September 20, 2024 11:48
Advertisement

-Advertisement-

އެންމެ ބޮޑު ޖިހާދަކީ ތިބާގެ ނަފްސާއި ކުރެވޭ ޖިހާދު

މާތްﷲގެ މަގުގައި ކުރެވޭ ޖިހާދަކީ މަތިވެރި ޖިހާދެކެވެ. މި ދީން ހިމާޔަތް ކުރުމަށްޓަކައި ޢަދުއްވުންނާއި ކުރިމަތިލައި ކުރެވޭ ޖިހާދެވެ. ކާފަރުންނާއި ކުރިމަތިލައި ހަނގުރާމަ ކުރަނީ އަހަރެމެންގެ ޢަދުއްވުން ބަލިކުރުމަށްޓަކައެވެ. ނަމަވެސް ޢަދުއްވުންނާއި ކުރިމަތިލައި ކުރެވޭ ޖިހާދަށްވުރެ ތިބާގެ ނަފްސާއި ކުރާ ޖިހާދު ވަރުގަދައެވެ. ބޮޑެވެ. ސަބަބަކީ ކާފަރުންނާއި ކުރާ ޖިހާދު ކުރެވެނީވެސް އަމިއްލަ ނަފްސާއި ޖިހާދު ކުރުމަށްފަހުގައެވެ. ހަނގުރާމައިގެ މައިދާނުގައި ނަފްސު ގަތުލުވެދާނެ ބިރާއި، އަނިޔާ ލިބިދާނެ ބިރަށްޓަކައި ހަނގުރާމަ ކުރުމަކީ ނަފްސު އެދޭ ކަމެއްނޫނެވެ. އެއީ މާތްﷲ ގެ ދަރުމައާއި ޘަވާބަށް އެދި ތިބާގެ ނަފްސު އެކަމަށް އެދި ހިތުގެ އަޑިން އެކަން ޤަބޫލު ކުރުމުން ކުރެވޭ ކަމެކެވެ. ހަމައެހެންމެ، ކާފަރުންނާއި ކުރިމަތިލައި ކުރާ ހަނގުރާމައަކީ ވަކި ވަގުތަކަށް ކުރެވޭ ކަމެކެވެ. ހަނގުރާމަ ނިމުމުން ޖިހާދު ނިމިގެންދެއެވެ. އެހެނެއްކަމަކު އަމިއްލަ ނަފްސާއި ކުރާ ހަނގުރާމައަކީ ކޮންމެ ދުވަހަކު ކުރަން ޖެހޭކަމެކެވެ. އެ ނަފްސު މާތްﷲ އަށް ކިޔަމަންތެރިކުރުމަށް ކުރަންޖެހޭ ހަނގުރާމައެވެ. ނަފްސުގެ އެދުންތަކާއި ޚިލާފަށް ކުރަންޖެހޭ ޖިހާދެވެ. އެއީ އިންސާނާ ދުނިޔެއަށް އުފަންވީންސުރެ މަރުވަންދެންވެސް ކުރަންޖެހޭ ހަނގުރާމައެކެވެ. ދިގުދެމިގެންވާ ހަނގުރާމައެކެވެ. ނިމުމެއްނެތް ކަމެކެވެ. ސަބަބަކީ އިންސާނުންގެ އަބަދުވެސް ނަފްސު އެދި ގޮވަނީ ނުބައިކަންކަމަށެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. 'إِنَّ النَّفْسَ لَأَمَّارَةٌ بِالسُّوءِ" މާނައީ: "ހަމަކަށަވަރުން، ނަފްސަކީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙުމަތް ލައްވައިފިނަމަ، މެނުވީ، ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ."

މާތްﷲ، އިންސާނުން ހައްދަވައި އެ އިންސާނާގެ ނަފްސު ލައްވައި ފުރިހަމަ ކުރެއްވިއެވެ. އަދި ނަފްސަށް ގެއްލުން ހުރި ކަންކަމާއި ފައިދާ ހުރި ކަންކަމަކީ ކޮބައިކަން ދެނެގަތުގެ ބުއްދި ދެއްވިއެވެ. އިންސާނާ ކުރާ ކޮންމެ ކަމެއްގައި ވަނީ ދެ ގޮތެވެ. އެއީ ރަނގަޅު ގޮތާއި ނުބައި ގޮތެވެ. ޙައްޤާއި ބާޠިލެވެ. ރަނގަޅުމަގާއި ނުބައިމަގެވެ. މި ދެ މަގު ދައްކަވައި އެއިން އިންސާނުންނަށް ފައިދާ ހުރި ގޮތް ލިބިގަތުމުގެ ވިސްނުން މާތްﷲ ދެއްވިއެވެ. ހެޔޮ މަގުގެ މައްޗަށް ނަފްސު ލަންބުވައިފި މީހާ، ކާމިޔާބުވެއްޖެއެވެ. އަދި ނުބައި މަގަށް ނަފްސު ލަންބުވައިފި މީހާ ގެއްލި ހަލާކުވެއްޖެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އެ ނަފްސު ޠާހިރު ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އަދި އެ ނަފްސަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ."

އިންސާނުންގެ ތެރެއިން އެންމެ ފުރިހަމަ މީހުންނަކީ ފުރިހަމަ ހިދާޔަތް ލިބިފައިވާ މީހުންނެވެ. އެމީހުންނަކީ އަމިއްލަ ނަފްސާއި، ނަފްސުފުގެ ގޮވުންތަކާއި، ޝައިޠާނާގެ ވަސްވާސްތަކާއި  އަދި ދުނިޔޭގެ އެދުންތަކުން ނަފްސު ރައްކައުތެރި ކުރާ މީހުންނެވެ. މި ހަތަރު ކަންތަކުން ނަފްސު ސަލާމަތްކޮށްފި މީހަކީ މާތްﷲގެ ހިދާޔަތާއި ރުހިވޮޑިގަތުން ލިބި ސުވަރުގެއަށް ވާޞިލުވެވޭނެ މީހެކެވެ.

Advertisement

މާތްﷲ ވަޙީކުރައްވާފައިވެއެވެ. "وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ' (އަލްޢަންކަބޫތު 69).  ‎މާނައީ: "ތިމަންރަސްކަލާނގެ މަގުގައި ޖިހާދު ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، އިޙްސާންތެރިންނާ އެކުގައިކަން ކަށަވަރެވެ."

ނަފްސާއި ކުރާ ޖިހާދަކީ، އޭނަގެ ނަފްސުގެ އެދުންތަކާއި އިދިކޮޅަށް ކުރާ ޖިހާދެވެ. ނަފްސުގެ އެދުންތަކުގެ މައްޗަށް މާތްﷲ އަމުރުފުޅު އިސްކުރާ މީހާއެވެ. ނަފްސު ނުބައި ކަމެއް ކުރުމަށް އެދި ގޮވާ އިރު، އެ އަޑަށް ބީރު ކަންފަތެއްދީ މާތްﷲ ގެ އަމުރުފުޅު އިސްކުރާ މީހާއެވެ. އަދި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމުގައި ހިތްވަރު ލާ މީހުންނެވެ. ނަފްސު ކަންނެތް ކުރުވާ ވަގުތުގައި ތިބާގެ އަޒުމް ވަރުގަދަ ކުރާ މީހުންނެވެ. މި މީހުންނަށް ވަނީ މާތްﷲ ސުވަރުގެ ދިނުމަށް ވަޢުދުވެވޮޑިގެންފައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ. فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ‎" އަދި އެމީހާގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ.

އިބްނު ރަޖަބް ރަޙިމަހުއްﷲ ވިދާޅުވެފައިވެއެވެ. " ޖިހާދުގެ ދެވަނަ ވައްތަރަކީ މާތްﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމުގައި، އަމިއްލަ ނަފްސާއި ކުރާ ޖިހާދެވެ. ކީރިތި މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. "وَالْمُجَاهِدُ مَنْ جَاهَدَ نَفْسَهُ فِي طَاعَةِ اللهِ" މާނައީ: "މުޖާހިދަކީ މާތްﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމުގައި އެމީހެއްގެ އަމިއްލަ ނަފްސާއި ޖިހާދު ކުރާ މީހުންނެވެ."

އަމިއްލަ ނަފްސާއި ކުރާ ހަނގުރާމައަކީ ކުޑަ ހަނގުރާމައެއް ނޫނެވެ. ނަފްސަކީ ވަރަށް ބަސްނާހާ އެއްޗެކެވެ. ކިތަންމެ ވަރަކަށް ވިސްނައިދީ ކިޔައިދީގެން ހަމަ މަގަށް އެޅުވިޔަސް އެނަފްސު ދުވަނީ ހިތަށް އެރި ގޮތަކަށެވެ. ނަފްސު ދަނީ ބޭނުން ތަނަކަށެވެ. ނަމަވެސް، ނަފްސު ބޭނުން ތަނަކަށް ދާން މަސައްކަތް ކުރިއަސް ތިބާ ވާން ޖެހެނީ އެ ނަފްސު ކޮންޓްރޯލް ކުރާ މީހަކަށެވެ. ނަފްސުގެ މައްޗަށް ގަދަވެގަންނަ މީހަކަށެވެ. ނަފްސުގެ ގޮވުންތަށް އަޑު ނާހައި މާތްﷲ ގެ އަމުރުފުޅުތަކަށް ކިޔަމަން ގަންނަ މީހަކަށެވެ. އެ ސަބަބަށްޓަކައި ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅެއްގައި މާތްﷲ ގެ މަގުގައި ޖިހާދުކުރެއްވުމަށްވުރެ ބޮޑު ޖިހާދެއްގެ ގޮތުގައި ނަފްސުއާއި ކުރާ ޖިހާދު ޞިފަކުރައްވާފައިވެއެވެ.

މާތްﷲގެ ޙަޟްރަތުގައި އެންމެ މަތީ ދަރަޖަ ލިބިގެންވާ ބަޔަކީ އެބައެއްގެ ހިތުގައި މުދަލާއި މެދު ދަހިވެތިކަންވުމާއިއެކުވެސް ހޭދަ ކުރާ މީހުންނެވެ. އަދި އެމީހެއްގެ ނަފްސުތަކުން ޖިހާދު ކުރާ މީހުންނެވެ. އެބަހީ: އެމީހެއްގެ ނަފްސުގެ ގޮވުންތަކަށްވުރެ މާތްﷲ ގެ އަމުރުފުޅުތައް އިސްކުރާ މީހުންނެވެ. ނަފްސުގެ ގޮވުންތައް އެއީ އެންމެ ހިތް އެދޭ ގޮތްކަމުގައިވިޔަސްމެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. އީމާންވެ، ހިޖުރަކޮށް، اللَّه ގެ މަގުގައި އެއުރެންގެ މުދާތަކާއި، ނަފްސުތަކުން ޖިހާދުކޮށް އުޅުނު މީހުންނީ، اللَّه ގެ ޙަޟްރަތުގައި ދަރަޖަ އެންމެ މަތިވެރިވެގެންވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ، ނަޞީބު ލިބިގެންވާ މީހުންނެވެ."

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް