އަދި އަދަށްވެސް ރީޝާއަށް ބިލާލް ފެނުނު ތަނެއް ބުނެނުދެއެވެ. އެއީ ކީއްވެކަމެއް ނޭނގެއެވެ. ފަހަރެއްގައި ބިލާލް ބިރުގެންފާނެތީ ކަމަށްވުންވެސް އެކަށީގެންވާ ކަމެކެވެ. އެގަހާއި އަރައި ހަމަވި ތަނުން އެވާހަކަ ދެކެވުނީ ކިހިނެއް ހެއްޔެވެ. އަދި އެގަސް އެހާ ކަމު ދިޔައީ ކީއްވެހެއްޔެވެ. މިހުރީ ބިލާލްގެ ސިކުނޑީގައި އުފެދިފައިވާ ސުވާލު ތަކެވެ. މާމަމެން އުމުރުގެ މީހުން އަބަދުވެސް ބައެއް ގަސްތަކުގެ ނާމާންކަމުގެ ވާހަކަ ދައްކައެވެ. ބައެއް ގަސްތަކަކީ ޖިންނީން ދިރިއުޅޭ ގަސްތަކެކެވެ. އެގަސްތަކާ ގާތްވާއިރު ހަށި ރައްކަލަކަށް ދުޢާ ކިޔުމަށް އަބަދުވެސް އެމީހުން ހަނދާން ކޮއްލަދެއެވެ.
ރަށުގެ ކޮންމެ ދިމާލަކުންވެސް އުފާވެރިކަން ދިޔައީ ފެންނަމުންނެވެ. ނަމަވެސް އެއީ ބައެއް މީހުންގެ ހިތްވަރުންނެވެ. ޚާއްސަކޮށް ނައުފަލް ނަން ހިމަނާލަން ޖެހެއެވެ. ކުރިން ރަށުތެރެއޮތް ގޮތަށް މިހާރުވަނީ ބަދަލުވެފައެވެ. އެއްވެސް ޖެހިލުމެއްނެތި ރޭގަނޑުގައިވެސް ބޭރުގައި މީހުން އުޅޭކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިވެގެން އުޅޭ ހުރިހާ ގޮތެއް ނައުފަލް އަދި ބިލާލަށް ވެސް އެނގެއެވެ. މިކަން އެހެން ބަޔަކަށް އެނގޭކަށް އެމީހުން ބޭނުމެއް ނުވެއެވެ. އެކަމު އެކަމަށް ވާންޖެހޭ ގުރުބާނީވެސް އެހާމެ ބޮޑެވެ. ފަންޑިތަ ހަދާ ރަޝީދުއަށް ކުރަން ޖެހޭ ޚަރަދަކީވެސް ބޮލުގެ ރިހުމެކެވެ. ނަމަވެސް އެނޫން އެހެން ގޮތެއް ނެތީއެވެ.
ކޮންމެ ދުވަހަކުވެސް އާދައިގެމަތިން ރަޝީދު ނައުފަލަށް ގުޅައިލިއެވެ. އެވަގުތަކީ ނައުފަލް އޮފީހުގައި ވަރަށް އަވަދިނެތި އުޅުނު ވަގުތެއްކަމުން ފޯނަށް ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ރަޝީދުގެ ކޯލް ކެނޑުމާއި އެކު އަނެއްކާވެސް ގުޅަން ފަށައެވެ. ހުއްޓާ ނުލައި ހަތަރު ވަރަކަށް ފަހަރު ގުޅިތަނާހެން ނައުފަލް ފޯނަށް ޖަވާބު ދިނެވެ.
"އަހަރެން ލާރިއަށް ކިޔާކަށް ނޫން މިގުޅަނީ" ރަޝީދުގެ އަޑުގައި ހުރީ ނުރުހުންތެރިކަމެވެ.
"ނޫން. ވަރަށް ބިޒީ ގަޑިއެއްވީމާ ފޯނަށް ޖަވާބު ނުދެވުނީ" ރަޝީދު ހަމަޖެއްސޭތޯ ނައުފަލް މަސައްކަތް ކުރިއެވެ. ރަޝީދުގެ ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ދިޔައެވެ.
"ކަލޭމެން ހީކުރަނީ އަހަރެން ގުޅާ ކޮންމެ ފަހަރަކީ ލާރި ހޯދަން ގުޅާ ފަހަރެކޭ" ރަޝީދު ވާހަކަ ދައްކަން ފެށިއެވެ.
"އަހަންނަށް ހެޔޮ އެއްޗެއް ނުދިނަސް. ކަލޭމެންނަށްވެސް ކަންތައް ކޮއްލަ ދިނީމަ އަހަންނަށްވެސް ތިޔަ އެއްޗެއް ދެނީ. ހަމަ ހުރެލާފައި ދެނީކީނޫންދޯ" އަނެއްކާވެސް ރަޝީދު ވާހަކަ ދައްކަން ފެށިއެވެ.
"ހަމަޖެހިބަލަ. މިހާރުވެސް އަހަރެން ކިހާ ވަރަކަށް ފައިސާ މިދެނީ. އެކަމަކު އެކަންވެސް އާދައަކަށް ނުހަދަބަލަ" ނައުފަލަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.
ނައުފަލް އެހެން ހަމަ ބުނެލުމާއިއެކު އެކޮޅުން ރަޝީދު ފޯނު ކަނޑައިލިއެވެ. ނައުފަލްވެސް އިތުރަކަށް މިގަޑީގައި ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. ފަހުން ހަމައަކަށް އެޅުނީމަ ވާހަކަދައްކަން މަޑުކޮއްލީއެވެ. އޮފީހުގެ ބިޒީކަމުގެ ތެރެއަށް އަނެއްކާ މިއަދު އެވަނީ ރަޝީދުގެ ހައިޖާނުގަނޑެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ރަޝީދު ރުއްސާފައި ބަހައްޓަން ޖެހެއެވެ. ނަމަވެސް އަބަދަކު ފައިސާ ދިނުމަކީ ނައުފަލަށްވެސް ކުޅަދާނަ ކަމެއް ނޫނެވެ.
އޮފީސް ނިންމާލާފައި ގެއާއި ދިމާލަށް ހިނގައިގަތެވެ. ހިނގަމުން ދިޔައިރުވެސް ސިކުނޑީގައި ވަނީ ރަޝީދެވެ. އަނެއްކާ އޭނާ މިކަން ފަޅާ އަރުވާލައިފިއްޔާ ރަށުގެ ރައްޔިތުންގެ އިތުރަށް ނައުފަލަށްވެސް ނުރައްކާ ވާނެއެވެ. އެޚިޔާލުގައި ހުރެ ގޯތިތެރެއަށް ވަދެގެން މާ ދުރަށް ނުދެވެނީސް ރީމާ ގޮވައިލިއެވެ. އެވަގުތު ނީނާ ރީމާގެ ގާތުގައި ދަރިފުޅު އުރާލައިގެން ހުއްޓެވެ.
"މިއަދު ރަޝީދު ގުޅި" ރީމާ ބުނެލިއެވެ.
"ކީއްކުރަން. ކީއްކުރަން. ރީމާއަށް ގުޅަންވީ" ނައުފަލް ހާސްވާން ފެށިއެވެ.
"މުސާރަޔޯ. ފައިސާޔޯ. އަދިވެސް ނުދެޔޯ" ރީމާ ނައުފަލަށް ޖަވާބު ދިނެވެ.
"ކޮން މުސާރައެއް. ކޮން ފައިސާއެއް. އަހަންނެއް އޭނަ އަތުން ފައިސާއެއް ނުހޯދަން. ދެން ކީއްވެ އޭނައަށް އަހަރެން ފައިސާ ދޭން ޖެހެނީ" ނައުފަލް ނޭނގޭ ކަމަށް ހެދުނެވެ.
"ނީނާވެސް އަހަރެންގެ ގާތުގައި ކުރީ ދުވަހެއްގައި އެކަހަލަ ވާހަކައެއް ދެއްކި. ރަޝީދު ބުންޏޭ ކިޔާފައި" ރީމާ އިތުރަށް ކިޔައިދޭން ފެށިއެވެ.
"އާން. އެއީ ކުރީ ދުވަހެއްގައި އޭނަގެ އަންހެނުން ބަލިވެ އުޅޭތީ އެހީއެއް ދިން ވާހަކަ އެބުނަނީ" ނައުފަލަށް ބެދެމުން ދިޔަ މަގު ހުޅުވޭހެން ހީވާން ފެށިއެވެ.
"ރަނގަޅު. އެންމެނަށްވެސް އެހީވާންވާނެ. އެކަމަކު ރަޝީދު އެއީ ފާޑެއްގެ މީހެއް. އަބަދު ނުދޭތި" ރީމާ ނައުފަލަށް ނަސޭހަތް ދިނެވެ. ނައުފަލްވެސް އެކަން ގަބޫލު ކުރުމުގެ ގޮތުން ބޯޖަހައިލިއެވެ. ނަމަވެސް އެދެމީހުން ވާހަކައި ތެރެއަށް ނީނާ އައިސް ވަނެވެ.
"ރަޝީދު ދޯ" ނީނާ އައިސް ވާހަކައިގެ ތެރެއަށް ވަނެވެ.
"އޭނާ ގުޅި މިއަދު އަހަންނަށްވެސް. ބުނީ މިރަށުގައި ޖިންނިއެއް އުޅޭކަން އެނގޭހެއްޔޯ" ނީނާގެ ވާހަކަ ހުރީ ކޮންމެވެސް ކަހަލަ ކަމެއް އެނގުނު ކަހަލަ ގޮތަކަށެވެ.
"ޖިންނިއެކޭ" ނައުފަލްގެ ހިތް ބާރަށް ތެޅެން ފެށިއެވެ.
"އާން. އަދި ބުނި ތިމަންނަ ވަރަށް މޮޅުވާނެއޭ އޭގެ ދުވަސް ދުއްވާލަން" ނީނާ ހޭންފެށިއެވެ.
"ތިވާނީ ނީނާ އާއި ވާހަކަ ދައްކާލާ ހިތުން މޮޅު ވާހަކައެއް ދައްކައިލި ކަމަށް" ނީނާގެ ވާހަކަ ހުއްޓުވުމުގެ ބޭނުމުގައި ނައުފަލް ބުނެލިއެވެ.
"ނަސީބެއްނު. އަހަރެންގެ ފޯނުވެސް ނިވިއްޖެ ބެޓަރިހުލިވެގެން" ނީނާ އަނެއްކާވެސް ހޭންފެށިއެވެ.
"މިރަށުގައި ކޮން ޖިންނިއެއް އުޅޭނީ. އެހެން އުޅޭ މީހުންގެ ވާހަކަ ވަރަށް މޮޅުވާނެ. އަބަދުވެސް ބޭނުންވާނީ ކޮންމެވެސް އަންހެން ކުއްޖަކު އަބަދުވެސް އަތު އަޅުވައިލުން" ރީމާ ވެސް ނީނާ އާއި ބައިވެރިވެލިއެވެ.
ނައުފަލް ހުރީ ބިރުން ތުރުތުރު އަޅައަޅައެވެ. ނަމަވެސް އެމަންޒަރެއް ރީމާ އަދި ނީނާ އަކަށް ވެސް ނުފެނުނީ ނައުފަލްގެ ނަސީބެވެ. ނަމަވެސް އެކަން އެމީހުންނަށް ނޭނގުނަސް ރަޝީދު މިރަށުގައި އުޅޭ އޭނާގެ އެހެން ރައްޓެހިންގެ ގާތުގައި ބުނެފިއްޔާ މިކަން އެއްކޮށް ދިޔައީއެވެ. ނައުފަލްގެ އަތުން ބޭކާރު ލާރިތަކެއްވެސް ޚަރަދުވީއެވެ. އަދި އަމުދުން ރީމާއަށް މިކަން އެނގިއްޖެއްޔާ ދެން އެހިސާބުން ނިމުނީއެވެ. މިހުރިހާ ކަމަކާއި ނައުފަލް ވިސްނަމުން ދިޔައެވެ. ކައިރީގައި ރީމާ ހުރެގެން ވާހަކަ ދައްކަމުން ދިޔައިރު އެއިން ބައެއް ވާހަކަ ނައުފަލަކަށް ނުވެސް އިވެއެވެ. ނައުފަލްގެ ސިކުނޑީގައި އަބަދު ވަނީ މިހާރު އެކަންތަކެވެ. ބައެއްފަހަރު ރަޝީދު އާއި ކުރިމަތިލާން ރީޝާ ފޮނުވާނަމޭ ވެސް ހިތަށް އަރައެވެ. ނަމަވެސް އެކަން ކުރާނެ ގޮތެއް ވިސްނާ ވިސްނާ ނޭނގުނެވެ. އަމިއްލައަށް ރީޝާގެ ގާތުގައި ބުނާނީ ބާއެވެ. ނުވަތަ މި ދެމެދަށް ބިލާލް ވައްދާނީބާއެވެ. މިކަން މާލަސްކުރަން އުޅެފިއްޔާ މީތި އަތަށް ގޮވާފާނެއެވެ. ކޮންމެ ގޮތެއް ވިޔަސް މިކަން އަވަސް ކުރުން ނޫން ގޮތެއް ނެތެވެ. އަނެއްކާ މިކަން ފަޅާއަރައިފިއްޔާ އެއްކޮޅުން ރީޝާ ނިކުންނާނެއެވެ. އެއީ ޖިންނިއެކެވެ. އިންސާނަކާއި ކުރިމަތިލާން ވަރަށް ފަސޭހަ ވާނެއެވެ. އެއްވެސް ޖެހިލުމެއްނެތި މީހެއްގެ ފުރާނަ ދުއްވާލުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ރައްކަލަކަށް ކަންތައް ކުރާނެތާއެވެ. ނައުފަލް ގޭތެރެއަށް ވަދެފައި ރީމާ ގާތުގައި އެބައަންނަމޭ ބުނެފައި ބޭރަށް ދާން ހިނގައިގަތެވެ. އޭނާ ދަނީ ކޮންތާކަށްތޯ ރީމާ ނޭހުނީ ނައުފަލްގެ ނަސީބެވެ. ބާރު ބާރަށް ގޮސް ބިލާލްމެންގެ ގޭ ދޮރުގައި ޓަކި ޖެހިއެވެ. ދޮރު ހުޅުވައިލީ ރީޝާއެވެ. ނައުފަލް ފެނުމުން ހޭންފެށިގޮތުން ނައުފަލް ޖެހިލުންވިއެވެ. އަނެއްކާ މިކަންތައް ރީޝާއަށް އެނގުނީބާއެވެ. އެއީ ޖިންނިއެއް ވީމަ ހުރިހާ ކަމެއް އެނގުމަކީ އެކަށީގެންވާ ކަމެކެވެ.
"ކިހިނެއްވީ. ހާދަ ހާސްވެފައި" ނައުފަލް ފެނުމުން ރީޝާ އަހައިލިއެވެ.
"ކޮބާ. ކޮބާ. ކޮބާ ބިލާލް. ނެތީތަ" ތުރުތުރު އަޅާ އަޑަކުން ނައުފަލް އަހައިލިއެވެ.
"ކިހިނެއްހޭވީ. ބުނެބަލަ" އަނެއްކާވެސް ރީޝާ ކުރީ ސުވާލެވެ.
"ރީޝާއަށް އެނގޭނެ" ނައުފަލް ކުރުކޮށް ބުނެލިއެވެ.
އެވަގުތު ކޮޓަރިތެރެއިން ނިކުމެގެން އައީ ބިލާލެވެ. ނައުފަލް ފެނުމުން ވަރަށް ހެވިލާފައި އެތެރެއަށް ވަނުމަށް ބުނެލިއެވެ. ތިން މީހުން އެތެރެއަށް ވަދެގެން ދިޔައިރު ނައުފަލް ހުރީ ދާހިއްލާ ފޯވެފައެވެ. ބިލާލްގެ ފަހަތުން ގޮސް ނައުފަލް ގޮނޑީގައި އިށީނުމާއި އެކު ރީޝާވެސް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.
"ކޮންކަމަކާއިގެން ތިއައީ. ހީވަނީ ވަރަށް ހާސްވެފައި ހުރިހެން" ނައުފަލް އައި ބޭނުން އޮޅުން ފިލުވަން ބިލާލް ބޭނުންވިއެވެ.
"ރަޝީދު. ރަޝީދު. އެބަކިޔާ މިރަށުގައި ޖިންނިއެއް އުޅެއޭ" ނައުފަލް ބުނަން ނުކެރި އިދެ ބުނެލިއެވެ.
"މިހާރު ފައިސާ ނުދޭތީ އެކަމާއިގެން އެއުޅެނީ. އަބަދަކު ނުދެވޭނެ ދޯ" އަނެއްކާވެސް ނައުފަލް ބުނެލިއެވެ.
"އޭނާ އަހަރެންގެ އަތުގައި ޖައްސާލަދީ" ރީޝާ އެހެން ބުނެލީ ވަރަށް ރުޅިއައިސްގެންނެވެ.
ނަމަވެސް އެއްވެސް ވިސްނުމެއްނެތި އެކަހަލަ ކަމެއް ރަޝީދަށް ކޮއްފިއްޔާ މަސްލަހަތު ގޯސްވެދާނެއެވެ. ބިލާލްގެ ވާހަކަ ހުރީ އަދިވެސް ރަޝީދަށް ވިސްނުވައިދޭށެވެ. މިކަމުގެ ހުރި ނުރައްކާ ސާފުކޮށް ކިޔައިދޭށެވެ. އެވަރުން ނުވަންޏާ މިކަމާއި ސީދާ ރަޝީދުވެސް ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރުވެސް ދޭން ފެންނަ ކަމަށް ބިލާލް ބުނެލިއެވެ.
"އޭނާ މަރާލާ. އެނިމުނީނު. އެކަމަކު އެއީ އެހާ ފަސޭހަކަމަކަށް ނުވާނެ. ފުރުސަތަކަށް ބަލަން ޖެހޭނީ" ރީޝާގެ ޚިޔާލު ފާޅު ކުރިއެވެ.
"އޭނާ މަރާލައިފިއްޔާވެސް މީހުންނަށް އެނގޭނެ ކޮންމެވެސް ގޯހެއް އުޅޭކަން" ނައުފަލް އަށް ވިސްނޭގޮތްވެސް ހިއްސާ ކުރިއެވެ.
"ދެން ނެތެއްނު ރަނގަޅު އެއްގޮތެއްވެސް. ތިމީހުން ބޭނުންވަނީ އަހަރެން މަރުވާތަން ދެކެންތަ" ރީޝާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
ރަނގަޅުވާހަކައެކެވެ. ކޮންމެވެސް އަވަސް ފިޔަވަޅެއް މިކަމަށް ބޭނުންވެއެވެ. އަނެއްކާ ރަޝީދު އަތުޖެއްސުމަކީވެސް އެހާ ފަސޭހަ ކަމަކަށް މިހާރު ނުވާނެއެވެ. މިހުރިހާ ކަމަކަށް އޭނާ ހުންނާނީ ތައްޔާރު ވެގެންނެވެ.
= ނުނިމޭ =
ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ.