November 24, 2024 05:30
Advertisement

-Advertisement-

މައިންބަފައިންނާއިމެދު ނުރުހިގެން ކުޑަބަހެއް ބުނުންވެސް ވަނީ ނަޙީ ކުރައްވާފަ!

މާތްﷲ ޞުބުޙާނަހޫ ވަތަޢާލާ އަންހެނަކާ ފިރިހެނެއްގެ ކިބައިން އިންސާނާ ޚަލްޤު ކުރެއްވިއެވެ. އަދި އެއީ މައިންބަފައިން ކަމުގައި ލެއްވިއެވެ. މައިންބަފައިންނަކީ އިންސާނާ ދުނިޔެއަށް އައުމުގެ ސަބަބެއް ކަމުގައި ލެއްވިއެވެ. އަދި މައިންބަފައިންގެ ކޮޑުގައި ތިބާއަށްޓަކައި ޒިންމާތަކެއް ލެއްވިއެވެ. އެއީ ތިބާ ހެޔޮގޮތުގައި ބަލައި ބޮޑު ކުރުމެވެ. ހަމައެހެންމެ ތިބާ ކޮޑުގައި މައިންބަފައިންނަށްޓަކައި ޒިންމާތަކެއް ލެއްވިއެވެ. އެއީ ތިބާ ޅައިރު ހެޔޮ ގޮތުގައި ބަލައި ބޮޑު ކުރިފަދައިން އެމީހުނަށް އޯގާތެރިވުމަށެވެ. އިޙްސާންތެރިވުމަށެވެ. އަދި ތިބާގެ ބޭނުން އެމީހުނަށް ޖެހޭ ދުވަހު އެމީހުން ހެޔޮ ގޮތުގައި ބެލުމަށެވެ.

މާތްﷲ އަށް އަޅުކަން ކުރުމަށް އެންގެވުމަށްފަހު އެއާ ވިދިގެން ދެން އެންމެ އިސްކަމެއްގެ ގޮތުގައި އައިސްފައި އޮންނަނީ މައިންބަފައިންނަށް އިޙްސާންތެރިވުމެވެ. މިއީ ޤުރުއާނުގެ އެތައްތަނެއްގައި އަމުރު އައިސްފައިވާ ގޮތެވެ. އަދި މައިންބަފައިން މުސްކުޅިވާދުވަހު އެމީހުންނަށް އޯގާތެރިވެ ބެލެހެއްޓުމަށެވެ. އެދެމީހުންނާއި މަޑުމައިތިރިކޮށް ވާހަކަދައްކާ ހެދުމަށެވެ. ނުރުހިގެން ކިތަންމެ ކުޑަބަހެއް ބުނުން ވަނީ ނަޙީ ކުރައްވާފައެވެ. މިހެން ކަމުން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ވާޖިބެކެވެ. އިންސާނުންގެ ކޮޑުގައި އެޅިފައިވާ ޒިންމާއެކެވެ. އެއީ މައިންބަފައިންނަށްޓަކައި އަދާކޮށްދޭންޖެހޭ ޙައްޤެކެވެ.

މާތްﷲ ވަޙީ ކުރައްވަނީ: "وَقَضَى رَبُّكَ أَلاَّ تَعْبُدُوا إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَاناً إِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ أَحَدُهُماَ أَوْ كِلَاهُماَ فَلاَ تَقُلْ لَهُماَ أُفٍّ وَلاَ تَنْهَرُهُمَا وَقُلْ لَهُمَا قَوْلاً كَرِيْمًا وَاخْفِضْ لَهُماَ جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُلْ رَبِّ ارْحَمْهُماَ كَماَ رَبَّيَانِيْ صَغِيْرًا " ( سورة الإسراء 24/23) މާނައީ:" އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ!( އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ!"

Advertisement

އިސްލާމްދީނުގައި މައިންބަފައިންނަށް އިޙްސާންތެރިވުމަށް ބާރު އަޅުއްވާފައިވަނީ އެއީ މައިންބަފައިން ދަރިން ތަރުބިއްޔަތުކޮށް ބެލެހެއްޓުމުގައި އެމީހުންގެ މުޅި އުމުރު ހޭދަ ކުރާތީއެވެ. ހުރިހައި ބުރައަކާއި ލިބޭ އުދަގޫތަކެއް ކެތްތެރި ކަމާއިއެކު ތަހައްމަލުކުރާތީއެވެ. އެމީހުންގެ މުޅި ފުރާނައާއި ނަފްސު ދަރިންނަށްޓަކައި ޤުރުބާންކުރާތީއެވެ. ވީމާ މައިންބަފައިން މުސްކުޅިވެ ހާލުގައި ޖެހުމުން އެމީހުންގެ ކަންތައްތަކަށް ދަރިންވެސް ކެތްތެރިވާށެވެ. އަދި އެމީހުނަށް އޯގާތެރިކަމާއެކު މުޢާމަލާތު ކުރާށެވެ. ހަމައެހެންމެ އެދެމީހުން ހެޔޮގޮތުގައި ބަލަހައްޓާށެވެ.

މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުންނަށް ވަޞިއްޔަތް ކުރައްވަނީ މައިންބަފައިން އޯގާތެރިވުމަށެވެ. އެމީހުނަށް ލޯބި ދިނުމަށެވެ. އަދި އެމީހުންނަށް ޝުކުރުވެރިވުމަށެވެ. އެއީ ތިބާ ހެޔޮގޮތުގައި ބަލައި ބޮޑު ކުރި ކަމަށްޓަކައެވެ. މާތްﷲ ވަޙީ ކުރައްވަނީ: "وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِيْ عَامَيْنِ أَنِ شْكُرْلِي وَلِوَالِدَيْكَ إِليَّ الْمَصِيْرُ "(لقمان 14)  މާނައީ: "އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަން ރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުއްވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ އަމުރު ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ! އެނބުރި ރުޖޫޢަވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ."

جَاءَ رَجُلٌ مِنَ الأنْصَار، فَقَالَ: يَا رَسُوْلَ اللهِ هَلْ بَقِيَ مِنْ بِرَّ أَبَوَيَّ شَيْئٌ أَبَرَّهُماَ بِهِ بَعُدَ مَوْتِهِمَا؟ قَالَ: " نَعَمْ، الصَّلاةُ عَلَيْهِمَا، وَالإِسْتِغْفَارُ لَهُمَا، وَإِنْفَاذُ عَهْدِهِمَا مِنْ بَعْدِهِمَا، وَصِلَةث الرَّحِمِ الَّتِي لاَ تُوْصَلُ إِلاَّ بِهِمَا، وَإِكْرَامُ صَدِيْقِهِمَا " ( رواه أبو داود وابن ماجه في صحيحه)  މާނައީ: އަންޞާރިއްޔަ ފިރިހެނަކު ކީރިތި ރަސޫލާ ﷺ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑުގެ މައިންބަފައިން މަރުވުމަށްފަހު އެމީހުންނަށް ހެޔޮކޮން ހިތުމުގެ ގޮތުން ކުރެވޭނެ ކަންތައްތަކެއްވޭތޯއެވެ! ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "އާދޭހެވެ. އެމީހުންގެ މައްޗަށް ހެޔޮ ދުޢާކުރުމާއި އަދި ފާފަ ފުއްސެވުމަށް އެދި ދުޢާކުރުމާއި އަދި އެމީހުން ދުނިޔެދޫކޮށް ދިއުމަށްފަހު އެމީހުންގެ ވަޢުދުތައް ފުއްދައިދިނުމާއި އަދި އެދެމީހުނާއި ނުލައި ނުގުޅޭނެ އެއްޗެއް ކަމުގައިވާ ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި އަދި އެދެމީހުންގެ ރަޙްމަތްތެރިންނަށް ހެޔޮކޮށް ހިތުމެވެ."

މި ޙަދީޘުން ރަސޫލު ﷺ މިވަނީ މައިންބަފައިން މަރުވުމަށްފަހުވެސް އެމީހުންނަށްޓަކައި ކޮށްދެވޭނެ ކަންތައްތައް ވަރަށް ރަނގަޅަށް ބަޔާންކޮށް ދެއްވާފައެވެ. އެންމެ މުހިންމު ކަމަކީ މައިންބަފައިންނަށް ހެޔޮ ދުޢާކުރުމެވެ. ދަރިންގެ ހެޔޮ ދުޢާގެ ސަބަބުން އެމީހުނަށް ޘަވާބުލިބޭނެއެވެ. އެހެނީ މީހާ މަރުވުމުން، ތިން ކަމެއް ފިޔަވައި އެހެން ކަންތައްތައް އޭނާއާއި ގުޅުން ކެނޑިގެންދާނެތީއެވެ. އެތިންކަމުގެ ތެރޭގައި ހެޔޮ ދުޢާ ކުރާނެ ޞާލިޙު ދަރިން ހިމެނެއެވެ. އަދި އެމީހުންކޮށްފައިވާ ވަޞިއްޔަތް ފުއްދުމާއި ވަޢުދުތައް ފުއްދައިދިނުން ހިމެނެއެވެ. ހަމަ އެހެންމެ އެމީހުންގެ ދަރަނިތައް އަދާކޮށް ދެވޭނެއެވެ. 

 

ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ. 

+1
0
+1
4
+1
1
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް