November 24, 2024 04:57
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (ފަނަރަވަނަބައި)

ކިރިޔާ ވަގުތެއް ލިބޭއިރަށް ނައުފަލް އައިސް ހުންނަނީ ބިލާލްމެންގެ ގާތުގައެވެ. ރީޝާ އާއި ގާތް ގުޅުމެއް ބާއްވަން މިހާރު ނައުފަލް ބޭނުންވެއެވެ. އެހެން ނޫނިއްޔާ ނައުފަލްމެންނަކަށް ރަނގަޅު ދިރިއުޅުމެއް ނުލިބޭނެކަމުގެ އިހުސާސް ކުރެވޭތީއެވެ.

"ދޮންތަ އެބަގޮވާ" ނައުފަލް ގައިގައި ކޮއްޓައިލީ ރީމާގެ ކޮއްކޮ އެކެވެ. ނައުފަލް ލަސްވެގެން ބަލާ ފޮނުވީއެވެ.

"މިތާ މަޑުކޮއްބަލަ. މީހުން އަންނަ ގަޑީގަ ވެސް ތިހުންނަނީ އެހެންކަމެއްގައި" ރީމާ ހިތްހަމަ ނުޖެހުމުގެ ކުލަވަރެއް މޫނުމައްޗައް ދައްކައިލިއެވެ.

Advertisement

އެންމެންގެ ތެރޭގައި ފޯރިނަގަމުން ދިޔައީ އެވަގުތު ކުޅެމުންދިޔަ ބޮޑުބެރުގެ ލަވައަކަށެވެ. ބިލާލާއި ރީޝާވެސް ގޮސް ދުރުގައި ބަލަން ހުއްޓެވެ. ބިލާލް އަތް ޖަހަމުން ކުޑަކޮށް ފައި ހަރަކާތް ކުރަމުން ދިޔައިރު ރީޝާ ހުރީ ބަލަހައްޓައިގެންނެވެ. ގިނަ އިރުތަކެއް ނުވަނީސް ރީމާ އާއި ނައުފަލް ވެސް އެތަނަށް އައެވެ.

"އަދި ކިރިޔާ މި ސަލާމަތްވީ" ރީމާ އަތް ދިއްކޮއްލީ ރީޝާ އާއި ސަލާމް ކޮއްލުމަށެވެ.

"ވަރަށް ބަލައިގެން އުޅޭތި ނޫނިއްޔާ ގެއްލިދާނެ" ރީމާ އާއި ސަލާމް ކޮއްލުމަށްފަހު ރީޝާ ހޭން ފެށިއެވެ.

ނައުފަލާއި ބިލާލް ހިނގައިގަތީ ކާއެއްޗެއް ބަލައެވެ. ރީމާ އާއި ރީޝާ ތިބީ ގޮނޑީގައި އިށީނދެގެންނެވެ. ދެމީހުންގެ ފަރާތުން ފެންނަމުން ދިޔައީ އެކުވެރިކަމެވެ. ހީވަނީ ކުރިންވެސް ދަންނަ ދެމީހުންހެންނެވެ. ދެމީހުންވެސް ކައިވެނީގެ އައުކޮޅުވީމާ އެކި ކަންތަކާއި ވާހަކަ ދެކެވުނެވެ. ބިލާލާއި ނައުފަލަކީ ވެސް އެހާ ގާތް ދެމީހުން ވީމާ ރީޝާ އާއި ރީމާވެސް ބޭނުންވީ އެގުޅުން އެމީހުންވެސް ބާއްވާށެވެ.

ހަފްލާ ނިމުމާއިއެކު ބިލާލް ރީޝާގެ އަތުގައި ހިފައިގެން ހިނގައިގަތީ ގެއާއި ދިމާލަށެވެ. ފަހަތުން ނައުފަލްމެންވެސް ގެއަށް ދިއުމަށް ހިނގައިގަތެވެ. ވަކި ހިސާބަކުން ޖެހިގެން އޮތް ގޯޅިން ނައުފަލްމެން އަޅައިލިއެވެ. ނަމަވެސް ބިލާލްމެންގެ ގެ ހުންނަ ހިސާބު ތަންކޮޅެއް ދުރުވީމާ ނައުފަލްމެން ޖެހިގެން އޮތް ގޯޅިން އެޅީއެވެ. ބިލާލްމެން ގެއަށް އައުމާއިއެކު ރީޝާ ބޭނުންވީ އަވަހަށް ނިދާލާށެވެ. ނަމަވެސް ބިލާލް ބޭނުންވީ އިރުކޮޅަކު މަޑުކޮއްލާފައި ނިދާށެވެ. އެކަމަށް ރީޝާ ގަބޫލެވެ. ކޮންމެ ގޮތެއް ވިޔަސް ބިލާލަކީ މިއަދު ރީޝާގެ ފިރިމީހާއެވެ. ރީޝާ ނުވި ކިޔަމަނެއް ދެން ވާނީ ކާކު ހެއްޔެވެ. ބިލާލް ހެދުން ބަދަލުކޮއްލައިގެން އެނދުގައި އިށީނެވެ. ކައިރީގައި ރީޝާވެސް އިށީނެވެ. ބިލާލް ވަރުބަލިވެފައި ހުރިކަން ނުދައްކަން މަސައްކަތް ކުރަމުން ދިޔަނަމަވެސް އެކަން ރީޝާއަށް ސިއްރެއް ނުކުރެވުނެވެ.

"އެމީހުންވެސް ކައިވެނި ކުރީދޯ" ރީޝާ ބިލާލްގެ ކޮނޑުގައި ބޯއަޅާއިލިއެވެ.

"އާން. އެމީހުންވެސް ދިރިއުޅެންވާނެދޯ" ބިލާލް ދިނީ ކުރު ޖަވާބެކެވެ.

"ދެން އޮތީ އަހަރެމެންގެ ކަންތައް" ރީޝާ ނޫން ނޫން ކަމަށް ހަދައިލިއެވެ.

"ކޮންކަމެއް" ބިލާލް ސުވާލު ކުރިއެވެ.

"ދަރިފަސްކޮޅެއް" ރީޝާ ހޭންފެށިއެވެ.

"ދަރިފަސްކޮޅެކޭ. މަށަކަށް ނުވާނެ" ބިލާލް ހޭންފެށިއެވެ.

"އޯކޭ މަށަށް އެންމެ ކުއްޖެއްވިޔަސް" ރީޝާ ދަރިއެއް ބޭނުންވެފައިވާވަރު ހާމަ ކުރިއެވެ.

ރީޝާ ބޭނުންވަނީ ވީހާވެސް އަވަހަށް ދަރިއެއް ހޯދާށެވެ. އުމުރުން އެންމެ ދުވަހެއްވެސް ބޭކާރު ކޮއްލާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ބިލާލް ބޭނުންވީ އަދި ހަމައަކަށް އެޅުމަށްފަހު ދަރިއެއް ހޯދާށެވެ. ނަމަވެސް ރީޝާ ތަކުރާރުކޮށް އެކަމަށް ދެކޮޅުހަދަމުން ދިޔައެވެ. ދަރިއެއް ލިބިއްޖެއްޔާ އެދަރިއަށް ކުރަންޖެހޭ ޚަރަދާއި އަދި އަމުދުން އެއީ ކޮންކަހަލަ ކުއްޖެއްތޯ ހިތުގައި އުފެދިފައިވާ ސުވާލު އުފެދެމުން ދިޔުމަކީ ބިލާލް އެކަމަށް އިންކާރު ކުރާ ސަބަބެކެވެ. ނަމަވެސް ރީޝާ އަކީވެސް ޖިންނިއަކަށް ވުމުން އެހުރިހާ ކަމަކަށް ހައްލު ހޯދައިދޭނެ ކަމަށް ތަކުރާރުކޮށް ރީޝާ ބުނަމުން ދިޔައެވެ. ނަމަވެސް ކޮންމެ އިންސާނަކުވެސް ދުނިޔެއަށް ފޮނުއްވަނީ ހުރިހާ ކަމެއް ލިޔުއްވާފައި ނޫންތޯ ރީޝާ ސުވާލު ކުރެއެވެ. ކަމެއް ދިމާވެދާނެތީ ދަރިން ނުހޯދަން ތިބެންވީ ކީއްކުރަން ހެއްޔެވެ. މިއީ އަބަދުވެސް ރީޝާ ކުރިމަތި ކުރަމުންދާ ސުވާލު ތަކެކެވެ. އެންމެފަހުން ބިލާލް ގޮތްދޫކުރިއެވެ. އަބަދުވެސް ގޮތް ދޫކުރުން އޮންނަނީ ބިލާލަށެވެ. ރީޝާ ގެއްލިދާނެތީ ބިރުއޮންނަލެއް ބޮޑީއެވެ.

ބިލާލަށް ހޭލެވުނީ ރީޝާ ގޮވިއަޑަށެވެ. އެއިރު ފަތިސް ނަމާދުގެ ބަންގީގެ ހިތްގައިމު އަޑުން މުޅިރަށް ގުގުމައިލަމުން ދިޔައެވެ. ބިލާލް ތެދުވެ ވުޟޫކުރަން ގިފިއްޔާއި ދިމާއަށް ހިނގައިގަތް އިރު ހެނދުނުގެ ނާސްތާގެ ކަންތަކަށް ރީޝާ ދިޔައީ ބަދިގެއަށެވެ. ބިލާލް ނަމާދުން ނިމެންވާއިރަށް ކޮންމެ ދުވަހަކުވެސް ނާސްތާއެއް ހެދުމަކީ ރީޝާގެ އުފަލަކަށް އޮންނަނީ ވެފައެވެ.

"އައްސަލާމް އަލައިކުމް" މީހަކު ސަލާމް ގޮވައިލި އަޑަށް ރީޝާ ބޭރަށް ނިކުތެވެ. ބޭރުގައި ނައުފަލްގެ ދެމަފިރިން ތިއްބެވެ.

"ވައަލައިކުމް ސަލާމް. ހާދަހާ ހެނދުނު ހެނދުނާ ދެމަފިރިން" ސަލާމް ބަލައިގަތުމަށްފަހު ރީޝާ ބުނެލިއެވެ.

"މި މީހުންނަށް މިހާރު ނުވެސް ނިދޭދޯ" ބިލާލް ގިފިލިން ނިކުމެގެން އަންނަނިކޮށް ނައުފަލްމެން ފެނިގެން ބުނެލިއެވެ.

"މީހުންނާއި އިނަކަސް ރައްޓެހިންގެ މަތިން ހަނދާން ކުރަންވާނެ ދޯ. ފަތިހުގެ މިގަޑިއަކީ ހާދަ ހިތްގައިމު ގަޑިއެކޭ" ރީމާ ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެން އެބައަންނަން ވަރަށް އަވަހަށް ނަމާދު ކޮއްލައިގެން. މިތާ އިށީނދޭ" ސޯފާ އާއި ދިމާލަށް އަތް ދިއްކޮލަމުން ބިލާލް ބުނެލިއެވެ. އެހެން ބުނެފައި ބިލާލް ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. އަވަހަށް ނަމާދު ކޮއްލައިގެން އެމީހުންނާއި އެކީ ހިނގާލަން ދިއުމަށެވެ. ބިލާލް ކޮޓަރިއަށް ވަނުމުން އެމީހުންގެ ގާތުގައި ރީޝާ އިށީނެވެ. އެމީހުންނަށް އަދާ ކުރަންޖެހޭ މެހެމާންދާރީ އަދާކުރުމަށެވެ.

ހެނދުނު އިރު އަލިކަން ދުނިޔެއަށް ފާއްދާލިއިރު އެމީހުން ތިބީ ރަށުގެ ތުނޑީ ކޮޅުގައެވެ. ކައިވެންޏަށްފަހު އެދެއާއިލާގެ ގުޅުން އިންތިހާއަށް ވަނީ ރަނގަޅުވެފައެވެ. ކިތަންމެ ގާތްކޮށް އުޅުނުނަމަވެސް ރީޝާގެ އެއްވެސް ހަގީގަތެއް ރީމާއަކަށް ނޭނގެއެވެ. ނަމަވެސް ރީމާ އާއި ރީޝާ ވާހަކަ ދައްކަމުން ދިޔައީ ހުރިހާ ކަމެއް އެނގިހުރެގެންނެވެ. ރީޝާއަކީ އިންސާނެއް ނޫންވީމާ ވަރަށް ގިނަ ކަންތައް އެނގެއެވެ. އެކަކު އެނަކަކުގެ ކަންތައް ހިއްސާކުރަމުން ދިޔައީ ދެމީހުންގެ ފިރިންނަކީވެސް އެހާ ގާތް ބަޔަކަށް ވާތީއެވެ. ރީޝާ އާއި ރީމާގެ ވާހަކަތައް މެދުކެނޑުނީ ނައުފަލާއި ބިލާލް އައިސް އެތަނަށް ހުއްޓުމުންނެވެ. ދެމީހުން އައިއިރު އަތުގައި ކުޑަކުޑަ ދިރޭ މަސް ހުއްޓެވެ. ނޫ ކުލައިގެ ކޮތަޅަކަށް ލާފައިވާ މަސްތައް ވަރަށް ރީއްޗެވެ. ރީމާ ބޭނުންވީ ހުރިހާ މަހެއް ގެއަށް ގެންދާށެވެ. ގޭގައި ގޯތިތެރޭގައި ހަދާފައި ހުރި މަސްޓޭންކަށް ލާށެވެ.

"ތިއީ ބިލާލް ހިފި މަސްތަކެއް" ރީމާ އަތަށް މަސްކޮތަޅު ދެމުން ނައުފަލް ހީލިއެވެ.

"ތެދެއް ވަރަށް މޮޅުދޯ. އެކަމަކު ނައުފަލްގެ ވެސް އެހީތެރިކަމާއި އެކު" ބިލާލް ނައުފަލަށް ތަޢުރީފް ކޮއްލިއެވެ.

އިރުއަރައި އޭގެ އަވިން ހޫނުވާންފެށީ ނުލާހިކު އަވަހަށެވެ. ފަތިހުގެ ފިނިން މިހާރު މިވަނީ އިރުގެ ހޫނަށް ބަދަލުވެފައެވެ. ރީމާ ހިނގައިގަތީ ރަށުތެރެއަށް އެރުމަށެވެ. ފަހަތުން ދެންތިބި ތިންމީހުންވެސް ހިނގައިގަތެވެ.

"މަސްތައް މަރުނުވަނީސް ގެއަށް ދެވޭތޯބަލާތި" ބިލާލްގެ ކުރީގައި ހުރި ރީމާއަށް ގޮވާލާފައި ބުނެލިއެވެ.

"އަހަރެން މަރުވެ އޭގެފަހުން މަސްތައް މަރުވާނީ" ރީމާ ހެމުން ހެމުން ބިލާލަށް ޖަވާބު ދިނެވެ.

ނައުފަލް ރީމާ ފަހައި ދުއްވައިގަތުމުން ރީމާވެސް ބާރަކަށް ދުއްވައިގަތެވެ. ރީމާ އަކީ އަންހެނަކަށް ވިޔަސް މިއަދު ނައުފަލަށް ވުރެ ކުރީގައި އުޅެނީ ރީމާއެވެ. ނަމަވެސް ރީޝާ އާއި ބިލާލާއި ދެމީހުން މަޑު ހިނގުމެއްގައި އަތިރިމަތިން ލާފައި ގެއާއި ދިމާލަށް ހިނގަމުން ދިޔައެވެ. ލިބިފައިވާ އުފާވެރިކަމުން ދެމީހުންގެ ހިތްވެސް ދިޔައީ އުފަލުން ފޮޅެމުންނެވެ. ދެމީހުން އަތުގައި ހިފަހައްޓައިގެން ދިޔައިރު ހީވަނީ ދެން ދުވަހަކުވެސް ދޫކޮއްލަން ބޭނުން ނުވާހެންނެވެ.

ނައުފަލްގެ ކައިވެންޏަށް އަހަރުވީ ދުވަހަކީ ކިތަންމެ އުފާވެރި ދުވަހެއް ނަމަވެސް ބޭނުންވި ގޮތަށް އެއްވެސް ކަމެއް ކުރިއަށް ނުދިޔައެވެ. ރީމާގެ ބައްޕަ ބަލި ވުމާއި ރީމާވެސް ބަލިވުމެވެ. ރީމާ ހުން އައިސް ހޮޑު ލަނީއެވެ. ޑޮކްޓަރަށް ދެއްކުމުންވެސް ބޭސް ދިނުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެއެވެ. ރީމާގެ ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ވުރެ ދަށް ވަމުންނެވެ. ރަށުން އިތުރު ފަރުވާ ލިބެން ނެތުމުން ނައުފަލް ބޭނުންވީ ރާއްޖެއިން ބޭރަށް ދާށެވެ. ރަނގަޅު ޑޮކްޓަރުން ތިބި ހިސާބަކަށެވެ. އެއީ ކިތަންމެ ބޮޑު ޚަރަދެއް ކުރަން ޖެހުނަސް ވަރިހަމައެވެ. ރީމާގެ ފުރާނަ ސަލާމަތް ކުރަން ބޭނުމެވެ. ވަރަށް ގިނަ މީހުން ގާތުގައި އަހައި މަޢުލޫމާތު އޮޅުންފިލުވުމަށްފަހު އެންމެފަހުން ހަމަޖެހުނީ އިންޑިއާ އަށް ދާށެވެ. އެތަނުން ރަނގަޅު ޑޮކްޓަރެއް ހޯދައިގެން ލަސްނުކޮށް ފުރިއެވެ. ރީމާ އަށް އެއްވެސް އެއްޗެއް ނުކެވެއެވެ. ހަށިގަނޑު އަނަރޫފަވުމާއި ދިމާލަށް މިސްރާޖެހިއެވެ. އިންޑިއާ އަށް ގޮސް ގިނަ ޓެސްޓްތަކެއް ހެދިފަހުން ރީމާ އަށް ވަނީ ކިހިނެއްކަން ހޯދުނެވެ. ޑޮކްޓަރު ލަފާ ދިނީ އެއްމަސް ދުވަހުގެ ބޭސް ބޭނުން ކުރުމުން ރަނގަޅު ވާނެ ކަމަށެވެ. ތެދެކެވެ. އެބޭސް ބޭނުން ކުރަން ފެށިތާ ތިން ދުވަސް ނުވަނީސް ރީމާ އަށް އެނގުން ވާން ފެށިއެވެ. ކުރިން އަނަރޫފަވަމުން ދިޔަ ހަށިގަނޑު ރަނގަޅުވަމުން ދިޔައެވެ. ނަމަވެސް ފަހުން ދިމާވާން ފެށީ އެހެން ކަހަލަ ކަމެކެވެ. ރީމާ އަށް މާގިނައިން ކެވެނީއެވެ. އަބަދުވެސް ކޮންމެވެސް އެއްޗެއް ނުކައި ނުހުރެވެނީއެވެ. ހަށިގަނޑުވެސް ރަނގަޅު ވާންފެށީ ނުލާހިކު އަވަހަށެވެ. ޑޮކްޓަރު ދީފައިވާ ބޭސްތައް ހުސްވި ދުވަހު ނައުފަލް ރަށުން ޑޮކްޓަރަކަށް ދެއްކިއެވެ. ޑޮކްޓަރު ދިނީ ވަރަށް އުފާވެރި ޚަބަރެކެވެ. ރީމާ ބަނޑު ބޮޑު ޚަބަރެވެ. ނައުފަލް އުފަލުން ފޮޅުނެވެ. ރީމާ ގެނެސް ގަޔާއި ގާތް ކޮއްލީ ނުހަނު ލޯބިންނެވެ.

= ނުނިމޭ =

ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ.

+1
1
+1
6
+1
5
+1
0
+1
0
+1
2
+1
0

Advertisement

ގުޅުންހުރި ލިޔުންތައް