ރީޝާގެ ޝައްކު ފިލައިގެން ނުދެއެވެ. އަބަދުވެސް ހިތުގައި އޮންނަނީ އެމީހުންގެ ރޭވުމެއް އެކަންތަކުގައި އޮންނާނެ ކަމަށެވެ. ނަމަވެސް ބިލާލް ހުންނަނީ އެމީހުންނަށް ކުރެވޭ އިތުބާރެއްގެ ސަބަބުން ވަރަށް ހިތްހަމަޖެހިފައެވެ. ރީޝާއަށް އެއްފަހަރު އެކަންތައް ވަނީ ތަޖުރިބާ ކުރަން ޖެހިފައެވެ.
ކައިވެންޏަށް ފަހު ނައުފަލް އުޅެން ޖެހުނީ ވަރަށް ބިޒީކޮށެވެ. ޚާއްސަކޮށް ދަރިފުޅު ލިބުނު ފަހުންނެވެ. ދަރިފުޅަށް ވަގުތު ދޭން ބޭނުންވާތީ ރީމާ ގޭގައި މަޑުކޮއްލުމާއިއެކު ރީމާގެ ބައްޕަގެ ވިޔަފާރީގެ ހުރިހާ ކަމެއް ނައުފަލާއި ހަވާލުވީއެވެ. ރީމާއަށް އެހީތެރިވުމަށް ދުވާލުގެ ގިނަވަގުތު ނީނާ ގޭތެރޭގައި ހަރަކާތްތެރިވާތީ ކަންތައް އޮންނަނީ ވަރަށް ބޮޑަށް ފަސޭހަ ވެފައެވެ. ނަމަވެސް ދަރިފުޅުގެ ކަންތައް އެއްވެސް މީހަކު ލައްވާ ކުރުވާކަށް ރީމާ ބޭނުން ނުވާތީ އެކަންތައް ކުރަނީ ހަމައެކަނި ރީމާއެވެ. ދުވާލު ގިނަވަގުތު ވިޔަފާރީގެ ކަންތަކުގައި އުޅުމަށްފަހު ގެއަށް އާދެވޭއިރު ހުންނަނީ އިރު އޮއްސެން ގާތްވެފައެވެ. ނަމަވެސް ދަރިފުޅާއި އަންހެނުން ދެކޭ ހިތުން ކިރިޔާ ވަގުތެއް ލިބުނަސް ގެއަށް އާދެއެވެ. ޚާއްސަކޮށް ކެއުމުގެ ގަޑިތަކުގައި ހޮޓާ ރެސްޓޯރެންޓުން ކެއުމުގެ ބަދަލުގައި ގެއިން ކެއުމަކީ ނައުފަލްގެ އުފަލަކަށް އޮންނަނީ ވެފައެވެ.
އޮފީހުގައި ނައުފަލް އިނީ ފިހާރަތަކަށް ގެނައި މުދަލުގެ ކަންތަކުގައެވެ. މިއަދަކީ މުވައްޒަފުންނަށް މުސާރަވެސް ދޭން ޖެހޭ ދުވަސްކަމުން ވަރަށް ބިޒީކޮށް އުޅެންޖެހިފައިވާ ދުވަހެކެވެ. ބަރާބަރަށް މުވައްޒަފުންނަށް މުސާރަދޭ ކުންފުނިތަކުގެ ތެރޭގައި މި ކުންފުނި ހިމެނުނީ ނައުފަލްގެ ބުރަ މަސައްކަތުންނެވެ. ނައުފަލްގެ އޮފީހުގެ ކޮޓަރީގައި މީހަކު ޓަކިޖަހައިލި އަޑަށް އެތެރެއަށް ވަނުމަށް ނައުފަލް އިޒްނަ ދިނެވެ.
"އައްސަލާމް އަލައިކުމް" ސަލާމް ގޮވައިލުމާއިއެކު އެތެރެއަށް ވަދެގެން އައީ ރަޝީދެވެ. ބަލާ ބެލުމަށް ކޮންމެވެސް ވަރަކަށް ހާސްވެފައި ހުރިހެން ހީވެއެވެ.
"އާދޭ އާދޭ" ނައުފަލް މޭޒު ދޮށުން ތެދުވެގެން ގޮސް ރަޝީދުގެ ގާތަށް ހުއްޓުނެވެ.
"މިއައީ ތިގެއަށްވެސް ގޮސްފައި. ރީމާ ބުނި ނައުފަލް ވަރަށް ބިޒީ ދުވަހެކޭ" ރަޝީދު އެހެން ބުނެލާފައި ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.
"އާނ އަދި ގެއަށްވެސް ވަދެނުލާ މިއުޅެނީ" ބިޒީވާހަކަ ބުނެލުމުގެ ގޮތުން ނައުފަލް ބުނެލިއެވެ.
"މިއައީ ވަރަށް ބޮޑު ކަމަކު. އަނބިގޮއްޔެ ބަލިވެގެން. އެހީއެއް ވެދޭތޯ" ރަޝީދުގެ އަސްލު މަޢުޟޫއަށް ވާހަކަ އަނބުރައިލިއެވެ.
"ކުރިންވެސް އަހަރެން ދިނިންދޯ ފަނަރަހާސް ރުފިޔާ. އަބަދު އެހެންވެސް ނުދެވޭނެތާ" ނައުފަލް ޖަވާބު ދިނެވެ.
"އެކަމަކު އަހަރެންނަށް ކަންތައް ކޮއްދީގެން ދޯ އަހަންނަށްވެސް ކަންތައް ކޮއްލަދެވޭނީ" ރަޝީދު ހުރީ ހިތްހަމަ ނުޖެހިފައެވެ.
ނަމަވެސް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް މިފަހަރުވެސް ފޯރުކޮއްލަދޭންވާނެތާ ހިތަށް އެރުމަށްފަހު ނައުފަލް ފަސްހާސް ރުފިޔާ ދިނެވެ. ރަޝީދު ހަމަޖައްސައިގެން ނޫނިއްޔާ ނައުފަލަށް ދިރިއުޅެން އުނދަގޫވާނެ ކަމަށް އަބަދުވެސް ނައުފަލް ގަބޫލު ކުރެއެވެ. މަސައްކަތް ނިންމާފައި ގެއަށް ދެވުނުއިރު ހަވީރު ފަހެއްޖަހައިފިއެވެ. ރީމާ އާއި ނީނާ ގޭތެރޭގައި ވަރަށް ބިޒީކޮށް އުޅުނެވެ. ނައުފަލް ގޮސް ދެއަތް ދޮވެލައިގެން އައިސް ދަރިފުޅު އުރައިލިއެވެ. މުޅި ހަށިގަނޑުން ވަރުބަލިކަން ފިލި ކަހަލައެވެ. ނައުފަލް ދަރިފުޅު އުރައިލުމުން ރީމާ ދިޔައީ ނައުފަލަށް ސައިބޯނެ އެއްޗެއް ބަލައެވެ. ނީނާ ގޭތެރެ ކުނިކަހަން ހުއްޓެވެ. ދަރިފުޅު އުރާލައިގެން ނައުފަލް ނިކުތީ ގޯތިތެރެއަށެވެ. އެވަގުތު ސައި ހަދާފައި ރީމާ ގޮވައިލިއެވެ.
"ސައިތަށި ބޭރަށް ގެނެސްދީފާނަންތަ" ނައުފަލް ޖަވާބު ދިނެވެ.
"ދެން އާދެބަލަ އެތެރެއަށް" ރީމާ ބޭނުންވީ ގޭތެރޭގައި ސައި ބޯށެވެ. ރީމާގެ ގޮވައިލުމާއިއެކު ނައުފަލް ގޭތެރެއަށް ވަނެވެ. ނީނާ ފަހަތުން އައިސް ދަރިފުޅު އުރައިލިއެވެ. ދެމަފިރިންނަށް ހަމަޖެހިލައިގެން ސައިބޯނެ ވަގުތުކޮޅެއް ދިނުމަށެވެ. ދަރިފުޅު ގޮވައިގެން ނީނާ އަނެއްކާވެސް ގޯތިތެރެއަށް ނިކުތީ ކުޑަކޮށް ރޯތީއެވެ.
"އެއްކަލަ ރަޝީދު އައި މިގެއަށް" ރީމާ އެއްއަތުން ސައިތަށި ނައުފަލަށް ދެމުން ބުނެލިއެވެ.
"ކީއްކުރަން. ކޮންކަމަކާއިގެން" ނައުފަލް ނޭނގޭކަމަށް ހެދުނެވެ.
"އަންހެނުން ބަލީޔޯ. އެހީއެއް ވެވޭނެހެއްޔޯ. އަހަރެން ބުނެފިން ނައުފަލްވެސް ނެތޭ ގެއަކު. އެހެން ބުނީމަ ނިކުމެގެން ދިޔައީ" ރީމާ ވާހަކަ ކުރިއަށް ގެންދިޔައީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައި ހުރެއެވެ.
"އާނ. އިރުކޮޅެއްގެ ކުރިން ދިޔަ އޮފީހަށް. ހަމަ ތި ސްޓޯރީ ޖެއްސީ. އެކަމަކު އަހަންނެއް ނުދެން ލާރިއެއް" ނައުފަލް ލާރި ދޭކަމަށް ނުހެދުނެވެ. ކޮންމެއަކަސް ރީމާގެ ވާހަކައިން ރަޝީދު އަކީ ރަނގަޅު މީހެއް ނޫންކަން ފާހަގަވިއެވެ.
"ބައްޕަވެސް ވަރަށް ރުޅި ދުރުވާނެ އޭނަ މިގެއަށް އަޔަސްވެސް. އަބަދު ލާރިއަށް ކިޔާނީ" ރީމާގެ ޝުޢޫރުތައް ބަންޑުން ކޮއްލިއެވެ.
ދެމީހުންގެ ވާހަކަ މިހިސާބަށް ދިޔަތަނާ ނީނާ ދަރިފުޅު ގޮވައިގެން އަންނަތަން ފެނުނެވެ. އެއިރުވެސް އެސޮރު ގަދައަށް ރޮމުން ދިޔައެވެ. ރީމާ ދުވެފައި ގޮސް ދަރިފުޅު އުރައިލުމާއިއެކު ރުއިން ހުއްޓުނެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ނުލާހިކު އަވަހަށެވެ. ރަށުގެ އެންމެނާވެސް ބިލާލާއި ކުރިން އޮތް ގުޅުން އުފެދެމުން ދިޔައެވެ. އޮފީސް ނިންމާލާފައި ގޭގައި އޮންނަ އޮތުންވެސް މިހާރު ބަދަލުވަމުން ދިޔައެވެ. އަބަދު އަނބިމީހާ އާއިއެކު ވަގުތު ހޭދަކުރުން ގިނަވަމުން ދިޔައެވެ. ކޮންމެ ތާކަށް ދިޔަޔަސް އަނބިމީހާގެ އަތުގައި ހިފަހައްޓައިގެން ނޫނިއްޔާ ދެވޭ ކަމަކަށް ނުވެއެވެ. ރަށުތެރޭގައި އޮތް ބިރުވެރިކަން ފިލައިގޮސް ބިލާލްގެ އަނބިމީހާއަށް ވުމުން ރީޝާވެސް ހުންނަނީ ވަރަށް އުފަލުންނެވެ. ގިނަ ވަގުތު ބިލާލްގެ ޚިދުމަތުގައި ހުރުމަކީ ރީޝާގެ އުފަލެކެވެ. ނަމަވެސް އަދިވެސް ހައްލު ކުރަން ބޭނުންވެ ހައްލު ނުވެ އޮތްކަމެއް އެބަ އޮތެވެ. ބިލާލްގެ އާއިލާ އާއި ގުޅުން ކެނޑިފައި ވުމެވެ. ރީޝާ ބޭނުންވަނީ އެމީހުންވެސް މި އުފާވެރިކަމުގައި ބައިވެރި ކުރުމަށެވެ. ކުރިން ވެދިޔަ ކަމެއް ވެދިޔައީއެވެ. މާޒީއެއް އަލުން އެނބުރި ނުގެނެވޭނެވެ. އެހެން ނޫންނަމަ އެކަންވެސް މިހާރު ރީޝާ ކޮއްފިއެވެ. މަގުމަތިން ބިލާލްގެ އާއިލާގެ މީހަކާއި ދިމާވިޔަސް އެމީހުން ކުޑަމިނުން އަނގައިންވެސް ބުނެލަނީކީ ނޫނެވެ. ދިމާވެގެން އުޅޭ ކަމެއް ހައްލުވެސް ކުރެވޭނީ ވާހަކަ ދައްކައިގެންތާއެވެ. މާމަމެން ޒަމާނުއްސުރެ ވެފައި އޮތް ކަމެއް މިހާ ދުވަސް ވަންދެން އޮތުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ.
"ކޮން ދުނިޔެއެއްގައި" ރީޝާ ސިއްސައިގެން ދިޔައީ ބިލާލްގެ އަޑަށެވެ. ރީޝާގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ މައްސަލަތައް ހައްލު ކުރާނެ ގޮތެކެވެ.
"މިދުނިޔޭގައި" ރީޝާ ހެމުން ހެމުން ގޮސް ބިލާލްގެ އުނަގަނޑުގައި ބާރަށް ބައްދައިލިއެވެ.
"ދެން ހިނގާބަލަ ބޭރަށް ނިކުމެލަން. މިއަދު އެއްވެސް ތާކަށް އަދި ނުދެވޭ" ބިލާލް ރީޝާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
"އަޅެ ތިއީ ބޭބީއެއްތަ" ރީޝާ ވެސް ބިލާލާއި އެކު ހިނގައިގަތެވެ.
"ބޭބީއެއް ހޯދަން އުޅެބަލަ. އެއިރުން ތި ފޫއްސެއް ނުވާނެ" ރީޝާގެ ކޮންމެ ވާހަކައެއްވެސް ނިމޭނީ އެހިސާބުންނެވެ.
"ހޯދާނީ ދޯ" ބިލާލް ރީޝާއަށް ދޯ ދިނެވެ.
"މާދަމާވެސް މަރުވެދާނެ. ނުވަތަ ބަޔަކު އަހަރެން މަރާވެސްލަފާނެ" ރީޝާ ސީރިއަސް ވިއެވެ.
"އެހެން ނޫނިއްޔާ އަހަރެން ދެން ބައްޕަ ކިޔާނީ ބިލާލަށް" ރީޝާ ހޭންފެށިއެވެ.
ދެމީހުންނަށް ސަކާރާތާއި މަޖަލުގައި ތިބެގެން އައިސް މަޑު ކޮއްލެވުނީ ބިލާލްމެންގެ ޒުވާން އުމުރުގައި އެންމެ ގިނައިން އައިސް އުޅޭ ސަރަހައްދަށެވެ. އެމީހުން އެގަހަކަށް އަރާ ސަކަރާތް ޖަހާ ނިކަގަސް އެއްވެސް ކަހަލަ މޯޅި ވުމެއް ނެތި ކުރިންވެސް ހުރި ގޮތަށް ހުއްޓެވެ. ވަށައިގެންވާ ހިސާބަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައި ހުއްޓަސް މާބޮޑެތި ބަދަލުތަކެއް އައިސްފައި ނެތެވެ.
"އަހަރެންނަށް ވަރަށް ގަޔާވާ ގަހެއް މިއީ" ރީޝާ އެތާގައި ހުރި ނިކަގަހަށް އިޝާރާތްކޮށް ބުނެލިއެވެ.
"އާނ ޖިންނީންނަށް ރަނގަޅުވާނެ" ބިލާލް ޖަވާބު ދިނެވެ.
"ބިލާލްވެސް ތިއީ ޖިންނިއެއް ވީމަތަ އެގަހަށް އަރައި ފުންމަނީ" ރީޝާ ހޭންފެށިއެވެ.
"މިގަހުންތަ އަހަރެންނާއި ދިމާވީ އަނެއްކާ" ބިލާލް ހޭންފެށިއެވެ.
"މި އިންސާނުންވެސް ހާދަހާ ފޮނި ބައެކޭ. ކަލޭމެންނަށް ކޮން މޮޅު ގޮތެއް އޮތީ. ޖިންނީންގެ ތެރޭގައިވެސް މުސްލިމް ޖިންނި އަދި ކާފަރު ޖިންނީންވެސް އުޅޭ. އޭގެތެރެއިންވެސް އެންމެ ރަނގަޅު ޖިންނި ބިލާލަށް ލިބުނީ. އެވެސް ބިލާލް ދެކެ އެންމެ ލޯބިވާ" ރީޝާ ހޭން ފެށިއެވެ.
ރީޝާގެ ވާހަކަ ހުރި ގޮތުން އެގަހާއި ދެވަނަ ފަހަރަށް ގާތްވާކަށް ބިލާލަށް ނުކެރުނެވެ. ރީޝާ އަކީ ޖިންނިއެއް ނަމަވެސް އެހެން ޖިންނިން ފެނިއްޖެއްޔާ ބިރުން ހަލާކުވާނެއެވެ. ރީޝާ އެއީ ޖިންނި އެއް ނަމަވެސް އެއީ ބިލާލްގެ އަންހެނުންނެވެ. އިންސާނަކަށް ވުރެ ރީޝާ ބިލާލް ދެކެ ލޯބި ވެއެވެ. ޖިންނި އަކާއި ކައިވެނި ކުރުމުގެ މައްސަލައަކީ ކޮބައިހެއްޔެވެ. ދެމީހުންނަށް ލޯބިން އުޅެވެންޏާ އެނިމުނީތާއެވެ. އިންސާނުން މިއުޅެނީ މިއަދު ކައިވެނި ކޮއްފިއްޔާ މާދަމާ އަކީ ވަރި ވާނެ ދުވަހެވެ.
= ނުނިމޭ =
ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ.