހަކައެއް މިއަދު ބިލާލަށް ކިޔައިދޭށެވެ. އެއީ މީގެ ދެތިން އަހަރުގެ ކުރިއެވެ. އަހަރެންނާއި ބިލާލް އަދި ރީމާ އެއްކުލާހެއްގައި އުޅުނު ދުވަސްވަރެވެ. އެންމެންގެ އެކުވެރިކަން ބަދަހި ދުވަސްވަރެވެ. އަބަދުވެސް ރީމާ ބިލާލްގެ ވާހަކަ ދައްކަމުން ދެއެވެ. ނައުފަލަށް ރީމާ ފުރަތަމަ ފެނުނީއްސުރެ ހިތުގެ ވަރަށް ޚާއްސަ ކަމެއް ދެވުނެވެ. ނަމަވެސް އަބަދުވެސް އަޑު އިވެމުން ދިޔައީ އަޑު އަހަން ބޭނުންވާ ވާހަކައެއް ނޫނެވެ. އަބަދުވެސް ބިލާލްގެ ވާހަކަ ދައްކަމުންދިޔައެވެ. ރީމާ ބޭނުންވީ ބިލާލާއި ގާތް ގުޅުމެއް ބާއްވާށެވެ. އެކަމަށް ރީމާ ބޭނުންވީ ނައުފަލްގެ އެހީތެރިކަމެކެވެ. އެކަމަށް ރީމާ އެދުމުން ހިތާއި ދެކޮޅަށް ނަމަވެސް އެކަން ގަބޫލު ކުރީއެވެ. ނަމަވެސް އެވަރުންވެސް ނައުފަލް އުއްމީދު ކަނޑައެއް ނުލައެވެ. އެއްގޮތް ނެތިއްޔާ އެހެން ގޮތަކުންވެސް ރީމާ ކާމިޔާބު ކުރުމަށް ނައުފަލްގެ ހިތުގައި އަޒުމް ކަނޑައެޅިއެވެ. ރީމާގެ މުއްސަނދި ދިރިއުޅުން ނައުފަލްގެ ކުރިމަތީގައި އަބަދުވެސް ފިޔަ ޖަހަމުން ދިޔައެވެ. ނިދީގައްޔާއި ހޭލާ ހުންނައިރުގައެވެ. އެފުރުސަތު އެހެން މީހަކަށް ލިބުމަށް ނައުފަލް ބޭނުމެއް ނޫނެވެ. އެންމެފަހުން ރީމާމެންގެ ގެއަށް ވެސް ދާން ފެށީއެވެ. އެއާއިލާގެ ރުހުމާއި އިތުބާރު ހޯދުމުގެ ނިޔަތުގައެވެ. ނަސީބު އަތުގައި ހިފީ ދާދި އަވަހަށެވެ. ރީމާގެ މައިންބަފައިންގެ އިތުބާރާއި ލޯބި ނައުފަލަށް ލިބުނެވެ. ދެން ނައުފަލް އަސްލު މަސައްކަތާއިގެން ކުރިއަށް ދާން ފިޔަވަޅު އަޅަން ފެށިއެވެ. ބިލާލްގެ ޚިޔާލު ތަކާއި ދުރަށް ރީމާ ގެންދިއުމެވެ. ބިލާލްގެ ފަގީރުކަން ދައްކައިގެންނާއި އަދި ލޯބިވެރިއެއް ހުންނަކަން ދައްކައިގެންނެވެ. ނަމަވެސް ރީމާގެ ހަމަ ލޮލަށް އެމަންޒަރު ނުފެންނަނީސް އެވާހަކަތައް ގަބޫލު ކުރަން ރީމާ ދެކޮޅު ހަދަމުން ދިޔައެވެ. އެތައް ފަހަރަކު ބިލާލާއި ބައްދަލު ކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް އެ ހުރިހާ ފަހަރަކުވެސް އެކަމަށް ހުރަސް އެޅީ ނައުފަލެވެ. އެންމެފަހުން މިރަށަށް އައި ބޭރު ބައެއް ދިން ކެއުމަށް ބިލާލް ގެންދިޔައީވެސް ނައުފަލްގެ ރޭވުމަކުންނެވެ. އެތަނުން ކޮންމެވެސް ކުއްޖަކާއި ބިލާލާއި އަޅުވައި ކިޔާށެވެ. އަދި އެމަންޒަރު ރީމާއަށް ދައްކާ އެއީ ހަޤީގަތެއްކަން ހާމަކޮއްދޭށެވެ. އެރޭ ނަސީބު ވަރަށް ރަނގަޅެވެ. ބިލާލް އެތަނުން ކުއްޖަކާއި ވާހަކަ ދައްކަން ހުއްޓާ ނައުފަލް ރީމާއަށް އެމަންޒަރު ދެއްކިއެވެ. އަދިވެސް ގަބޫލު ނުކުރާނަންތޯ އެހިއެވެ. ނަމަވެސް އެމަންޒަރު ރީމާގެ ހަމަ ލޮލަށް ފެނުމުން ވަގުތުން ގަބޫލު ކުރިއެވެ. އަދި ނައުފަލް ދައްކަމުން ދިޔައީ ރަނގަޅު ވާހަކަތަކެއްކަން ހާމަވިއެވެ. ނައުފަލް ދެކެމުން ދިޔަ ހުވަފެންތަކުގައި ކުލަ ޖެހެމުން ދިޔައީ ނުލާހިކު އަވަހަށެވެ. އެންމެފަހުން ބިލާލްގެ ލޯބިވެރިއަކީ ޖިންނިއެއްކަން އެނގުނު ދުވަހަކީ އިތުރު ގިޔަރެއް މައްޗަށް ޖައްސާލަން ލިބުނު ސަޅި ފުރުސަތަކަށް ވިއެވެ. އެކަން ބޮޑު ހައިޖާނުގަޑަކަށް ހަދާލަން ބޭނުންވިއެވެ. އަމިއްލައަށް އިސްނަގައިގެން ރަށުން ބޭރުން ފަންޑިތަ ހަދާ މީހަކު ހޯދީވެސް ރަށުތެރެއަށް ބިލާލްގެ ލޯބިވެރިއެއް ހުންނަކަން ހާމަ ކުރުމަށެވެ. އެ ފަންޑިތަ ހަދާމީހާއަށް ބިލާލްމެންގެ ގެ ކައިރީގައި ފަންޑިތަހަދަންވެސް އިރުޝާދު ދިނީ ހަމަ ނައުފަލެވެ. އެކަމަކު އެއީ އެއްވެސް ހާލެއްގައި ބިލާލަށް ގެއްލުމެއް ދޭކަށް ނޫނެވެ. ބިލާލަށް ގެއްލުމެއް ނުލިބޭނެ ގޮތަކަށް އެކަންތައް ކުރިއަށް ގެންދިއުމަށް އެތައް ފަހަރަކު އެ ފަންޑިތަ ހަދާ މީހާގެ ގާތުގައި ނައުފަލް އެދުނެވެ. އަދި އެކަމުގައި ރަހުމާންވެސް ބައިވެރި ކުރިއެވެ. ނަމަވެސް މި ހުރިހާ ވާހަކައެއް ރަހުމާނަކަށް ނޭނގޭނެއެވެ. ނަމަވެސް ކިޔެވެލި ފަށައިގަތުމާއި އެކު ކަންތައް ދިމާވީ ނައުފަލް ހީކުރި ގޮތާއި ޚިލާފަށެވެ. ބިރުވެރިކަން އިންތިހާއަށް ދިޔައީއެވެ. މުދިންބެ މަރުވެ ދިޔައީއެވެ. މުޅި ރަށަށް ބިރުވެރިކަން ފެތުރިގެން ދިޔައީއެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓަމެވެ. ނައުފަލްގެ މަސައްކަތާއިގެން ކުރިއަށް ދިޔައީއެވެ. ދެން ބިލާލްގެ ލޯބިވެރި ޖިންނިގެ ފަރާތުން އެތައް ފަހަރަކު މަރުގެ ހަމަލަތައް އައެވެ. ނަމަވެސް އެ ޖިންނިގެ ރަނގަޅުކަމުން އަހަރެން މަރާނުލައި ދޫކޮއްލަނީއެވެ. އެއީ ޖިންނިއެއް ނަމަވެސް ނައުފަލްގެ ފަރާތުންވި ގޯނާތަކަށް ބަދަލު ހިފާކަށް އެ ޖިންނި ބޭނުންނުވީ އެއީ ބިލާލްގެ ލޯބިވެރިޔާ ކަމަށްވުން އެއީ ނައުފަލްގެ ނަސީބެވެ. ނަމަވެސް މިހާރު ނައުފަލް ބޭނުންވަނީ ބިލާލާއި ބިލާލްގެ އަނބިމީހާގެ ލޯބީގެ ދިރިއުޅުން ކުރިއަށް ގެންދާށެވެ. އެކަމަށް ހުރަސް އެޅޭނެ ހުރިހާ ކަމަކަށް ނައުފަލް ކުރިމަތިލައި ހައްލު ކޮއްދޭނެއެވެ. އެ މުދިންބެގެ އަސްލު ނަމަކީ ނަސީރުއެވެ. ކުރިން ކޮންމެވެސް ވަރަކަށް ފަންޑިތަ ހަދައި އުޅުނު ނަމަވެސް އޭނާއަށް އެއްވެސް ކަމެއް ނުވެއެވެ. އެހެންވެ އެހެން ރަށަކުން ރަނގަޅު މީހަކު ގެނައީއެވެ.

"ދެން ތިކަމާއި އަހަރެން ކީއްކުރާނީ" ނައުފަލްގެ ވާހަކަ އަޑުއަހާފައި ބިލާލް ބުނެލިއެވެ.

"އަހަރެން ބޭނުންވަނީ ދެން އިސްލާހުވާން. އަދި އެބައޮތް ވާހަކައެއް. އަހަރެން ވަރަށް އަވަހަށް ރީމާ އާއި ކައިވެނި ކުރަން މިއުޅެނީ" ނައުފަލް ބުނެލިއެވެ.

"ކުރިއަށްދޭ. އަހަރެންގެ އެއްބާރުލުން ލިބޭނެ. ކޮންމެފަދަ ގުރުބާނީއެއް ވެގެންވެސް ތިކަން ކާމިޔާބު ވެއްޖެތާ" ބިލާލް މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

ބިލާލަށް ދިމާވި ކަންތަކުން ބަދަލު ހިފާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ކަންތައް ވީގޮތް ސާފުވުމުން ހިތަށް ފިނިކަން ލިބިގެން ހިގައްޖެއެވެ. ބިލާލް ބޭނުންވަނީ ނައުފަލަށް ރަނގަޅު ދިރިއުޅުމެއް ލިބުމެވެ. ހަމައެއާއި އެކު ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ތަކުރާރު ނުކުރުމެވެ. ރީޝާ އަކީ ޖިންނިއެއްކަން އެނގޭނެ ހަމައެކަނި މީހަކީ ނައުފަލްއެވެ. ބިލާލްގެ އެދުމަކީ އެކަންތައް ސިއްރުކޮއްފައި ބޭއްވުމެވެ. ނައުފަލް އެކަމަށް އެއްބަސްވިއެވެ. އެންމެ ފަހުން ދަމުން ރީޝާ ގާތުގައިވެސް އެވާހަކަތައް ބުނެލަދިނުމަށް ނައުފަލް އެދުނެވެ. ނައުފަލް ދޮރާށިން ނިކުމެގެން ގޮސް ގެއްލެންދެން ބިލާލް ބަލަހައްޓައިގެން ހުއްޓެވެ. އިންސާނުންނަކީ ހާދަހާ އެދުން ބޮޑު ބައެކެއެވެ. އެމީހުން ބޭނުންވާ ކޮންމެ ކަމެއް ކޮންމެފަދަ ގުރުބާނީއެއް ވެގެންވެސް އެކަން ކުރަން އެމީހުން ފަސް ނުޖެހޭނެތާއެވެ. އެ ތަޖުރިބާ ބިލާލަށް މިހާރު ރަނގަޅަށްވެސް ކުރެވިއްޖެއެވެ. އެޚިޔާލު ތަކުގައި ހުރެ ގޭތެރެއަށް ވަދެވުނެ ގޮތެއްވެސް ބިލާލަކަށް ނޭނގެއެވެ. ރީޝާ ނެތުމުން ގޭތެރެ ވަރަށް ފަޅެވެ. މުޅި އެ ގޭގައި މިގަޑީގައި އުޅެނީ ބިލާލް އެކަންޏެވެ. ދެން ރީޝާ އެނބުރި ގެއަށް އަންނާނީ އިރުއޮއްސޭ ފަހުންނެވެ. އެއީ ޖިންނިއެއްވީމާ އިންސާނުންގެ ތެރޭގައި އުޅުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެތާއެވެ. ފޫހިވެފައިވާ ބިލާލް ގޮސް ސިޓިންރޫމްގައި ހުރި ސޯފާގައި އޮށޯތީ ފޮތެއް ހިފައިގެންނެވެ. ފޫހިވެފައިވާލެއް ބޮޑުކަމުން ވަގުތު ދުއްވާލުމުގެ ބޭނުމުގައެވެ. މިގަޑީގައި ބޭރަށް ނުކުމެލާކަށް ބިލާލް ބޭނުމެއް ނޫނެވެ. ބޭނުންވީ ގޭތެރޭގައި މަޑުކޮއްލާށެވެ. ވަރުބަލިކަމުގެ އިހުސާސް ކުރެވޭތީއެވެ.

ރަށަށް ހަމަޖެހުމެއް ލިބި އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމެވެ. ނާމާން ދުވަސްތަކަށްފަހު މިކަހަލަ އުފާވެރި ދިރިއުޅުމަކަށް އެންމެންވެސް އުންމީދު ކުރިއެވެ. ރަށަށް ލިބުނު އަމާން ދުވަސްތަކުގެ ބޭނުން ހިފައިގެން ނައުފަލް ދިޔައީ ކައިވެނީގެ ކަންތައް ހަމަޖައްސަމުންނެވެ. ދިރިއުޅުމަށް ބޭނުންވާނެހާ ތަކެތި ގަނެ ޖަމާކުރަމުންނެވެ. އެކަމަށް ރީމާގެ އާއިލާއިން ދިޔައީ ފުރިހަމަ އެއްބާރުލުން ދެމުންނެވެ. ދެމީހުން ދިރިއުޅުމަށް ރީމާގެ މައިންބަފައިން ބޭނުންވީ އެމީހުންގެ އަމިއްލަ ގޭގައެވެ. ނަމަވެސް ނައުފަލް ބޭނުންވީ ވަކިން އަމިއްލަ ދިރިއުޅުމެއް ފައްޓާށެވެ. ނަމަވެސް ރީމާގެ މައިންބަފައިން ކުރިމަތީ ނައުފަލަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އެނޫން ގޮތެއް ނެތީމައެވެ.

ދިގު އިންތިޒާރަށްފަހު މިއަދަކީ ނައުފަލާއި ރީމާގެ ކައިވެނި ކުރާ ރެއެވެ. ދެމީހުންގެ ކައިވެނީގެ ހަފްލާ އެއީ ދުވަހަކުވެސް ރަށުގައި ނުބާއްވާ ވަރުގެ ހަފްލާއަކަށް ހަދަން ރީމާގެ މައިންބައިން ބޭނުންވިކަން އެހަފްލާގެ މަންޒަރުތަކުން އެނގެއެވެ. ސްކޫލްގެ މުޅި ގޯތިތެރެ އެކިކުލައިގެ ބޮކިތަކުން ދިއްލާލައިފައި އޮތް އިރު މެހެމާންނުން ތިބޭ ތަނާއި ކެއުމުގެ ކަންތައްވެސް އެހާ ފުރިހަމައެވެ. މެހެމާނުންނަށް މަރުހަބާ ކިޔަން ސްޓޭޖްގައި މިއުޒިކް ކުޅެމުން ދިޔައިރު ޖެހިގެން ހުރި ކުޑަ ސްޓޭޖެއްގައި ރީމާ އާއި ނައުފަލް އެމީހުންނަށް ޚާއްސަ ކޮއްފައިވާ ގޮނޑީގައި ތިބީ އުފަލުން ހެވިފައެވެ. ފިރިހެން ވަކި ކުލައަކުން އަދި އަންހެން ވަކި ކުލައަކުންނެވެ. ދަޢުވަތު ފޮނުވި ކާޑު ތަކުގައިވެސް އެކަން ފާހަގަ ކޮއްފައި ވުމާއިއެކު ހާޒިރުވަމުން ދިޔަ މެހެމާނުންވެސް ލައިގެން ތިބީ އެމީހުންގެ ހަފްލާ އާއި ގުޅޭ ކުލަތަކުންނެވެ. މާދުރު ނޫން ހިސާބުގައި ރީމާގެ އާއިލާގެ މީހުން ތިބިއިރު ރީމާގެ މައިންބައިން ތިބީ ރީމާ އާއި ނައުފަލްގެ ކައިރީގައެވެ. ދަޢުވަތު ދެވިގެން އަންނަމުން ދިޔަ މެހެމާނުން އަންނަ ވަގުތު ޖެހުމާއި އެކު ރީމާ އާއި ނައުފަލް އެމީހުން ތިބި ސްޓޭޖުން ފައިބައިގެން ގޮސް ސްކޫލަށް ވަންނަ ދޮރާށި ދޮށުގައި ހުއްޓުނެވެ. އެމީހުން ކައިރީގައި އަތުރާފައި ހުރި މޭޒުތައް މަތީ ހަފްލާއަށް އަންނަ މެހެމާނުންނަށް ޚާއްސަ ކުރެވިފައިވާ ޖޫސްތައް އަތުރާފައި ހުއްޓެވެ. އަދި އަންނަ މީހުންނަށް މަގު ދެއްކުމާއި އެހެނިހެން ކަންތަކަށް ވެސް މީހުން ތިއްބެވެ. ފަހަރަކު މީހަކާއި ސަލާމް ކުރަމުން އެމީހުނަން ހިނިތުންވުމުގެ މޫނަކާއިގެން ރީމާ އާއި ނައުފަލް މަރުހަބާ ކިޔަމުން ދިޔައެވެ. އެމީހުންގެ ތެރެއިންވެސް ނައުފަލަށް ޚާއްސަވީ އެ ހަފްލާއަށް ރީޝާ އައުމުންނެވެ. މީގެ ކުރިން ނައުފަލް ގަބޫލު ކުރަމުން ދިޔައީ ރީޝާ އަކީ އެކަހަލަ ކަންތަކުގައި ބައިވެރިވެވޭނެ މީހެއް ނޫން ކަމެވެ. ނަމަވެސް މިރޭ ރީޝާ އެކަން ސާބިތުކޮއްލަ ދީފިއެވެ.

"ކޮބާ މިރޭ އަނބިމީހާވެސް ގޮވައިގެން ދޯ" ބިލާލާއި ރީޝާ ފެނުމާއި އެކު ނައުފަލް ބުނެލިއެވެ. އަދި ރީމާއަށް ރީޝާ ތަޢާރަފް ކޮއްލަ ދިނީވެސް ނައުފަލެވެ.

"ކޮބާ އެންމެފަހުން މިކަންވެސް ނިމުނީދޯ" ބިލާލް ނައުފަލާއި ދިމާއަށް އެހެން ބުނެފައި ހޭންފެށިއެވެ.

"އާން. ދެން ގިޔަރު ކުރިއަށް ޖައްސާލީ" ނައުފަލްވެސް ހޭންފެށިއެވެ.

ނައުފަލް އެމީހުން ދުރަށް ފޮނުވާލާކަށް ބޭނުމެއް ނުވިއެވެ. ނައުފަލްމެންގެ ފަހަތުގައި ހުރި ގޮނޑި ބަރީގައި އިށީނުމަށް ބިލާލްގެ ގާތުގައި ބުނެލިއެވެ. ނަމަވެސް ރީޝާ ބޭނުންވީ އެންމެ އެތެރެއިން ޖާގައެކެވެ.

= ނުނިމޭ =

ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ.

+1
0
+1
5
+1
3
+1
0
+1
3
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް